ބްރައިޓަންއިން ބޯންމޯތުގެ މައްޗަށް ކުރި ހޯދައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބޯންމޯތު ބައްދަލުކުރި މެޗު ބްރައިޓަންއިން ކާމިޔާބު ކޮށްފިއެވެ.

ބޯންމޯތުގެ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަންއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބޯންމޯތުންނެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ފުރަތަަމަ އެއް ގަޑިއިރު މޮޅަށް ކުޅެފައިވަނީ ބްރައިޓަން އިންނެވެ. އަދި މިމެޗު އެ ޓީމުން ފަށާފައިވަނީ ވެސް އެހާމެ ފޯރީގައެވެ.

މި ގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބްރައިޓަންއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޮ ޕެޑްރޯއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މި މެޗުގައި ބްރައިޓަންއިން ކާމިޔާބުކުރި ދެ ވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކައޮރޫ މިޓޯމާއެވެ. މި ލަނޑާއެކު ބްރައިޓަންއިން ހަމަޖެހިލި ނަމަވެސް އޭގެ 10 މިނެޓްފަހުން އެ ޓީމުގެ ކާލޯސް ނޫމް ކުއޯމާ ބަލޭބާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި ހިސާބުން އަނެއްކާވެސް އެ ޓީމަށް ހާސްކަން ލިބިގެންދިޔައެވެ. އަދި ދެން ފެނިގެންދިޔައީ ބޯންމޯތުން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރި ތަނެވެ. އަދި މިގޮތުން ނުރައްކާތެރި ހަމަލާތަކެއް ބްރައިޓަންގެ ގޯލަށް ފޮނުވާލި ތަން ފެނިގެންދިޔައެވެ. ނަމަވެސް އެ ޓީމަށް މި މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ޖެހިފައިވަނީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ކަމުން އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ބްރައިޓަންއިން މިހާރު ވަނީ 22 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ބޯންމޯތު އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. މި މުބާރާތުގައި ޗެލްސީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ޗެލްސީއިން ވަނީ ތާވަލްގެ ތިން ވަނައަށް ކުރިއަށް ޖެހިލާފައެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީއިން ކާމިޔާބު ކުރީ ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކްލަސް ޖެކްސަން އާއި އެންޒޯ ފެނާންޑޭޒްއެވެ. އަދި ލެސްޓާގެ ލަނޑު ކާމިޔާބު ކޮށްދިނީ ޕެނަލްޓީ އަކުން ޖޯޑަން އަޔޫއެވެ. މި ކާމިޔާބީއާއެކު ޗެލްސީ ތިންވަނައަށް ކުރިއަށް ޖެހިލާފައިވަނީ 22 ޕޮއިންޓާއެކުއެވެ. އަދި ލެސްޓާ އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

މީގެ އިތުރުން އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން ދެ ޓީމުވީއެއްވަރެވެ. މި މެޗުގައި އިސްމައިލަ ސާ އާއި ޖަސްޓިން ޑެވެނީ ޖަހައިދިން ދެ ލަނޑުން ޕެލަސް ދެފަހަރަށް މެޗުގައި ލީޑު ނެގި ނަމަވެސް ވިލާއިން ވަނީ އޮލީ ވޮތްކިންސް އާއި ރޮސް ބާކްލީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ދެ ފަހަރު ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗު އެއްވަރުވުމުން 19 ޕޮއިންޓާއެކު ވިލާ އަށް ވަނައިގައި އުޅޭއިރު ޕެލަސް އުޅެނީ އަށް ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު