ސްޕެއިންގެ މަލާގާގައި ކުރިއަށްދާ ޑެވިސް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލް އިން ޖަރުމަނުވިލާތް ޖާގަހޯދައިފިއެވެ.
ފިރިހެން ޓެނިސް ވޯލްޑް ކަޕްގެ ގޮތުގައި ބެލެވޭ މިމުބާރާތުގެ ސެމީ ފައިނަލުން ޖަރުމަނު ޓީމު ޖާގަހޯދީ ކުއާޓާ ފައިނަލުގައި ކެނެޑާއާ ބައްދަލުކޮށް ސީދާ ދެސެޓުން ސެމީފައިނަލް ކާމިޔާބު ކޮށްގެންނެވެ. ޖަރުމަނު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ އެލެގްޒެންޑާ ޒުވަރޭވާ ނުލާ ކުޅުނު ނަމަވެސް އެޓީމަށް ތިންވަނަ މެޗަކަށް ދާން ނުޖެހި ވަނީ ކުއާޓާ ފައިނަލް ކާމިޔާބު ކޮށްފައެވެ.
މިގޮތުން ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޖަރުމަނު ވިލާތުގެ ޑެނިއެލް އަލްޓްމައާއާ ކެނެޑާގެ ގެބްރިއެލް ޑިއާލޯއެވެ. މިމެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ އަލްޓްމައާއެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން އަލްޓްމައާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.
ދެވަނަ މެޗުގައި ޖަރުމަނުގެ ޔާން ލެނާޑް ސްޓުރަފް ވަނީ ކެނެޑާގެ ޑެނިސް ޝަޕޮވަލޯވްގެ މައްޗަށް ދެސެޓު އެއް ސެޓުން ކުރި ހޯދައިފައެވެ. މިމެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ޝަޕޮވަލޯވް ކާމިޔާބުކޮށް ކެނެޑާއަށް އުންމީދު އާކޮށްދިން ނަމަވެސް ޔާން ލެނާޑްވަނީ ޖެހިގެން އައި ދެސެޓުގެ ތެރެއިން ފުރަތަމަ ސެޓު ހަތެއް ފަހަކުން ކާމިޔާބުކޮށް އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން ތިންވަނަ މެޗަކަށް ދާން ނުޖެހި ކުއާޓާ ފައިނަލްގެ މިމެޗު އެޓީމަށް ކާމިޔާބު ވިއެވެ.
މިމުބާރާތުގެ ސެމީފައިނަލުގައި ޖަރުމަނުން ވާދަކުރުމަށް ހަމަޖެހިފައިވަނީ ރަފައެލް ނަޑާލާ އެކު ކުޅެމުންދިޔަ ސްޕެއިންގެ މައްޗަށް ކުރި ހޯދި ނެދަލަންޑްސް އާއެވެ. މިމުބާރާތް ވެގެން ގޮސްފައިވަނީ ނަޑާލްގެ ފަހު މުބާރާތަށެވެ.
މިމުބާރާތުގައި ދެން ކުޅޭ ކުއާޓާ ފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތާއި އާޖެންޓީނާ އަދި އެމެރިކާ އާއި އޮސްޓްރޭލިއާއެވެ.