އެ ހިތާމައިގެ ތެރެއިން މާޒީގެ ޚިޔާލުތައް އޭނާއަށް ގޯނާކުރަން ފެށިއެވެ. އެ ހިނދު މައުވާގެ ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާލިހެން ހީވެ ވަށައިގެން ބަލާލެވުނެވެ.
**ދެ އަހަރު ކުރި**
ބްރިޖު މަތިން ހުޅުމާލެއަށް ދުއްވަމުން ދިޔަ އަފްނާންގެ ސައިކަލު ފަހަތުގައި، އިނީ މައުވާ ނޫން ދެވަނަ އަންހެން ކުއްޖެއް ނޫނެވެ. ފުދޭވަރަކަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދިޔައިރު، ޖެހެމުން ދިޔަ ބާރު ވައިރޯޅިތައްވެސް ސައިކަލުގެ ސްޕީޑުގެ ސަބަބުން އަދި މާ ބާރުހެން ހީވެއެވެ. ވާރޭ ނުވެހުނަސް ފިނި ރެއެއްކަމުން މައުވާ އިނީ ހީކަރުވައިގެންފައެވެ.
"ފިނިވަނީތަ؟" ލޯގަނޑުން މައުވާއަށް ބަލާލާފައި އަފްނާން ސުވާލުކޮށްލުމުން މައުވާ ބޯ ޖަހާލިއެވެ.
"ހާދަ ދުރުގައޭ ތި އިންނަނީ؟ ކުޑަކޮށް ކައިރިއަށް ޖެހިލިޔަސް މައްސަލައެއް ނެތޭ." އަފްނާން އަނެއްކާވެސް ބުނެލިއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ މައުވާއަށް އަޑު އިވޭވަރަށް ބާރަށެވެ. އަފްނާންގެ އެ ޖުމްލައާއެކު މައުވާގެ މޫނުމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވެ، އޭނާއަށް އިސްޖަހާލެވުނެވެ.
"ތިހާ ފަހަތުގަ އިންނަނިކޮށް ވެއްޓިދާނެ." މައުވާއަށް ވީ ގޮތުން، އަފްނާން އަނެއްކާވެސް ބުނެލިއެވެ.
އަފްނާންގެ އެ ފަދަ ސަމާސާތަކުގެ ސަބަބުން މައުވާއަށް ލަދުވެތިކަން އިޙްސާސްކުރެވުނު ނަމަވެސް، އޭނާގެ ހިތަށް އުފާވެރިކަމެއްވެސް ވެރިވެފައިވެއެވެ. އެ ހިތް އަފްނާންއާ ދިމާލަށް ދީލައިލީ އަދި އިހަކަށް ދުވަހު ނަމަވެސް، މިހާރު އޭނާގެ ހިތްވެސް އެވަނީ ލޯތްބޭ ކިޔާ ޖަޒުބާތުތަކުގެ ޝިކާރައަކަށް ވެފައެވެ.
އެ ދެމީހުން ގޮސް މަޑުކޮށްލީ ހުޅުމާލެ ފޭސް ދެއަކަށް އަރާ ބްރިޖު ކައިރީގައެވެ. އެއްފަރާތު ގަސްތަކުގެ ކައިރީގައި ސައިކަލު ޕާކުކޮށްލާފައި ގޮސް އިށީނީ އެތަނުގައި ހުރި ބެންޗުތަކުން ބެންޗެއްގައެވެ. މައުވާ ތަންކޮޅެއް ދުރުގައި އިނުމުން އަފްނާން މައުވާއާ ކައިރިވެލިއެވެ.
"ކީއްވެތަ އެހާ ދުރުގަ ތި އިންނަނީ؟" އަފްނާން މަޑުމަޑުން މައުވާގެ ފިނިވެފައިވާ އަތްތިލައިގައި ހިފައްޓާލިއެވެ. މައުވާ އަފްނާންއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު، މައުވާގެ ހީނލިއެވެ.
"މިރޭ ކީއްވެތަ މާ ބަސް މަދުވެފަ ތި އިންނަނީ؟ ގައިމު ތީ ކުރީގެ މައުއެއް ނޫން. މިރޭ މިތަނަށް އަހަންނާއެކު ތިއައީ އަަހަންނަށް މައުގެ ލައިފްއިން ޖާގައެއް ދޭކަށް ނޫންތަ؟" އަފްނާން ސުވާލުކޮށްލިއެވެ. "މައޫ"
"ހޫމް." މައުވާ ހަމައެކަނި ބުނެލީ އެހެންނެވެ. އޭނާ އަފްނާންއަށް ބަލައިލާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުން އަފްނާންއަށް އޭނާ ބޭނުންވާ ސުވާލުގެ ޖަވާބު ލިބިގެން ދިޔައެވެ. އެއާއެކު އެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އެންމެފަހުން މައުވާގެ ލޯބި އޭނާއަށް ކާމިޔާބުވެއްޖެކަމުގެ އިޙްސާސްއާއެކު، އަފްނާންއަށް ލިބުނީ ބުނެދޭން ނޭނގޭ ހަމަޖެހުމެކެވެ. އޭނާ ހިފައްޓާލާފައިވާ މައުވާގެ އަތަށް ބާރުކޮށްލިއެވެ.
އަދި އޭނާ މައުވާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މަގުގެ އެއްފަރާތުގައި ދިއްލާފައިވާ ބައްތިތަކުގެ އަލި، ކޮންމެވެސް ވަރަކަށް ފޭދިގެން އައިސް އެ ހިސާބަށް އެޅިފައިވުމުން އެ އޮރެންޖު ފަނޑު އަލިކަމުގެ ތެރެއިން މައުވާގެ މޫނު ފެންނަނީ ހިތް ދަމައިގަންނަހާ ފުރިހަމަކޮށެވެ. ޖެހެމުންދިޔަ ވައިރޯޅިތަކާއެކު، މައުވާގެ ފަން އިސްތަށިތައް ނަށައިގަންނަ ކޮންމެ ފަރަކު މައުވާ އެ އިސްތަށިތައް އެއްފަރާތްކޮށްލަން އުޅޭ މަންޒަރު ފެނި އަފްނާންއަށް ކަޅި ޖަހާނުލާ މައުވާގެ ހަރަކާތްތަކަށް ބަލަން އިނދެވެއެވެ. އެފަދަ ފަހަރެކެވެ. އަފްނާން މައުވާގެ އިސްތަށިކޮޅެއް އޭނާގެ ކަންފަތް ދޮށަށް ލައްވާލަދޭން އެހީތެރިވެދިނެވެ. އެވަގުތު އަފްނާންގެ އަތުގެ ބީހުން މައުވާގެ ކޯތާފަތާ ދިމާލަށް އިޙްސާސްވުމާއެކު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަފްނާންގެ އަތް އޭނާއަށް ދުރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އަފްނާން ނޫނީ އެފަދަ ފުރުސަތެއް އޭނާ މީގެ ކުރިން ދުވަހަކުވެސް އިތުރު މީހަކަށް ދީފައެއް ނުވެއެވެ. އޭނާގެ ޙަޔާތުން ހަމަ އެކަނި ޖާގަ ދެވުނު ޒުވާނަކީ އަފްނާންއެވެ.
މައުވާގެ އުމުރުން 24 އަހަރުވެފައިވާއިރު އޭނާ ދުވަހަކުވެސް ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިފައެއް ނުވެއެވެ. ދުވަހަކުވެސް އެ ނިޔަތުގައި ފިރިހެން ކުއްޖަކާ ވާހަކަ ދައްކާފައެއް ވެސް ނުވެއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ކިޔެވުމަށެވެ. އަފްނާންއަށް އޭނާ ފުރުސަތު ދިނީ ވަރަށް އިތުބާރުކޮށްފައެވެ. އޭނާގެ ހިތުގައިވި އިޙްސާސަތަކަށް ޤަދަރުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައެވެ.
"އަހަންނަށް އިތުބާރުކުރަންތަ؟" ވެރިވެގެންދިޔަ ހިމޭންކަމުގެ ސުކޫތަކަށްފަހު، އެ ހަމަހިމޭންކަން ފޫދުއްވައިލީ އަފްނާންއެވެ.
"ޓްރަސްޓް ކުރާތީ މިރޭ މިތަނުގައި މިއިނީ." މައުވާ ބުނެލިއެވެ.
މައުވާގެ ވާހަކައިން އަފްނާން ވެސް ހިނިތުންވެލިއެވެ. އޭނާ މައުވާއަށް ވައުދުވިއެވެ. މައުވާގެ އުފާތަކަށް އިސްކަން ދޭނެކަމަށާއި މައުވާއަށް ދެރައެއް ނުދޭނެކަމަށް ބުނެއެވެ. މަައުވާގެ ހިތަކީ އޭނާގެ އަމާނާތެއްކަމަށާއި އެ ހިތަށް ދުވަހަކު ވެސް ޚިޔާނާތްތެރި ނުވާނެކަމަށް ބުނެއެވެ. އޭނާއަށް ފުރިހަމައަށް އިތުބާރުކުރުމަށް އަފްނާން މައުވާގެ ގާތުން އެދުނެވެ.
އަފްނާންގެ ބަސްތަކުން ކުޑަކޮށް ނުތަނަވަސްވެފައިވާ މައުވާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. އޭނާ ކޮންމެހެން އަފްނާންއަށް އިތުބާރު ނުކުރަނީއެއް ނޫނެވެ. އެހެންނަމަވެސް، ޖެހިލުންވަނީއެވެ. އެ ޖެހިލުންވުން ދުރުވީ އަފްނާންގެ ބަސްތަކުންނެވެ. އޭނާއަށް އިތުބާރުކުރަން ބުނި ބުނުމަށެވެ. އެ އަޑުން މައުވާއަށް ފެނުނު ތެދުވެރިކަމުގެ ސަބަބުންނެވެ. އޭނާއާ މެދު އަފްނާންގެ ހިތުގައި ފުން އިޙްސާސްތަކެއް ވާކަމުގައި އޭނާއަށް ޔަޤީންވާތީއާ ވެސް އެކުގައެވެ.
މައުވާގެ ތުންފަތް މަތީގައިވި ހިނިތުންވުމަށް ބަލަން އަފްނާން އެތަކެއް އިރަކު އިނެވެ. އެ ދެމީހުން މާލެ ދާން މިސްރާބުޖެހިއިރު އެގާރަ ޖަހަނީއެވެ.
ޖެހިގެން އައި ދުވަހެވެ. އަފްނާން، ޒާޔާއާއި ޔޫޝައުގެ އިތުރުން ޝަހުމްއާއެކު، ޔުނިވާރސިޓީގެ ބެންޗެއްގައި އިށީނދެލައިގެން އިންދާ ގޭޓުން ވަދެގެން އައި މައުވާ އޭނާގެ ލޮލުގައި އަޅައިގަތެވެ. މައުވާ އޭނާގެ އެކުވެރިއަކާ ވާހަކަ ދައްކަން ހުއްޓުމުންވެސް އަފްނާންގެ ނަޒަރު އެހެން ދިމާލަކަށް ދަތުރެއް ނުކުރިއެވެ. އެކަން އޭނާއާއެކު ތިބި އެންމެންނަށް ފާހަގަވިއެވެ.
"ދެން އޭނަ ފަހަތުން ނޫޅެންވީނު. ތީ ވާނެކަމެއް ނޫނޭ." ޝަހުމް ހިނިގަނޑެއް ޖަހާލިއެވެ.
"އެ ބުނާހެން ދެން ހުއްޓާލަން ވެއްޖެއެއްނު. މެސެޖެއް ފޮނުވީމަ ރިޕްލައިވެސް ކުރަނީ ކީ ނޫންވިއްޔަ." ޔޫޝައު ވެސް ޝަހުމްގެ ވާހަކައާ އެއްބައިވެލިއެވެ.
"އަންހެން ކުއްޖެއް ފެންނައިރަށް އެ ކުއްޖަކުގެ ވާހަކަ ނުދައްކާ ހަމަ ނުތިބެވެނީ ދޯ. އޭނައަށް އުނދަގޫނުކުރަންވީނު. އަފްނާން އަދި ކިތަންމެ ލޯބިވިޔަސް، އޭނައަށް ކަމުނުދަންޏާ ގުޅުމެއް ކުރިއަކަށް ނުދާނެތާ." އެ އެންމެންގެ ވާހަކަ އަޑު އަހަން އިން ޒާޔާ ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.
"ކީއްވެ ނުވާންވީ؟ކިހިނެއް އެނގެނީ އެކަންތައް ނުވާކަމެއް މިހާރު…" ހީނގަނެގެން އިނދެ އަފްނާން ބުނެލިއެވެ.
"ތީގެ މާނައަކީ އޭނަގެ ފަރާތުން އިޝާރާތެއް ލިބުނީއޭތަ؟" ޔޫޝައުއަށް އަހާލެވުނެވެ.
"ޤަބޫލުނުކުރެވެނީ؟ މައު އަކީ މަގޭ މީހެއް މިހާރު." ފަޚުރުވެރިވެލާފައި އަފްނާން ބުނެލިއެވެ.
"ކޮން އިރަކުވީ ކަމެއް؟ މި ވީކެންޑް ތެރޭ ދޯ." ޝަހުމްއަށް ވެސް ސުވާލުކޮށްލެވުނެވެ.
"އޭތް އަފްނާން. ސީރިއަސްކޮށް ބުނެބަ. އެންމެ ފަހުން މައުވާ އާބަސް ދިނީތަ؟" ޒާޔާވެސް ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން ސުވާލުކޮށްލިއެވެ.
"އާއެކޭ… ހަމަ އާއެކޭ ނުބުނެގެންތަ ތިއުޅެނީ." އަފްނާން ގާތަށް ހިނި އަންނަ ގޮތްވިއެވެ.
"އަޅެ ކީއްވެތަ ޤަބޫލުނުކުރެވެނީ؟ ހެކި ދައްކަންވީ؟" އެ އެންމެން އޭނާއަށް ބަލަން ފެށުމުން އަފްނާން ބުނެލިއެވެ. މައުވާ އެ ދިމާލަށް ބަލާލުމުން އަފްނާން އަތުން ހަނާ އަޅާލިއެވެ. އަދި އައުމަށް އިޝާރާތްކޮށްލިއެވެ. އަފްނާންގެ އެދުމަށް އިޖާބަދޭން މައުވާގެ ހިތް އޭނާއަށް މަަޖުބޫރުކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭނާ ގޮސް އެ މީހުންގެ ކައިރީގައި ހުއްޓުނެވެ.
"އެއް ކްލާހެއްގައި އުޅެންޏާ އެންމެންނަށްވެސް އެނގޭނެ މީ ކާކުކަން. ދޯ. އެކަމަކުވެސް ލެޓް މީ ގިވް ޔޫ އޯލް އެން އިންޓްރޮޑަކްޝަން. މީ. މައުވާ…މިހާރު މަގޭ މީހެއް.." ބުމަ އަރުވާލާފައި ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި އަފްނާން ބުނެލިއެވެ. އަފްނާންގެ އެ ޖުމްލައާއެކު މައުވާގެ ދެލޯ ބޮޑުވެގެން ދިޔުމާއެކު އޭނާއަށް ފަހަރަކު މީހަކަށް އަވަސް ނަޒަރެއް ދެވުނެވެ. އޭރު އެންމެންގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. ލަދު ގަތް މައުވާ އިސްޖެހިގެންދިޔަ ގޮތުން އެންމެންގެ މޫނުމައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. ޔޫޝައު ވެސް ހިނިތުންވެލިއެވެ. އެހެންނަމަވެސް، އެ ހިނިތުންވުން އެހެން އެންމެންނާ ތަފާތުކަން ފާހަގަކުރެވެއެވެ.
"އައިމް ސަޕްރައިސްޑް." ޔޫޝައު އެހެން ބުނެލިއިރު ހީވަނީ ހައިރާންވީލެއް ބޮޑުކަމުން އަދިވެސް އެކަން ގަބޫލުނުކުރެވިފައި އިން ހެންނެވެ. އެހެންނަމަވެސް، މައުވާއާ އަފްނާންގެ މޫނުމަތިން ފެނުނު އަސަރުތަކާއި އަފްނާން ގޮވާލުމުން މައުވާ އައި ގޮތުން އެއީ ތެދެއްކަން އޭނާއަށް ޔަޤީންކުރެވުނެވެ.
"އިށީނދޭ… " އޭނާ އިން ބެންޗުން ތަންކޮޅެއް ދައްކާލާފައި ޒާޔާ ބުނެލިއެވެ. އެއާއެކު މައުވާ އިށީނެވެ. އޭރުވެސް އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދާދި އިހަށް ދުވަހަކާ ޖެހެންދެން އަފްނާންގެ އެންމެ މެސެޖަކަށްވެސް އޭނާ ރިޕްލައިކޮށްފައެއް ނޯންނާނެއެވެ. ޔުނިވާރސިޓީ ކެންޕަސް ތެރޭގައި ކިތަންމެ ވަރަކަށް ވާހަކަ ދައްކާ އޭނާއާ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރިނަމަވެސް، އަފްނާންގެ އެއްވެސް އަމަލަކަށް އޭނާ އިޖާބައެއް ނުދެއެވެ. އެހެންނަމަވެސް، އެ ހިތް އަފްނާންއާ ދިމާލަށް މަޑުމަޑުން ދީލާލައިގެން ދާން ފެށީ ކޮން އިރަކު ކިހިނެއްކަމެއްވެސް މައުވާއަކަށް ނޭނގުނެވެ. އަފްނާން ނުފެނުމުން ފުރަތަމަ ވާން ފެށީ އުނދަގުލެކެވެ. އޭނާއަށް ގޯނާއެއް ނުކުރަންޏާ ކޮބާތޯ ހޯދެން ފެށީއެވެ. ގޭގައި އުޅޭއިރުވެސް އަފްނާންގެ މަތިން ހަނދާންވާން ފެށީއެވެ. ޖަވާބު ނުދިނެއްކަމަކު ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު އެ އަންނަ މެސެޖަށްވެސް އޭނާއަށް އިންތިޒާރުކުރެވެން ފެށުނީއެވެ. އަފްނާންގެ ފަރާތުން ކޮންމެ ދުވަހަކު އޭނާއަށް އެވާ އުނދަގޫތަކަކީ، އުނދަގޫތަކެއްކަމަށް ހިތުން ދެބަސްވާން ފެށީއެވެ. އަފްނާން އޭނާއަށް ދޭ ކަރުދާސްކޮޅުތަކުގައި ލިޔެފައި އޮންނަ މެސެޖު ކިޔާލާފައި ބޭއިޚްތިޔާރުގައި ހިނިތުންވެވެން ފެށުނީއެވެ. ކޮންމެ ދުވަހެއްގައިވެސް އެފަދަ ގަނޑު ކޮޅެއްގެ އިންތިޒާރު އޭނާއަށް ކުރެވެން ފެށުނީއެވެ. އަފްނާންގެ އެ ފަދަ މެސެޖެއް ނުލިބި ހޭދަވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އޭނާގެ ހިތުގެ ޙާލު މައުވާއަށް ފަހުމްވިއެވެ. އަދި އަފްނާންއަށްޓަކައި އެހިތުން ޖާގައެއް ހުސްވެއްޖެކަން ވެސް އޭނާއަށް އެނގިގެން ދިޔައެވެ. އަފްނާންއަށް ފުރުސަތު ދޭން އޭނާ ނިންމީ އެ ހިތުގެ ކުރިމަތީގައި އިސްޖަހާލަން މަޖުބޫރުވެގެންނެވެ. އަފްނާންއަކީ ހިތް ގޯސް ޒުވާނެއް ނޫންކަން އޭނާއަށް އެނގުމުންނެވެ.
"ގަޑިން ކިހާއިރެއްތަ؟ ފުރަތަމަ ކްލާސް ކެންސަލްވިކަމަށް މެސެޖުވެސް ފޮނުވަން އެނގުނީ ޔުނިވާރސިޓީށް އައި ފަހުން ވިއްޔަ. އެހެން ނޫނީ މިއަދު ނިދާލަން އޮވެވުނީސް." ޒާޔާ ބުނެލިއެވެ.
"ދިހައެއް ޖަހަނީ. ހިނގާ ދާން." ޔޫޝައު ބުނެލިއެވެ. އެމީހުން އެތިބީ ނުވައެއް ޖެހިއިރު ޔުނިވާރސިޓީށް އައި ގޮތަށެވެ. ޔޫޝައު އެހެން ބުނުމާއެކު އެންމެންވެސް ތެދުވެ ކްލާސް ރޫމާ ދިމާލަށް ހިނގައިގަތެވެ.
ކްލާސް ނިންމާލާފައި މައުވާ ޓެކްސީއެއް ހޯދަން އުޅުމުން އޭނާ މައުވާ ގެއަށް ލައިދީފާނެކަމުގައި އަފްނާން ބުންޏެވެ. އެހެންނަމަވެސް ދުވާލު ގަޑީގައި އަފްނާންއާއެކު ދާން ނުކެރޭނެކަމުގެ ބަހަނާ ދައްކާފައި މައުވާ އެކަމުން މަނާވެގަތެވެ. އަފްނާން ދެފަހަރަކު އާދޭސްކޮށްލާފައި މައުވާގެ އެދުމާ އެއްބަސްވެ މައުވާއަށް ޓެކްސީއެއް ލިބެން ދެން މަޑުކުރިއެވެ. ދިހަ ވަރަކަށް މިނެޓް ވީއިރުވެސް ޓެކްސީއެއް ނުލިބުމުން އަފްނާން އެޕުން ޓެކްސީއަކަށް ޖަހާލިއެވެ.
"އެބަ އާދޭ މިހާރު." އޭނަ ފޯނުން ކާރު އޮތް ހިސާބު ބަލާލަމުން ބުނެލިއެވެ.
"ތޭންކްސް." މައުވާ ހިނިތުންވެލިއެވެ.
"ދެން ތިހާ ދުރުވާހެން ވާހަކަ ނުދައްބަ." އަފްނާން މައުވާއަށް ބަލައިލީ ވަރަށް ފުން ނަޒަރަކުންނެވެ. އެ ނަޒަރުގެ ތޫނުކަމުން އަފްނާންގެ ދެލޮލުން ނަޒަރު ވަކިކޮށްލާ ދުރުބަލާލަން މައުވާއަށް މަޖުބޫރުކުރުވިއެވެ.
"އޯކޭ… އެކަމަކު ވެސް އަފްނާން ހެދި ގޮތުން އަހަރެން ވަރަށް ލަދުގަނެއްޖެ." މައުވާ އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.
"އޭނ. ލަދޭ؟" އަފްނާންއަށް ބުނެވުނެވެ.
"އަހަންނަށް ގޮވާ ގެންގޮސްފަ އެންމެނަށް އިންޓްރޮޑިއުސް ކުރުވީ. ބެޓެއްތަ އެއީ؟" ލުއި ހުނުމަކާއެކު މައުވާ ސުވާލުކޮށްލިއެވެ.
"މައުއަށް އެކަންޏެއް ނޫނޭ. އެ އެންމެންނަށްވެސް އެނގޭނެ އަހަރެން މައުއާ ހެދި އުޅުނު ވަރު. ސޯ މައްސަލައެއްތަ އެއީ؟ މައުވެސް އެގޮތް ބޭނުންވެފައެއް ނޫންތަ ހުރީ؟..... އަަހަރެންގެ އެކުވެރިންނާ ބައްދަލުކުރަން. އެވެސް އަހަރެންގެ މީހެއްގެ ގޮތުގަ. ތީ ކުރީގެ މައު ނަމަ ނާންނާނެ. " އަފްނާންވެސް ހިނިގަނޑެއް ޖަހާލިއެވެ. އިތުރު ވާހަކަތަކެއް ނުދެކެވި އުޅެނިކޮށް ޓެކްސީ އައިސް މަޑުކޮށްލައިފިއެވެ.
"ގުޅާނަން އިނގޭ." ކާރަށް އަރަމުން ދިޔަ މައުވާއަށް އަފްނާން ބުނެލިއެވެ. މައުވާވެސް ހިނިތުންވެލާފައި ކާރަށް އަރައިގެން ދިޔައީއެވެ. އަފްނާން އެތަނުގައި ހުއްޓާ ޝަހުމް އައިސް އޭނާގެ ކޮނޑަށް އަތް ވައްޓާލައިފިއެވެ.
*****
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މައުވާއާ ޒާޔާމެންނާ އޮތް ގުޅުންވެސް ވަރަށް ބޮޑަށް ބަދަހިވެއްޖެއެވެ. ޒާޔާއަކީ ކްލާހުގައި ތިބޭ ހުރިހާ ކުދިންގެ ތެރެއިންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވެއްޖެއެވެ. އެމީހުންނާއެކު ދެން އުޅެނީ ރިފާއެވެ. އެހެންނަމަވެސް ރިފާ އަކީ އެއް އިރެއްގައިވެސް މާ ރަޙްމަތްތެރިން ވެގެން އުޅޭ މީހެއް ނޫންކަމުން ޒާޔާއާއި މައުވާއާ ދިމާވާވަރަށް ރިފާއަކާ ދިމައެއް ނުވެއެވެ. އެހެންނަމަވެސް ޔުނިވާރސިޓީ ކަމެއްވިއްޔާ ފަރުވާތެރިކަމާއެކު ރިފާ އެކަމެއްގައި ބައިވެރިވާނެއެވެ. ލިބުނު އައު ރަޙްމަތްތެރިންގެ ސަބަބުން މައުވާއަށް އުފާވެރިކަމެއް ލިބިފައިވާއިރު އެ އުފާ ދެގުނަ ވެފައިވަނީ އޭނާއަށް އަފްނާން ބަހައްޓާ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ. މައުވާގެ ތުންފަތް މަތިން ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. އެ ތުންފަތްމަތީގައި އަބަދުމެ ކުޅެލަކުޅެލާ ހުންނަނީ ހިނިތުންވުމެެވެ.
އެ ދެމީހުން ލޯބީގެ ގޮތުން ގުޅުނުފަހުން އަފްނާންގެ ވެސް ހުރިހާ އުފަލެއް ގުޅިފައިވަނީ މައުވާއާ ފަދައެވެ. އޭނާ ލޯބިވާވަރު ކުރާ ކޮންމެ ކަމަކުން ހާމަ ކޮށްދެމުން ދިޔައެވެ. ބުނެލާ ކޮންމެ ބަހެއްގައިވެސް ވަނީ މައުވާއަށްޓަކައިވާ ލޯތްބެވެ. އެކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް މައުވާގެ ހިތުގައި އަފްނާންއަށްޓަކައި އުފެދިފައިވާ ލޯބި ފުންވަމުން ދިޔައެވެ. އެ ހުރިހާކަމަކާ އެކުވެސް މައުވާ އޭނާގެ ކިޔެވުމަށް ބުރޫ އެރިއަކަ ނުދެއެވެ. ޑިގްރީ ނިންމާފައި، މާސްޓާރސް ކިޔަވަން ރާއްޖޭން ބޭރަށް ދާން ކޮންމެ އަހަރަކު ހުޅުވާލާ ސްކޮލަޝިފް އޭނާ ބޭނުމެވެ. އޭނާ ކިޔެވުމަށް އެހާ ސަމާލުކަން ދޭ ސަބަބަކީވެސް އެއީއެވެ. އޭނާ ވަނީ އަފްނާން ގާތުވެސް އެ ވާހަކަ ދައްކާފައެވެ. އަދި އަފްނާންވެސް ވަނީ ކިޔެވުމަށް ބުރޫ އަރާ ގޮތަކަށް އޭނާ އެއްވެސް ކަމެއް ނުކުރާނެކަމަށް ބުނެފައެވެ. ހާސްވެ ކަންބޮޑުވެ ކިޔެވުމަށް ސަމާލުކަން ނުދެވޭނެ ފަދަ އަމަލެއް ދުވަހަކުވެސް އޭނާގެ ފަރާތުން ނުފެންނާނެކަމަށް ވައުދުވެފައެވެ. އެ ހުރިހާކަމެއްގެ ސަބަބުން މައުވާގެ ހިތް ވަނީ އަފްނާންއަށް މިލްކުކުރެވިފައެވެ.
ކުޑަކޮށް ވިއްސާރަ ދުވަހެކެވެ. ޔުނިވާރސިޓީ ނިންމާލާފައި އަފްނާން ދިޔައީ މިރޭ ފަށަން ހަމަޖެހިފައިވާ ފުޓު ބޯޅަ މުބާރާތުގެ ކަމެއްގައި މަޝްވަރާކުރުމަށްޓަކައި ޓީމް ބައްދަލުވުމަކަށެވެ.
ޒާޔާއާއި މައުވާއާ ދެމީހުން ސްޓޫޑެންޓް ލައުންޖަށް ގޮސް އެތަނުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލާ ލެޕްޓޮޕް ހުޅުވާލިއެވެ. ޒާޔާއަށް އޮޅުން ނުފިލާ އެއްޗެއް އޮތުމުން އޭނާ މައުވާ ލައްވާ އެ އެއްޗެހި އޮޅުން ފިލުވަން ފެށިއެވެ. އެކަން ކޮށް ނިންމާލާފައި ލެޕްޓޮޕް ލައްޕާލާފައި ދަބަހަށް ލަމުން، ޒާޔާ ވާހަކަ ދެއްކިއެވެ.
"މިރޭ މެޗު ބަލަން ދާނަން؟"
"އާނ. ޒާ ނުދާނަންތަ؟" މައުވާ ޒާޔާއަށް ބަލައިލިއެވެ.
"އަހަރެން ނުދިޔަޔަސް މައު ދާނަމެއްނު. ޔޯ ހޭންޑްސަމް މެޗް ކުޅޭނެވިއްޔަ މިރޭ." ދިމާ ކުރާ ރާގަކަށް ޒާޔާ ބުނެލިއެވެ. އެއާއެކު، މައުވާ ހީލިއެވެ.
"ޒާ. ދާން ވާނެ އިނގޭ… ޒާ ނުދަންޏާ ވަރަށް ފޫހިވާނެ" ޒާޔާގެ ކޮނޑަށް އަތް ވައްޓާލަމުން މައުވާ އާދޭހުގެ ރާގަކަށް، ތުއިކޮށް ބުނެލިއެވެ.
"ދާނަމޭ…" ހުނުމަކާއެކު ޒާޔާވެސް ބުނެލިއެވެ.
"ތީ ބެސްޓް މީހެކޭ…" މައުވާ އާއި ޒާޔާއާއި ދެމީހުން ނުކުތް މަންޒަރު ބަލަން ހުރި ޔޫޝައު އައިސް އެ ދެމީހުންނާ އަރާ ހަމަކޮށްލިއެވެ.
"މިހާރު އަހަރެން ފެންނަ ކަމަކަށްވެސް ނުވޭ ދޯ." ޔޫޝައު ބުނެލިއެވެ.
(ނުނިމޭ)