ސްޕެއިންގެ މަލާގާގައި ކުރިއަށްދިޔަ ބިލީ ޖީން ކިން ކަޕް ޓެނިސް މުބާރާތް އިޓަލީވިލާތުން ކާމިޔާބު ކޮށްފިއެވެ.
އަންހެން ޓެނިހުގެ ވާލްޑް ކަޕްގެ ގޮތުގައި ބެލިފައިވާ މިމުބާރާތް އިޓަލީވިލާތުން ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ސްލޮވާކިއާއާ ބައްދަލުކޮށް ކުރި ހޯދައިގެންނެވެ. ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރާ ޓީމެއް މޮޅުވާގޮތަށް އޮތް މިމުބާރާތުގެ ފައިނަލްގައި އިޓަލީވިލާތުންވަނީ އެޓީމު ކުޅުނު ފުރަތަމަ ދެމެޗު ކާމިޔާބުކޮށް ތިންވަނަ މެޗަކަށް ދާނުޖެހި ތަށި އުފުލާލާފައެވެ. މިފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އިޓަލީވިލާތުގެ ލޫސިއާ ބްރޮންޒޭޓީ އާއި ސްލޮވާކިއާގެ ވިކްޓޯރިއާ ހަރުންޗަކޯވާއެވެ.
މިމެޗު ބްރޮންޒޭޓީ ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބްރޮންޒޭޓީ ހާމަކުރިގޮތުގައި އޭނާ އަބަދު ވެސް މިމުބާރާތުގެ ތަށި ކާމިޔާބު ކުރުމުގެ ހުވަފެން ދެކެއެވެ.
މި ފައިނަލްގެ ދެވަނަ މެޗުގައި ދުނިޔޭގައި ހަތަރު ވަނައަށް ރޭންކް ކުރެވިފައިވާ އިތަލީވިލާތުގެ ޖޭސްމީން ޕައޮލީނީ ވަނީ ސްލޮވާކިއާގެ ރެބޭކާ ސްރަމްކޯވާ އަނެއްކާ ވެސް ސީދާ ދެސެޓުން ބަލިކޮށްފައެވެ. މިމެޗުގެ ދެސެޓު ޕައޮލީނީ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް އެކަކުންނެވެ. ޕައޮލީނީ ހާމަކުރިގޮތުގައި މިއަހަރަކީ އިޓަލީވިލާތުގެ ޓެނިހަށް އާދަޔާ ހިލާފު އަހަރެއް ކަމަށެވެ. އަދި އިޓަލީވިލާތުގައި ޓެނިހަށް ލޯބިކުރާ ފަރާތްތަކުގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. ބްރޮންޒޭޓީ ހާމަކުރިގޮތުގައި އެޓީމަކީ މިހާރު ދުނިޔޭގެ ޗެމްޕިއަނުން ކަމަށާއި އެހެންކަމުން މިއީ އިޓަލީ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ ވެސް ދެކެމުންދިޔަ ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ ދުވަސް ކަމަށެވެ.
މިކާމިޔާބީއާއެކު އިތަލީވިލާތުން މިވަނީ 11 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިމުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި މިކާމިޔާބީއާއެކު އެޓީމަށް ފައިސާގެ އިނާމެއްގެގޮތުގައި 2.4 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ. އިޓަލީވިލާތުން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް އެފަހަރު އެޓީމު ވަނީ ކެނެޑާ އަތުން ބަލިވެފައެވެ. އަދި އިޓަލީވިލާތުގެ ފިރިހެން ޓީމު ވަނީ ފިރިހެން ވާލްޑް ކަޕްގެ ގޮތުގައި ބެލެވިފައިވާ ޑޭވިސް ކަޕް 47 އަހަރަށް ފަހު މިދިޔަ އަހަރު ކާމިޔާބު ކޮށްފައެވެ. އަދި ޕައޮލީނީ ދުނިޔޭގެ ހަތަރު ވަނައިގާ އުޅޭ އިރު ފިިރިހެނުންގެ ބައިގާ ދުނިޔޭގެ އެއްވަނަ ރޭންކިންގައި އުޅެނީވެސް އިޓަލީވިލާތުގެ ކުޅުންތެރިއެއްކަމަށްވާ ޔަނިކް ސިނާއެވެ. އެހެން ކަމުން މިވަގުތު ޓެނިހުގެ ދުނިޔޭގައި އިޓަލީވިލާތުން އަންނަނީ ރަން ދުވަސް ތަކެއް ގުނަމުންކަމުގައި ދެންނެވިދާނެއެވެ.