"މިހާރު އަހަރެން ފެންނަ ކަމަކަށްވެސް ނުވޭ ދޯ." ޔޫޝައު ބުނެލިއެވެ.

މައުވާއާއި ޒާޔާއާ ސިހުނީ ޔޫޝައުގެ އަޑަށެވެ.

"އަހަރެމެންނެއް ނޫން ދޯ ޔޫޝައު ފެންނަކަމަށް ނުހަދަނީ. ޔޫޝައުއެއްނު އަހަރެމެން ދުރުކޮށްލީ. ދޯ މައުވާ… " ޒާޔާ ލޯ އަޅާލަމުން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

"ދެން ކިޔާނީ ތިހެންނޭ. މައުއާ އެކީ އަފްނާން ނުފެންނަ ދުވަހަކީތަ؟" މަޖަލަކަށް ހަދާފައި ޔޫޝައު ބުނެލިއެވެ.

"އަޅެ.... މިއަދު އޮތް މީޓިންއަށޭ ދިޔައީ." ޒާޔާ ޔުޝައުއަށް ފުޓުބޯޅަ މުބާރާތުގެ ހަނދާންކޮށްލަދިނެވެ.

"އޯހް ޔެސް. މައު… ކިހިނެއްވީ؟ އަހަންނާ އަނގައިން ނުބުނަން ތިހުންނަނީ؟ އަނެއްކާ އަފޫ މަނާކުރީތަ؟" ޔޫޝައު މައުވާއާ ދިމާކޮށްލިއެވެ.

"ދެން. ނޫން." މައުވާ ހީނލިއެވެ. ޔޫޝައު ވަރަށް ފަރުވާތެރިކަމާއެކު މައުވާއަށް ބަލައިލިއެވެ. މައުވާއާ މެދު އޭނާގެ ހިތުގައި އިޙްސާސްތަކެއް ވެއެވެ. ހަޤީގަތުގައި މައުވާ ޔުނިވާސިޓީއަށް އައި އެންމެ ފުރަތަމަ ދުވަހު ދިމާވީ އޭނާއާއެވެ. ވާހަކަ ދެކެވުނީވެސް އޭނާއާއެވެ. މައުވާ ޔުނިވާރސިޓީއާ ގުޅުނީ އެމީހުން ޝަރީއާ އެންޑް ލޯ ވިތް އޮނާސްގެ ޑިގްރީއަށް ކިޔަވަމުން ދިޔައިރު ފުރަތަމަ އަހަރުގެ ދެވަނަ ސެމެސްޓާގެ ވަކި ހިސާބަކުންނެވެ. ޔުނިވާސިޓީއަށް އައި ފުރަތަމަ ދުވަހު، ދާނެ ކްލާސް ނޭނގިގެން އުޅުނު މައުވާއަށް އިއްތިފާޤަކުން އެ ސުވާލުކޮށްލެވުނީ ޔޫޝައުއާއެވެ. ޔޫޝައުއަށް މައުވާގެ ރީތިކަމަށް ހިތާ ހިތުން ތައުރީފުކުރެވުނު އިރު، އެ ދުވަހުގެ އެ ވަގުތު އެ ހިތުގައި ހޭލި ވިންދު އަދިވެސް އެގޮތުގައި ޖަހަމުން ދިޔައެވެ. މައުވާއާ އޭނާގެ ހިތުގެ އިޙްސާސްތައް ހާމަކުރަން ބޭނުންވެގެން އުޅޭތާ އެތަކެއް ދުވަހެއް ވީއިރުވެސް އޭނާއަށް އެ އިޙްސާސްތައް މައުވާއަށް އަންގައިދެވޭ ގޮތެއް ނުވިއެވެ. މައުވާގެ ފަރާތުން ހިތް ނޭދޭ ޖަވާބެއް ލިބި އެ ދެމެދުގައިވި އެކުވެރިކަން ގެއްލިދާނެތީ ޖެހިލުންވަނީއެވެ. އެ ފިނޑިކަމުގައި އަނގަ ހުޅުވާލަން ނުކެރި ހުއްޓާ އެންމެ ފަހުން ތެޔޮ ނާށި ކާޅު ޖަހައިގަތީއެވެ. އޭނާގެ ލޯބި އެހެން މީހަކު ފޭރިގަތީއެވެ. މައުވާ އެހެން މީހެއްގެ ހައްޤަކަށް ވީއެވެ. އަދި އެވެސް އޭނާގެ ރަޙްމަތްތެރިޔާގެއެވެ. އެކަން ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ؟ އެ ގުޅުމަށް ރުހެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ހިތުގައި އަބަދުވެސް އިޙްސާސްތަކެއް ވެއެވެ. މިއަދު އޭނާއަށް މަޖުބޫރުވެފައިވަނީ ހިތުގައިވާ އިޙްސާސްތައް އެ ހިތުތެރޭގައި ފޮރުވާލުމަށެވެ.

"ޔޫޝައު… އޭތް. ކޮން ވިސްނުމަކަށް ގެއްލިފަ؟" ޒާޔާ ޔުޝައުއަށް ގޮވާލާ މޫނާ ދިމާލުގައި އަތް ހޫރާލީ ވާހަކަ ދައްކާ ދައްކާވެސް ޔޫޝައު އަޅާނުލުމުންނެވެ.

"އޭނ. ކީކޭ…" ސިހުނު ޔޫޝައު އެހެން ބުނެލިއިރު، ޔޫޝައުގެ މޫނުމަތިން މާޔޫސްކަން މައުވާއަށް ވެސް ފާހަގަވިއެވެ.

"ކަމެއްވީތަ؟ ޔޫޝައު މިހާރަކަށް އައިސް ކޮންމެވެސް ކަމަކާ ވިސްނާހެން އަަހަންނަށް ހީވޭ." އެކުވެރިޔާއަށް ބޮޑުކަމެއް ވީއޭ ހިތާ މައުވާ ސުވާލުކޮށްލިއެވެ. އެކުވެރިޔާގެ މޫނުމަތިން އަބަދާ އަބަދު އެ ފެންނަ މާޔޫސްކަން ގުޅިފައިވަނީ ކޮންމެވެސް ބޮޑުކަމަކާ ކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ.

"ނޫނޭ…ނަތިންގ. ޖަސްޓް ސަމް ޕާރސަނަލް އިޝޫޒް… " ޔޫޝައު ދުރުބަލާލިއެވެ. މައުވާ އާ ހަތަރު ކަޅިހަމަކޮށްލައިގެން ހުރެ ވާހަކަ ދެއްކުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ.

"ޕާރސަނަލް…" ކުޑަކޮށް ބުމަ އަރުވާލަމުން މައުވާއަށް ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ޔާ. ސަމް… ސަމް ފެމިލީ އިޝޫޒް. އަނެއްހެން މާ ބޮޑު ކަމެއް ނޫން." ޔޫޝައު ހުރިހާކަމެއް ސިއްރުކުރިއެވެ. މައުވާގެ ގާތުގައި އެހިތުގެ ހާލު ފާޅުކުރަން ކިތަންމެ ބޭނުންވި ނަމަވެސް، އެކަން ކުރުމަކީ އޭނާ މިހާރު ބޭނުންވާ ކަމެއް ނޫން ފަދައެވެ. ލޯބީގެ މާނައަކީ ޤުރުބާނީއޭ މީހުން ބުނާތީ އޭނާ އަޑު އަހައެވެ. އެއީ އަނެކަކުގެ އުފާވެރިކަމަށް އެދުމެވެ. އަމިއްލަ ހިތުގެ މުރާދުގެ ކުރިމަތީގައި، އަނެކާގެ ހިތުގެ އެދުންތަކަށް ޖާގަ ދިނުމެވެ. އަމިއްލަ ހިތް ޒަޚަމްކޮށްލައިގެން ވެސް އަނެކާގެ ހިތަށް ތަސައްލީ ދިނުމެވެ. އޭނާގެ ހިތުގައި މައުވާއާ މެދު އިޙްސާސްތަކެއްވި ނަމަވެސް، އެ އިޙްސާސްތަކުގެ ކުރިމަތީގައި އޭނާއަށް މުހިންމީ މައުވާގެ އުފަލެވެ. މައުވާގެ ހިތުގެ ހަމަޖެހުމެވެ. މައުވާގެ ތުންފަތް މަތީގައިވާ ހިނިތުންވުމެވެ. އެހެންނަމަވެސް، ބައެއްފަހަރު، މައުވާގެ ލޯބި އޭނާއަށް ލިބެން އެދެވެނީ ގަސްތަކު ނޫނެވެ. ބޭއިޚްތިޔާރުގައި އުފެދޭ އެފަދަ ޚިޔާލުތަކުގެ ސަބަބުން އޭނާއާ އަފްނާންމެންގެ ގުޅުމަށް ބުރޫ އަރާފާނެތީ އޭނާ ޖެހިލުންވެއެވެ. ޑިގްރީގެ މިހާ ހިސާބަށް އައިއިރު އެ މީހުންގެ ގުޅުންވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ވުމާއެކު އެ އެކުވެރިން ގެއްލޭކަށް ޔޫޝައު ނޭދެއެވެ. ހުރިހާކަމެއް އަމިއްލަ ހިތުގައި އޮއްބާލަނީ އެހެންވެގެންނެވެ.

"ޓެލް އަސް ވަންސް ޔޫ ފީލް ކޮމްފޮޓަބަލް އެންޑް އިފް ޔޫ ނީޑް އެނީ ހެލްޕް އިނގޭ." މައުވާ ހިނިތުންވެލިއެވެ. އެއީ ޔޫޝައުގެ ޒާތީކަމަކަށްވާތީ ގަދަކަމުން އެ ހުރިހާކަމެއް ހޯދަން ނޫޅުނު މައުވާއަށް އޭރު ނޭނގުނީ ހަޤީގަތުގައި ޔޫޝައުގެ އެ މާޔޫސްކަން ގުޅިފައިވަނީ މައުވާއާ އަފްނާންގެ ގުޅުމާކަމެވެ. ޔޫޝައުވެސް ހިނިތުންވެލިއެވެ.

"ނުކުޅުނަސް މިރޭ މެޗު ބަލަން ދާނަން ދޯ؟" ޒާޔާ ސުވާލުކޮށްލުމުން އެކަމަށް ޔޫޝައު އިޖާބަ ދިނެވެ.

*****

ރޭގަނޑު އަށެއް ޖަހަނީއެވެ. ފެންވަރާ ތާޒާވެލައިގެން ނުކުތް މައުވާ، ތައްޔާރުވީ މެޗު ބަލަން ދިޔުމަށެވެ. އޭނާ ތިރިއަށް ދިޔައިރު ޒާޔާ އެގޭ ތިރީގައި އޭނާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. މައުވާއާއި ޒާޔާއާ ދެމީހުން މެޗު ކުޅޭ ދަނޑާ ކައިރިއަށް ދިޔައިރު، ދެ ޓީމުވެސް ދިޔައީ މެޗަށް ތައްޔާރުވަމުންނެވެ. އޭރު ގަޑިން އަށްގަޑި ބައިވަނީއެވެ. މެޗު ފަށަން ހަމަޖެހިފައިވަނީ އަށްގަޑި ބައިގައެވެ. މައުވާގެ ދެލޯ ހޯދަމުން ދިޔައީ އަފްނާންއެވެ. އޭނާ ޝަރީއާ އެންޑް ލޯގެ ފެކަލްްޓީގެ ޓީމުގެ ކުޅުންތެރިންނަށް ވަކި ވަކިން ބަލަމުން ދިޔައެވެ.

"އަފޫ ކޮބާތަ؟" މައުވާއަށް އެ ބަސްތައް އޭނާގެ ދުލުން ބޭރުކޮށްލެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެ އަޑު ޒާޔާގެ ކަންފަތުގައި ޖެހުމާއެކު އޭނާގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

"އެހެރީ އޭ. ކެޕްޓަންއެއްނު އެއީ." ޒާޔާ ދެއްކީ ދަނޑުގެ އެއްފަރާތުގައި ކޯޗާއެކު މަޑުކޮށްލައިގެން ހުރި އަފްނާންއެވެ. އެއާއެކު މައުވާ އެ ދިމާލަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ކޯޗާ ވާހަކަ ދައްކާލާފައި ގުރުއަތު ނަގަންވެގެން ގޮސް ރެފްރީގެ ކައިރީގައި ހުއްޓި އަފްނާން އަނެއް ޓީމުގެ ކެޕްޓަން އަންނަންދެން މަޑުކޮށްލިއެވެ. އަނެއް ޓީމުގެ ކެޕްޓަން އައުމުން ގުރުއަތު ނެގިއެވެ. ފަށާ ގޮތަށް ހަމަޖެހުނީ އަފްނާންމެންނެވެ. އަށް ގަޑި ބަޔަށް ދެ ޓީމުވެސް ދަނޑު މައްޗަށް އެރިއެވެ. އެއްވެފައިވާ ސަޕޯޓަރުންނާ ދިމާލަށް އަފްނާން ބަލާލިއެވެ. އޭނާ ޝަރީއާ އެންލޯގެ ފެކަލްޓީގެ ލޯގޯތައް ހިފައިގެން ތިބި މީހުންނާ ދިމާލަށް ބަލައިލުމަށްފަހު، މައުވާ ހޯދަން ފެށިއެވެ. އެކަން ޒާޔާއަށް އެނގުމުން އޭނާ މައުވާ ކުރިއަށް ނެރިލިއެވެ.

"އޭނަ އެ ހޯދަނީ މައުއޭ…" ޒާޔާ ބުނެލިއެވެ. އަފްނާންއާ ދިމާލަށް މައުވާ ހަނާ އަޅާލިއެވެ. އަފްނާންއަށް ވެސް މައުވާ ފެނުމާއެކު އޭނާ އަތުން އިޝާރާތްކޮށްލިއެވެ. އަދި ދަނޑުމައްޗަށް ސަމާލުވެލިއެވެ. ރެފްރީގެ ކަށިގަނޑާއެކު ކުޅުން ފެށިގެން ކުރިއަށް ދާން ފެށިއެވެ. އަރަމުން ދިޔަ ފޯރީގައި ޒާޔާއާއި މައުވާވެސް ހަޅޭއްލަވަމުން ދިޔައެވެ. އިރުކޮޅަކުން އެދެމީހުންގެ ކައިރިއަށްއައިސް ޔޫޝައުވެސް ހުއްޓުނެވެ. ޔޫޝައު އައީ މެޗު ބަލަން ނަމަވެސް، އޭނާއަށް ގިނައިން ބެލެނީ ހަޅޭއްލަވަމުން ދިޔަ މައުވާއަށެވެ. އަތުގައި އޮތް ދިދަ ހޫރަމުން ދިޔަ މައުވާގެ އުފާވެރިކަން ފެނި އޭނާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެއެވެ. ފުރަތަމަ ލަނޑުޖެހީ އަފްނާންމެން ޓީމެވެ. ދެވަނަ ލަނޑު އަނެއް ޓީމުން ޖެހިއެވެ. މެޗު ނިމެން ދަނިކޮށް އަފްނާން ޖެހި ގޯލާއެކު އެމީހުން މޮޅުވިއެވެ. އެއާއެކު ސަޕޯޓަރުންގެ ހަޅޭކުގެ އަޑު ގަދަވެގެން ދިޔައެވެ. ރެފްރީގެ ކަށިގަނޑާއެކު އަފްނާން ދަނޑުން ފައިބައިގެން ސްޕޯޓަރުންގެ ކައިރިއަށް ދިޔައެވެ. މައުވާ ފެނުމާއެކު އަފްނާންގެ ހިނިތުންވުން ފުޅާވިއެވެ. އޭނާ ވެސް އައިސް އެމީހުން އެންމެންނާއެކު އުފާ ފާޅުކުރަން ފެށިއެވެ. އެވަގުތު އެތަނުގައި ހުރި އަންހެން ކުއްޖަކު އައި ގޮތަށް އައިސް އަފްނާންގެ ކޮނޑަށް އަތް ވައްޓާލައިގެން ނަށަން ފެށުމުން މައުވާގެ ދެބުމަ ގާތްވެލިއެވެ. އެތަން އަފްނާންއަށް ފެނުމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް، އޭނާ އެ އަންހެން ކުއްޖާގެ އަތް ދުރުކޮށްލިއެވެ. އަދި މައުވާއަށް ބަލާލާފައި ބުމަ އަރުވާލިއެވެ. މައުވާ ހީނލިތަން ފެނި އަފްނާންވެސް ހަމަޖެހިފައިވާ ހިތަކައިގެން ގޮސް ބެންުޗު ދޮށުގައި ހުއްޓުނެވެ. މެޗުގެ މޭން އޮފް ދި މެޗު ލިބުނީ އަފްނާންއަށެވެ. އޭނާއަށް ލިބުނު މެޑަލްއާ ޓްރޮފީ ހިފައިގެން އަފްނާން އައިސް މައުވާމެންގެ ކައިރީގައި ހުއްޓުނީ މެޗު ނިމުމުން މީހުންތައް ދާން ފެށި ފަހުންނެވެ.

އަފްނާން އޭނާގެ ކަރުގައި އޮތް މެޑަލް ނަގާފައި މައުވާގެ ކަރުގައި އެ އަޅުވައިދިނުމުން މައުވާއަށް ވަށައގެން ބަލައިލެވުނެވެ. އޭނާ ހުރީ ލަދުންނެވެ.

"ކިހިނެއް ވީ؟ ކޮންކަމަކާ ލަދު ގަންނަނީ. ދިސް އިޒް ފޯ ޔޫ." މައުވާއަށް ބަލާލާފައި އަފްނާން އެހެން ބުނެލުމުން ޔޫޝައުއަށް އެ ދެމީހުންނަށް ބަލައިލެވުނެވެ. އޭރު ޒާޔާވެސް ހުރީ ލާނެތްގޮތަކަށް އެ ދެމީހުންނަށް ބަލަހައްޓައިގެންނެވެ.

"ދެން މި ދެ ލަވް ބާރޑްސްއަސް ފުރުސަތު ދީފަ އަހަރެމެން ދާންވީ ދޯ ޔޫޝައު." އަފްނާންއާ މައުވާއަށް ސިހުން ލިބުނީ ޒާޔާގެ އަށެވެ. ޔޫޝައު އެއްޗެއް ނުބުނެ ހުރިނަމަވެސް، ގަދަކަމުން ހިނިތުންވާން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. އަފްނާން ޖަހައިލީ ހިނިގަނޑެކެވެ.

"އާނ. އެހެންޏަ. އަހަރެމެންވެސް ސަޕޯޓު ކުރީމޭ. އެކަމަކު ފަހު ވަގުތު ތިބި ބަޔަކަށް ވެސް ނުވި ވިއްޔަ." ޒާޔާ އަނެއްކާވެސް ބުނެލިއެވެ.

"އޯކޭ ސޮރީ… ދޯ މައު." އަފްނާން ހެމުން ހެމުން މައުވާގެ އަތުގައި ހިފައްޓާލިއެވެ. އެތަން ލޮލުގައި އަޅައިގަތް ޔޫޝައުއަށް އެ ދެމީހުންގެ އަތަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހިތުގައި މަޑުމަޑު ރިހުމެއް އުފަންވެގެން އައިހެން ވެސް އޭނާއަށް ހީވިއެވެ.

"ޔޫޝައު. ކަލޭ މިފަހަރު ނުކުޅުނީމަ ވަރަށް ކަޑައޭ…" ޔޫޝައުއަށް ހަމަބިމަށް އާދެވުނީ އަފްނާންގެ ވާހަކައާއެކުގައެވެ.

"ކަކޫ ރަނގަޅުވެގެނެއްނު ކަމެއް ވާނީ." ޔޫޝައުވެސް ހުރިހާ ކަމެއް ހަނދާން ނައްތާލަން މަސައްކަތްކުރަމުން ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ކުރިމަތީގައި އަފްނާންއާއި މައުވާ އެ ތިބި ގޮތުން ހިތުގެ އިޙްސާސްތައް ހިންދާލާނީވެސް ކިހިނަކުން ހެއްޔެވެ؟

އެރޭ މައުވާއަށް ގެއަށް އާދެވުނުއިރު އެގާރަ ގަޑި ބަލައިވަނީއެވެ. ކޮޓަރިއަށް ވަދެ އޭނާ ދަބަހުން އަފްނާން ދިން މެޑެލް ނަގާ ބަލައިލިއެވެ. އެއާއެކު ތުންފަތަށް ލުއި ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ރިންގުވީ އެވަގުތެވެ. ގުޅީ އަފްނާންއެވެ.

"ކީކުރަނީ؟" އަފްނާން ސުވާލުކޮށްލިއެވެ.

"ކަމެއް ނުކުރަން. މީ ހަމަ ހުރީ…" މައުވާ ބުނެލިއެވެ.

"އުހުމް. ކޮންމެވެސް ކަމެއް ކުރޭ އެބަ. ބުނޭ…" އަފްނާން ބުނެލިއެވެ. "އަހަރެން ދިން މެޑެލްއަށް ބަލާފަ އަހަރެން މަތިން ހަނދާންކުރަނީ ދޯ."

އަފްނާންގެ އެ ވާހަކައާއެކު މައުވާއަށް ހީނލެވުނެވެ.

"އެހެންވީމަ އަހަންނަނަށް މި ބުނެވުނީ ތެދެއްތާ ދޯ." އަފްނާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަރެން މި ވިސްނަނީ އެހެން ކަމަކާއޭ ބުނެފިއްޔާ؟" މައުވާ ގޮސް އެނދުގައި އިށީނދެލިއެވެ.

"އެ ނޫން ދެން އެހެން ކޮންކަމަކާ މައު ވިސްނާނީ." އަފްނާންހަމަ އެ ލާނެތްކަމުގައި ބުނެލިއެވެ.

"އަފޫއަށްވެސް އެނގޭނެ ކަންނޭނގެ." މައުވާ ބުނެލިއެވެ.

"ނޫނޭ. މައު ބުނީމަ އަހަންނަށް އެނގޭނީ. ބުނެބަ." އަފްނާން ސުވާލުކޮށްލިއެވެ.

"މިރޭ ވަރަށް ފޫހިވި." މައުވާ ވާހަކަ ދައްކަނީ ދުރުދުރުން ނަމަވެސް، އޭނާ އެ ބުނަން އުޅޭ ވާހަކަ އަފްނާންއަށް އެނގުނެވެ. އެހެންނަމަވެސް، އޭނާ އެކަން މައުވާއަށް އަންގާކަށް ބޭނުމެއް ނުވެއެވެ. މާ ނުވާކަމަމަށް ހަދާފައި ވާހަކަ ދެއްކީ އެހެންވެގެންނެވެ.

"އެއީ. ގައިމު ވަރަށް މަޖާކޮށް އެތާ އުޅުނީ." އަފްނާން ބުނެލިއެވެ.

"އެ ޝިފާ ގޮސް އަފޫ ގައިގަ ބައްދައިގަތީމަ ވަރަށް ރުޅިއައި." މައުވާ ބުންޏެވެ. އެއާއެކު އަފްނާންއަށް އޭނާގެ ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ. އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ.

"ހާދަ މަޖައޭ ދޯ." މައުވާ ރުޅި އައިކަމަށް ހެދުނެވެ.

"ނޫނޭ. ސޮރީ….. ސޮރީ… ހިތަށް އެރި އެއްޗަކުން ހަމަ ހެވުނީ.." އަފްނާން ހުނުން މައިތިރިކޮށްލިއެވެ. މައުވާ ސަބަބު އެނގެން ބޭނުންވެގެން ސުވާލުކުރުމުން އަފްނާން ސަބަބުވެސް މައުވާއަށް އޮޅުން ފިލުވައިދިނެވެ.

"މައު ތިހާ ޖެލަސްވާނެކަމަކަށް އަހަރެން ހިޔެއް ނުކުރަމޭ. އެހެންވެގެން ހެވުނީ. ކާކުތަ ހީކުރާނީ ތީ އަަހަރެން ދެކެ އެހާ ރުޅިއައި މައުއޭ. ޓުބީ އޮނެސްޓް އަހަރެން ހިތަކަށްވެސް ނާރާ މައު އަހަންނާ ގުޅިފާނެޔޭ. އަނެއްކާ ހުވަފެނެއްތަ މީ؟" މާޒީގެ ހަނދާންކުރަމުން އަފްނާން އެހެން ބުނެލިއެވެ. އެއާއެކު މައުވާއަށްވެސް ހެވުނެވެ. އޭނާއާ އަފްނާންއާ ދެމީހުން ގުޅުމަކީ އޭނާވެސް އުންމީދުކުރިކަމެއް ނޫނެވެ. ހިތަށްވެސް އެރުވި ކަމެއް ނޫނެވެ. އެހެންނަމަވެސް، ތަޤުދީރު އެ ދެމީހުން އެއްތަން ކުރުވީއެވެ. މިހާރު އޭނާގެ ހިތުގައިވެސް އަފްނާންއާ މެދު އުފެދިފައިވަނީ މާނަފުން ޖަޒުބާތުތަކެކެވެ. އަފްނާންއާ އެހެން ކުއްޖަކު ގާތް ވުމަކީވެސް މިހާރު އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އަފްނާންއާ އެހެން ކުއްޖަކު އެގޮތަށް ގައިގޯޅިވުމުން އޭނާއަށް އުނދަގޫވާތީއެވެ. އެއީ މިހާރު ހަމައެކަނި އޭނާގެ ހައްޤެެކެވެ. އޭނާގެ މީހެކެެވެ.

ފޯނުގައި އެދެމީހުން އެފަދަ ސަމާސާތަކެއްގައި އިރުކޮޅަކު ތިއްބެވެ. މައުވާ ފޯނު ބާއްވާފައި ފާޚާނާއަށްވަދެ ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ "ގުޑް ނައިޓް" މެސެޖެއް އަފްނާންއަށް ފޮނުވާލިއެވެ. ލަސްތަކެއްނުވެ އެ މެސެޖަށް އަފްނާންވެސް ރިޕްލައިކޮށްލިއެވެ.

ހަފްތާއެއްހާ ދުވަހަށް ކުރިއަށް ގެންދިޔަ އެ މުބާރާތް ނިންމާލިއިރު ޗެންޕިއަންކަން ލިބުނީ އަފްނާންމެންނަށެވެ. އެ ހަފްތާގައި އަފްނާންއާ މައުވާއާ ދެމީހުންނަށް ދިމާވެވޭގޮތް ނުވީވެސް މުބާރާތުގެ ސަބަބުންނެވެ. އެހެންނަމަވެސް މުބާރާތް ނިންމާލި ދުވަސް ނޫން އަނެއް ދުވަހު އަފްނާން މައުވާގެ ގާތުގައި އޭނާއާ ބައްދަލުކުރަން އެދުނެވެ. އެރޭ އެ ދެމީހުން ބައްދަލުކުރަން ދިޔައީ އާރޓިފިޝަލް ބީޗަށެވެ. މައުވާއަށް އަފްނާން އަނގޮޓި ދިނީ އެރެއެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި ގެއަށް އައި މައުވާއަށް އެރޭ ޔަޤީންކަން ލިބުނީ އަފްނާން އޭނާ ދޫކޮށްލާފައި ދުވަހަކުވެސް ނުދާނެކަމުގައެވެ. އަފްނާންގެ ކޮންމެ އާދައަކުން އެކަން އެބަ އޭނާއަށް ސާބިތުކޮށްދެއެވެ. އޭނާ ދެކެ ލޯބިވާ މިންވަރު އެބަ ބުނެދެއެވެ. އަފްނާން އާ ގުޅުމުގެ ކުރިން އޭނާ އެންމެ ބޮޑަށް އެ ގުޅުމަށް އާބަސް ދޭން ޖެހިލުންވި ސަބަަބަކީ ޔުނިވާސިޓީގެ ބައެއް ކުދިންގެ ފަރާތުން އޭނާގެ ކަންފަތަށް އަފްނާންއޭ ކިޔައިގެން އިވިފައިވާ ބަސްތަކެވެ. އަދި އޭރު ފެނުނު މަންޒަރުތަކެވެ. އަފްނާންއަކީ އެއް އިރެއްގައިވެސް ސީރިއަސްކޮށް އެއްވެސް ކުއްޖަކާ ގުޅޭ ޒުވާނެއް ނޫންކަމުގައި އޭނާއަށް އިވިފައިވެއެވެ. އަދި އެއީ ޔުނިވާސިޓީ ގައިވެސް އަންހެން ކުދިންގެ މެދުގައި މަޤުބޫލު މޫނެއްކަން އޭނާއަށް އެނގެއެވެ. އަންހެން ކުދިންގެ އެދުމަށް ޑޭޓުތަކަށް ދާކަމަށާއި އެހެންނަަމަވެސް، އެއިން އެއްވެސް ކުއްޖަކާ ލޯބީގެ ގޮތުން ސީރިއަސް ގުޅުމެއް ނުބާއްވާކަމުގައި އަބަދުވެސް އަޑު ފެތުރެއެވެ. އޭރު އެއީ ތެދެއްކަންވެސް މައުވާއަށް އެނގެއެވެ. ކްލާހުގައި ތިބޭ ގިނަ އަންހެން ކުދިންވެސް ތިބެނީ އަފްނާންއާ ހެދި މޮޔަވެފައެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް އަފްނާންއާއެކު ހޭދަކޮށްލެވުނު ނަމަވެސް، އެމީހުން ތިބެނީ އުފަލުންނެވެ. ސަބަބަކީ އަފްނާންއާއެކު އެގޮތަށް ދާ ކޮންމެ ކުއްޖަކަށްވެސް، އަގު ބޮޑެތި ހަދިޔާތައް އޭނާގެ ފަރާތުން ލިބޭތީއެވެ. އަފްނާންގެ އެ ހުރިހާ ކަމެއް ބަދަލުވީ އޭނާއާ ދިމާވުމުންކަން ވެސް މައުވާއަށް އެނގެއެވެ. އެކަމަމާ ގުޅުވާފައި މިހާރު އަފްނާން ކުށްވެރި ކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މިއަދު އަފްނާންއަކީ މުޅިން ބަދަލުވެފައިވާ މީހެކެވެ. އަފްނާން އެވަނީ އޭނާއަށްޓަކައި ބަދަލުވެފައެވެ. އޭނާގެ ލޯތްބަށްޓަކައި ބަދަލުވެފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު