ވިކީގެ ރީތި ކަމުގެ ފަހަތުގައި ހުރީ ކެޓްރީނާ

ވިކީ ކޯޝަލް އަންހެނުން ކެޓްރީނާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އެކްޓަރު ވިކީ ކޯޝަލްއަކީ ކުރިން ފެޝަނަށް މާބޮޑު ސަމާލުކަމެއް ދިން އެކްޓަރެއް ނޫން ކަމަށާއި ނަމަވެސް ބަތަލާ ކެޓްރީނާ ކައިފްއާ ކައިވެނި ކުރުމަށްފަހު އެކަން މުޅިން ބަދަލުވެއްޖެ ކަމަށް ވިކީ ބުނެފިއެވެ.

ދާދިފަހުން މުމްބާއީގައި އޮތް ފެޝަން އިވެންޓެއްގައި ފެޝަން މެގަޒިން ޖީކިއުއަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ ފެޝަންގެ ދުނިޔެއާ ސްޓައިލް ކުރުމާ ގުޅޭގޮތުން ނޭނގޭ ވަރަށް ގިނަ ކަންކަން ކެޓްރީނާގެ ފަރާތުން ދަސްވެއްޖެ ކަމަށެވެ.

އެހެންވެ މިހާރު އިވެންޓުތަކަށް ދާއިރު ވިކީ ސްޓައިލްކޮށް އެ ހަފުލާއަކާ ގުޅޭ ގޮތަށް އަންނައުނު ހޯދުމަކީ އަނބިމީހާގެ ޒިންމާއެއް ކަމަށާއި ކެޓްރީނާ އަކީ ވިކީގެ 'ފެޝަން އާމީ'ގެ ގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ.

ވިކީ އާއި ކެޓްރީނާ ޗުއްޓީއަށް ދަތުރެއްގައި ރާއްޖޭގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ސްކްރީނުން ވިކީ ފެންނައިރު ބެލުންތެރިން ކަމުދާގޮތަކަށް ވިކީ ސްޓައިލް ގެންގުޅެ ހެދުން އެޅުމަށް ކެޓްރީނާ ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި އެކަމުގައި ކެޓްރީނާގެ އެހީތެރިކަން އިންތިހާއަށް ލިބޭއިރު ބެލުންތެރިންގެ ތައުރީފުގެ ހަގީގީ ހައްގުވެރިޔަކީ ކެޓްރީނާ ކަމަށް ވިކީ ވަނީ ބުނެފައެވެ.

ކައިވެންޏަށްފަހު ކެޓްރީނާގެ ފަރާތުން ވަރަށް ގިނަ އާ ކަންކަން ދަސްވިއިރު އޭގެތެރޭގައި ގަވައިދުން ކަސްރަތުކުރުމުގެ މުހިއްމުކަން އަދި ނެށުމުގެ ހުނަރު ރަނގަޅުކުރަން ކުރެވިދާނެ ކަންކަން ހިމެނޭ ކަމަށް ވިކީ ވަނީ ބުނެފައެވެ.

ދެ މީހުންނަކީ ވެސް މުޅިން ތަފާތު ދެ ޤައުމަކަށް ނިސްބަތްވާ ދެ މީހުންނަށްވެފައި ދެ މީހުންގެ ޤައުމުގެ ސަގާފަތާ ގުޅޭ ގިނަ ކަންކަން މިހާރުވެސް އަންނަނީ ދަސްކުރަމުން ކަމަށް ފިލްމު "ބޭޑް ނިއުސް"ގެ އެކްޓަރު ވަނީ ބުނެފައެވެ.

ކެޓްރީނާ އާއި ވިކީ ފިލްމަކުން ފެންނާނެ އިރަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާއިރު ދެ މީހުންނަށް ވެސް ކަމުދާ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެނަމަ އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވިކީ ވަނީ ބުނެފައެވެ.

ވިކީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ޗާވާ"އިންނެވެ. ކެޓްރީނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިއަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "މެރީ ކްރިސްމަސް"އިންނެވެ.

comment ކޮމެންޓް