އެ ދުވަހު އިރުއޮއްސުނު އިރު ވާރޭ ކޮޅެއް ވެހިލާފައި އިޝާނަމާދަށް ގޮވިފަހުން ހުއްޓައިފިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ގޮވަން ރިސާމާ އައި ނަމަވެސް، ނުކާނަން ކަމުގައި ބުނެ އަފްނާން މަޑުކުރީއެވެ. އޭނާ މިއަދު ހަތަރު ދަމު ހޭދަކުރީ ކޮޓަރީގައެވެ. ކޮލެޖަކަށްވެސް ނުދެއެވެ. ކޮލެޖަށް ގޮސް އެކަކާވެސް ކުރިމަތިލާނެހާ ހިތްވަރު އޭނާގެ ނެތީތީއެވެ.
*****
ޖެހިގެން އައި ހަފްތާ ތެރޭގައި، ނަޖީބު، މަޙުމޫދުގެ ދެމަފިރިންނާއި، ރައްޔާއަށް ރޭގަނޑުގެ ކެއުމުގެ ދަޢުވަތު ދިނީ އެކަމަށް އެދި ރިސާމާ އާދޭސްކުރާ ވަރުންނެވެ. މަޙުމޫދުވެސް އުފަލާއެކު، އެ ދައުވަތު ގަބޫލުކޮށް އެގެއަށް އައެވެ. މަޙުމޫދަކީ ނަޖީބުގެ ޒަމާންވީ އެކުވެރިއެކެވެ. އެ ދެމީހުންގެ ރަޙްމަތްތެރިކަން ފެށުމުގެ މާކުރިން ފެށިގެންވެސް، ދެ ޢާއިލާ ދެމެދު ރަޙްމަތްތެރިކަން އޮވެއެވެ. ނަޖީބާއި މަޙުމޫދުގެ ރަޙްމަތްތެރިކަންވެސް ފެށުނީ އެކަމުގެ ސަބަބުންނެވެ.
ކެއުމަށް ދާތީ، އެކަމާ އެންމެ އުފާވީ ރައްޔާއެވެ. އެންމެ ކުރިން ފަށައިގެން އޭނާގެ ހިތުން ޖާގަ ދެވިފައިވާ ހަމައެކަނި ޒުވާނަކީ އަފްނާންއެވެ. އަފްނާން ނޫނީ އެފަދަ ނަޒަރަކުން އެހެން ޒުވާނަކާ ދިމާލަށް ބަލައިލާފައިވެސް ނުވާނެއެވެ. އެކަން އޭނާގެ މަންމައަށް ވެސް އެނގޭނެއެވެ. ކިޔަވަން ރާއްޖޭން ބޭރުގައި އުޅުނުއިރު ދުނިޔޭގެ އެކި ގައުމުތަކުގެ ކުދިންވެސް އޭނާގެ ފަހަތުން އުޅުނެވެ. އެ ރީތިކަމަށް ތައުރީފްކުރިއެވެ. އެހެންނަމަވެސް، އެއިން އެއްވެސް ޒުވާނަކަށް ރައްޔާގެ ހިތް މިލްކުކުރެވޭގޮތެއް ނުވި އެވެ. އެހިތަކީ މާކުރިން ފެށިގެންވެސް އަފްނާންގެ އެއްޗަކަށް ވާތީއެވެ. ރާއްޖެ އައުމަށްފަހު ހިތަށް އެންމެ ބޮޑު ހަމަޖެހުމެއް ލިބުނު ޚަބަރަކީވެސް އަފްނާން އަދިވެސް މީހަކާ ނީންނަ ކަމުގެ ޚަބަރެވެ. އޭނާ އަފްނާންއާ ދިމާލަށް ސީދާ ނުބުނި ނަމަވެސް، އަފްނާން ކަމުދާކަން އެތައް ގޮތަކުން އަންގައިދޭން މަސައްކަތްކޮށްފައިވާނެއެވެ. ދެރައީ އެފަދަ ކުދި ކުދި އިޝާރާތްތަކަށް އަފްނާން މާ ބޮޑު ސަމާލުކަމެއް ނުދޭތީއެވެ. އެހެންނަމަވެސް އަފްނާން އޭނާގެ ޙަޔާތަށް އެހެން ކުއްޖަކު ނުގެންނަހާ ހިނދަކު އެ ހިތުގައިވި އުންމީދުގެ ހުޅުކޮޅު އޭނާ ނިވައެއް ނުލާނެއެވެ.
މޭޒުދޮށުގައި އިށީނދެ ކެއުމަށް އިންސާފުކުރަން ވެގެން އަވަސްވެގަތް ވަގުތު، އަޒްލަފްއަށް ކޯލެއް ލިބުނެވެ. ހޮސްޕިޓަލަށް ދާން ޖެހޭކަމަށް ބުނެ، ނަޖީބުގެ ހުއްދައާއެކު، އަޒްލަފް ތެދުވިއެވެ.
ކެއުމުގެ ވަގުތުގައި ވެސް ރައްޔާގެ ސަމާލުކަން އިރުއިރުކޮޅަކާ އަފްނާންއަށް ހުއްޓެއެވެ. އިސްޖަހާލައިގެން އިނދެ ގަދަކަމުން ކަމުންދިޔަ އަފްނާންގެ ސިކުނޑީގައިވި ޚިޔާލުތަކެއްގެ ސަބަބުން، އޭނާއަށް ވަށައިގެންވީ އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ.
"މިހާރު ވަޒީފާ ހަމަޖެހިއްޖެތަ؟" ނަޖީބު ރައްޔާއާ ސުވާލުކޮށްލިއެވެ.
"ލައްބަ!" ރައްޔާ އަދަބުވެރިކަމާއެކު، ޖަވާބު ދިނެވެ.
އެފަދަ ވާހަކަތަކެއްގައި ތިބެ ކެއުން ނިމިއްޖެއެވެ. މަޙުމޫދު އޭނާގެ ވިޔަފާރީގެ ކަމެއްގައި މަޝްވަރާކޮށްލަން ބޭނުން ވުމުން ނަޖީބު އޭނާ ގޮވައިގެން ދިޔައީ ގޭގައި ހުންނަ ސްޓަޑީއަށެވެ. އަފްނާން ބޭނުންވީ ކޮޓަރިއަށް ދާން ނަމަވެސް، ރިސާމާގެ ސަބަބުން އޭނާއަށް ދެވޭގޮތެއް ނުވިއެވެ.
"އަފޫ ދިޔައިމަ ރައްޔާ ކިހާ އެކަނިވާނެ. ދޭބަލަ ދެކުދިން ޓެރެސްއަށް." ރިސާމާގެ އެދުމަށް ދެކޮޅު ހަދާކަށް އަފްނާންއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ރައްޔާ ގޮވައިގެން ޓެރެސްއަށް ދިޔުމަށް މިސްރާބުޖެހިއެވެ.
"އަހަރެން ވަރަށް ހައިރާންވި އަޒްލަފްގެ ވަރީގެ ޚަބަރު ލިބުނީމަ." ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެ ހަމަޖެހިލާފައި، ރައިޙާނާ ވާހަކަ ފެށިއެވެ.
"އަހަރެމެންނަށް ގޯސްކޮށް ކޮންކަމެއް ކުރެވިގެންބާއޭ ހިތަށް އަރާ ޝައުފާ އެގޮތަށް ކަންތައްކުރީ. އެކަމުގެ ހުރިހާ ދެރައެއް ލިބުނީ އަހަރެންގެ ދަރިފުޅަށް." ރިސާމާގެ އަޑުގައި މަޑުމޮޅިކަންވިއެވެ.
"މަޙުމޫދު ބުނި އާއިންވެސް ހުންނަނީ ޝައުފާ ކައިރީގައޭ. ކީއްވެގެންތަ އަޒްލަފް ދަރިފުޅުގެ ކަސްޓަޑީ ނުނަގަނީ." ރައިޙާނާއަށް ސުވާލުކޮށްލެވުނެވެ. މަޙުމޫދާއި ނަޖީބުގެ ފަރާތުން ދިމާވެ އެ ދެމީހުންވެސް ވަނީ އެފަދަ ވާހަކަތައް އެކަކު އަނެކަކާ ދެކެވޭ ވަރަށް ގާތްވެ ރަޙްމަތްތެރިވެފައެވެ.
"އަހަރެން އަޒްލަފްއަށް އެތަކެއް ފަހަރަކު ނަސޭޙަތް ދީފިން. އާއިންއަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ އަޒްލަފް ކައިރީގައި ބަހައްޓައިގެންކަން އެނގޭތީ އެކަމާ އެއްބަސްކުރުވޭތޯ ވަރަށް މަސައްކަތްކުރިން. އެކަމަކު އަޒްލަފް އެއްބަހެއް ނުވި." ރިސާމާ ގޮތް ހުސްވެފައިވާ ފަދައަކުން ބުނެލިއެވެ. "އަޒްލަފް ކަންބޮޑުވަނީ މަންމައެއްގެ ލޯބިން އާއިން މަޙުރޫމް ވެދާނެތީ."
"އިންޝާ ﷲ. އަދި ވިސްނޭނެ." ރައިޙާނާ ބުނެލިއެވެ.
"އަހަރެން މިހުންނަނީ އަޒްލަފްގެ މުސްތަޤްބަލާ މެދުވެސް ފިކުރުބޮޑުވެފަ. އުމުރު އެހާ ޒުވާންއިރު ވަރިވިޔަސް އެހެން އުމުރު ހުސްކޮށްލާކަށް ނުވާނެއެއްނު. އަންހެނަކާ ނުލާ ދިރިއުޅުން ކިހިނެއް ފުރިހަމަވާނީވެސް. ޝައުފާގެ ހަނދާންތަކުން މިންޖުވެވޭނީވެސް އެހެން ކުއްޖަކަށް އެ ހަޔާތުން ފުރުސަތު ދީގެނެއްނު." އެހާ ދުވަސްފަހުން އެކުވެރިޔާއާ ދިމާވުމުން، ހިތުގެ އުދާސްތައް ރިސާމާއަށް ބޭރުކުރެވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.
"ދެން އެކަމާ ފިކުރުނުކުރޭ." އެކުވެރިޔާގެ ހިތްހަމަޖައްސައިލަދިނުމަށް، ރައިޙާނާ އެހެން ބުނެލި ނަމަވެސް، ދަރިއެއްގެ މުސްތަޤްބަލާމެދު މަންމައަކު ކަންބޮޑުވާނެ ވަރު އޭނާއަށް އަންދާޒާކޮށްލެވެއެވެ.
"ދަރީންނަށް އެއްވެސް ކަމެއްގައި މަޖުބޫރުކުރުމަކީ ނަޖީބުވެސް ބޭނުންވާ ގޮތެއްނޫން. އެހެންވެގެން އޭރު އަޒްލަފްއަށް ވެސް އޭނާ ބޭނުންވާ ކުއްޖަކު އެ ޙަޔާތަށް ގެންނަން ފުރުސަތު ދިނީ. އެކަމުގެ ސަބަބުން މިހުރިހާކަމެއް މި ދިމާވަނީ. " ރިސާމާއަށް ބުނެވުނެވެ. "އަޒްލަފްއަށް ވީ ގޮތުން އަފްނާންއާ ދޭތެރޭވެސް އަހަންނަށް އެހާ ވަރަށް ވިސްނޭ. އަފްނާން އެފަދަ ކަތި ފިޔަވަޅެއް އަޅާކަށް އަހަރެން ނޭދެން."
"އަނެއްކާ އަފްނާންވެސް ކުއްޖަކާ ގުޅިގެން އުޅެނީތަ؟" ރައިޙާނާ އެނގެން ބޭނުންވިއެވެ. އެހެން ވެއްޖެނަމަ އޭނާގެ ދަރިފުޅުގެ ހިތް އެކީ ހަލާކު ވެދާނެއެވެ.
"ނޫނޭ. އަދި ތި ކަހަަލަ ވާހަކައެއް ނުދައްކާ. ހިޔެއް ނުވޭ. އެކަމަކުވެސް މަންމަވީމަ އަހަންނަށް ވިސްނޭނެއެއްނު." ރިސާމާ ހިނިތުންވެލަން މަސައްކަތްކުރިއެވެ.
"ދަރީންނާ ދޭތެރޭ ކަންބޮޑުވާވަރު ހަޤީގަތުގައި އެނގޭނީ މަޔަކަށް. ރައްޔާއާ ދޭތެރޭ އަހަރެންވެސް ހަމަ ތިގޮތަށް ކަންބޮޑުވަން." ރައިޙާނާ ބުނެލިއެވެ. އެ ހިނދު އޭނާގެ ހިތުގެ އެދުން ފާޅުކޮށްލަން ރިސާމާގެ ހިތް ގޮވަން ފެށި ނަަމަވެސް، ރައިޙާނާގެ ކުރިމަތީގައި އެހާ ފާޅުކަން ބޮޑު ގޮތެއްގައި، އެ ކަންތައް ހާމަކުރާކަށް ރިސާމާއަކަށް ނުކުރުނެވެ.
"މީ މައިންބަފައިން ޒުވާން ދަރީންނަށް އިންނާނެ މީހަކު ދައްކާ ޒަމާނެއް ނޫންކަން އަހަންނަށް އެނގޭ. އެކަމަކު، އަހަރެން ބޭނުންވޭ އަހަރެންގެ ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން. އެ ދަރިފުޅު ދާ ގޭގައި އުޅޭބަޔަކީ ރަނގަޅު އަޚްލާޤެއްގެ ވެރި ބަޔަކަށް ވާން." ރައިޙާނާ ބުނެލިއެވެ.
"އާނ." އެކަމަށް އެއްބަސްވުމުގެ ގޮތުން ރިސާމާ ބޯ ޖަހައިލިއެވެ.
"ރިސާމާ އަހަރެންގެ ދަރިފުޅު ރައްޔާއާ ދޭތެރޭ ދެކެނީ ކިހިނެއް؟" ހިތްވަރުކޮށްފައި ރައިޙާނާ ސުވާލުކޮށްލިއެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ހިތުގެ އެދުން ހާސިލްވާން ބޭނުންވާލެއް ބޮޑުކަމުންނެވެ. އަފްނާންގެ ޙަޔާތުގައި އިތުރު އަންހެން ކުއްޖަކު ނެތުމަކީ އޭނާއަށް ލިބުނު ފެހި ސިގްނަލެއް ފަދައެވެ.
"ރައްޔާ…" ރިސާމާއަށް އެހެން ބުނެވުނީ ކުޑަ ހައިރާންކަމަކާއެކުގައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ، ރައިޙާނާ އެ ހާމަކުރީ އޭނާގެ ހިތުގެ އެދުން ކަމަށްވީތީއެވެ.
"އާނ. ރައްޔާއާއި އަފްނާންއާ… " އޭނާ ބުނި ވާހަކަ އިތުރަށް ތަފްސީލް ކޮށްދޭ ފަދައަކުން ރައިޙާނާ ވާހަކަ ދެއްކުމުން، ރިސާމާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފުޅާވިއެވެ.
"ތީ އަހަރެންގެ ވެސް އެދުމަކީ…" ރިސާމާއަށް ބުނެވުނެވެ.
ރިސާމާގެ ވާހަކަތަކުން ރައިޙާނާގެ ހިތަށް ފިނިކަން ލިބުނެވެ.
"އެންމެ ކުރިން ފަށައިގެންވެސް، ރައްޔާއަށް އަފްނާން ކަމުދޭ. އެކަން ރިސާމާއަށްވެސް އެނގޭނެ ކަންނޭނގެ. އެ އިޙްސާސްތައް އަދި އަދަށްވެސް ބަދަލެއް ނުވޭ!" ރައިޙާނާ އޭނާގެ އެ އެދުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުވެސް ރިސާމާއަށް ސާފުކޮށްދިނެވެ.
ރިސާމާ އެ ވާހަކަ ނަޖީބުގެ އިތުރުން އަފްނާންއާ ދައްކާނެކަމަށް ވައުދުވިއެވެ. އެ ދެމީހުން އެފަދަ ވާހަކަތަކެއްގައި ތިއްބާ ނަޖީބު، މަޙުމޫދު ގޮވައިގެން އަައެވެ. ރިސާމާ ނޯކަރަކު ލައްވާ ރައްޔާއަށް ގޮވުމުން އޭނާ ތިރިއަށް އައީ އެކަންޏެވެ. އޭރު ދިހައެއް ޖަހަނީއެވެ.
"ކޮބާ އަފޫ؟" ރިސާމާ ސުވާލުކޮށްލުމުން އަފްނާން އަދިވެސް ހުރީ ޓެރެސްގައިކަމުގައި ރައްޔާ ބުނެލިއެވެ. އަފްނާންއާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން، އެ މޫނުމަތި އުޖާލާވެފައިވީވަރު ރިސާމާއަށް ވެސް ފާހަގަވިއެވެ. ރައިޙާނާ އެވަރަކުން އެ ވާހަކަ އެދެއްކީ ކީއްވެގެންކަންވެސް އޭނާއަށް ފަހުމްވިއެވެ.
އެކަކު އަނެކަކަށް ރޭގަނޑުގެ ސަލާމްކޮށްފައި މަޙުމޫދުގެ ޢާއިލާ ދިޔުމުން ރިސާމާ، ދެންމެ އޭނާއާއި ރައިޙާނާއާ ދެމެދު ދެކެވުނު ވާހަކަތައް ނަޖީބާ ހިއްސާކުރިއެވެ. އަދި އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެ ވާހަކަ އަފްނާންއާ ދައްކަން ކަމުގައި ބުންޏެވެ. ރިސާމާގެ ވާހަކަތަކަށް އިޖާބާދޭން މިފަހަރު ނަޖީބަށްވެސް މަޖުބޫރުވިއެވެ. ސަބަބަކީ ރިސާމާގެ ވާހަކަތަކުން ތެދުވެރިކަމާއި، އަފްނާންއަށްޓަކައި އެހިތުގައިވާ މައިވަންތަ ލޯބި އިޙްސާސްވާތީއެވެ. ވާހަކަ ދައްކާލުމަކުން ގޯހެއް ނެތްތާއޭ ނަޖީބުގެ ހިތަށް އެރުމުން އޭނާ ވެސް ރިސާމާއާއެކު ޓެރެސްއަށް މިސްރާބުޖެހިއެވެ.
ދެމީހުން ޓެރެސްއަށް އެރިއިރު އަފްނާން ހުރީ ރެއިލިންގައި އަތް އަޅުވާލައިގެން ދުރު ބަލަހައްޓައިގެންނެވެ.
"ދަރިފުޅާ!" އަފްނާން ސިހުނީ ނަޖީބު ގޮވާލުމުންނެވެ. އެތަނުގައި ހުރި ކޮފީ ޓޭބަލްގެ ކައިރީގައި، ނަޖީބާއި ރިސާމާއާއި ދެމީހުން އިށީނދެލިއެވެ.
"މަންމައާއި ބައްޕަ އެބައޮތް ދަރިފުޅާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ." ނަޖީބު އޭނާގެ ވާހަކަ ފެށީ އަފްނާން އިށީނދެ ހަމަޖެހިލުމުންނެވެ. އޭނާގެ ސަމާލުކަން ދެވިފައިވާކަން ހާމަކޮށްލުމުގެ ގޮތުން އަފްނާން ބޯ ޖަހާލިއެވެ. އެއާއެކު ނަޖީބު ވާހަކަ ދައްކަން ފެށިއެވެ.
"ދަރިން ބޮޑެތި ވިޔަސް މައިންބަފައިންނަށް އެ ދަރިންގެ މުސްތަޤްބަލާމެދު ކުރެވޭ ފިކުރުތައް ކުޑައެއް ނުވާނެ. މައިންބަފައިންގެ އެ ފިކުރުތައް ކުޑަވާނީ ދަރިން ޒިންމާދާރު، ރަނގަޅު ދިރިއުޅުމެއް ފެށީމަ. " ނަޖީބުގެ ވާހަކައިގެ މިސްރާބު ދިޔަ ދިމާލުން އަފްނާން ނުތަނަވަސްވާގޮތްވިއެވެ.
"އެ ތެދެއް ދަރިފުޅާ!. މީހަކާ އިނދެގެން ދަރީން ލިބުމަކީ ދިރިއުޅުމުގެ ހަޤީޤީ ހަނގުރާމަ ފެށޭ ހިސާބު. އެކަމަށް ޙަޔާތަށް ރަނގަޅު ކުއްޖަކު ގެނައުން މުހިންމު. އެހެންނޫނީ ވަކި ހިސާބަކުން ދިރިއުޅުން ރޫޅި ހަލާކުވެގެން ދާނީ." ރިސާމާ ވެސް ނަޖީބުގެ ވާހަކައަށް ތަރުޙީބު ދިނެވެ.
"ތި ބުނުއްވަން އުޅޭ އެއްޗެއް ސާފުކޮށްލަ ދީފާނަންތޯ؟" އަފްނާން އިސްޖަހާލިއެވެ. އޭރު އޭނާގެ ހިތް އިންތިހާއަށް ތެޅެމުން ދިޔައެވެ.
"ދަރިފުޅު ރައްޔާއާ ދޭތެރޭ ދެކެނީ ކިހިނެއް؟" ނަޖީބުގެ ސުވާލާއެކު އަފްނާންއަށް އިސްއުފުލާލެވުނެވެ.
"ރައްޔާ!" އަފްނާންއަށް ހައިރާންކަމާއެކު ބުނެވުނެވެ.
"އާނ. ކިހިނެއްވީ؟ ރައްޔާއަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް. މަންމަމެންނަށް އެއީކޮންކަހަލަ ކުއްޖެއްކަން އެނގޭ. އާއިލާއަކީ ކޮންބައެއްކަން އެނގޭ. މީ ހަމަ ދިރިއުޅުމަށް ބައިވެރިއަކު ޚިޔާރުކުރާއިރު ބަލަން ޖެހޭ ކަންތައްތަކޭ. އެހެންވީމަ ދަރިފުޅު ރައްޔާ އާ ގުޅުމަކީ މަންމަމެންގެ ވަރަށް ބޮޑު އެދުމެއް." ރިސާމާ އޭނާގެ ހިތުގެ އެދުން ފާޅުކޮށްލުމާއެކު، އަފްނާންއަށް ލިބުނީ ޝޮކެކެވެ. ހިނދުކޮޅަކަށް އެއްޗެއް ބުނަން ނޭނގި އިނދެވުނު ނަމަވެސް، ދެވަނަ ސިކުންތުގައި ސިކުނޑި އޭގެ އެންމެ ބާރު މިނުގައި މަސައްކަތްކުރަން ފެށީ ރައްޔާ އާ ގުޅުމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެހިތް ދެކޮޅު ހެދުމުންނެވެ.
"އަޅުގަނޑު އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫން." އަފްނާން ބުނެލިއެވެ. އެވަގުތު ނަޖީބަށް ފޯނެއް އައިސްގެން އޭނާ ދުރަށް ޖެހިލިއެވެ. ރިސާމާ އަފްނާންއަށް ބަލާލާފައި ވާހަކަ ދެއްކީ ދެނެވެ.
"އެ ކީއްވެ؟ އެހެން ކުއްޖަކާ ގުޅެން ބޭނުންވަނީތަ؟ އެހެން ކުއްޖަކާ އެފަދަ ގުޅުމެއް އޮތީތަ؟" އޭނާ އޮޅުން ފިލުވަން ބޭނުންވިއެވެ. "ބުނީމައެއްނު މަންމަމެންނަށް އެނގޭނީ. ބައްޕައަކީ އެއް އިރެއްގައި އެއް ކުއްޖަކަށްވެސް ކަންކަމުގައި މަޖުބޫރުކުރާ މީހެއް ނޫންކަންކަން ދަރިފުޅަށްވެސް އެނގެއެއްނު.."
"ނެތް. އެހެން ކުއްޖަކު ނެތް. އެކަމަކުވެސް ބޭނުމެއް ނޫން." އެހެން ބުނެލާފައި އަފްނާން ތެދުވިއެވެ. ރިސާމާ ގޮވާލުމުން ވެސް އަޅާ ނުލާ އޭނާ ތިރިއަށް ދިޔައީއެވެ.
"ހިތްހަމަ ނުޖެހިގެން ދޯ އެ ދިޔައީ؟" ފޯނު ކޯލު ނިންމާލާފައި އައި ނަޖީބު ސުވާލުކޮށްލިއެވެ.
"އިތުރު ކުއްޖަކާ ގުޅުމެެއް ނެތޭ ބުނެފަ އެ ދިޔައީ. އެބަ އަންނަން." އަފްނާންގެ ފަހަތުން ދާން ރިސާމާ އުޅުނެވެ.
"އުހުމް، ދާނެކަމެއް ނެތް. އޭނަ ވަގުތު ކޮޅެއް ބޭނުންވަނީ ކަންނޭނގެ. މިވަގުތު އިހަށް ދޫކޮށްލާ. ފަހުން ދެން އެ ވާހަކަ ދައްކާނީ." ނަޖީބު ބުނެލިއެވެ.
އަފްނާން އެ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަނެފައި ވިސްނަން އެތައް އިރަކު އޮވެވުނެވެ. އެންމެ ފަހުން، ތެދުވެގެން ގޮސް ވަނީ ފާޚާނާއަށެވެ. މޫނު ދޮވެލައިގެން ނުކުމެ މަޑުމަޑު އަޅި ފެހި ކުލައަކަށް ދާ އަތްކުރު ޓީޝާޓަކާއި ގަދަ ވަޅު ފެހިކުލައެއްގެ ސޯޓެއް ލައިގެން އޭނާ ތައްޔާރުވެލިއެވެ.
ގެއިން ނުކުމެގެން ގޮސް ސައިކަލަށް އަރާފައި އަފްނާން ގޯތި ތެރެއިން ސައިކަލު ނެރެލިއެވެ. މަގުމައްޗަށް ނުކުމެވުމާއެކު، ސައިކަލުގެ ސްޕީޑް ބާރުކޮށްލަމުން އޭނާ ހޮސްޕިޓަލާ ދިމާލަށް ދުއްވައިލިއެވެ. މައުވާ ފެނުނު ފަހުން ހަފްތާއެއް ވީއިރުވެސް އަލުން މައުވާގެ ކައިރިއަށް ދާން އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އެހެންނަމަވެސް، މިރޭ އޭނާ ބޭނުންވަނީ އެ ޖެހިލުންވުމާއި ބިރު ކަނޑުވާލާފައި މައުވާގެ ގާތަށް ދިޔުމަށެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް ކިތަންމެ ވަރަކަށް ހަލަބޮލިވި ނަމަވެސް، މައުވާ ދެކިލާށެވެ.
ހޮސްޕިޓަލާ ހިސާބަށް ގޮސް ސައިކަލު ޕާކުކޮށްލާފައި އެތެރެއަށް ވަދެގެން އޭނާ މައުވާ ބާއްވާފައި އޮތް ވާރޑަށް ދިޔައެވެ. ރާމިޒާ އެތަނުގައި ހުރެެއްޖެނަމަ އެތެރެއަށް ވަންނާކަށް އޭނާއަކަށް ނުކެރޭނެއެވެ. ރާމިޒާއާ ކުރިމަތިލާން އޭނާގެ ޒަމީރު ދެކޮޅު ހަދާތީއެވެ. ވިސްނަން ހުރުމަށްފަހު، އަފްނާން ބެލް އަޅާލިއެވެ. ނަރުސްކުއްޖާ ދޮރު ހުޅުވުމުން ކައުންޓަރު ކައިރިއަށް ގޮސްފައި، އަފްނާން އެތަނުގައި ހުރި ކުއްޖާ ގާތު، ނުވާކަމަކަށް ހަދާފައި ސުވާލު ކޮށްލީ އެތެރޭގައި އިތުރު މީހެއް ނެތްކަން ޔަޤީންކޮށްލުމުގެ ގޮތުންނެވެ. ނަސީބަކުން އެއީ ކުރީ ދުވަހުވެސް އޭނާއާ ދިމާވި އަންހެން ކުއްޖާއެވެ. ލިބުނީ ހިތްހަމަޖެހޭ ޖަވާބެކެވެ. އެތެރޭގައި އެއްވެސް މީހަކު ނެތްކަން ޔަޤީންވުމުން އަފްނާން ހިނގައިގަތީ އެ ކޮޓަރިއާ ދިމާލަށެވެ. ދޮރު ހުޅުވާލާފައި ގޮސް އެތެރެއަށް ވަނުމާއެކު، އޭނާ ގޮސް މައުވާ އޮތް އެނދާ ކައިރިގައި ހުއްޓި ވަރަށް ފަރުވާތެރިކަމާއެކު މައުވާއަށް ބަލައިލިއެވެ. މައުވާގެ އަތުގައި އަތް ލަން އުޅެފައިވެސް ޖެހިލުންވެ ހުރެ އަތް ދަމައިގަނެވުނީ އެ ހައްޤެއް އޭނާއަށް ނެތޭ ބުނެ އަމިއްލަ ހިތުން އުޒުރު ދެއްކުމުންނެވެ.
"މައުވާ… މީ ކިހިނެއް ވީކަމެއް؟ ކޮން އިރަކު ވީ ކަމެއް؟ ކާކު ކުރި ކަމެއް؟" އަފްނާންގެ އެ ސުވާލުތައް ވީ އޭނާގެ ހިތުގައެވެ. ޖަވާބު ބޭނުންވި ނަމަވެސް، ނުލިބޭނެކަން އެނގި ހިތަށް ތަދުވެލިއެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު، އަފްނާން މަޑު މަޑުން މައުވާގެ އަތްތިލައިގައި ހިފައްޓާލިއެވެ. އެއަށްފަހު، ކޮޅަށް ހުންނަން ދަތިވެފައިވާ މީހެއް ފަދައިން، އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އަދި ހިތްވަރުކޮށްފައި، މަޑުމަޑުން މައުވާގެ މޫނުގައި ފިރުމާލިއެވެ. މައުވާގެ ހިކި އަނަރޫފަވެފައިވާ ހަށިގަނޑަށް ބަލައިލުމުން އެކަނިވެސް، އެ ޙާލުގައި މައުވާ އޮންނަތާ އެތަކެއް ދުވަހެއްކަން އަފްނާންއަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ ހިތް ހީވީ ވިރިގެން ދިޔަހެންނެވެ. މަޑު ދިލަ ތަދެއްގެ އަސަރު މޭގައި އުފެދި އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރަން ފަށައިފިއެވެ. ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ވަކިވަކިން މާޔޫސްކަމާއި ތަކުލީފުތަކުގެ އަސަރު ވެރިވަމުން ދިޔަ ފަދައެވެ. ހިތާ އެ ހިތުގެ އެންމެ ހިމަ ނާރަށް ފޯރުވި އެ އަސަރުތަކުގެ ސަބަބުން ބުނެދޭން ނޭނގޭ ފިނިކަމެއް އޭނާގެ ހަށިގަނޑަށް ވެރިވެއްޖެއެވެ. ސިކުނޑީގައި އުފެދުނު ހައިޖާނުގަނޑު މުޅި މީހާގެ ނަފްސުވެސް ގުޑުވާލައިފިއެވެ. ފުން ނޭވާއެއް ލާން އުޅުނު ނަމަވެސް ފިތިފައިވި މެއާ، ވި ރިހުމުގެ ސަބަބުން އެކަން ކުރަން ވެސް އޭނާއަށް އުނދަގޫވިއެވެ. އެއާއެކު، ދެ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތަކުން މަންޒަރު ފުންވާން ފެށިއެވެ.
އެ ހިތާމައިގެ ތެރެއިން މާޒީގެ ޚިޔާލުތައް އޭނާއަށް ގޯނާކުރަން ފެށިއެވެ. އެ ހިނދު މައުވާގެ ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާލިހެން ހީވެ ވަށައިގެން ބަލާލެވުނެވެ.
(ނުނިމޭ)