ޓޭޕް އެޅި 6.2 މިލިއަން ޑޮލަރުގެ ދޮންކެޔޮ ގަތުމަށްފަހު ކާލައިފި

ދުނިޔޭގެ އެންމެ އަގުބޮޑު މޭވާގެ ގޮތުގައި މަޝްހޫރުކަން ލިބުނު ޑަކްޓްޓޭޕް އެޅި ދޮންކެޔޮ ގަނެފައިވާ ވިޔަފާރިވެރިޔާ ޖަސްޓިން ސަން އެންމެ ފަހުން އެ މޭވާ ކާލައިފިއެވެ.

މި ދޮންކެޔޮ ގަތުމަށްފަހު އެ ކާލާނެ ކަމަށް ބުނެ ކުރި ވައުދު ޗައިނާގެ ކްރިޕްޓޯ ކަރަންސީ ވިޔަފާރިވެރިޔާ ފުއްދާފައި ވަނީ އިއްޔެގެ ވަގުތެއްގައި ހޮންކޮންގެ އަގު ބޮޑު ހޮޓަލެއްގައި އެތަނަށް އެއްވެ ތިބި ގިނަ އަދަދެއްގެ ނޫސްވެރިންގެ ހާޒިރުގައެވެ.

ނޫސްވެރިންގެ އިތުރުން އެތަނަށް ހާޒިރުވެތިބި އިންފުލުއެންސާސްގެ ކުރިމަތީގައި މިކަމާ ގުޅޭގޮތުން ޚާއްސަ ބަސްދީގަތުމެއް ދިނުމަށްފަހު ދޮންކެޔޮ ކާލި މަންޒަރަކީ 'އައިކޮނިކް' މަންޒަރެއްގެ ގޮތުގައި ޗެނަލް ނިއުސް އޭޝިއާއިން ވަނީ ސިފަކޮށްފައެވެ.

މި ދޮންކެޔޮ ކެއުމަށް ފަހު ސަން ބުނެފައި ވަނީ އެހެން ދޮންކޭލުގެ ރަހައަށް ވުރެ މި ދޮންކޭލުގެ ރަހަ ތަފާތުވެފައި މާ މީރު ކަމަށެވެ. އިޓަލީގެ އާޓިސްޓެއް ކަމަށްވާ މޮރީޒިއޯ ކެޓެލަން ނިއުޔޯކްގެ ސޮތެބީސް މައުރަޒަށް މި ދޮންކެޔޮ ލުމުން ޖަސްޓިން ސަން ވަނީ އޭގެ ބިޑަށް ކުރިމަތިލި ހަތް މީހުން ފަހަތަށް ޖައްސާލުމަށްފަހު ބިޑު ކާމިޔާބުކޮށްފައެވެ.

ވިޔަފާރިވެރިޔާ ޖަސްޓިން ސަން ނޫސްވެރިންގެ ހާޒިރުގައި ޑަކްޓްޓޭޕް އެޅި ދޮންކެޔޮ ކާލަން ތައްޔާރު ވަނީ--ފޮޓޯ/ރޯޔާނިއުސް

ބިޑު ކާމިޔާބު ކުރުމަށްފަހު އެންމެ ފުރަތަމަ 10 ސިކުންތު ތެރޭ އެ ދޮންކެޔޮ ކާލާނެކަމަށް ނިންމި ކަމަށާއި ގިނަ ބައެއްގެ ސަމާލުކަން އެއަށް ލިބޭނެ ކަމަށް އޭރު އުއްމީދު ނުކުރާ ކަމަށް ޖަސްޓިން ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ހާޒިރުގައި ޓޭޕް އެޅި ދޮންކެޔޮ ކެއުމަށް ނިންމީ ވެސް އެއީ އެ އާޓް ވޯކްގެ ތާރީޚާ ގުޅޭނެ ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށް ޖަސްޓިން ބުނެފައިވެއެވެ.

އެތައް މިލިއަން ޑޮލަރަށް ވިއްކާލި މި ޑަކްޓްޓޭޕް އެޅި ދޮންކެޔޮ ޖަސްޓިން ސަންއަށް ހަވާލުކުރީ އިތުރު ޑަކްޓްޓޭޕް ރޯލަކާއެކު އެ އާޓް ވޯކް ބަހައްޓާނެ ގޮތުގެ ޚާއްސަ އިރުޝާދާ އެކުއެވެ. ހަމައެއާއެކު އެ މަސައްކަތުގެ އަސްލު ދޭހަކޮށްދޭ ޚާއްސަ ސެޓްފިކެޓެއް ވެސް އޭނާއަށް ދީފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު