ޔަލްވީގެ ގިސްލުމުގެ އަޑު ކެނޑުނެވެ. ހަށިގަނޑުގެ ހަރަކާތް ހުއްޓެއް ނެގީ މަދު ސިކުންތުކޮޅެކެވެ. ރަޔާންގެ އަތުގެ ތެރެއަށް ޔަލްވީގެ ހަށިގަނޑު ދެމުނެވެ.
********
"ޔަލްވީ؟" ރަޔާން ހާސްވެފައި ޔަލްވީ ކުޑަކޮށް ދުރުކޮށްލިއެވެ.
ޔަލްވީގެ ހަށިގަނޑުގައި ހަރަކާތެއް ނެތެވެ. ދެލޯ ވަނީ މެރިފައެވެ. ނޭފަތުން އައިސްފައިވާ ލޭ މަނާވެފައިވިޔަސް، ލޭގެ އަސަރު ތާޒާކަމާއިއެކު، މޫނުން ފެންނަން ހުއްޓެވެ. ރަޔާންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. ޔަލްވީއަށް އެވަރުވެފައިވާކަމަށް ރަޔާން ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ރަޒީނާ ވަކިވެގެން ދިޔަގޮތަށް ޔަލްވީވެސް ރަޔާނާއި ދުރަށް ދަނީ ހެއްޔެވެ؟
"ނޯ....ނޯ...ނޯ....." ރަޔާން ހާސްވިއެވެ. ޔަލްވީގެ ކޮލުގައި ހިފައި ތަޅުވައިލިއެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ.
"ކިހިނެއްވީ؟" ރަޔާނަށް ހަމަހޭވެރިކަންވީ ދޮރުމަތިން އަފްސަމްގެ އަޑު އިވުމުންނެވެ.
"ޔަލްވީ... މީ..ހަ..ކު...." ރަޔާނަކަށް ވާހަކައެއް ނުދެއްކުނެވެ.
"އިހަށް ހިނގާ އެނދުގަ ބާއްވާލަމާ" އަފްސަމް ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން ގޮސް، ޔަލްވީގެ ގައިގައި ހިފެހެއްޓިއެވެ. "ރަޔައްޓެ މަޑުކުރޭ! ފަޔަށް ތަދުވެދާނެ. އަހަރެން ބާއްވާލާނަން"
ޔަލްވީ އެނދުގައި ބާއްވާފައި އަފްސަމް ކާރަކަށް ގުޅިއެވެ. ރަޔާންގެ ދެއަތުގެ ތެރޭގައި ޔަލްވީގެ ފިނިވެފައިވާ އަތްތިލަ އޮތްއިރު، ދެން އެ އަތުން ދޫކޮށްނުލާނަމޭ ބުނާފަދަ ނަޒަރަކުން ރަޔާން އިނީ ޔަލްވީގެ މޫނަށް ބަލާށެވެ. ރަޔާން އިރުއިރުކޮޅުން ޔަލްވީގެ މޭގައި އަތް ޖައްސައިލައެވެ. ވިންދު ހުރިތޯ ބަލައެވެ. އޭނާއަށް ހަމަޖެހުމެއް ލިބުނީ ޔަލްވީ ނޭވާލާކަން ޔަގީންވުމުންނެވެ.
"އަދި ފަސްވަރަކަށް މިނެޓު ވާނެޔޯ އަންމަޑޭ ބުނީ" ފޯނު ނިންމާފައި އަފްސަމް ބުނެލިއެވެ. "ކިހިނެއްތަ އަސްލު ވީ؟"
ރަޔާން ވީގޮތް ކިޔައިދިނުމުން، އަފްސަމްގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.
"އެމީހެއް ފެނުނުތަ؟" އަފްސަމް ސުވާލުކުރިއެވެ.
ރަޔާން ބޯ ހޫރައިލިއެވެ.
"ޔަލްވީއަކަށްވެސް ނުފެނޭ؟" އަފްސަމް ބޭނުންވީ ޔަގީންކުރާށެވެ.
"ހިއެއްނުވޭ" ރަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ. "ކާކުބާ އެއީ؟ އެމީހަކު އަތުޖެހޭ ދުވަހަކުން..."
"ދެން އެވާހަކަ ނުދައްކާ" އަފްސަމް ރަޔާންގެ ވާހަކަ ހުއްޓުވިއެވެ. "ތިކަން ކުރި މީހަކު ހޯދާނީ އަހަރެން. ތިކަން އަހަންނަށް ދޫކޮށްލާ!"
********
ޔަލްވީއަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ހަށިގަނޑުގެ ހަކަތަ ހުސްވެފައިވާތީ އައިވީއެއް ގުޅަންޖެހުނެވެ. އައިވީފުޅި ހުސްވުމުން ގެއަށް ދޫކޮށްލާނެކަމަށް ޑަކްޓަރު ބުނިނަމަވެސް ރަޔާން އިނީ ހާސްވެފައެވެ. ނިދީގައިވެސް ޔަލްވީ ސިއްސައިގެންދާތީ، ރަޔާނަށް އިންނަންޖެހުނީ ޔަލްވީގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެންމެ ވަގުތުކޮޅަކަށްވެސް ޔަލްވީ އާއި ދުރަށް ދާކަށް ރަޔާން ބޭނުމެއް ނުވިއެވެ.
ޔަލްވީ އުނދަގޫ ގޮތަކަށް ފުރޮޅިލިއެވެ. ލޯ ހުޅުވާލިގޮތަށް ރަޔާންގެ އަތް ފޮޅުވައިލާފައި، ފުންމައިގެން ތެދުވިއެވެ. ޔަލްވީގެ ދެލޮލުން ފެނުނީ ސިހުމެވެ. ބިރެއް ފެނިގެން އުޅޭހެން ޔަލްވީ ފުންކޮށް ނޭވާލާން ފެށިއެވެ. ވަށައިގެން ހޯދަންފެށިގޮތުން ރަޔާނަށް ކަށަވަރުވީ ޔަލްވީ އަދިވެސް ހަމައަކަށް ނޭޅޭކަމެވެ. ރަޔާން ޔަލްވީގެ ކައިރީގައި އިނދެފައި، މަޑުމަޑުން ދެކޮނޑުގައި ހިފެހެއްޓިއެވެ. އެއަށްފަހު، ދެކޯތާފަތުގައި ހިފައި، ރަޔާނާއި ދިމާއަށް މޫނު އަނބުރައިލީ ނުހަނު ލޯބިންނެވެ.
"ދެން އެއްވެސް މީހަކަށް ޔަލްވީގެ ގަޔަކު އަތެއް ނުލެވޭނެ!" ޔަލްވީ ގެނެސް މޭގައި ޖައްސާލަމުން ރަޔާން ބުނެލިއެވެ.
ޔަލްވީ ހިމޭންވިއެވެ. ކުޑައިރުކޮޅަކުން އިވެންފެށި މަޑު ގިސްލުމުގެ އަޑުން ތަނުގެ ހިމޭންކަން ގެއްލުނެވެ. ނަރުސްކުއްޖަކު އައުމުން، ރަޔާން އަތުގެ އިޝާރާތުން ފަހުން އައުމަށް އެދުނެވެ. ބޭރުފުށުން މާބޮޑު އަނިޔާއެއްވެފައި ނެތަސް ވެދިޔަ ކަންތަކުގެ ސަބަބުން ޔަލްވީއަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
"އައިއޭމް ހިއަރ ފޯރ ޔޫ...." ޔަލްވީގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލަމުން ރަޔާން ބުންޏެވެ.
ޔަލްވީގެ ހަބަރު ލިބިގެން ލިމްޔާ ހޮސްޕިޓަލަށް ދިޔައީ ދުވެފައެވެ. އެތެރެއަށް ވަންއިރު، ވަރުބަލިވެގެން ލިމްޔާއަށް މާނޭވާ ލެވެއެވެ. ވޯޑުގެ ތެރެއަށް ވަން ލިމްޔާގެ ފިޔަވަޅުތައް މަޑުޖެހުނީ، ފެނުނު މަންޒަރުންނެވެ. ރަޔާން އާއި ޔަލްވީގެ ގާތްކަން ފެނި ލިމްޔާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ރަޔާން އެންމެފަހުން ބުނި ޖުމުލަ ލިމްޔާއަށް ރީތިކޮށް އަޑު އިވުނެވެ. ރަޔާން އެހާ ލޯބިން ދުވަހަކުވެސް މީހަކާއި ވާހަކަދެއްކި އަޑެއް ލިމްޔާ ނާހައެވެ. ލިމްޔާ ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ވޯޑުން ނުކުތެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ލިމްޔާ ވޯޑަށް ވަން މަންޒަރާއި ނުކުމެގެންދިޔަ މަންޒަރު އަފްސަމްއަށް ފެނުނެވެ. އެ މޫނުގެ އަސަރުތައްވެސް މެއެވެ. އަފްސަމް ވޯޑުގެ ދޮރުމަތީގައި ހުއްޓި، އެތެރެ ބަލައިލިއެވެ. އޭރުވެސް ރަޔާންގެ ދެއަތް ވަނީ ޔަލްވީގެ ގައިގައި ވަށާލެވިފައެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު، ލިމްޔާއަށް ގިސްލާފައި ރޮވެން ފެށުނެވެ. ރަޔާންއަކީ އެހެން މީހެއްގެ ހައްގެކެވެ. ދިރިއުޅުމުގައި އެމީހަކު ބޭނުންވާ ހުރިހާ ކަމެއް ނުވާނެކަމާއި، ބޭނުންވާ ހުރިހާ އެއްޗެއް ނުލިބޭނެކަން އަމީރާ އަބަދުވެސް ހަނދާންކޮށްދެއެވެ. ނަމަވެސް އެންމެ ލޯބިވާ ފަރާތް އެހެން މީހަކާއިއެކީ އުޅޭތަން ފެނުމުން ހިތަށް އަސަރު ނުކުރާނީ ފަހެ ކާކުގެ ހެއްޔެވެ؟ ލިމްޔާގެ އުފާވެރިކަން ރަޔާނާއި ގުޅިފައިވިޔަސް، ރަޔާންގެ އުފާވެރިކަން ގުޅިފައިވަނީ އެހެން މީހަކާއެވެ.
********
ފަހަތުން މީހެއްގެ ހިލަން ވިހެން ހީވެ، ރަޔާން ފަސްއެނބުރި ބަލާލީ ނަރުސްކުއްޖަކު އައީ ކަމަށް ހީކޮށެވެ. އެތެރެއަށް ވަނީ އަފްސަމެވެ. އަފްސަމްގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ. ރަޔާނަށް ތެޅިގަނެވުނެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރި ހެންނެވެ. ރަޔާން ހާސްވެފައި ފުރަތަމަވެސް ބަލައިލީ ޔަލްވީ އަށެވެ. ރަޔާންގެ މޭގައި މޫނު ޖައްސާލިގޮތަށް ޔަލްވީއަށް އޮތީ ނިދިފައެވެ. އަފްސަމް ދިމާކުރާނެކަން ރަޔާންއަށް އެނގުނެވެ. އަވަސް އަވަހަށް ޔަލްވީ އެނދުގައި ބޭއްވިއެވެ.
"އަހަރެން ހީކުރީ ލައިލާ މަޖުނޫނު ކަމަށް" އަފްސަމް ރަޔާނާއި ދިމާކުރިއެވެ.
"ޝްޝްޝް..." ޔަލްވީއަށް ހޭލެވިދާނެތީ ރަޔާން ބިރުގަތެވެ. "މިތާކު ނޫން"
ރަޔާން އަވަސް އަވަހަށް ތެދުވިއެވެ. އަފްސަމްގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ޔަލްވީ އޮތް އެނދާއި ދުރަށް ގެންދިޔައެވެ. އަފްސަމް ދިމާކުރުން ނުހުއްޓާނެކަން ރަޔާނަށް އެނގެއެވެ.
"ކޮބާތަ އެއްކަލަ ނަފުރަތު؟ ލޯތްބަށް ބަދަލުވީތަ؟" އަފްސަމް ދިމާކުރުން ހުއްޓައެއް ނުލިއެވެ. "އަހަރެން ހިއެއް ނުކުރަން ތިހާ އަވަހަށް ކުރިއަށް ޖައްސާލަފާނެ ކަމަކަށް..."
"ދިމާކުރަންތަ ތިއައީ؟" ރަޔާން އަހައިލިއެވެ.
"އަހަންނަށް މިފެންނަނީ ހުވަފެނެއްތަ؟" އަފްސަމް ހޭން ފެށިއެވެ. "ދެމީހުން ތަތްވެގެން ތިބިގޮތުން އަހަރެން ހީކުރީ ދަގަތްފާނުގަނޑެއްގަ ދަގަނޑުގަނޑެއް ތަތްވެފަ އިނީ ކަމަށް. ނައްޓުވަންވެގެން އަންނަނިކޮށް އަމިއްލައަށް ނެއްޓިއްޖެ"
އަފްސަމް ދިމާކުރަން ފެށުމުން ރަޔާނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ހިތުގައި ކުރިން ނުޖަހާ ވިންދެއް ޖަހަން ފެށިކަމުގެ އިހުސާސް ކުރެވުނެވެ. ކުރިންވެސް ޔަލްވީއޭ ކިޔައިގެން އެތައް ފަހަރަކު އަފްސަމް އޭނާއާއި ދިމާކުރިއެވެ. އޭރު ރަޔާންގެ ހިތަށް ވެރިވަނީ ފޫހިކަމެވެ. އެކަމަކު، މިއަދު ރަޔާންގެ ހިތަށް އުފާވެރިކަން ލިބުނީ ކީއްވެ ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން ރަޔާނަށް ހިނިތުންވެލެވުނެވެ.
"އަހަންނަށް ޔަގީން އިރުކޮޅަކުން ލައިލާ އިންނާނީ މަޖުނޫނުގެ ބޮލަށް އަރާކަން. ވިސްނައިގެން އުޅޭތި! ތީ ވަގުތީ ކަމެއް" ރަޔާންގެ ހިނިތުންވުން ފެނި އަފްސަމްގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.
"ތިއެއް ނޫނޭ" ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ރަޔާން ބުނެލިއެވެ. "އަފްސަމް ބުނީމެއްނު ޕޮލިހުގަ އަފްސަމްގެ ރައްޓެއްސަކު އުޅޭ ވާހަކަ. ކީކޭތަ، އާނ، ރިވާން ދޯ. އަހަރެން ބޭނުން އޭނަޔާ ބައްދަލުކޮށްލަން. އަހަންނަށް ފެނުނު މަންޒަރުން އެމީހެއްގެ ވަރަށް މުހިއްމު ވާހަކައެއް ބުނަން ބޭނުން"
"ކޮން ވާހަކައެއް؟ އަހަރެން ކައިރީ ބުނޭ! އަހަރެން ރިވާން ކައިރީ ބުނެފާނަން" އަފްސަމް އެދުނެވެ. "ރަޔައްޓެ މިދުވަސްކޮޅު މިކަމުގެ ތެރެއަށް ނުވަދެ ޔަލްވީއަށް ވަގުތު ހުސްކުރޭ!"
"އޭނަގެ އިސްކޮޅު. އަހަންނަށް ލަފާކުރަން އެނގޭ އެމީހެއްގެ ދިގުމިން" ރަޔާން ބުނެލިއެވެ.
"ތީ ވަރަށްބޮޑު ކުރިއެރުމެއް" އަފްސަމްގެ ދެލޯ ވިދައިލިއެވެ.
"އެމީހަކު އަހަންނަށްވުރެ ދިގު. މިހާތަން" ރަޔާން އޭނާގެ ބޮލުގެ މައްޗަށް އަތް އުފުލާލާފައި، އޭނާއަށް ޔަގީންވާ ހިސާބު ދައްކައިލިއެވެ. "ޔަގީނުންވެސް އެއީ ޒުވާނެއް. އަހަންނަށްވުރެ ހަށިގަނޑުވެސް ރަނގަޅު. މިރަށުގަ އިސްކޮޅުން އެހާ ދިގު އުޅޭނީ ވަރަށް މަދު ބައެއްނު. ޔެސް، އަދި އެއް ކަމެއް. އެމީހެއްގެ ފިޔަވަޅު ހުންނާނެ ކުޑަދޮރުން ބޭރުގަ. އަފްސަމް ގޮސް ބަލާލަދީބަލަ"
"މި ހުރިހާ ކަމެއްގެ ފަހަތުގަ ހުރީ އެންމެ މީހެއް" އަފްސަމް ޔަގީންކަމާއިއެކު ބުނެލިއެވެ. "ރަޔައްޓެގެ އެކްސިޑެންޓާ ޔަލްވީއަށް ތި ދިމާވި ކަންތަކާ ގުޅުމެއްވޭ"
އަފްސަމް ދެއްކި ވާހަކަ ރަޔާނަށްވެސް ގަބޫލުކުރެވުނެވެ. އެކަމަކު އެމީހެއްގެ މަގުސަދަކީ ކޮބައިކަމެއް ރަޔާނަކަށް ނުވިސްނުނެވެ. ރަޔާނަކީ، އެހެން މީހަކަށް އުނދަގުލެއް ކުރި މީހެއް ނޫނެވެ. މީހަކާއިމެދު ޒާތީ ހަސަދަވެރިކަމެއް ނުގެންގުޅެއެވެ. ވެދިޔަ ކަންތައް ނިމާލުމެންނަށް އެނގިގެން ބޮޑު ކަންތައްގަނޑަކަށް ވާކަށްވެސް ރަޔާން ބޭނުމެއް ނުވެއެވެ. ރަޔާނަށް އޮތް ހަމައެކަނި އުއްމީދަކީ އަފްސަމެވެ. އޭނާ އަފްސަމަށް އިތުބާރު ކުރެއެވެ.
"އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ" ރަޔާން އިސްޖަހައިލިއެވެ.
"ތިބުނީ؟" ރަޔާން ކުއްލިއަކަށް އެހެން ވާހަކައެއް ފެށުމުން، އަފްސަމް ހުރީ ވާނުވާ ނޭނގިފައެވެ.
"އަހަންނަށް..... ލިމްޔާގެ ކައިރިން.... ކައިވެން..ޏަށް... އެހިއްޖެ....." ރަޔާންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
"ކައިވެންޏަށޭ؟" ޔަގީން ނުވެގެން އަހާ ކަހަލަ ގޮތަކަށް އަފްސަމް އަހައިލިއެވެ. ރަޔާން ބޯ ޖަހައިލުމުން، އަފްސަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. "ރަޔައްޓެ މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެން ކުރިކަމެއް އެއީ؟"
ރަޔާން އާއި އަފްސަމް ދެއްކި ވާހަކަ ތިންވަނަ ފަރާތެއްގެ ކަންފަތާއި ހަމައަށް ފޯރިކަމެއް ދެމީހުންގެ ތެރެއިން އެކަކަށްވެސް ނޭނގެއެވެ. ކުޑަދޮރު ކައިރީގައި އެމީހަކު ހުރީ އަނގަމަތީގައި އަތްއަޅާލި ގޮތަށް ނަގަންވެސް ނޭނގިފައެވެ.
"އާނ! އެއީ އަހަރެންގެ މޮޔަކަމުން ކުރެވުނު ކަމެއް" ރަޔާން އެއްބަސްވިއެވެ. "ޔަލްވީ ނޫން މީހަކު އަހަރެންގެ ހަޔާތުގަ ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން. އަމުދުން މިހާރު"
"ދެން ކިހިނެއް ހެދޭނީ؟" އަފްސަމްއަށް ގޮތް ހުސްވިއެވެ.
"އަހަރެން މިހުރީ އެކަމާ ބޯގޮވާފަ. އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ" ރަޔާން ތަފްސީލް ދިނެވެ. "ޔަލްވީއާ ފޭސްކުރަން އުނދަގޫވެގެން އެތައް އިރަކު ބަނދަރު ޖޯލީގަ އޮވެފަ ގެއަށްވެސް ދިޔައީ. އަސްލު ވަރަށް އެހެން ކަހަލަ ގޮތަކަށް ވީކަމެއް އެއީ"
(ނުނިމޭ)