ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގަން އިމަރާތެއް ހޯދަން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް އެ އެޖެންސީއިން މިރޭ ރައްދު ދީ، އެ ކަން ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިރޭ އެދެފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ތުހުމަތުތައް ކުރެވެމުންނެވެ. އެގޮތުން އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ.
އެ ތުހުމަތުތަކަށް ރައްދުދީ އެންސްޕާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ އެޖެންސީ ހިންގަން އިމާރާތް ހޯދަން ކުރި މުއާމަލާތަކީ މާލީ ވުޒާރާއާއި އެ އެޖެންސީއާ ދެމެދު ގަވައިދާ އެއް ގޮތަށް ހިންގި މުއާމަލާތެއް ކަމަށެެވެ. އެ ކަމުގައި އިތުރު އެހެން ފަރާތެއް ބައިވެރިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކަންކަމަކީ ހާމަކަން ބޮޑުކޮށް އެ މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެންސްޕާއިން އިތުރަށް ބުނީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރާ އެ ފަދަ މުއައްސަސާއެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް، ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭހެން މަސައްކަތްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެ ކަން ބަލައި ފިޔަވަޅު އަޅަން ހުށަަހަަޅާނެ ކަމަށް ބުނެ، މިހާރު ދެކެވެމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހޯދަން މިނިވަން ތަހުގީގެއް ހިންގަން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވަނީ އެދިފައެވެ.
ހީނާ ސޮއިކުރައްވައި އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުއްވި ސިޓީގައި ވަނީ އެ ތުހުމަތުތައް ތަހުގީގުކޮށް ވީ އެންމެ އަވަހަކަށް އެ ކަމާ ގުޅޭ ރިޕޯޓު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ސަރުކާރުގެ އިދާރާތަކާ ގުޅޭގޮތުން، ޚާއްސަކޮށް މާލީ ކަންކަމުގައި މީގެ ކުރިން ވެސް ތުހުމަތުތައް ރައްދުކުރެއެވެ. އެއާއެކު އޭސީސީން އެ ކަންކަން ބަލައެވެ.