އާއްމުގޮތެއްގައި މީރު ސައިތަށްޓެއް ބޯލުމަށް ގިނަ ބަޔަކު ހޭދަކުރާނީ އެންމެ ގިނަވެގެން 30 ރުފިޔާއެވެ. އަވަށްޓެރި އިންޑިއާގައި އާއްމުގޮތެއްގައި ސައިތަށްޓެއް ބޯލަން ހޭދަކުރާ އަދަދަކީ ދިހަ ރުޕީސްއާ 30 ރުޕީސްއާ ދެމެދުގެ އަދަދެކެވެ.
އެހެން ނަމަވެސް ދުބާއީގެ ކެފޭއެއް ކަމަށްވާ ބޯހޯ ކެފޭއިން ތައްޔާރު ކުރާ ހާއްސަ ސައެއްގެ އަގަކީ އެއްލައްކަ އިންޑިއާ ރުޕީސް (1200 ޑޮލަރު)އެވެ. އިންޑިއާއަށް ނިސްބަތްވާ ސުޗޭތާ ޝަރުމާ ނަމަކަށްކިޔާ މީހަކު ހިންގާ މި ކެފޭއިން އޭނާ ދާދިފަހުން ވަނީ "ގޯލްޑް ކަރަކް"ގެ ނަމުގައި އާ ވައްތަރެއްގެ ސައެއް އިޝްތިހާރު ކުރަން ފަށާފައެވެ.
މި ސައިގެ އަގު މިހާ މައްޗަށް ގޮސްފައިވުމުގެ ސިއްރަކީ އެ ސައި ތައްޔާރު ކުރުމަށް 24 ކެރެޓެގު ރަނުގެ މައުދަން އެކުލެވޭ ސައިފަތް ބޭނުންކުރުމުގެ އިތުރުން އަސްލު ސިލްވަރު ޖޯޑުގައި ސައި ކަސްޓަމަރުންނަށް ދިނުމެވެ. މިދިޔަ މަހުތެރޭ ދުބާއީގެ އެމިރޭޓްސް ފައިނެންޝަލް ޓަވަރުގައި ހުޅުވުނު މި ކެފޭއަށް އާއްމުންގެ ސަމާލުކަން ވަނީ ލިބިފައެވެ.
އެގޮތުން އަގުބޮޑު ސަޔާ އެކުއެހާ އަގުހުރި ކްރޮސޯންޓް ވެސް ކަސްޓަމަރުންނަށް ލިބެން ހުރިއިރު މި ކެފޭއިން ވިއްކާ ކްރޮސޯންޓްގައި ވެސް ރަނުގެ މައުދަން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމައެއާއެކު ރަނުގެ މައުދަން އެކުލެވޭ ބާގާ އަދި އައިސްކްރީމް ވެސް ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކެފޭއިން ސައި ގަންނަ ކަސްޓަމަރުން ބޭނުންނަމަ ސައި ތައްޔާރުކުރެވިފައިވާ ޖޯޑު ސެޓު ގެއަށް ގެންދެވޭނެ ކަމަށް ވެސް ދުބާއީގައި ނެރޭ ނޫހެއް ކަމަށްވާ ޚަލީޖް ޓައިމްސްގައި ވަނީ ބުނެފައެވެ.
މި ޚަބަރު އިންޓަނެޓުގައި ދައުރުވާން ފެށުމާ އެކު އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް މިކަމަށް ލިބި ބައެއް މީހުން ވަނީ މި ކެފޭއިން ތަކެތި ޓޭކްއަވޭ ކޮށް ދަތުރުކުރަން ވިސްނާނަމަ ކަސްޓަމްސްއިން ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެތޯ ސުވާލުކޮށްފައެވެ.