ދެކުނު އެމެރިކާގެ ކްލަބް ތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯރެސްގެ ޗެމްޕިއަންކަން ބްރެޒިލްގެ ބޮޓަފޯގޯ ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބޮޓަފޯގޯ ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގައި ކުޅުނު ފައިނަލް މެޗުގައި ބްރެޒިލްއަށް ނިސްބަތްވާ އެޓްލެޓިކް މިނެއިރޯ އާއި ބައްދަލުކޮށް 3-1 މެޗު ކާމިޔާބު ކޮށްގެންނެވެ.
ރިވާ ޕްލޭޓްގެ އެސްޓާޑިއޯ މާސް މޮނިއުމެންޓަލްގައި ކުޅުނު މި މެޗު ބަލާލުމަށް ބްރެޒިލްގެ 80 ހާސް ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. ފައިނަލް މެޗު ފެށުމުގެ ކުރިން ވަނީ ކުލަގަދަ ރަސްމިއްޔާތެއް ދަނޑުގައި ބާއްވާފައެވެ.
އަދި މިއީ ފުޓްބޯޅަ ފައިނަލެއްގެ ބަދަލުގައި ޕޮޕް ކޮންސާޓެއް ކަމަށް ހީވެގެންދިޔަ ވަގުތު ވެސް ދިޔައެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ޓެނިހުގެ ދުނިޔޭގައި މި ވަގުތު ކުޅެމުންދާ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ކަމުގައިވާ ސާބިއާގެ ނާވަކް ޖޯކޮވިޗް މި މުބާރާތުގެ ޝަރަފްވެރި ތަށި އާންމުންނަށް ދައްކާލާ ރެފްރީއަށް ކޮއިންއެއް ހަވާލުކުރުމާއެކުއެވެ.
ފައިނަލް މެޗުގެ ކުރިން ފެނިގެންދިޔަ ރަސްމިއްޔާތެކޭ އެއްގޮތަށް މި ފައިނަލް މެޗުގެ ފޯރިވެސް އެހާ ގަދައެވެ. މިގޮތުން ފައިނަލް މެޗުގެ ކުޅުން ދެޓިމުން ވަރަށް ފޯރިއާއެކު ފެށިތާ ދެވަނަ މިނެޓުގައި ބޮޓަފޯގޯގެ މެދުތެރެއަށް ކުޅޭ ގްރެގޮރީ އެޓްލެޓިކޯގެ ފައުސްޓޯ ވޭރާއަށް ކުރި ނުރައްކާތެރި ފައުލަކާއެކު އޭނާއަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލެވުނެވެ.
މިއާއެކު މެޗުގެ 88 މިނެޓު ބޮޓަފޮގޯއިން ކުލެފައިވަނީ އެއް ކުޅުންތެރިއެއް މަޑުކޮށެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެޓީމުގެ ގޭމް ޕްލޭން އެއްކޮށް ބަދަލުވެ ފުރަތަަމަ ހާފުގެ ބޮޑުބައިގާ ޑިފެންޑް ކުރުމެވެ. އެޓީމަށް މި މެޗުގައި ކިރިއާވެސް ހިންދެމިލެވޭ ވަރުވީ މެޗުގެ 35 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ލުއިޒް ހެންރީކޭ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ލީޑު ބޮޓަފޯގޯއަށް ނަގައިދިނުމުންނެވެ.
މި ލަނޑާއެކު މެޗުގެ 35 މިނެޓު ވަންދެން ނޭވާ ހިފަހައްޓާލައިގެން ތިބި ބޮޓަފޯގޯގެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމައިގެންދިޔައެވެ. އަދި މި ލަނޑާއެކު އެ ޓީމަށް ލިބިގެންދިޔަ ހިތްވަރާއެކު މެޗުގެ 44 ވަނަ މިނެޓުގައި އުފެއްދި އިތުރު ހަމަލާއެއްގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ބޮޓަފޯގޯއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސް ޓެލޭސްއެވެ.
މި މެޗުގެ ދެވަނަ ހާފު އެޓްލެޓިކޯއިން ފެށީ އާ ހިތްވަރަކާއެކު ބޮޓަފޯގޯގެ ޑިފެންސް ފޫއަޅުވާލުމުގެ އަޒުމާއެކުއެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އެޑުއާޑޯ ވާގާސް ކާމިޔާބު ކޮށްދިން ލަނޑާއެކު އެޓްލެޓިކޯއިން ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް މިފައިނަލް މެޗު ކާމިޔާބު ކުރުމުގެ ހިތްވަރު އާކުރިއެވެ.
ނަމަވެސް ބޮޓަފޯގޯއިން ހިތްވަރު އެލުވާނުލާ ޑިފެންޑް ކުރުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ އެޓްލެޓިކޯއަށް އިރުތު ލަނޑެއް ކާމިޔާބު ކުރިއަނުދީ ހިފަހައްޓާލުމެވެ. މި މެޗުގައި ބޮޓަފޯގޯއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖޫނިއާ ސަންޓޯސްއެވެ. ރެފްރީގެ ފަހުގެ ކަށިގަނޑާއެކު ވަރުބަލިވެފައިވި ބޮޓަފޯގޯގެ ކުޅުންތެރިން އުފާފާޅު ކުރުމުގެ ބަދަލުގައި ހުރިތަނަށް ތިރިވެގެންދިޔަތަނ ފެނިގެންދިޔައެވެ.
މިއީ ބޮޓަފޯގޯގެ 123 އަހަރުވީ ތާރީހްގައި ކޮޕާ ލިބަޓަޑޯރެސް މުބާރާތް އެޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.