ޗައިނާގައި ކައިވެނީގެ ސްކޭމަކުން ތިން މަސް ތެރޭ 41،000 ޑޮލަރު ހޯދައިފި

ކައިވެންޏެއް: އޮންލައިން މެޗްމޭކިންގް މެދުވެރިކޮށް ލޯބި ހާސިލު ކުރުމުގެނަމުގައި ހީލަތްތެރި އަމަލުތައް ހިންގުން ޗައިނާގައި އަންނަނީ އިތުރުވަމުން --ފޮޓޯ/ނިއުސްއެކްސް

ޗައިނާގައި ފުޅާ ދާއިރާއެއްގައި ކައިވެނީގެ ސްކޭމެއް ހިންގައި، އެކަމުގައި ޝާމިލުވާ އަންހެނުންތަކެއް ތިން މަސް ތެރޭ 41،040 ޑޮލަރު (639,777 ރުފިޔާ) ހޯދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕަބްލިކްވޯލްޑްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާގައި އޮންލައިންކޮށް ލޯބިވެރިން ހޯދުމުގެ ފުރުސަތުތައް އިތުރުވެފައިވީ ނަމަވެސް މިކަމުގެތެރޭގައި މަކަރާއި ހީލަތުގެ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުން މެޗްމޭކިންގް ނަމުގައި އަންހެނުންތަކެއް އަންނަނީ ފިރިހެނުންނަށް މަކަރުހަދައި ގިނަ އަދަދެއްގެ ފައިސާތައް އަތުލަމުންނެވެ.

މި މައްސަލަ މިހާރު ޗައިނާގެ ފުލުހުންގެ ސަމާލުކަމަށް ވެސް ވަނީ ގެނެސްފައެވެ.

ގުއިޔަންގް، ގުއިޒޯ ޕްރޮވިންސްގެ ކޯޓަކުން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ބަޔާނެއްގައި ވާގޮތުން ހުއާގުއޯޔުއާން ސަރަހައްދުގެ ފުލުސް އޮފީހަށް ފާއިތުވި އަހަރުގެ މާޗް މަހުން ފެށިގެން އެފަދަ 180 ރިޕޯޓެއް ވަނީ ހުށަހަޅާފައެވެ.

މި އަމަލުތައް އާއްމުގޮތެއްގައި ހިންގަނީ، ކައިވެނި ކުރާނެ އަންހެނަކު ހޯދައިދޭނެ ކަމަށް ބުނާ އެޖެންސީތަކަށް ދާ ފިރިހެން ކަސްޓަމަރުންނަށް އޮޅުވައިލައިގެންނެވެ. އެގޮތުން ކައިވެނި ކުރެވޭނެ ކަމަށް ބުނާ އަންހެނަކާ ގުޅުވައި، ދެ މީހުން ބައްދަލުވާން ފުރުސަތުދެއެވެ.

މި ބައްދަލުވުންތަކުގައި ކުރާ މައިގަނޑު މުއާމަލާތުތަކުގެ ތެރޭ ދެ މީހުންގެ މެދުގައި ހަދާ ޚާއްސަ އެއްބަސްވުމެއްގެ ދަށުން އަނބިމީހާގެ އަގުގެ ގޮތުގައި އެތައް ލައްކަ ފައިސާ ފިރިހެންމީހާ ދައްކަންޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

'ފްލޭޝް' ކައިވެނީގެ ގޮތުގައި މަޝްހޫރު މި ހަރަކާތުގެ ދަށުން މި އެއްބަސްވުންތަކުގައި ފިރިހެނުން ސޮއިކުރުމުން އަނބިންގެ ގޮތުގައި ތިބެން އެއްބަސްވާ އަންހެނުން ދުވަސްކޮޅެއްގެތެރޭ ފިލައިގެންދެއެވެ. ބައެއް ހާލަތްތަކުގައި ދެ މީހަކު ކައިވެނި ކުރުމަށް ފަހު ވެސް ކައިވެނީގައި އެކިކަހަލަ މައްސަލަ ޖެހޭފަދަ ހާލަތްތައް އުފައްދައި އަވަސްގޮތަކަށް ވަރިވެގެންދާ ކަމަށް ވެސް ރިޕަބްލިކްވޯލްޑްގައި ވަނީ ބުނެފައެވެ.

މި މަކަރުވެރި ހަރަކާތްތަކާ ގުޅިގެން، ގުއިޔަންގްގެ އިދާރާތަކުން މި އޮޕަރޭޝަންތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވީ ނަމަވެސް، ބައެއް އޭޖެންސީތަކުން އެމީހުންގެ ހަރަކާތްތައް އަވައްޓެރި ޔުނާން ޕްރޮވިންސްއަށް ބަދަލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު