އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން ޔަލްވީ ދޫކޮށެއް ނުލާނަމޭ. އެއީ އަހަރެންގެ އަލަތު އަނބިމީހާ. އަހަރެން ޔަލްވީއަށް ދެރަގޮތެއް ނުހަދާނަން. ލިމް މިކައިވެންޏަށް އެއްބަސްވެއްޖެއްޔާ ހުންނާނީ އަހަރެންގެ ދެވަނަ އަނބިމީހާގެ މަގާމުގަ. ދެމީހުންނަށްވެސް ހަމަހަމައަށް ކަންތައް ކޮށްދެވޭތޯ އަހަރެން މަސައްކަތް ކުރާނަން. ލިމްއަކަށް އެއްވެސް މަޖުބޫރުކަމެއް ނެތް.... މިކައިވެންޏަށް އެއްބަސްވިޔަސް ނުވިޔަސް އަހަރެމެން ދެމީހުންގެ ރަހުމަތްތެރިކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ....." ރަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ.

********

ރަޔާން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދެއްކިއެވެ. ގޮތް ނިންމުމުގެ ބާރު އޮތީ ލިމްޔާގެ އަތުގައެވެ.

ލިމްޔާ އެތައް އެއްޗެއް ބުނަން ބޭނުންވިއެވެ. ކައިވެންޏަށް އެއްބަސް ވާހަކައެވެ. ދެއަނތްބަށްވިޔަސް ވަރިހަމަ ވާހަކައެވެ. ރަޔާންދެކެ ވާ ލޯބީގެ މަތިވެރި ވާހަކައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އަނގަހުޅުވާލާފައި ލައްޕަންޖެހެނީ ހިޔާލު ބަދަލުވެގެންނެވެ. ބުނެވޭ އެއްޗަކުން ކަންތައް ވެދާނެ ގޮތަކާއިމެދު ވިސްނަން ލިމްޔާއަށް މަޖުބޫރެވެ. ޔަލްވީ ހީކޮށްފާނެ އެއްޗަކާއި ދޭތެރޭގައިވެސް ލިމްޔާއަށް ވިސްނުނެވެ. އަމިއްލަ އުފަލަށްވުރެ އެހެން މީހުންގެ އުފާވެރިކަމަށް ލިމްޔާ އަބަދުވެސް އިސްކަންދިނެވެ. އެކަމަކު، ރަޔާންގެ ކަމެއްގައި ހިތުގެ އެދުމަށް ފުރަގަސްދޭކަށް ލިމްޔާގެ ޒަމީރު އެއްބަހެއް ނުވިއެވެ.

"ލިމް ބޭނުންވަރަކަށް ވިސްނަން އަހަރެން ވަގުތު ދޭނަން" ރަޔާން ތެދުވިއެވެ. ދާން ހިނގައިގަތެވެ.

ލިމްޔާއަށް ދެންވެސް އެއްޗެއް ނުބުނެވުނެވެ. ރަޔާން ހުއްޓުވައި، ކައިވެންޏަށް އާބަސް ބުނަން ބޭނުންވި ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ރަޔާންގެ މޫނުން ލިމްޔާއާއި ގަޔާވާކަމުގެ ކުޑަވެސް އަސަރެއް ނުފެނެއެވެ. ލިމްޔާއާއި ރަޔާން ކައިވެނިކުރަނީ ލޯބިން ނޫންކަން ލިމްޔާއަށް ރަނގަޅަށް އެނގެއެވެ. ސަބަބު އަހަން ލިމްޔާ ބޭނުން ނުވީވެސް އަމިއްލަ ހިތަށް ތަދުވާނެކަން އެނގޭތީއެވެ.

"ޝިޓް.." ރަޔާން ނުކުމެގެން ދިޔަ މަންޒަރު ބަލަން އިން ލިމްޔާއަށް ކޮޅަށް ތެދުވެވުނެވެ.

ލިމްޔާ އެތައް އިރަކު ވިސްނަން ހުއްޓެވެ. ރަޔާންގެ އަނތްބެއްގެ މަގާމުގައި ލިމްޔާ ހުންނާނެ ދުވަސް ހިތަށް ސިފަކުރެވުމުން، ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ ފަޅި ސިކުންތުކޮޅަކަށެވެ. ޔަލްވީގެ ސަބަބުން ލިމްޔާއަށާއި ރަޔާންއަށް އެކީ އުޅެވިދާނެ ހެއްޔެވެ؟

********

އިރުއޮއްސި އަނދިރިވީއިރުވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވުމުން ޔަލްވީ ހުރީ ފޫހިވެފައެވެ. ގޭތެރެވެސް ހީވަނީ ފަޅުވެފައިވާހެންނެވެ. ރަޔާން ނެތުމުން އެފަޅުކަން އިތުރުވެފައިވާހެން ޔަލްވީއަށް ހީވިއެވެ. އެހާއިރުވާއިރުވެސް ރަޔާން ގެއަށް ނާންނަނީ ކީއްވެބާއޭ ޔަލްވީގެ ހިތަށް އެރިއެވެ. ޔަލްވީ އިރުއިރުކޮޅުން ބޭރަށް ނުކުމެ ބަލާލައެވެ. މަގެއްގެ މަތިންވެސް މީހަކު ނުފެނެއެވެ. މުޅި ހިސާބުވެސް އޮތީ ފަޅުވެފައެވެ.

"ޔަގީން އެ ލިމްޔާ...." ޔަލްވީގެ ދެބުމަ ގޮށްޖެހުނެވެ.

ފޫހިވެފައިހުރެ ޔަލްވީ ގޮސް ވަނީ ބަދިގެއަށެވެ. ހެނދުނު ސަޔަށް ލިމްޔާ ގެނައި ތަށިތައް އޭރުވެސް މޭޒުމަތީގައި ހުއްޓެވެ. އެތަށިތައް ފެނުމާއިއެކު ހެނދުނުވީ ކަންތައް ޔަލްވީގެ ހަނދާނަށް އައެވެ. ފޫހިވައްތަރެއް މޫނަށް ޖައްސާލަމުން ޔަލްވީ ގޮސް ކަބަޑު ހުޅުވާލިއެވެ. އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ކަބަޑުތެރޭގައި އޮތް ބިސްކޮތަޅެވެ. ޔަލްވީއަށް އޭނާގެ ބޮލުގައި ޖަހާލެވުނީ ކުރީ ދުވަހުގެ ހާދިސާ ހަނދާންވުމުންނެވެ.

ސައިތައްޓެއް ގިރައިގެން މޭޒުކައިރިއަށް ހިނގައިގަތް ޔަލްވީ ސިހުނީ ގޭތެރެއިން އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑު އިވުމުންނެވެ. ޔަލްވީ ހީކުރީ ރަޔާން ގެއަށް އައީ ކަމަށެވެ. ކުޑަކުޑަކޮށް ބޯދިއްކޮލައި ބޭރު ބަލައިލިއެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފާރުގައި ހަރުކޮށްފައިވާ ރަޒީނާގެ ފޮޓޯލޯގަނޑު އޮތީ ވެއްޓި ތެޅިފައެވެ. ޔަލްވީ ޖެހިލުންވިއެވެ. އެއްވެސް މީހަކު އަތްނުލަނީސް އެފޮޓޯލޯގަނޑު ވެއްޓި ތެޅެންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

"ގޯސްޓް؟..." ޔަލްވީގެ ދެލޯ ބޮޑުވީ ހިތަށް އެރި އެއްޗަކުންނެވެ. ޔަލްވީއަށް ވަށައިގެން ހޯދާލެވުނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ދިޔައީ ބިރުން ތުރުތުރުއަޅަމުންނެވެ.

"ރަޔާންގެ މަންމަ... ނޫން ނޫން... މަރުވެފަ ތިބޭ މީހުންގެ ރޫހެއް ނާންނާނެ" ޔަލްވީ ދެފަރާތަށް ބޯ ހޫރާލިއެވެ.

ޔަލްވީ ހީކުރީ ބަދަލުހިފުމަށް ރަޒީނާގެ ރޫހު އައީ ކަމަށެވެ. އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނަސް، އެނޫން ގޮތަކަށް އޭނާއަކަށް ނުވިސްނުނެވެ. ޔަލްވީއަށް ސައިތަށީގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނާގެ ކަޅި ކުޑަދޮރުގެ ދޮރުފޮތިގަނޑަށް އަމާޒުވުމުން ސިހިފައި ފަހަތަށް ޖެހިލެވުނެވެ. ފަތްތަކުގެ ހިޔަނި ދޮރުފޮތިގަނޑަށް އެޅިފައި ހުރިގޮތުން އޭނާއަށް ސިފަވީ މީހެއްގެ ހިޔަންޏެކެވެ. ޔަލްވީގެ އަތުން ސައިތަށި ދޫވެގެން ވެއްޓުނެވެ. އެއާއިއެކު އެތަށި ތެޅުނު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. އެ އަޑުވެސް ޔަލްވީއަށް އިވުނީ ބިރުވެރި އެއްޗެއް ހީގަތް އަޑު ފަދަ ގޮތަކަށެވެ. ޔަލްވީ ފަހަތަށް ޖެހެމުން ގޮސް ދުއްވައިގަތެވެ. ކޮޓަރި އާއި ހަމައަށް ދެވުނުއިރު އޭނާއަށް މާނޭވާ ލެވެއެވެ. އޭރު ޔަލްވީ ހުރީ ރޮވިފައެވެ. ހިތާއިހިތުން ދުޢާ ކުރީ ރަޔާން އައުމަށެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއިއެކު، ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފައި، ކޮޓަރިތެރެއަށް ދަމައިގަތީ ޔަލްވީއަށް ވިސްނާލާނޭ ފުރުސަތެއްވެސް ނުދީއެވެ. އެމީހަކު ދަމައިގަތް ގޮތުން، ޔަލްވީގެ ނޭފަތް ދޮރުގެ ދާރައިގައި ޖެހުނެވެ. ޔަލްވީގެ އަނގައިން ތޫލި ހަޅޭއްކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ދާރައިގައި ޖެހުނުލެއް ބާރުކަމުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ނޭފަތުގެ ކަށިތައް ބިނދުނުހެން ޔަލްވީއަށް ހީވިއެވެ. އިސާހިތަކު، ނޭފަތުން ހޯސްލާފައި ލޭއަންނަން ފެށިއެވެ. ސަލާމަތަށް އެދި ޔަލްވީ ތެޅިފޮޅިގަތެވެ. ދެވަނަ ފަހަރަށްވެސް ހަޅޭއްލަވައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހަކު އެއަށްވުރެ ހުށިޔާރެވެ. ޔަލްވީ ހަޅޭއްލަވައިގަތުމުގެ ކުރިން އޭނާގެ އަނގަމަތީގައި އަތްއަޅައި ހިފަހައްޓާލިއެވެ.

ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ރަޔާންއަށް ހުއްޓެން މަޖުބޫރުވިއެވެ. ގޭތެރެ އޮތް ހާލަތު ފެނި ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ރަޒީނާގެ ފޮޓޯލޯގަނޑު އޮތީ ވެއްޓި ތެޅިފައެވެ. ރަޔާން ހީކުރީ ޔަލްވީ ރުޅިއައިސްގެން ކުރި ކަމެއް ކަމަށެވެ. ރަޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބިއްލޫރިކޮޅުތަކުގެ ތެރެއިން ރަޒީނާގެ ތަސްވީރު ނެގިއެވެ. ތަސްވީރު މޭގައި ޖައްސާލަމުން ރަޔާން ލޯ މަރައިލިއެވެ.

"ސޮރީ މަންމާ!" ރަޔާންއަށް ބުނެވުނެވެ.

ރަޔާން ހީކުރި ވަރަށްވުރެ މާކުރިން ރަޒީނާ ވަކިވެދިޔަޔަސް، މަންމަގެ ހަނދާންތައް ރަޔާންގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. އެ ތަސްވީރަކީ ރަޔާންގެ އަތުގައި އޮތް ރަޒީނާގެ އެންމެފަހުގެ ތަސްވީރެވެ. ވީއިރު އޭގައި ކޫރުމެއް އެޅިލަންވެސް ރަޔާންގެ ހިތް އެދޭނީ ކިހިނެއް ހެއްޔެވެ؟

ފޮޓޯގަނޑު މޭޒުމަތީ ބޭއްވުމަށްފަހު ތެޅިފައިވާ މުށިކޮޅުތައް ނަގައި، ތަން ސާފުކުރަން ރަޔާން އަވަސްވެގަތެވެ. ގިނައިރެއްނުވެ، ކޮޓަރިތެރެއިން އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑު އިވުނެވެ. ރަޔާންގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެން ފެށިއެވެ. ކޮޓަރި ދޮރުގައި ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑާއިއެކު އިވިގެން ދިޔައީ ޔަލްވީގެ ހަޅޭކުގެ އަޑެވެ.

ރަޔާން ވަރަށް ބާރަށް ޔަލްވީއަށް ގޮވާލިއެވެ. އެއަށްފަހު، ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. ފަޔާއި ދޭތެރޭގައި ވިސްނާލާކަށްވެސް ރަޔާންގެ ހަނދާނުގައި ނެތެވެ. ކޮޓަރި ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. ދޮރު ހުޅުވާލުމާއިއެކު ރަޔާންގެ ދެލޯ ބޮޑުވިއެވެ. އެނދުގެކޮޅުގައި ބަހައްޓާފައިވާ ވާސްތައް އޮތީ މުށިތަކުގެ މަތީގައި ތަޅައިގެން ގޮސްފައެވެ. ޔަލްވީ އޮތީ ވެއްޓިފައެވެ. ދެފައި ކުރުކޮށްލައިގެން އޮތްގޮތުން އެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ރަޔާނަށް އިހުސާސްކުރެވުނެވެ. ޔަލްވީގެ ހަށިގަނޑުގައި އެކިވަރުގެ ޒަހަމުތައް ފެންނަން ހުއްޓެވެ. ރަޔާންގެ ލޮލުގައި ދެން އަޅައިގަތީ ގަބޫލުކުރަންވެސް ދަތި މަންޒަރެކެވެ. ކޮޓަރީގެ ކުޑަދޮރުން ފުންމާލަން މަސައްކަތް ކުރަމުންދިޔައީ އިސްކޮޅުން ދިގު މީހެކެވެ. ބަލާބެލުމަށް ރަޔާންއާއި ދާދި އެއްވަރެއްގެ އިސްކޮޅެއް ހުއްޓެވެ. ރަޔާންއަށްވުރެ އެމީހެއްގެ ބާމަތި ފުޅާވެފައި ހަށިގަނޑު ވަރުގަދައެވެ. ރަޔާންއަށް އެމީހަކު ފެނުނީ ފުރަގަހުންނެވެ. ނަމަވެސް އެއީ ފިރެހެނެއްކަން އެމީހާ އަޅާފައިވާ ހެދުމުން އެކަނިވެސް ރަޔާންއަށް އެނގުނެވެ. ހޫޑްއަކުން ބޯ ފޮރުވާލެވިފައިވާތީ ކާކުކަން ވަކިކުރަން ރަޔާންއަށް އުނދަގޫވިއެވެ. ރަޔާން އުޅުނީ އެމީހެއްގެ ފަހަތުން ދާށެވެ. ޔަލްވީ އުނދަގޫ ގޮތަކަށް ތެދުވެ، ރަޔާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އޭރު އެމީހަކު ކުޑަދޮރުން ފުންމާލައިގެން ގޮސްފިއެވެ.

"ޕްލީޒް. ނު..ދޭ.... ބިރު..ގަ.ނޭ.." ޔަލްވީ ރޯން ފެށިއެވެ. ވާހަކަ ދެއްކިއިރު އަޑުވެސް ތުރުތުރުއަޅައެވެ.

އަޑާއި އެއްވަރަށް ޔަލްވީގެ ހަށިގަނޑު ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ޔަލްވީ ހުރީ އިންތިހާއަށް ބިރުގަނެފައެވެ. ހުއްޓުމެއްނެތި ޔަލްވީގެ ނޭފަތުން އަންނަމުންދިޔަ ލެއިން ރަޔާންގެ ގަމީސް ތެންމަމުން ދިޔައެވެ. ލިބުނު ޝޮކެއްގެ ސަބަބުން ރަޔާންގެ ހިއްސުތައް މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަހަލައެވެ. އޭނާ ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ.

ޔަލްވީގެ ހިތުގެ ތެޅުން އިހުސާސްވުމާއިއެކު ރަޔާންއަށް ޔަލްވީގެ ގައިގައި ދެއަތް ވަށާލެވުނެވެ. ހިމާޔަތާއި ރައްކާތެރިކަން ދީފީމޭ ބުނާ ފަދައިން ބޮލުގައި ފިރުމައިލިވެ. ރަޔާންއަށް ކުޑަ ވަގުތުކޮޅެއް ފަހުން އާދެވުނު ނަމަވެސް ޔަލްވީއަށް ވާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ. މޫނުން ފެނުނީ ރުޅިވެރިކަމެވެ. އޭނާގެ ގެއަށް ވަދެ، އަނބިމީހާއަށް އެފަދަ ގެއްލުމެއް ދޭނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ފަހަތުން ގޮސް، ރަނގަޅު ފިލާވަޅެއް ދޭން އެވަގުތު ރަޔާންގެ ހިތަށް އެރިއެވެ.

"މިތާ މަޑުކުރޭ! އަހަރެން އެބަ އަންނަން" ރަޔާން އުޅުނީ އެމީހެއްގެ ފަހަތުން ދާށެވެ.

"ޕްލީޒް ނުދޭ. ބިރުގަންނަނީ.. އެމީހާ..... އެމީހާ..... އުޅުނީ...." ކުޑަކުއްޖަކު ފަދައިން ޔަލްވީ ދިޔައީ ގިސްލަމުންނެވެ. އޭރު ޔަލްވީގެ އަޑުވެސް ވަނީ ކުރެހިފައެވެ.

ރަޔާންގެ ހިތް ކުދިކުދިވިއެވެ. ހަމްދަރުދީއިން ހިތް ފުރުނެވެ. ޔަލްވީގެ ހިތަށް ކޮށްފައިވާ އަސަރާއި، ބިރުގަނެފައިވާވަރު އެ އަޑުން އެކަނިވެސް ހާމަކޮށްދެއެވެ. އެވަގުތު އެމީހެއްގެ ފަހަތުން ދިޔުމަށްވުރެ ޔަލްވީގެ ކައިރީގައި ހުރުން މުހިއްމުކަމުގައި ރަޔާންއަށް ވިސްނުނެވެ.

"ޝްޝްޝް... އަހަރެން މިހުރީނު. ޔަލްވީ އެކަނިކޮށްލާފަ ދެން އެއްވެސް ތާކަށް ނުދާނަން" ރަޔާން ޔަލްވީގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

ވެދިޔަ ކަންތަކުގައި ރަޔާނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ރަޔާނަށް ގޭގައި ހުރެވުނުނަމަ، ޔަލްވީއަށް އެހެން ނުވީހެވެ. އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ރަޔާން މުޅީން މާޔޫސްވިއެވެ. ހަގީގީ ނުކުޅެދުންތެރިކަމަކީ، ލޯބިވާ މީހުން ހިމާޔަތް ނުކުރެވޭކަމުގެ އިހުސާސެވެ. ރަޒީނާ ވަކިވެދިޔުމުންވެސް ރަޔާނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. އެ ފަދައިން ޔަލްވީ ވަކިވެގެން ދާކަށް ރަޔާން ބޭނުމެއް ނުވެއެވެ.

ރަޔާންގެ ބަސްތަކުން ޔަލްވީއަށް އިތުރަށް ރޮވޭގޮތްވިއެވެ. ކޮޓަރިތެރޭގައި ހަރުލައިގެން ދިޔައީ ޔަލްވީގެ ގިސްލުމުގެ އަޑެވެ. ރަޔާންގެ ފަރާތުން ލިބެމުންދިޔަ ހިމާޔަތާއި ރައްކާތެރިކަން ދެމިގެންދާން ޔަލްވީގެ ހިތް އެދުނެވެ. ޔަލްވީ އެންމެ ބޭނުންވި ވަގުތު، ރަޔާން އައުމުން، ހިތާއިހިތުން ރަޔާނަށް ޝުކުރުއަދާ ކުރެވުނެވެ. ރަޔާންގެ އަތުގެ ތެރޭގައި ހުރެ ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ. އެތައް ޝަކުވާއެއް ކުރަން ބޭނުންވިއެވެ. އެމީހާ ކަންތައް ކުރި އިހާނެތިގޮތް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް ޔަލްވީގެ ދޫ ހަރަކާތެއް ނުކުރިއެވެ. އޭރުވެސް ކުރިމަތިން ސިފަވަމުން ދިޔައީ އެމީހާއެވެ. އެމީހެއްގެ އަނިޔާވެރި އަތުގެ ތެރޭގައި އޭނާ ހައްޔަރުކޮށްލި ގޮތެވެ. އެނދުމައްޗަށް ވައްޓާލި ގޮތެވެ. ޔަލްވީ ގަދަހަދަން ފެށުމުން ދޮރާއި ދިމާއަށް ހޫރާލި ގޮތެވެ. ޔަލްވީގެ ހިތުން ދުވަހަކުވެސް އެ އަނިޔާވެރިކަން ފިލައިގެން ނުދާނެއެވެ.

ޔަލްވީގެ ގިސްލުމުގެ އަޑު ކެނޑުނެވެ. ހަށިގަނޑުގެ ހަރަކާތް ހުއްޓެއް ނެގީ މަދު ސިކުންތުކޮޅެކެވެ. ރަޔާންގެ އަތުގެ ތެރެއަށް ޔަލްވީގެ ހަށިގަނޑު ދެމުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު