"އަހަރެން މިހުރީ އެކަމާ ބޯގޮވާފަ. އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ" ރަޔާން ތަފްސީލް ދިނެވެ. "ޔަލްވީއާ ފޭސްކުރަން އުނދަގޫވެގެން އެތައް އިރަކު ބަނދަރު ޖޯލީގަ އޮވެފަ ގެއަށްވެސް ދިޔައީ. އަސްލު ވަރަށް އެހެން ކަހަލަ ގޮތަކަށް ވީކަމެއް އެއީ"
********
"އެހާ ބޮޑު ނިންމުމެއް ނިންމިއިރު އަހަރެންގެ ހިޔާލެއް ހޯދާލިނަމަ" އަފްސަމްގެ އަޑުގައިވީ ޝަކުވާއެވެ. "ކީއްވެ ކުއްލިއަކަށް ކައިވެންޏާ ހަމައަށް ދިޔައީ؟"
"ލިމް އެހެން އުޅޭތީ މީހުން ހާދަ އެއްޗެއް ކިޔައޭ. އެ އަޑުތައް އަހަން އަހަންނަށް އުނދަގޫވީ" ރަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ. "ހުރިހާ ކޮޅަކަށް ވިސްނަން ހަދައިގެން އަހަރެންގެ ސިކުނޑި ސުމަކަށް ދާވަރުވެއްޖެ. ވިސްނާނުލާ އެކްޝަން ނެގުނީ"
"ރަޔައްޓެ ދެއަނތްބަށް މީހަކާ އިންނަން ޔަލްވީ ގަބޫލުވާނެތަ؟" އަފްސަމް ސުވާލުކުރިއެވެ.
ރަޔާން ދެކޮނޑު އަރުވައިލިއެވެ. ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށެވެ. ސުވާލު ކުރިއިރުވެސް ޔަލްވީއާއި އެ ސުވާލުކުރަން ރަޔާން ބޭނުން ނުވާނެކަން އަފްސަމަށް އެނގެއެވެ.
"ކޮންމެ ގޮތަކަށް އަހަރެންގެ ހަޔާތަށް އަޔަސް، ޔަލްވީއަކީ މިހާރު އަހަރެންގެ ޒިންމާގެ ދަށުގަ ހުރި އަހަރެންގެ އަނބިމީހާ" ރަޔާން ހުރީ ފުންވިސްނުމެއްގެ ތެރޭގައެވެ.
"އަދި ހާސްވާކަށް ނުވޭ! ލިމްޔާއާ އިންނަން ޔަލްވީ ދޫކޮށްލާކަށް ނުޖެހޭ. އެހެންނޫނަސް، ޔަލްވީ ކީއްވެ ތި ކައިވެންޏަށް ނޯ ބުނަންވީ؟ އޭނަ ރަޔައްޓެދެކެ ލޯތްބެއް ނުވެއެއްނު. ކިހާ ފަސޭހަވާނެ ދެމީހުން ތިބެންޏާ. އެއް އަނބި ކައްކާނީ. އަނެއް އަނބި ހުންނާނީ ކައިރީގަ ހިދުމަތުގަ. ޕާޓީތަކަށް ގެންދާނީ އޭނަ. ގޭތެރޭގެ ކަންކަންވެސް ވީ. މީހުންގެ އަނގަވެސް ބަންދުވީ. ދޮގެއްތަ؟" އަފްސަމް ކުރީ ލާނެތް ސަމާސާއެކެވެ.
"ލިމް އަހަރެންގެ ކަންތައް ކޮށްދޭތީ ހުރިހާވެސް މައްސަލައަކީ. އަހަންނަކަށް ނުކެރޭނެ ލިމް ކައިރީ ގެއަށް ނުދާށޭ ބުނާކަށް. ލިމްއަކީ އަހަރެން ވަރަށް ގަދަރުކުރާ ކުއްޖެއް. އެންމެ ކުޑައިރުއްސުރެ އަހަރެމެން ދެމީހުންނަކީ ގާތް ދެ ރަހުމަތްތެރިން. އެކަކު އަނެކެއްގެ އިހުސާސްތަކަށް ދެމީހުންވެސް ގަދަރުކުރަން" އަފްސަމް ދެއްކި ވާހަކައަށް ރަޔާން މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. "އެކަމަކު ލިމް އަހަރެންދެކެ ލޯބިވާކަން އެނގުނު ވަގުތުން ފެށިގެން އަހަންނަށް ލިމް އާ ދުރުވާން މަޖުބޫރުވީ. އަހަރެން ލިމް ދެކެ ލޯބިވޭ. އެކަމަކު ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން. ލިމްއަށް ދެރަގޮތެއްވާކަށް ދުވަހަކުވެސް ނޭދެން. އަހަރެންނަށް މިކުރެވުނު ކަމަކުން ލިމްއަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭނެކަން ޔަގީން"
ރަޔާންގެ ހާލާއިމެދު އަފްސަމްއަށް ހަމްދަރުދީވެވުނެވެ. އަންބަކު ހުއްޓަސް ރަޔާން އުޅެމުން ދަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އަފްސަމެވެ. ރަޔާންއާއި ލާނެތް ސަމާސާއެއް ކުރިޔަސް، ދެ އަނބިން ގެންގުޅުމަކީ އަފްސަމްވެސް މާ ރުހޭ ކަމެއް ނޫނެވެ.
"ކީކޭ ލިމްޔާ ބުނީ؟" އަފްސަމް އަހައިލިއެވެ.
"ލިމް ނުބުނެ ވަކި އެއްޗެއް." ރަޔާން އިސްޖަހައިލިއެވެ.
"އަހަންނަކަށް ހިޔެއްނުވޭ ލިމްޔާ އެއްބަސްވެދާނެހެން. އެއަށްވުރެ ވިސްނޭ ކުއްޖެއް އެއީ. އެކަމަކު، އާއެކޭ ބުނެފިއްޔާޔޯ؟" ރަޔާން ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިޔަސް، އަފްސަމްގެ ސުވާލުތަކުން ރަޔާންގެ ނުތަނަވަސްކަން ވީ އިތުރެވެ.
ރަޔާން އިސްޖަހާލިއެވެ. އެއް ކަމަކުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކަމެއް ކުރިމަތިވުމުން ހަތަރު އުދަރެސް ފެނުޖެހުނެވެ. އެ ކަމުގައި އަފްސަމްއަށް ކޮށްދެވޭނެ މާބޮޑުކަމެއް ނެތްކަންވެސް ރަޔާނަށް އެނގެއެވެ. ކަންއޮތީ ވެ ނިމިފައެވެ. ބުނެވުނު ބަހެއް ބަދަލެއް ނުވާނެއެވެ. އެކަމަކު، އެވާހަކަ އަފްސަމް އާއި ހިއްސާކުރުމުން، ރަޔާންގެ ހިތަށް ލުޔެއް ލިބުނެވެ.
އަފްސަމް އާއި ރަޔާން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި އަމީރާއަށް ދޮރުކަނީގައި ބާރަށް ހިފަހައްޓާލެވުނެވެ. އަމީރާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ކަންތައް އެހާ ގޯސްވެފައިވާކަން އެނގުމުން އަމީރާއަށް ހަދާނެގޮތް ހުސްވިއެވެ. ރަށުތެރޭގައި ލިމްޔާ ބަދުނާމުވާގޮތަށް އެއްވެސް މީހަކު ވާހަކަ ދެއްކުމަކީ އަމީރާވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެފަދަ ވާހަކައެއް ދައްކާނީ ސާމިޔާކަން އެނގުމުން، އަމީރާއަށް ސާމިޔާދެކެ ރުޅި އާދެވުނެވެ. ހަމައެއާއިއެކު، ލިމްޔާ ދެއަނތްބަށް މީހަކާ އިނުމަކީ އަމީރާ ހުއްދަދޭނެ ކަމެއް ނޫނެވެ. އަމުދުން ލިމްޔާދެކެ ލޯބިނުވާ މީހަކާ ކައިވެނިކުރަން އަމީރާގެ ހިތް ރުހޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ހަދައިގެންވެސް އެކައިވެނި ހުއްޓުވަން އަމީރާ ބޭނުންވިއެވެ.
********
ހޮސްޕިޓަލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަމީރާ ދިޔައީ ގެއަށެވެ. ލިމްޔާއާއި ވާހަކަ ނުދައްކާ އަމީރާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަމީރާ ގޮސް ލިމްޔާގެ ކޮޓަރި ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ. ލިމްޔާ ދޮރު ހުޅުވިއިރު، ހުރީ އިސްޖަހައިގެންނެވެ. ކިތަންމެ ފޮރުވަން އުޅުނަސް، ދަރިފުޅުގެ ރަތްވެފައިވާ ދެލޯ އަމީރާއަށް ފެނުނެވެ. އަމީރާގެ ހިތް ކުދިކުދިވިއެވެ. އެ ދަރިފުޅަށް ދުވަހަކު އުފަލެއް ލިބުމެއް ނުވަނީ ބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ދަރިފުޅާ! ކޮންކަމަކާ ދެރަވެ ފިކުރު ކުރާކަށް؟ އަދި މަންމަވެސް، ބައްޕަވެސް ދުނިޔޭގަ އެބަ ތިބީމޭ!" އަމީރާ ބޭނުންވި ފުރުސަތު ފަހިކުރިއެވެ.
ލިމްޔާއަށް ގިސްލެވެން ފެށުނެވެ. އަމީރާ ލިމްޔާ ގެންގޮސް އެނދުގައި ބޭންދިއެވެ. ނިކަން ލޯބިން ކަރުނަ ފޮހެލަދިނެވެ. ލިމްޔާގެ ހިތުގެ ހާލު އަމީރާގެ ކުރިމަތީގައި ބަންޑުންކޮށްލީ އެއްވެސް ފޮރުވުމެއް ނެތިއެވެ. ރަޔާންގެ ހަޔާތުން ދުރައްދާން ބޭނުންވާކަމަށާއި ދުވަހަކުވެސް ރަޔާން ނުފެންނަ ހިސާބަކަށް ގެންގޮސްދިނުމަށް ލިމްޔާ އެދުނެވެ.
"ދެން ހުއްޓާލާ! މަންމަ ހުއްޓާ ދަރިފުޅު ތީން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ" އަމީރާ ލިމްޔާގެ ބޮލުގައި ފިރުމައިލިއެވެ.
"ރެން ލިމްދެކެ ލޯތްބެއް ނުވޭ. ދުވަހަކުވެސް ނުވާނެ" އަމީރާގެ އޯގާތެރި ބަސްތަކުން، ލިމްޔާއަށް އިތުރަށް ރޮވުނީއެވެ.
ލިމްޔާ ހަމައަކަށް އެޅުނީ އަމީރާ އެތައް އެއްޗެއް ކިޔައިގެންނެވެ. ލިމްޔާއަށް ނިދުނީ އަމީރާގެ އުނގުގައި ބޯއަޅާލައިގެން އޮއްވައެވެ. ދަރިފުޅުގެ ދިރިއުޅުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އަމީރާ ނިންމީ، ކުޑަ ތަންކޮޅެއްވެސް ފަހަތަށް ނުޖެހުމަށް އަޒުމުކަނޑައަޅައިގެންނެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ފަދައިން ލިމްޔާއަށްވެސް އުފާވެރި ހަޔާތެއް ލިބޭނެ ކަމާއިމެދު އަމީރާ ޝައްކެއް ނުކުރެއެވެ.
********
ޔަލްވީއަށް ހޭލެވުނީ އާދަޔާ ހިލާފަށް ހޫނުވާތީއެވެ. ލޯހުޅުވާލުމާއިއެކު ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ، ކުޑަދޮރުން ފުރޭނިގެން އެތެރެއަށް އެޅިފައިވާ އިރުގެ އައްޔެވެ. އެނދުގައި ބޯއަޅާލައިގެން ނިދިފައި އޮތް ރަޔާން ޔަލްވީއަށް ފެނުނީ އެނދުން ތެދުވާން އުޅެނިކޮށެވެ. ރަޔާންގެ މޫނުން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. ނިދީގައިވެސް ރަޔާން އޮތީ ޔަލްވީގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެހާލުގައިވެސް ޔަލްވީ ހިމާޔަތް ކުރާނަމޭ ބުނާ ކަހަލައެވެ. ޔަލްވީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ބާލީހުގައި އޮށޯވެފައި ރަޔާންއާއި ދިމާއަށް އެނބުރުނެވެ. ދެ މީހުންގެ މޫނު ވަނީ އެކަކު އަނެކެއްގެ ހޫނު ނޭވާ އެޅޭހާ ކައިރީގައެވެ. ޔަލްވީއަށް ބޭއިހުތިޔާރުގައި އޭނާގެ އަތް ހިއްލާލެވުނެވެ. އަދި މަޑުމަޑުން އެއަތް ގެންގޮސް ރަޔާންގެ އިސްތަށިގަނޑުގައި ޖައްސާލިއެވެ.
މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއިއެކު ޔަލްވީއަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ރަޔާން އާއި ދުރަށް ޖެހުނެވެ. އޭރުވެސް ރަޔާން އޮތީ ޔަލްވީގެ އަތުގައި ހިފަހައްޓައިގެންނެވެ. ޔަލްވީ އަތް ދަމައިގަތެވެ. ދޮރުމަތީގައި އަފްސަމް ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ. އަފްސަމްގެ ކުރިމަތީގައި ބޭޒާރުވެއްޖެކަމުގެ އިހުސާސް ކުރެވުމުން ޔަލްވީ ހާސްވިއެވެ.
"ލައިލާ އެބަ ހޯދާ....." ރަޔާންގެ ކޮނޑުމަތީގައި މަޑުމަޑުން ޖަހާލަމުން އަފްސަމް ބުނެލިއެވެ.
ޔަލްވީ އިނީ ސުވާލު އުފެދިފައެވެ. އަފްސަމް ދެއްކީ ކޮން ލައިލާއެއްގެ ވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
ރަޔާންއަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. ރޭގައި ހޭލާ އިނުމުގެ ސަބަބުން ރަޔާންގެ ދެލޮލުން ނިދިމަދުވެފައިވާކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
"ސިއްސައިގެންނޭ އެދިޔައީ....." އަފްސަމް ޖެހިތަނުގައި ފިރުމާލަމުން ރަޔާން ބުންޏެވެ.
"ނަސީބެއްނު ހޭލެވުނުކަން. ލައިލާ ހާދަ އިރަކު އިންތިޒާރުކޮށްފިއޭ. ދެންވެސް އޭނައަށް ހަބަރުވެބަލަ" ރަޔާނާއި ވާހަކަދެއްކިއިރު، ލޮލުގެ ހިމަކޮޅުން އަފްސަމްއަށް ބެލެމުން ދިޔައީ ޔަލްވީއަށް އަންނަމުންދިޔަ ބަދަލުތަކަށެވެ.
********
ޔަލްވީ ގެއަށް ދޫކޮށްލީ އިރުއޮއްސުނު ފަހުންނެވެ. އަފްސަމް އާއިއެކު ސައިކަލުގައި ގެއަށް ދާން ޔަލްވީ އެއްބަސްވީ ހިނގާނެވަރު ގައިގައި ނެތުމުންނެވެ.
"ރަޔައްޓެ ދެވަނަ ކައިވެންޏެއް ކުރަންޏާ ޔަލްވީ އެއްބަސްވާނަންތަ؟" ގެއަށް ދިޔަ މަގުމަތީގައި އަފްސަމް ސުވާލުކުރިއެވެ.
"ދެވަނަ ކައިވެންޏެކޭ؟ ކާކަށް؟" ޔަލްވީ ދިޔައީ ސިއްސައިގެންނެވެ.
ޔަލްވީގެ ހިތަށް ފުރަތަމަވެސް އައީ ލިމްޔާގެ ނަމެވެ. ދެވަނައަށް އައީ ލައިލާގެ ނަމެވެ. ލައިލާއެއްގެ ވާހަކަ އަފްސަމް ދެއްކި އަޑު ޔަލްވީއަށް އޮތީ އިވިފައެވެ. ޔަލްވީގެ ހިތް ބިރުގަންނަން ފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ރަޔާން އެހެން މީހަކާއި ގުޅޭކަށް ޔަލްވީގެ ހިތެއް ނޭދެއެވެ.
"ރަޔައްޓެ ދެވަނަ ކައިވެންޏެއް ކޮއްފިއްޔާ ޔަލްވީއަށް ކިހާ ފަސޭހަވާނެ. ހުރިހާ ކަމެއް އެމީހަކު ކުރާނެ. ކައްކާ، އެއްޗެހި ދޮވެ، އިސްތިރިކޮށް، ނުވީތާކަށް އަންބެއްގެ ވާޖިބުވެސް އަދާކުރާނެ. ޔަލްވީއަށް އެއްކަމެއްވެސް ކުރާކަށް ނުޖެހޭނެ. ރީތިކޮށް އޮންނަންވީ. އެހެންނޫނަސް، ޔަލްވީ އެގޭގަ ތިހުރީ ކުޑަ ދުވަސްކޮޅަކައްނު. އެހެންވީމަ، އިތުރަށް ބަލަންޖެހޭނެ ކަމެއްވެސް ނޯންނާނެއެއްނު" އަފްސަމް ބޭނުންވީ ޔަލްވީގެ ވިސްނުން ހުރިގޮތެއް ބަލާލާށެވެ. ހަމައެއާއިއެކު ދުރުދުރުން އެއްޗެއް ވިސްނައިދެވޭތޯ ވެސް އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.
"ކީކޭ ކިޔަން ތިއުޅެނީ؟" އަފްސަމް ވާހަކަ ދައްކާ ނިމެންދެން އަޑުއަހަން އިނދެފައި ޔަލްވީ ބުނެލިއެވެ. "އަހަންނަށް އެއްވެސް ކަމެއް ކުރާކަށް ނޭނގެއޭތަ؟ އެހެންދޯ ތި ބުނަނީ؟"
ރުޅިގަދަވީވަރުން ސައިލުން ފުންމާލައިގެން ދާންވެސް ޔަލްވީގެ ހިތަށް އެރިއެވެ.
"އުހުނ. އެހެނެއް ނޫން މިބުނީ. އަހަރެން ކީއްކުރަން އެކަހަލަ ވާހަކައެއް ދައްކަންވީ؟" ޔަލްވީއަށް ވީގޮތުން، އަފްސަމް ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ.
"ދެން ކޮންހެނެއް؟ އަފްސަމް ހީކުރަނީ އަހަންނަށް ކައްކަން ނޭނގޭނެ ކަމަށްތަ؟ ރަޔާން އެހެން މީހަކާ ކައިވެނިކުރުވަން ތިއުޅެނީ ހަމަ އަފްސަމް. އެއުޅޭ ލިމްޔާއަކާ ތިކިޔާ ލައިލާއެއް އުޅެނީ ރަޔާންގެ ފަހަތުން ނެއްޓެން ނޭނގިގެން. އަހަންނަށް އެނގެޔޭ އެކަމަކީ އަފްސަމްވެސް ރާވައިގެން، އެމީހުންނާ ގުޅިގެން ކުރާ ކަމެއްކަން. ރަޔާންއަށް މާ ރަގަޅުވެގެން އެ ލިމްޔާ އުޅެނީ އެހެން ބޭނުމެއްގަ ކަންވެސް އަހަންނަށް އެނގެޔޭ" ރުޅި އައިސްގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ޔަލްވީއަކަށް ނޭނގުނެވެ. އަފްސަމްގެ ކުރިމަތީގައި އަމިއްލަ ހިތުގެ ހާލު ބޭޒާރުވެގެން ދިޔައިރުވެސް މިވަނީ ކިހިނެއް ކަމެއް ޔަލްވީއަށް ކުޑަކޮށްވެސް ރޭކާނުލައެވެ.
އަފްސަމްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. ޔަލްވީ ރަޔާންއާއި ގަޔާވެއެވެ. ޔަލްވީ ދެއްކި ވާހަކަތަކުން އެކަނިވެސް އެކަން ދޭހަވެއެވެ. އަފްސަމްއަށް ހިނިތުންވެލެވުނެވެ. އެވީގޮތުން ދެން ކަންތައް ކުރާނެ ގޮތެއް އޭނާގެ ހިތުގައި ރާވާލިއެވެ.
(ނުނިމޭ)