ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުން ޗެލްސީ ވިމެން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޗެލްސީން ކަށަވަރު ކޮށްފައިވަނީ ގްރޫޕް ބީގައި ސެލްޓިކް އެފްސީ ވިމެންއާ ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިކާމިޔާބީއާއެކު ޗެލްސީން މިވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާ ތިންވަނައިގާ އުޅޭ ޓުވެންޓޭއަށް އަރާ ހަމަ ނުކުރެވޭނެކަން ޔަގީންކޮށްފައެވެ.
ޗެލްސީގެ ދަނޑުގައި ރޭ ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިދެޓީމު ސެލްޓިކްގައި ކުޅުނު މެޗުގައި ޗެލްސީއަށް ފަހަތުން އަރާ މޮޅުވާން ޖެހުމުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ކުރިމަތިވި ނަމަވެސް މިމެޗުގައި އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި އެމެޗުގެ ތަޖުރިބާގެ އަލީގައި ޗެލްސީިން މިމެޗު ފަށާފައިވަނީ ވަރަށް ވަރުގަދަ ކޮށެެވެ. ނަތީޖާ އަކަށްވީ މެޗުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ޗެލްސީއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުނެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫސީ ބްރައުންޒްއެވެ. އަދި މެޗުގެ 25ވަނަ މިނެޓުގައި ވިއެކޭ ކެޕްޓެއިން ކާމިޔާބު ކޮށްދިން ލަނޑާއެކު ޗެލްސީން އެޓީމުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި ޗެލްސީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އީވް ޕެރިސެޓްއެވެ.
މިކާމިޔާބީއާއެކު ޗެލްސީން މިވަނީ ގްރޫޕް ސްޓޭޖްގައި ބާކީ ދެމެޗު އޮއްވާ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އަދި ޗެލްސީ ވިމެންގެ ކޯޗު ކަމާއި މިސީޒަންގައި ހަވާލުވި ސޯނިއާ ބޮމްޕާސްޓާގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ކުޅުނު 11 މެޗުވެސް ކާމިޔާބުކޮށް އެޓީމުން އަންނަނީ ސައްތަ އިން ސައްތަ ރިކޯޑެއް މިހާތަނަށް ދަމަހައްޓަމުންނެވެ. ސެލްޓިކަށް ބަލާލާއިރު މިއީ ޗެމްޕިއަންސް ލީގުގައި އެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗެއް ކާމިޔާބު ނުކުރެވި އުޅެނީ ގްރޫޕްގެ އެންމެ ފުލުގައެވެ.
މި ގުރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ ރެއާލް މެޑްރިޑް ފެމެނީނޯ އާއި ޓްވެންޓޭ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރެއާލް އެވެ.
މިމެޗުގެ 29ވަނަ މިނެޓުގައި ޓްވެންޓޭގެ ޖެއިމީ ރެވެންސްބާގެން ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ރެއާލްގެ ލިންޑާ ކައިސޭޑޯ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި މިމެޗުގައި ރެއާލްއިން ކާމިޔާބުކުރި ފަހު ދެ ލަނޑު މެޗުގެ 71ވަނަ މިނެޓާ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިގްނޭ ބްރުން އާއި އަލްބާ ރެޑޮންޑޯއެވެ.
މިމެޗުގައި ޓުވެންޓޭގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސޯފީ އަނާ މާރިއާ ޓެ ބްރޭކްއެވެ. މިކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ޓުވެންޓޭ އުޅެނީ ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ.