މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ޕާލޭ މޯލްޑިވްސްއާ ގުޅިގެން "ރީތި ރާއްޖެ" ކެމްޕޭނުގެ ތެރެއިން އައްޑޫ އަދި ފުވައްމުލައް ސިޓީގައި ތިމާވެއްޓާއި ސަގާފަތް ދެމެހެއްޓުމަށް އިވެންޓެއް ކުރިޔަށް ގެންގޮސްފިއެވެ.
މަޓީން ބުނީ މި ދެ ހަރަކާތުގައި ވެސް އެ ދެ ސިޓީގެ ރައްޔިތުންނާއި ސްކޫލްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ރީތި ރާއްޖެ: އައްޑޫއާ ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ މަޓީ
އެ ގޮތުން ނޮވެންބަރު 24ގައި އައްޑޫ ނޭޗާ ޕާކުގައި ބޭއްވި ހަރަކާތުގައި ދަރިވަރުންނާއި ޒުވާން ވޮލަންޓިއަރުންގެ އިތުރުން, ޕްރޮޖެކްޓް ތިމާވެށި އަދި ވެށިސާފު ފަދަ ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ތިމާވެއްޓާގުޅޭ މައުލޫމާތު ދިނުމާއި، މައިކްރޯ ޕްލާސްޓިކް ހޮވުމާއި ކަނޑާގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން، ތިމާވެށި ރައްކާތެރި ކުރުމަށް ގަސްއިންދުމާއި ވެށި ސާފުކުރުން ފަދަ އިޖުތިމާއީ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ޖެހިގެން އައި 25ވަނަ ދުވަހު، ޕްރޮގްރާމުގެ ބައިވެރިންނާއި ވޮލަންޓިއަރުންގެ އިތުރުން ރައްޔިތުންނާއެކު ވަނީ ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.

ރީތި ރާއްޖެ: އައްޑޫގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ މަޓީ
މީގެ އިތުރުން ފުވައްމުލައް ސިޓީގައި ނޮވެންބަރު 27ގައި, ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި އެ ރަށުގެ ދިރުންތަކާއި ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ގަމު މިސްކިތާއި ތުނޑިއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ފުވައްމުލަކު ޔޫތު ސެންޓަރުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ސްކޫލް ދަރިވަރުންނާއި ސިޓީ ކައުންސިލްގެ ވޮލަންޓިއަރުންނާއި ވިމެން އިން ފުވައްމުލައް އަދި މިޔަރު އޯގަނައިޒޭޝަން ފަދަ ޖަމިއްޔާތަކުން ވެސް ބައިވެރިވިއެވެ.

ރީތި ރާއްޖެ: އައްޑޫއާ ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ މަޓީ
މި ދެ އިވެންޓު ވެސް ޚާއްސަކޮށްފައިވަނީ ދެމެހެއްޓެނިވި ކުރިމަގެއް ބިނާ ކުރުމަށް، އަންނަން އޮތް ޖީލުތަކަށް ފޯރާނެ ގޮތަށް ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ބާރުއެޅުމަށެވެ.
މަޓީއިން ބުނީ ރީތި ރާއްޖެ ކެމްޕޭނުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ސަގާފަތް ރައްކާތެރިކުރުމަށްޓަކައި ދެން ހަރަކާތެއް ބާއްވާނީ ލ. އަތޮޅުގައި ކަމަށެވެ. މިއީ މުޅިރާއްޖޭގައި ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.