އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ޔުނައިޓެޑެވެ.
ނަމަވެސް މިއާއެކުވެސް އެވަޓަން އިން ވަނީ މެޗުގެ 34ވަނަ މިނެޓާއި ހަމައަށް ޔުނައިޓެޑަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ. މިމެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފަޑްއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖޯޝުއާ ޒާކްޒީވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގެ ދެވަނަ ހާފު ޔުނައިޓެޑުން ފަށާފައިވަނީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ އެއް މިނެޓްގެ ތެރޭގައި ޔުނައިޓެޑުންވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރަޝްފަޑްއެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 64ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒާކްޒީއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިވަނީ ޕްރިމިއާ ލީގުގައި އެވަޓާން 42 ފަހަރު ބަލިކޮށްފައެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހްގައި އެއް ކްލަބަކުން އިދިކޮޅު ޓީމެއް އެންމެ ގިނައިން ބަލިކުރި އަދަދެވެ. މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އަދި އެވަޓަން އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.
މިމުބާރާތުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ފުލަމް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 54ވަނަ މިނެޓުގައި ބްރެނަން ޖޯންސަން ކާމިޔާބުކޮށްދިން ލަނޑުން ލީޑު ނަގައިފާވަނީ ސްޕާސްއެވެ.
މިމެޗުގައި ފުލަމްއިން އެއްވަރު ކުރި ލަނޑު ޖަހައިފާވަނީ މެޗުގެ 67ވަނަ މިނެޓުގައި ޓޮމް ކައިނީއެވެ. އަދި މިމެޗުގެ 83ވަނަ މިނެޓުގައި ކައިނީއަށްވަނީ ރަތް ކާޑު ދައްކާފައެވެ. މިމެޗު އެއްވަރު ވުމުން ސްޕާސް އުޅެނީ ކުޅުނު 13 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އަދި ފުލަމް އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.