މިއަދު އަފްނާންއަކީ މުޅިން ބަދަލުވެފައިވާ މީހެކެވެ. އަފްނާން އެވަނީ އޭނާއަށްޓަކައި ބަދަލުވެފައެވެ. އޭނާގެ ލޯތްބަށްޓަކައި ބަދަލުވެފައެވެ.

އެކަމުން މައުވާއަށް ލިބިފައިވަނީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ އުފާވެރިކަމެކެވެ. އަފްނާން ދެކެ އޭނާ ލޯބިވާ ގޮތަށް، އަފްނާންވެސް އޭނާ ދެކެ ލޯބިވާކަން މައުވާއަށް ޔަޤީން ކުރެވުނެވެ.

މައުވާގެ މިޒާޖަށް އައިސްފައިވާ ބަދަލާއި އެ އުފާވެރިކަން އެންމެ ފުރަތަމަ ފާހަގަވީ ރާމިޒާއަށެވެ. އޭނާއަށް މައުވާގެ މޫނުމަތިން އެ އަސަރު ފެންނަން ފެށިތާ މިހާރު ދުވަސްކޮޅެއް ފާއިތުވެފައިވީ ނަމަވެސް، އެވާހަކަ ދަރިފުޅާ ދައްކާލާނެ ރަނގަޅު ވަގުތެއް ނުލިބޭތީ އޭނާ މަޑުކޮށްލައިގެން ހުރީއެވެ. މައުވާގެ އެ މޫނުމަތިން އެ ފެންނަ އުޖާލާކަން ގުޅިފައިވަނީ ޒުވާން ފިރިހެން ކުއްޖަކާކަން ރާމިޒާއަށް އެނގެއެވެ.

ރޭގަނޑެކެވެ. މައުވާ ރޭގަނޑު އޮތް ކްލާހެއް ނިންމާލާފައި ގެއަަށް އަފްނާންއާއެކު އައި މަންޒަރު ރާމިޒާއަށް ފެނުނީ ބެލްކަނިންނެވެ.

އޭނާ މައުވާ މައްޗަށް އަރަން ދެން މަޑުކޮށްލައިގެން ހުއްޓެވެ. ރާމިޒާއަށް މައުވާ ފެނުމާއެކު މައުވާއަށް ގޮވާލިއެވެ. އެ ދަރިފުޅުގެ ހިނިތުންވެފައިވާ މޫނު ފެނުމުން ރާމިޒާގެ ހިތުގައި ހީވީ ގަނޑުފެން އަޅާލަދިންހެންނެވެ. އެ ދަރިފުޅުގެ އުފާތަކާ ގުޅިފައިވާ ޒުވާނާއާ ބައްދަލުކުރަން އޭނާ ހުރީ ބޭނުންވެފައެވެ. މައުވާ އެކަން ސިއްރުކުރާނީ ކޮންމެވެސް ސަބަބެއް އޮތީމަކަން ރާމިޒާއަށް އެނގުނެވެ. އެހެންނަމަވެސް، އެ ވަގުތު ހިތުގެ އިޙްސާސްތައް އޮއްބާލުމަކީ ރާމިޒާއަށް ފަސޭހަކަމަކަށް ނުވުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

"އެއީތަ އެ ޒުވާނަކީ." ރާމިޒާގެ ސުވާލާއެކު މައުވާއަށް ސިހުން ލިބިގެން ދިޔައެވެ. އެހެންނަމަވެސް ރާމިޒާގެ އަޑުގައި ރުޅިވެރިކަމެއް ނުވާކަން މައުވާއަށް އެނގުނެވެ. އެ އަޑުގައިވަނީ ޝައުޤުވެރިކަމެކެވެ. މައުވާގެ ކަންތައްތައް އެނގެން ބޭނުންވެފައިވާކަމެވެ. އަފްނާންއާ އެކު އޭނާ އައި މަންޒަރު ރާމިޒާއަށް ފެނުނުކަން ވެސް މައުވާއަށް ޔަޤީންވިއެވެ.

"މަންމަގެ ދަރިފުޅުގެ ހިތުން ޖާގައެއް ކަށަވަރު ކުރި ޒުވާނަކީ އެއީ ދޯ." ރާމިޒާ އަނެއްކާވެސް ބުނެލިއެވެ. އޭނާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ލަދުވެތިކަމާއެކު އިސްޖަހާލަން މައުވާއަށް މަޖުބޫރުވިއެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޒުވާނާ މަންމަމެންނަށް ދައްކަންވީ ވަގުތު އައިސް ޖެހުނީ އޭނާގެ ހިތަށް އެރިއެވެ. އެގުޅުން ސިއްރުކޮށްގެން އުޅުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންނަމަވެސް މި ހުރިހާ ދުވަހު އޭނާ އެކަންތައް ސިއްރުކުރީ މަންމަމެން ގާތު އެވާހަކަ ދައްކާނެ ގޮތެއް ނޭނގުމުންނެވެ. އެެ ގުޅުމާމެދު މަންމަމެންގެ ޚިޔާލެއް ހުންނާނެގޮތެއް ނޭނގުމުންނެވެ. އެހެންނަމަވެސް މަންމަގެ މޫނުމަތިން އެ ފެނުނު އަސަރުތަކީ ފެހި ސިގްނަލެއްކަމުގައި އޭނާއަށް ވިސްނުމާއެކު، މައުވާގެ ހިތަށް ވެސް ފިނިކަމެއް ލިބިގެން ދިޔައެވެ.

"މަންމަމެންނާ ބައްދަލުކުރުވަން ގެންނާނީ ކޮން އިރަކުންތަ؟" ރާމިޒާގެ ސުވާލާއެކު މައުވާ ކުޑަކޮށް ނުތަނަވަސްވިއެވެ.

"ބައްޕަ…" އެހެން ބުނެލާފައި އޭނަ އިތުރު އެއްޗެއް ނުބުނި ނަމަވެސް، މައުވާ އެ ހާސްވަނީ ކޮން ކަމަކާކަން ރާމިޒާއަށް އެނގުނެވެ.

"ދަރިފުޅުގެ އެދުމަކަށް ބައްޕަ ދެކޮޅެއް ނުހަދާނެއެއްނު. އެއީ ރަނގަޅު ޒުވާނެއް ވިއްޔާ، ބައްޕަ ތި ގުޅުމަކަށް ހުރަހެއް ނާޅާނެ." މައުވާގެ ހިތުގައި ހިނގަމުންދިޔަ އެއްޗެއް އެނގޭ ފަދައަކުން، ރާމިޒާ ވާހަކަ ދެއްކިއެވެ.

ރާމިޒާގެ ވާހަކަތަކުން ހިތްހަމަޖެހުނު މައުވާ، ހިނިތުންވެލިއެވެ. މަންމައާއެކު އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ކޮޓަރިއަށް ވަތް މައުވާ އެ ވާހަކަ އަފްނާންއާ ދައްކަން ނިންމިއެެވެ.

ޖެހިގެން އައި ދުވަހުގެ ކޮލެޖު ނިންމާފައި އަފްނާން މައުވާ ގޮވައިގެން ހުޅުމާލޭގެ ރެސްޓޯރެންޓަކަށް ދިޔައެވެ. އިށީނދެފައި، ކާއެއްޗެއްސަށް އޯޑަރު ދީފައި އޭނާ މޭޒުމަތީގައި އޮތް މައުވާގެ މަޑުމަޑު އަތްތިލައިގައި ހިފައްޓާލިއެވެ. އެއާއެކު މައުވާގެ މުޅި ހަށިގަނޑުގައިވެސް ހީވީ ކަރަންޓުގެ އޮއިވަރެއް ދައުރުކޮޮށްލިހެންނެވެ. އެ އަތުގެ ބީހުމުން އޭނާގެ ހިތުގެ ތެޅުން އަވަސްކުރުވާ ފުން ޖަޒުބާތުތަކަކުން އެ ހިތް ހަލަބޮލިކުރުވައިފިއެވެ. މައުވާއަށް އެ އައި ބަދަލު އަފްނާންއަށްވެސް ފާހަގަކުރެވުނެވެ. އޭނާގެ އެފަދަ ކޮންމެ އަމަލަކުން މައުވާއަށް އެ އަންނަމުންދާ ބަދަލުތައް އޭނާއަށް ފާހަގަވެއެވެ. އަފްނާންގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފުޅާވުމާއެކު އޭނާ މައުވާއަށް ލޯތްބާއެކު ގޮވާލިއެވެ.

"މައު… ކިހިނެއްވީ؟ ކީއްވެ އިސްޖަހަނީ؟" އިސްޖަހާލި މައުވާގެ އަތަށް އަފްނާން ބާރުކޮށްލިއެވެ. އެއާއެކު ލަދުވެތި ހިނިތުންވުމަކާއެކު މައުވާ އިސް އުފުލާލިއެވެ. އެވަގުތު އޭނާގެ މަންމަ އަފްނާންއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނަން މައުވާ ނިންމީ އެއީ އެކަމަށް އެންމެ މުނާސަބު ވަގުތުކަމުގައި އޭނާއަށް ޤަބޫލުކުރެވޭތީއެވެ.

އަފޫ…" މައުވާ ގޮވާލިއެވެ.

"ކިހިނެއްވީ؟ ކީއްވެ ހުއްޓުނީ؟ ބުނެބަ" އޭނާއަށް ގޮވާލުމާއެކު މައުވާ މަޑުޖެހިލުމުން އަފްނާން މައުވާއާ ވާހަކަ ދެއްކިއެވެ.

"އަހަރެން ކަމަކު ކިޔައިފިއްޔާ ކޮށްދޭނަންތަ؟" މައުވާ ސުވާލުކޮށްލިއިރު އެ މޫނުމަތިން ޖެހިލުންވުމުގެ އަސަރު ފެނިލިއެވެ.

"އަހަންނަށް ކޮށްދެވޭ ވަރު ކަމެއް ވިއްޔާ ކޮށްދޭނަން." އަފްނާން ހިނިތުންވެލިއެވެ.

"އަހަރެންގެ މަންމަމެން ބޭނުންވޭ އަފޫއާ ބައްދަލުކުރަން. އަފޫ ދާނަންދޯ؟" މައުވާގެ ވާހަކައިން އަފްނާންއަށް ޝޮކެއް ލިބިގެން ދިޔައެވެ. މައުވާ އެބުނީ ފަހަރެއްގައިވެސް އޭނާ އުންމީދުކުރި ވާހަކައެއް ނޫނެވެ. ނުތަނަވަސްވުމާއެކު މައުވާގެ އަތުން އަތް ދޫކޮށްލާ އަފްނާން ފެންތަށިން އެތިފޮދެއް ބޯލިއެވެ.

"އަފޫ…" ހިމޭންކަމުގައި އިރުކޮޅެއް ފާއިތުވެ ދިޔަފަހުން މައުވާ އަނެއްކާވެސް ގޮވާލިއެވެ. އަފްނާން އެއްޗެއް ނުބުނުމުން އޭނާ ހިތްހަމަ ނުޖެހުނީބާއޭ ވެސް މައުވާގެ ހިތަށް އެރިއެވެ.

"ހޫމް… އެކަމަކު… އަދި މާ އަވަހެއް ނޫންތަ؟" އަފްނާން ބޭނުންވަނީ އެކަމާ ދެކޮޅު ހަދަން ނަމަވެސް، ސީދާ ސީދަލަށް މައުވާއާ ދިމާލަށް އެހެން ބުނާކަށް އޭނާއަކަށް ނުކެރުނެވެ.

"އަހަރެމެން ދެމީހުން އެކަކު އަނެކަކާ މެދު އެހާ ސީރިއަސްއިރު ކޮބާ މައްސަލައަކީ. މެރީ ކުރަން އަދި ޕްލޭން ނުކުރިޔަސް، އެއީ މުސްތަޤްބަލަށްޓަކައި އަހަރެމެން ދެމީހުން ކުރާ އުންމީދަކަށް ވާއިރު، މަންމަމެންނާ ބައްދަލުކޮށްލުމަކުން ގޯހެއް ނެތެއްނު. މަންމަމެން އެއްޗެއް ނުބުނާނެޔޭ. އެމީހުން ބޭނުންވަނީ ހަމައެކަނި އަފޫ ދެކިލަން. ވާހަކަ ދައްކާލަން." މައުވާ ބުނެލިއެވެ. ކުއްލިއަކަށް ބުނުމުން އަފްނާންއަށް ވެސް އެފަދަ ނިންމުމެއް ނިންމަން ފަސޭހަ ނުވާނެކަން މައުވާއަށް އެނގެއެވެ. އޭނާ އަފްނާންއަށް މަޖުބޫރުކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، މަންމަމެންގެ އެ އެދުން ފުއްދައިދޭން ބޭނުންވާތީ އެފަދަ ގޮތަކަށް އެވާހަކަ ދެކެވުނީއެވެ.

"މައު. އަހަންނަށް އެނގޭ އަހަރެމެންގެ ގުޅުން ކުރިއަށް ގެންދަންޏާ އަދި މައުގެ މަންމަމެންނާ މީޓްކުރަން ޖެހޭނެކަން. އެކަމަކު އަދި އައި އެމް ނޮޓް ރެޑީ. އަހަރެން ރެޑީ ވީމަ ބުނާނަން. ޕްލީޒް އަންޑަސްޓޭންޑް…" އަފްނާން އާދޭހުގެ ރާގެއްގައި ބުނެލުމުން މައުވާވެސް ބޯ ޖަހާލާފައި އެކަމާ ބެހޭގޮތުން އިތުރު އެއްޗެއް ނުބުނެއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ޑިގްރީގެ ދެވަނަ އަހަރުގެ ފުރަތަަމަ ސެެމެސްޓާގެ ކިޔެވުންވެސް ނިމިއްޖެެއެވެ. އެހާ ދުވަސްވީއިރުވެސް އަފްނާން މައުވާގެ މައިންބަފައިންނާ ދިމާކުރާކަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. އެކަމާ މައުވާ ހާސްވާން ވެސް ފަށައިފިއެވެ. ކުރީކޮޅުގައި އޭނާ ހީކުރީ އަފްނާންއަށް ވަގުތު ބޭނުންވާތީ އެގޮތަށް ބުނީ ކަމުގައެވެ. އެހެންނަމަވެސް، އެހާ ދުވަސްވީއިރުވެސް އަފްނާން އެކަމާ ދެކޮޅު ހަދާތީ މައުވާ ކުޑަކޮށް ހިތުގައިޖެހޭ ގޮތްވެސް ވިއެވެ. އަފްނާން ނުގެނެސްގެން ރާމިޒާ އެ ވާހަކަ އެހެން އުޅެލާފައި ދޭތެރެއަކުން ދައްކައެވެ. މައުވާ އަފްނާންގާތު އެވާހަކަ ނާހަނީތޯވެސް ސުވާލުކޮށްފިއެވެ. އަދި ބުނިނަމަ އަފްނާން އެމީހުންނާ ބައްދަލުކުރަން ބޭނުންނުވަނީ ކީއްވެގެން ހެއްޔޭވެސް ރާމިޒާ މައުވާ ގާތު ސުވާލުކޮށްފިއެވެ. އަފްނާން އަނެއްކާ މައުވާއާ އެ ޖަހަނީ ސަކަރާތެއް ނޫންހޭ ރާމިޒާ އެހުމުން މައުވާއަށް ކުޑަކޮށް އުނދަގޫވިނަމަވެސް، އޭނާ އެކަން ސިކުނޑިން ނެރެ އެއްލައިލީ މި ވީހާ ދުވަހު އެފަދަ ގޮތަކަށް އަފްނާންގެ އަމަލުތައް ދުވަހަކުވެސް ބަހައްޓާފައި ނުވާތީއެވެ.

އެއީވެސް އެފަދަ ދުވަހެކެވެ. ކްލާސް ނިންމާފައި މައުވާ އޭނާގެ މަންމަގެ އާދޭސްތަކުގެ ވާހަކަ އަފްނާންގެ ގާތުގައި ދެއްކިއެވެ.

"މަންމަ ބޭނުންވަނީ އަފޫއާ ބައްދަލުކޮށްލަން. އަފޫއަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލަން. އެހެންވެގެން އެހާ ވަރަކުން އެ އުޅެނީ. އަހަރެންގެ މުސްތަޤްބަލާ މެދު ކަންބޮޑުވާން ތިބޭނީވެސް އެމީހުންނެއްނޫންތަ؟" މައުވާއާއި އަފްނާންއާ ދެމީހުން ތިބީ ޔުނިވާރސިޓީ ބޭރުގައި ހުރި އަފްނާންގެ ސައިކަލު ކައިރީގައި މަޑުކޮށްލައިގެންނެވެ. އޭރު އިރުއޮއްސެނީއެވެ.

"ބައްދަލުކޮށްފަވެސް އެމީހުން އެއްބަސްނުވިއްޔާއޯ؟" އަފްނާން ބުނެލިއެވެ.

"ނުވާންވީ ސަބަބެއް ނެތް. އަފޫ އަކީ ގޯސް މީހެއް ނޫނޭ. އަހަންނާއެކު ކިޔަވަނީ. މަންމަމެންނަށްވެސް އެކަން އެނގޭ. އެކަމަކު ބައްދަލުވެލީމަ އެ ހިތްހަމަ ޖެހުން ލިބޭނެއެއްނު. މަންމަމެންގެ ގޮތް އެނގެއެއްނު." މައުވާ އަފްނާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ސޮރީ. މައު. އަހަރެން ރެޑީ އެއް ނޫން،" އަފްނާން ބުނެލިއެވެ.

"އަފޫ އަބަދުވެސް ބުނަނީ ތިހެން. އާރ ޔޫ ނޮޓް ސީރިއަސް އެބައުޓް މީ. އަހަރެން ބުނެފިން ހިނގާށޭ މެރީކުރަންވެސް. އަފޫ ފެމެލީއާ ވާހަކަ ދައްކަންވީނު. ކިޔެވިޔަސް މެރީ ކުރެވިދާނެ. އަނެއްކާ…." މައުވާ ހުއްޓާލިއެވެ.

"އަނެއްކާ ކިހިނެއްވީ؟" އަފްނާން ސުވާލުކޮށްލިއެވެ.

"އަފޫ ފެމެލީ ގަބޫލުނުވާނީތަ؟ އަހަރެމެންނާ އަފޫމެންނާ ފެންވަރުގެ ގޮތުން ވަރަށް ތަފާތު." މައުވާ މާޔޫސްވާގޮތްވިއެވެ.

"ނޫނެކޭ މައު. އެހެންނެއް ނޫނޭ. އަހަރެންގެ މައިންބަފައިންނަކީވެސް ތި ކަންކަމަށް މަޖުބޫރުކުރާ ބައެއް ނޫނޭ. އަހަރެންގެ ދޮންބެގެ ވާހަކަ ވެސް ބުނީމެއްނު. ދޮންބެވެސް އިނީ ފެންވަރުގެ ގޮތުން އަހަރެމެންނާ އެއް ފެންވަރެއްގެ މީހަކާ ނޫނޭ." އަފްނާން އެހެން ބުނުމުން މައުވާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް، އޭނާގެ ހިތް މުޅިއަކުން ހަމައަކަށް ނޭޅުނެވެ.

"ދެން ކީއްވެ؟" މައުވާއަށް ޝަކުވާ ކުރެވެން ފެށިއެވެ.

"ޕްލީޒް ސްޓޮޕް މައު." އަފްނާންވެސް ހިތްހަމަ ނުޖެހުނެވެ. އޭނާއަށް އެހެން ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ.

"އަހަރެން ދަނީ." މައުވާ އެހެން ބުނެލާފައި އެދިޔަގޮތަށް ގޮސް ޓެކްސީއަކަށް އަރައިގެން ގެއާ ދިމާލަށް މިސްރާބުޖެހީ އަފްނާން ދެކެ އޭނާވެސް ހިތްހަމަނުޖެހުމުންނެވެ.

ގެއަށް ގޮސް ފެންވަރާލައިގެން ނުކުތް މައުވާ ތައަރާރުވެލައިގެން، ނަމާދުކޮށްލިއެވެ. ނިމިގެން ފޯނު ބަލާލީ އަފްނާންގެ މެސެޖެއް ލިބިފައި އޮތްތޯއެވެ. އެހެންނަމަވެސް އެއްވެސް މެސެޖެއް ނެތެވެ. މިސްކޯލެއް ވެސް ނެތެވެ. މާޔޫސްކަމާއެކު ފޯނު ތިރިކޮށްލާފައި ދެވަނަ ސިކުންތުގައި މެސެޖެއް ލިޔެލާފައި ފޮނުވާލީ މަންމަމެންނާ ބައްދަލުކުރަން ބޭނުންނުވަނީ ކީއްވެތޯ އަހާފައެވެ. ޖަވާބެއް ނުލިބުނެވެ. ފޫހިކަމާއެކު ފޯނު އެނދުމަތީގައި ބާއްވަމުން މައުވާ ކޮޓަރިން ނުކުމެލިއިރު ވަސީމް ގެއަށް ވަންނަނީއެވެ. އޭރު އޭނާގެ ނޭވާ ވަނީ ވަރަށް ބޮޑަށް ކުރުވެފައެވެ. ހީވަނީ ނޭވާލާންވެސް އުނދަގޫވެފައިހުރި ހެންނެވެ.

"ބައްޕާ… ކިހިނެއްވީ؟" މޫނުމަތިން ދާތިކިތައް ވިދަމުން ދިޔަ ވަސީމްއަށް ބަލާލާފައި މައުވާއަށް ސުވާލުކޮށްލެވުނެވެ.

"މާ ބޮޑަށް ވަރުބަލި ވަނީ. ކުރިން ދުވަހު ޑޮކްޓަރަށް ދައްކާފަ ޓެސްޓު ހެދިިއިރު ބުންޏެއްނު ލޭ ކުޑަކޮށް ދަށްވެފައޭ ހުރީ. އެހެންވެ ކަންނޭނގެ މިހާވަރަށް މި ވަރުބަލި ވަނީ. ކޮބާ މަންމަ؟" ސޯފާގައި އިށީންނަމުން ވަސީމް މައުވާއަށް ޖަވާބު ދިނެވެ.

"މަންމަ ނަމާދު ކުރަނީ ކަންނޭނގެ. އެބަ އަންނަން ފެން ތައްޓެއް ހިފައިގެން." އެހެން ބުނެލާފައި މައުވާ ބަދިގެ ފަރާތަށް ގޮސް ތައްޓަަކަށް ފިނި ފެންތައްޓެއް އަޅައިގެން ގެނެސް ވަސީމްއަށް ގެނެސް ދިނެވެ. ވަސީމް ފެންތަށީގައި ހިފަން އުޅުނު ވަގުތު، އޭނާގެ އަތް ތުރުތުރުލާން ފެށިއެވެ. އެކަމުގެ ސަބަބުން ތަށީގައި ހިފައްޓަން އޭނާއަށް އުނދަގޫވިއެވެ.

"ބައްޕާ… ކިހިނެއްވީ؟" ހާސްކަމާއެކު މައުވާއަށް އެހެން ބުނެލެވުނެވެ.

"މެއަށް ތަދެއް އަރާހެންވެސް އެބަ ހީވޭ…" ވަސީމްއަށް އުނދަގުލުން ބުނެވުނެވެ. ވަސީމްއަށް ވަމުން ދިޔަ ގޮތުން މައުވާއަށް ބިރުން ހުރެ ބާރަކަށް ރާމިޒާއަށް ގޮވަން ފެށުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު