އިޓާލިއަން ސެރީއާގެ ކްލަބެއް ކަމުގައިވާ ޖެނޯއާގެ އާ ކޯޗަކަށް ފަރަންސޭސިވިލާތުގެ ޕެޓްރިކް ވިއޭރާ ހަމަޖައްސައިފިއެވެ.
އުމުރުން 48 އަހަރުގެ ވިއޭރާ މިމަގާމަށް ހަމަޖައްސައިފައިވަނީ ޖެއޯނާގެ ކޯޗުކަމުގެ މަގާމުގައި ހުރި، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީވިލާތުގެ ޓީމުގައި ހިމެނުނު ކުރީގެ ކުޅުންތެރިޔާ އެލްބާޓޯ ޖިލާޑީނޯ މަގާމުން ވަކިކުރުމަށްފަހުއެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖެނޯއާގެ ކޯޗުކަމާ ހަވާލުވި ޖިލާޑީނޯގެ ކޯޗުކަމުގެ ދަށުން އެޓީމުން މިސީޒަންގައި ސެރީއާގައި ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. އަދި ކޮޕާ އިޓާލިއާގައިވަނީ ސެމްޕްޑޯރިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފައެވެ.
ޖެނޯއާގެ ކޯޗުކަމާ ވިއޭރާ ހަވާލުވިއިރު އެޓީމު މިހާރު އުޅެނީ ސެރިއާގެ ތާވަލްގެ 17 ވަނައިގައެވެ. ވިއޭރާ އެންމެ ފަހުން އަދާކޮށްފައިވަނީ ފްރެންޗް ލީގު އާންގެ އާރްސީ ސްޓުރާސްބޯގްގެ ކޯޗުކަމެވެ. ނަމަވެސް އޭނާވަނީ މިއަހަރުގެ ޖުލައިމަހު އެ މަގާމުން ވަކިވެފައެވެ.
ޖެނޯއާއާ ގުޅުމާއެކު ވިއޭރާއަށް މިވަނީ އިޓަލީވިލާތުގެ ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިއެއްކަމަށްވާ މާރިއޯ ބަލޮޓެއްލީ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާވެސް ލިބިފައެވެ. ބަލޮޓެއްލީ ޖެނޯއާއާ ގުޅިފައިވަނީވެސް މިދިޔަ މަހުގެ ތެރޭގައެވެ.
ވިއޭރާގެ ކޯޗު ކަމުގެ ދަށުން ބަލޮޓެއްލީ ވަނީ 2018-2019 ވަނަ ސީޒަންގައި ފްރެންޗް ލީގު އާންގެ ނީސްއަށް ކުޅެފައެވެ. ނަމަވެސް އެފަހަރު ޓީމު ދޫކޮށްދާން ޖެހުނީ ވިއޭރާ ކޯޗު ކޮށްދޭ ގޮތާ މެދު ދެފަރާތުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުމުންކަމަށް ބަލޮޓެއްލީވަނީ ހާމަކޮށްފައެވެ. ވިއޭރާ އާއި ބަލޮޓެއްލީ ވަނީ އެއްކޮށް އިންޓާ މިލާނާއި މެންޗެސްޓާ ސިޓީއަށް ކުޅެފައެވެ.
ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވިއޭރާވަނީ ފަރަންސޭސި ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. އަދި އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލްގެ އިތުރުން ސިޓީ، އިޓާލިއަން ސެރިއާގެ އޭސީ މިލާން އަދި އިންޓާއާއެކުވެސް ތަށި ކާމިޔާބު ކޮށްފައެވެ.
ވިއޭރާގެ ކޯޗު ކަމުގެ ދަށުން ޖެނޯއާ ކުޅޭނެ ފުރަތަމަ މެޗަކީ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ކަގްލިއާރީ އާދެކޮޅަށް ކުޅޭ މެޗެވެ.