"އިބުނު ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ. ﷲ އެކަލާނގެ އަޅުތަކުންނަށް މުސީބާތްތަކާއި ބަލާތަކާއި އިމްތިހާނުތައް ލެއްވިއެވެ. އޭގެ ސަބަބުން އެމީހުންގެ ކުށްފާފަތައް ފޮހެވިގެން ދެއެވެ. އެބައިމީހުންގެ ނަފުސްތައް އެކަމަށް ނުރުހުންތެރިވީ ކަމުގައި ވީނަމަވެސް އެކަންތައްތަކަކީ އެބައިމީހުންނަށް ﷲގެ ނިއުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިއުމަތެކެވެ."
***
"ހެލްޕް...." ފަރަހްގެ އާދޭހެކެވެ. އުރުޖުވާން މާޒިމް ގެ އަތަށް ބާރުލިއެވެ. ދޫނުކުރާން ހިފާފައެވެ.
"އައި ހޭވް ޓު....އުރޫޖް ޕްލީޒް އަންޑަސްޓޭންޑް...." މާޒިމް އޭނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ޓޭކް މި ވިތް ޔޫ....ވައި ކާންޓް ޔޫ އަންޑަސްޓޭންޑް ޓޫ...." އުރުޖުވާން އާދޭސްކުރިއެވެ.
މާޒިމް އުރްޖުވާންގެ ތުރުތުރުއަޅަމުންދިޔަ އަތް އޭނާގެ އަތުން ދުރުކޮށްލަން މަސައްކަތްކުރީ އޯގާތެރިކަމާއެކުގައެވެ. އޭނާގެ ފުންކަޅު ލޯ ހުޅުވާލިއިރު، އެ ލޮލުގައި އޯގާތެރިކަމުގެ އަލިކަން ވިދަވިދާ ހުއްޓެވެ. އުރްޖުވާންގެ ނުރުހުމުގެ ކޮންމެ ރޮނގެއް ކަންބޮޑުވުމުގެ ކޮންމެ ނިޝާނެއް އޭނައަށް ސާފުކޮށް ފެނުނެވެ. އޭނަ މާޒިމްގެ ގަމީހުގެ އަތުގައި ހިފަހައްޓާފައިވާއިރު ތުންފަތް ތުރުތުރުއަޅާ ގޮތުން، އޭނާ ދޫކޮށްލުމަކީ އުރްޖުވާންއަށް ކިހާ އުނދަގޫ ކަމެއްކަން ހާމަވެގެންދިޔައެވެ.
"އުރޫޖް.....އައި ވިލް ކަމް ބެކް ޓު ޔޫ އައި ޕޮރޮމިސް.....މިހާ ހިސާބަށް އައިސް ރިސްކެއް ނަގާކަށް ބޭނުމެއްނޫން. އޭނައަށް އެއްވެސް ޝައްކެއް ވިޔަދޭކަށް ބޭނުމެއްނޫން...އެއްވެސް ރިސްކެއް ނުނެގޭނެ..." އޭނަ އުރުޖުވާންގެ ބަނޑުގައި ފިރުމައިލިއިރު އަޑުގައި މަޑުމައިތިރިކަމެއް ހުއްޓެވެ. އަދި ނުބުނެވި ވީ ބަސްތަކުގެ ބުރަކަން ވަށައިގެންވާ ވާ ޖައްވުގައި ދެމިގެން ދިޔައެވެ.
"އެކަމަކު މާޒް.....އަހަރެން ނުގެންދިޔައެއް ކަމަކު ކެނާން ވިޔަސް....އެކަނި ގޮސްގެން ނުވާނެ، އެއީ ފަރަހްއެއްނޫން. އޭނަގެ ސިފައިގާވިޔަސް އޭނައެއް ނޫން......" އުރުޖުވާންގެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. އެ ހަނުހިމޭންކަން ފުނޑުކޮށްލީ އަނެއްކާވެސް މާޒިމް ފޯނުން ކީ އަޑުންނެވެ. މާޒިމް ގެ ލޯ އަވަސް ކަމާއެކު ހަރާކާތްތެރިވިއެވެ. އުރުޖުވާންވެސް ބޯ ދިއްކޮށްލިއެވެ. ކެމެރާގެ މަންޒަރު ހިނދުކޮޅަކަށް ފަނޑުވެ ދެން އަލުން ސާފުވިއެވެ. ފަރަހްގެ ނުރައްކާތެރި، ރަތް ދެލޯ ހުޅުވާލައިގެން ހުރި މޫނު މިހާރު ފެންނަން ނެތެވެ. މާޒިމްގެ ހިތަށް ބިރުވެރިކަން ވަދެގަތެވެ.
"އޭނަ ގޮއްސި........" މާޒިމް ހާސްވާގޮތްވިއެވެ. އޭނަ ވަގުތުން ކެމެރާ އެޕް އިން ގޭގެ އެހެން ކެމެރާތަކުގެ މަންޒަރުތަކަށް ބަދަލުކުރަން ފެށިއެވެ.
އުރްޖުވާންވެސް ކައިރިއަށް ޖެހިލައި، މާޒިމްގެ އަތުގައި ބާރަށް ހިފަހެއްޓިއެވެ.
"ކޮންތަނެއްގައި؟ ގޭގެ ކޮންމެވެސް ހިސާބެއްގައިވާނެ......."
މާޒިމް ޖަވާބެއް ނުދެއެވެ. އޭނާގެ ކޮލުގެ ކަށިގަނޑަށް ބާރުކޮށްލައިގެން އިނދެ ކެމެރާތަކުގެ މަންޒަރުތައް ބަލަމުން ދިޔައެވެ. އޭނަގެ އިނގިލިތައް ސްކްރީނުގައި އަވަސް އަވަހަށް ހިންގަމުން ދިޔައެވެ.
"އެއްވެސް ތަނަކު ނެތް....." މާޒިމް ހިތް އަވަސްވިއެވެ.
"ފާހާނާ އަށް ވަނީ ކަންނޭނގެ....." އުރުޖުވާން އަށް ބުނެވުނެވެ.
މާޒިމް ކެމެރާގެ ފޫޓޭޖް ތައް އޮޅާލަމުން ބަލާލިއެވެ. ޕްލޭބެކް ސްލޯކޮށްލިއެވެ.ފަރަހް ގެ ސިފަ ވީޑިއޯގައި ވިދުވަރެއްހާ ހަލުވިކޮށް އެނބުރެމުންދާތީއެވެ. އޭނަ ކޮޓަރީގެ ކަނުގައި ހުރެފައި ދުވެފައި ދިޔައީ ކުޑަދޮރާއި ދިމާއަށެވެ. މައްޗަށް އެރީ ކަމެއް ތިރިއަށް ފުންމާލީ ކަމެއް ސާފެއްނުވިއެވެ. އެހެން ކެމެރާ ފްރޭމްތައް ހާވާލީ ހަލުވިކަމާއެކުއެވެ.
" ފުރާޅުމަތީގައި..........އެއީ......." އުރުޖުވާން ގެ ދޫ ބަންދުވިއެވެ.
ފަރަހް ފުރާޅު މަތީގައި ހަތަރެސްފައިގައި ހިނގަމުންދިޔައެވެ. ފުރާޅުގެ މުށިތަކުގައި އޭނަގެ ނިޔަފަތި އަޅުވާލައިގެން އޮވެ ފުންމަމުން މުޅި ފުރާޅުމަތީގައި ދުވުނެވެ. އެހެން އޮވެފައި ކުއްލިއަކަށް ހުއްޓިފައި ހަށިގަނޑުގެ ވަރު ދޫކޮށްލައި ހަރުފައެއްހެން މޫނު އަނބުރާލީ ކެމެރާއަށެވެ. ފަރަހްގެ އިސްތަށިގަނޑު ވަޔާއެކު މޫނުމަތީގައި ތެޅެމުންދިޔަ ނަމަވެސް އޭނާގެ ތުންފަތުގައި ފެތުރެމުންދިޔަ ނުބައި ހިނިތުންވުން ފޮރުވިފައެއް ނުވެއެވެ. ހަނދުގެ އަލީގައި އޭނާގެ ދަތްތައް ކުޑަކޮށް ވިދައިލިއެވެ. އެ ދަތްތައް ހުރީ ތޫނުކޮށް ބިރުވެރި ގޮތަކަށެވެ. އޭނާގެ ހަރަކާތަތަކަށް ބަޔަކު ބަލާހެން ޔަގީންވުމުން އުފާކުރާފަދައެވެ. އޭނަ މޫނު އަނބުރާލަމުން އަނެއްކާވެސް ފުރަގަސްދިނެވެ. އެއާއެކު ބިރެއްނެތި ފުންމާލީ ބޯ ގަސްތަކުގެ އަނދިރީގެ ތެރެއަށެވެ. މާޒިމްގެ މޫނުގެ ކުލަ އޮއްސުނެވެ. މިފަދަ ބިރުވެރި ކަމެއް އޭނާ އުމުރު ދުވަހުވެސް ދެކެފައި ނުވެއެވެ. އެކަނި ދިއުމަށް އޭނާވެސް ޖެހިލުންވާން ފެށިއެވެ.
" ފަރަހްގެ ކާރު އެ ދިއްލުނީ....އޭނަ އެ ކާރު ދުއްވައިލީ......ސުބުހާނަﷲ...." އުރުޖުވާން ހާސްވިއެވެ. މާޒިމް ވެސް އިނީ ގޮތް ހުސްވެފައެވެ. ހަމަ ގައިމުވެސް ފަރަހް ގެ ހަރާކަތްތަކުން އޭނާއަށް ބަލާކަން އޭނާއަށް އެނގުނެވެ.
" އުރޫޖް.....އަވަހށް ގެޔަށް ވަދޭ....ލޮކް ދަ ޑޯސް....ލޮކް ދަ ޑޯސް.....ޖަސްތް ސްޓޭއި އިންސައިޑް...މީހާކު އަޔަސް ދޮރު ނުހުޅުވާތި...އީވެން އިފް އިޓްސް މީ...." މާޒިމް އަވަސްވިއެވެ.
" ނޫން ނުދާނަން...ކޯލް ސަމްވަން ޓު ގޯ ވިތް ޔޫ....ފަރަހް އެފަދަ ހާލަތެއްގަ މައިތިރި ކުރަން އުނދަގޫވާނެ.....ކޯލް ކެނާން އޯ ފަހަދް...ޕްލީޒް..." އުރުޖުވާން އާދޭސްކުރިއެވެ. މާޒިމް އެންމެފަހުން ކެނާން އަށް ގުޅިއެވެ. ކެނާން ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީއެވެ. ފަހަދް އަށް ގުޅަން މާޒިމް ޖީބުން ނެގީ އެހެން ފޯނެކެވެ. އެންމެ ރިންގަކުން އެ ފޯނަށް ޖަވާބު ދިނެވެ. ބާރު ހުނުމެއްގެ އަޑެވެ. އެއީ ފަހަދް އެއް ނޫނެވެ. މާޒިމް އަށް އެއީ ފަރަހް ކަން ޔަގީންވިއެވެ.
" ކަމިންގް ފޯ ޔޫ ޓޫ.....ލަވާ ބޯއި.....ފަހަދް.....ފަހަދް...ކޮންތާކު ފިލާ.....މިއޮއް ގުޅަނީ މާޒް...." ޖެއްސުމުގެ ރާގުގައި ފަރަހް ވާހަކަ ދެއްކިއެވެ. މާޒިމްގެ ކަންފަތަށް އިވެމުންދިޔަ އަޑުތަކުގެ ސަބަބުން ކަންބޮޑުވުން އިތުރުވެގެންދިޔައެވެ.
"ފަހަދް ދުވަނީ.....އެކަމަކު އަބަދަކު އަހަންނަކަށް ނުފިލޭނެ..........." ދުރުން އެއްޗެއް ވެއްޓުނު އަޑު އިވުމުން މާޒިމްގެ ހިތުގައިވި ބިރުވެރިކަން ރުޅިވެރިކަމަށް ބަދަލުވިއެވެ.
" ލީވް ހިމް އެލޯން ފަރަހް....." މާޒިމް ހަޅޭއްލެވިއެވެ.
" އެލޯން އޭ....ތިއިން އެކަކަށްވެސް ދިރިހުރިޔަ ނުދޭނަން.....ފަރަހް ގެ ހަޔާތަށް އަނދިރިކަން ގެނައި އެންމެނަށް އެ ހިތި ދައްކާނަން.....ޚާއްސަކޮށް....ކަލޭ...."އޭނަ ބަރުހިނިގަނޑެއް ޖަހާލިއެވެ. އެއި ފަރަހް ގެ އަޑެއްނޫނެވެ. މާޒިމް އަށް ޖަވާބު ނުދެވެނީސް އެކޮޅުގެ ލައިން ކެނޑުނެވެ.
އަހްމަދުވެސް ގެއިން ނިކުތީ ބޭރުން އުރުޖުވާން އާއި މާޒިމްގެ އަޑު އިވުމުންނެވެ. ކޮންމެވެސް ކަމެއް ގޯސްހެން ހީވީއެވެ.
***
ކެނާން އަވަސް އަވަހަށް އަންނައުނާއި މުހިންމު ތަކެތި ދަބަހަކަށް ލަމުން ދިޔައިރު، އޭނާގެ ޚިޔާލުތައް އެކި ދިމާލުގައި އެނބުރެމުން ދިޔައެވެ. ފޯނު ދިއްލެމުން ދިޔައީ މާޒިމް ގެ ކޯލުތަކުންނެވެ. އޭނަ ރުޅިގަދަވެ ރުންކުރުވާންފެށުމުން ފޯނުވެސް އޮފް ކޮށްލިއެވެ. ދަބަސް ބަންދުކޮށް، ކައުންޓަރު މަތިން ތަޅުދަނޑި ނެގިއެވެ. ހިނދުކޮޅަކަށް ހުއްޓި ހުރެ ފުން ނޭވާ އެއް ދޫކޮށްލިއެވެ. އަދި ދާންވެގެން އެނބުރިލިތަނާ ފިނި އަތަކުން އޭނާ ހުއްޓުވިއެވެ. ސިހިފައި ކެނާން އަށް އަތް ފޮޅާލެވުނީ އެއީ ކާކުތޯ ބަލައިނުލައެވެ.
" މަންމާ...." ކެނާން އަށް މަންމަގެ ގައިގާ ހިފަހައްޓައިލެވުނެވެ. އޮޅިގެންވެސް އެފަދަ އަމަލެއް ކުރެވުނީތީ މާފަށް އެދުނެވެ. އޭރު އޭނަގެ މަންމަގެ ލޮލުން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. މަންމަ ކެނާންގެ ގަމީސް ބޮނޑިކޮށްލައި ހިފިއެވެ.
"އޭނާ ސަލާމަތްކުރޭ....އުރު...ޖުވާން....ސަލާމަތްކުރޭ.....ފަރަހް...ފަރަހް އެދަނީ އޭނާ މަރާލަން.....މާޒިމް އަކަށް ނުހުއްޓުވޭނެ....ކެނާން އޭނަ ސަލާމަތްކޮށްދީ.....އެކުއްޖާއަކީ ނާވިޔާ މަންމައާއި ހަވާލުކުރި އަމާނާތެއް......." ނަބިލާ އަޑުކުރަކިވިއެވެ. ލޮލުން ކަރުނަ ހިލުނެވެ.
ކެނާންއަށް ޖަވާބު ނުދެވެނީސް އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތަނަށް ވަނީ މަދީނާއާއި ނާޝިދުއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. މަދީނާ އަވަހށް އޭނަގެ މަންމަގެ ގައިގާ ހިފަހައްޓައިލަމުން އެތާ ހުރި ގޮނޑިއެއްގައި ބޭންދިއެވެ. އަހްމަދު ގުޅާފައި ދެއްކި ވާހަކަ ތަކުގެ ތަފްސީލު ބައްޕަ ކެނާންއަށް ކިޔައިދިނެވެ.
"ނޫން......މާޒިމް އެއް ނޫން....އުރުޖުވާން...ފަރަހް ބޭނުންވަނީ އުރުޖުވާން މަރައިލަން...." ނަބީލާ ހަޅޭއްލެވިއެވެ. އެންމެންގެ މޫނު އެނބުރުނީ އޭނާއާއި ދިމާލަށެވެ.
" އަހަންނަށް އެނގޭ....." ނަބިލާ އަށް ރޮވުނެވެ. އޭނާއަށް ތަހައްމަލު ކުރަން ޖެހުނު ކަނަތައް ހަނދާންވެފައެވެ. ޚުޝަލްވެސް ތެޅެމުން ފޮޅެމުން އައިސް އެތަނަށް ވަންއިރު ލޮލުން ބިރުވެރިކަމުގެ އަސަރު ފެނުނެވެ.
" ރާޤީ ވެސް ވީ ރަށުން ބޭރުގަ...."
" އައި ކޭން ޑޫ އިޓް.....ފަރަހް މިހާރު ހުރި ތަނެއް އެނގިއްޖެތަ؟ފަހަދް ގެ ހަބަރެއްވެސް...." ކެނާން އަވަހަށް މާޒިމް އަށް ގުޅަން މަސައްކަތް ކުރިއެވެ. ގުޅޭނެ ގޮތެއްނުވިއެވެ. މީކާއިލް އަދި އުރުޖުވާންގެ ފޯނަށް ގުޅަން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. ނާޝިދު ވެސް އެތައް ފަހަރަކު އަހަމްދުއަށް ގުޅަން އުޅުނެވެ. ވީ ނާކާމިޔާބެވެ.
މަޑުމަޑުން މޫސުމް ގޯސްވަމުންގޮސް ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. އޭގެ ގަދަ ފަދަކަމުުން ގަސްތަކާއި މަގުމަތީގައިވީ ބައްތި ދަނޑިތަކަށްދާންދެން އެއްލާލަފާނެހެން ހީވިއެވެ. ދުރުން ގުގުރާ އަޑު އިވެމުންދަނީ އުޑު ފަޅައިގެންދާ ފަދައިންނެވެ.
" އިޓްސް އަ ސްޓޯމް...ބައެއް ހިސާބުތަކުގައި ކަރަންޓު ވެސް ނެތް ވާހަކަ އެބަ ކިޔާ ހަބަރުތަކުން....." ނާޝިދުގެ ހިތްވަރު އެލުނެވެ.
" އެމީހުންގެ ރެއެއް......އެމީހުން....." ނަބިލާ ތުންތެޅުވިއެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާންފެށިއެވެ.
"އައިމް ގޮއިންގް....މިހެން ތިބެގެން ނެތް ވާކަށް...." ކެނާން ހަލުވިކަމާއެކު ނިކުތެވެ. މި ވަރުގަދަ ތޫފާންގެ ތެރެއަށް ނުނިކުންނަން އެންމެން ނަސޭހަތްތެރިވިނަމަވެސް ކެނާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
ނުނިމޭ