ލޯބިވެވުމުން... 39

ރަޔާން ގޮސް ލިމްޔާގެ ގެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރަޔާން ސަލާމް ގޮވާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވިއެވެ.

********

ރަޔާން ލިމްޔާގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. ލިމްޔާ ދޮރު ހުޅުވީ ކުޑައިރުކޮޅެއް ފަހުންނެވެ. އޭރު އޭނާ ހުރީ ނަމާދު ދޮޅިއާއިވެސް އެކުގައެވެ.

"ރެން؟" ލިމްޔާގެ މޫނުން ފެނުނީ ހައިރާންކަމެވެ.

ބުރުގާ ރަނގަޅުކުރަމުން އަމީރާވެސް ކޮޓަރިން ނުކުތެވެ. ރަޔާން ފެނުމުން އަމީރާއަށްވެސް ލިބުނީ ހައިރާންކަމެވެ.

"ސޮރީ، ނަމާދަށް ހުރީމަ ލަސްވީ" ލިމްޔާ ތަފްސީލް ދިނެވެ. "ރެން މިގަޑީ... އަނެއްކާ ކަމެއް ގޯސްވީތަ؟"

"އާނ! ކަންތައް ވަރަށް ގޯސްވެއްޖެ. މާ ބޮޑަށްވެސް ގޯސްވެއްޖެ. އެހެންވެ އެހުރިހާ ކަމެއް ހައްލުކުރަން މިއައީ" ރަޔާންގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ.

ލިމްޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ޔަލްވީ ރަޔާންގެ ކައިރީގައި ލިމްޔާގެ ގޯސް ވާހަކައެއް ދެއްކީބާއޭ އޭނާގެ ހިތަށް އެރިއެވެ. ޔަލްވީއާއި ލިމްޔާއާއި ދެމެދު މައްސަލަ އޮތީ ގޯސްވެފައެވެ. އެކަން ރަޔާނަށް އެނގިއްޖެނަމަ، ލިމްޔާ އާއި ރަޔާންގެ އެކުވެރިކަމަށް ނިމުމެއް އަންނާނެއެވެ. ރަޔާން ހަދާނީ ޔަލްވީ ބުނާ ގޮތެވެ. ގަބޫލުކުރާނީ ޔަލްވީ ދައްކާ ވާހަކައެވެ. ލިމްޔާއަށް ދެން ރަޔާން ހުންނަ ހިސާބަށްވެސް ނުދެވޭނެއެވެ. ލިމްޔާގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. އޭނާއަށް ހިންދިރުވާލެވުނީ އުނދަގޫ ގޮތަކަށެވެ. އާދޭސްކޮށްގެންވިޔަސް ރަޔާންގެ ދިރިއުޅުމުން، ޖާގައެއް ހޯދަން ލިމްޔާގެ ހިތް އެދެން ފެށިއެވެ.

"ވަރަށް ބޮޑަށް ސޮރީ. އަހަރެން އެއްވެސް ކަމެއް ގޯސްކުރާކަށް ބޭނުމެއް ނޫން. އެކަމަކު އަމިއްލަ ހިތަށް ބާރު ނުފޯރުވޭތީ ރެންގެ ކުރިމައްޗަށް ދެވެނީ. އެނގޭ ތީ މީހެއްގެ ފިރިއެއް ކަންވެސް. އަހަރެން އެކަން ހަނދާން ނައްތައެއް ނުލަން. ރެން ޕްލީޒް. ރެންގެ ލައިފުން އަހަރެން ބޭރުކޮށްނުލާ. ރެން ބެހެއްޓި ހިސާބެއްގަ އަހަރެން ހުރެދާނަން. ޕްލީޒް...." އެބަސްތައް ވީ ލިމްޔާގެ ހިތުގައެވެ. ދުލާއި ހަމައަށް ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.

"ކަމެއް ގޯސްވީއޭ؟ ކޮންކަމެއް އަނެއްކާ؟" ލިމްޔާއަށްވުރެ ކުރިން ސުވާލުކުރީ އަމީރާއެވެ.

"އާނ ދައްތާ! ވަރަށް ބޮޑަށް ކަންތައް ގޯސްވެއްޖެ! އެކަން ހައްލުކުރަން ލިމްޔާ އާ ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބިދާނެތަ؟" ރަޔާން ބޭނުންވީ ފުރަތަމަ ލިމްޔާއާއި ވާހަކަ ދައްކާށެވެ. އަމީރާއާއި ހަމައަށް ދެވޭނީ އޭގެ ފަހުންނެވެ.

ލިމްޔާގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން އަމީރާގެ ހިތް އިތުރަށް ހާސްކުރުވިއެވެ. ރަޔާން އާއި ލިމްޔާ އާއި ދެމެދު ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގައިފިކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ކިތަންމެ ބޭނުންވި ނަމަވެސް ހާލަތުގެ ގޮތުން އޭނާ ހިޔާރުކުރީ ހިމޭންކަމެވެ. ރަޔާންއަށް ފުރުސަތުދީފައި ކޮޓަރިއާއި ދިމާއަށް އަމީރާ ހިނގައިގަތެވެ.

"ހިނގާ އިށީންނަން" ލިމްޔާ ގަދަކަމުން ހިނިތުންވެލިއެވެ. "އަންނާނަން ބުރުގާ ބަދަލުކޮށްލައިގެން"

ލިމްޔާ ދިޔުމުން، ރަޔާން ގޮސް ސޯފާގައި އިށީނެވެ. ގިނައިރެއްނުވެ ލިމްޔާ އައެވެ. ރަޔާންގެ ކައިރީގައި އިށީނެވެ.

"ލިމް! އަހަރެން...." ރަޔާން އެއްޗެއް ބުނަން އުޅެފައި ލިމްޔާގެ މޫނަށް ބަލައިލިއެވެ.

ލިމްޔާ ބިރުން އިންކަން އެނގުމުން ދައްކަން ބޭނުންވި ވާހަކަ ފަސްކޮށްލަން ރަޔާން ނިންމިއެވެ. ރަޔާން ދައްކަން ބޭނުންވަނީ ކުޑަ ވާހަކައެއް ނޫނެވެ. ހުރިހާ އެންމެންގެ ދިރިއުޅުމަށްވެސް ބޮޑު ބަދަލެއް އަންނަ ވަރުގެ ވާހަކައެކެވެ. އެވާހަކަ ދެއްކުމަށް ހުދު ރަޔާންވެސް އަދި ފުރިހަމައަށް ތައްޔާރެއް ނޫނެވެ. ނަމަވެސް ރަޔާންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ލިމްޔާ އާއި އެވާހަކަ ދެއްކުމުންނެވެ.

ރަޔާން އޮފީހުގެ ވާހަކަ ދައްކަން ފެށުމުން ލިމްޔާ ހަމައަކަށް އެޅުނެވެ. ކުރިން ހުންނަ މަޖާ މޫޑު އައެވެ. ހީލާފައި ވާހަކަތައް ކިޔައިދޭން ފެށިގޮތުން ރަޔާންއަށް ޝައުގުވެރިވެފައި އަޑުއަހަން އިނދެވުނެވެ. ރަޔާންއަށް އެގޮތަށް ލިމްޔާ އާއި ވާހަކަ ދައްކާނުލެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ރަޔާން ބޭނުންވި މިސްރާބަށް ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލިއެވެ.

"އަހަރެން މެރީކުރީމަވެސް ލިމްއަށް ހުރިހާ ކަމެއް ކޮށްދޭންޖެހޭތީ އެއްޗެކޭ ހިތަކަށް ނާރާތަ؟" ރަޔާން އިނީ ލިމްޔާގެ މޫނަށް ވެރިވާ އަސަރުތަކަށް ބަލާށެވެ.

ލިމްޔާގެ މޫޑު ބަދަލުވިއެވެ. ވާހަކަ ދެއްކުން ހުއްޓުނެވެ. އިސްޖެހިގޮތަށް އިސްއުފުލާވެސް ނުލިއެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ލިމްޔާ ތެދުވިއެވެ. ރަޔާން ވާހަކަ ގެންދަން އުޅެނީ ކޮން މިސްރާބަކަށް ކަން ލިމްޔާއަށް އެނގެއެވެ. އެފުރުސަތު އެހާ ފަސޭހައިން ރަޔާނަށް ދޭކަށް ލިމްޔާގެ ހިތެއް ނޭދުނެވެ.

"އެބަ އަންނަން ޖޫސްތައްޓެއް ހިފައިގެން" ލިމްޔާ މަސައްކަތް ކުރީ ރަޔާންގެ ކުރިމަތިން ދާށެވެ. ދާން ތެދުވިނަމަވެސް ރަޔާން ލިމްޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ލިމްޔާއަށް ދެލޯ މަރާލެވުނެވެ.

"އިހަށް އިށީނދެބަލަ" ރަޔާން އެދުނެވެ.

"އައިމް ސޮރީ. އަހަރެން ދެން ދުވަހަކުވެސް ޔަލްވީ ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ނުކުރާނަން. ކާއެއްޗެހި ހިފައިގެންވެސް ދެން ދާނީ މަންމަ. އެކަމަކު. އަހަރެމެންގެ މި އެކުވެރިކަން...." ލިމްޔާއަށް ރޮވުނެވެ.

ހިތަށް ކެތްނުކުރެވުމުން ލިމްޔާގެ ދުލުން އެބަސްތައް ބޭރުވީއެވެ. ޔަލްވީގެ ސަބަބުން ލިމްޔާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ ހީވެސްނުކުރާފަދަ ހިތްދަތި ގޮތަކަށެވެ.

"ޔަލްވީ ހިތްހަމަނުޖެހުނީ ކޮންކަމަކާ؟" ރަޔާންގެ މޫނުން ފެނުނީ ހައިރާންކަމެވެ.

ރަޔާން އިނީ ވާނުވާ ނޭނގިފައެވެ. ރަޔާން ދެއްކި ވާހަކައާއި ލިމްޔާ ދެއްކި ވާހަކަ ނުގުޅޭތީއެވެ. ލިމްޔާ ދެރަވެގެން ރޯނީ ބޮޑުކަމެއް ވީމައެވެ. ވެގެން އުޅޭގޮތް ލިމްޔާގެ ކައިރިން ސާފުވާގޮތްވީ ރަޔާން އެތައް ސުވާލެއް ކުރި ފަހުންނެވެ. ޔަލްވީ ކަންތައް ކުރިގޮތް އެނގުމުން ރަޔާންއަށް ވެސް ލިބުނީ ސިހުމެކެވެ. އޭނަ އާއި ލިމްޔާ އާއި ދެމީހުން އެކުގައި ފެނުމުން ޔަލްވީގެ ހިތުގައި ނަފުރަތު އުފެދެންޖެހޭ ސަބަބެއް ރަޔާނަކަށްވެސް ނުވިސްނުނެވެ. އެކަމުން ރަޔާންގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބުނެވެ.

"ޔަލްވީގެ ގޮތް ލިމްއަށް އެނގެއެއްނު. އެއީ އެކުއްޖާއަށް އަދި ނުވިސްނޭތީ. އެކަމާ އަޅާނުލާ....." ނުތަނަވަސްކަމުގެ ތެރެއިން ޔަލްވީގެ ވާހަކަ ބުނިއިރު، ރަޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ރެން ބުނަން އުޅުނީ ޔަލްވީގެ ވާހަކައެއް ނޫންތަ؟" ލިމްޔާ ހަމައަކަށް އެޅުނީ، ރަޔާން ދައްކަން އުޅެނީ އޭނާގެ ހިތް ހަލާކުވާފަދަ ވާހަކައެއް ނޫންކަން އެނގުމުންނެވެ.

"މިވާހަކަ ފަށާނެ ގޮތެއްވެސް ނޭނގެ" ރަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަންނަށް އެނގޭ އަހަރެން މީ މީހެއްގެ ފިރިއެއް ކަން. އަދި އެއަށްވުރެވެސް ބޮޑަށް އަހަންނަށް އެނގޭ އަހަރެން މީ އެހާ ފުރިހަމަ އިންސާނެއް ނޫންކަންވެސް....."

"ތިދައްކަނީ ކޮންކަހަލަ ވާހަކައެއް" ލިމްޔާގެ ހިތަށް ތަދުވިއެވެ.

"އަހަރެން ބޭނުމެއް ނޫން ލިމްއޭ ކިޔައިގެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާކަށް. އަހަރެންގެ ސަބަބުން ލިމް ބަދުނާމުވެގެން ދާކަށްވެސް ބޭނުމެއްނޫން. ލިމް..... އަހަރެން..... އަހަރެން.... އަހަންނަށް ޔަލްވީ ދޫކޮށްލެވޭކަށް ނެތް.... އެކަމަކު...."

ލިމްޔާ އިނީ ހުއްޓުން އަރާފައެވެ. ރަޔާންގެ ފަހު ޖުމްލަ ލިމްޔާގެ ކައިރީގައި ބުނީ ކީއްވެ ހެއްޔެވެ؟ އިތުރަށް ލިމްޔާގެ ހިތަށް ތަދުކުރަން ހެއްޔެވެ؟

"ލިމް..... ލިމް ރުހޭކަމަށްވަންޏާ، އަހަރެން ބޭނުން ލިމް އާ ކައިވެނި ކުރަން... ދެއަނތްބަށް..." ވަރަށް ހިތްވަރުކޮށްފައި ރަޔާން ބުނެލިއެވެ.

އެފަދަ ގޮތަކަށް ލިމްޔާގެ ކައިރީގައި ކައިވެންޏަށް އެދެންޖެހިދާނެކަމަށް ރަޔާން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ނަމަވެސް ކަންތައްތައް ވަނީ ރަޔާން ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ. އަމިއްލަ އުފަލަށްވުރެ އެހެން މީހުންގެ އުފާ އިސްކުރަން މިއަދު ރަޔާންއަށް މަޖުބޫރެވެ. ލިމްޔާގެ ފަރާތުން އަނތްބެއްގެ ލޯތްބާއި އަޅާލުން ލިބޭނެ ކަމާއިމެދު ރަޔާން ޝައްކެއް ނުކުރެއެވެ. ނަމަވެސް އޭނަ ލިމްޔާ އާއި ކައިވެނި ކުރުމުގެ ހަމައެކަނި މަގުސަދަކީ ލިމްޔާ ބަދުނާމުވުމުން ސަލާމަތްކުރުމެވެ.

ލިމްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ރަޔާން ބުނި އެއްޗެއް ގަބޫލުނުކުރެވިފައި އޭނާއަށް އިނދެވުނެވެ. ލިމްޔާގެ ހިތް އެދުނީ ރަޔާން އޭނާގެ ޖުމުލަ ދެވަނަ ފަހަރަށްވެސް ތަކުރާރު ކުރުމަށެވެ. އިވުނު އަޑު ޔަގީންކުރުމުގެ ގޮތުންނެވެ. ނަމަވެސް އިސްޖަހާލި ގޮތަށް ރަޔާން އިސްއުފުލާވެސް ނުލިއެވެ. އެއީ ލިމްޔާއަށް އަޑު އިވުނު ގޮތް ހެއްޔެވެ؟ ނޫނީ އެއީ ރަޔާން ލިމްޔާއަށް ކުރި ސަމާސާއެއް ހެއްޔެވެ؟

ލިމްޔާ ބަލަހައްޓައިގެން އިންނަން ފެށުމުން ރަޔާން އޭނާގެ ޖުމުލަ ތަކުރާރުކުރިއެވެ. އެއާއިއެކު ލިމްޔާގެ ހިތް އުފަލުން ނަށާލިއެވެ. އެހުރިހާ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެދާނެކަމުގެ ކުލަވަރު ފެނުމުންނެވެ. ރަޔާންގެ އަނތްބެއްގެ މަގާމުގައި ދުނިޔޭގެ ބާކީ އޮތްބައި ހޭދަކުރުމަކީ ލިމްޔާގެ ހިތް އެދިއެދި ހުރި ކަމެކެވެ. ވީއުފަލެއްގެ ބޮޑުކަމުން ލިމްޔާއަށް ހިނިތުންވެލެވުނެވެ. ނަމަވެސް އެހިނިތުންވުން ދެމިގެން ދިޔައީ ފަޅި ސިކުންތުކޮޅަކަށެވެ. ރަޔާން އަކީ މީހެއްގެ ފިރިއެއްކަން ހަނދާންވުމުން ލިމްޔާގެ ދެލޯ ކަރުނުން ފުރިގެން އައެވެ.

"މިކައިވެންޏަށް ޔަލްވީގެ ރުހުމެއް ނުލިބޭނެ" ލިމްޔާއަށް ހިތާއިހިތުން ބުނެވުނެވެ.

ލިމްޔާއަށް ދެއަތުން ސޯފާގައި ބާރަށް ހިފަހައްޓާލެވުނެވެ. ފުރުސަތަކަށް ބަލަބަލާ އިން ސައިތާނާއަށް ފުރުސަތު ފަހިވުމުން ލިމްޔާގެ ހިތާއި ކުޅެލުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ތަފާތު އެކި ވަސްވާސްތަކުން ލިމްޔާގެ ހިތް ކިލަނބުކުރިއެވެ. އެހުރިހާ ދުވަހު ލިމްޔާ ކުރަމުން އައި ފޮނި އުއްމީދަށް ނިމުމެއް އައުމުން އެހެން މީހަކާއިމެދު ވިސްނަންވީ ކީއްވެ ހެއްޔެވެ؟ ޔަލްވީއަކީ ބޭކާރު މީހެކެވެ. ރަޔާންގެ ދިރިއުޅުމުގައި ނަމަކަށް ހުރި މީހެކެވެ. އަނތްބެއްގެ ލޯބި ރަޔާންއަށް ދެވޭނެ މީހަކީ ލިމްޔާއެވެ. ޔަލްވީއަށް ދެން އެފުރުސަތެއް ނެތެވެ. މަކަރާއި ހީލަތުން ރަޔާން ޖަހައިގަނެވުނަސް، ޔަލްވީއަކަށް އެކަމުން އުފަލެއް ނުލިބޭނެއެވެ. ޔަލްވީ ރަޔާންއާއި ދޭތެރޭގައި އެހާ ގޯސްކޮށް ކަންތައް ކުރާއިރު، އޭނާ ޔަލްވީއާއި ދޭތެރޭގައި ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ ރަޔާންގެ ހަޔާތުން ފުރުސަތެއް ލިބުމުން، އެ ފުރުސަތު ނަގާލާހާ ލިމްޔާ މޮޔައެއް ނޫނެވެ.

"އަހަންނަށް އެނގޭ އަހަރެން ކުއްލިއަކަށް ކައިވެންޏަށް އެދުނީމަ ލިމްގެ ހިތުގަ ވަރަށް ގިނަ ސުވާލު އުފެދޭނެކަން. މިކައިވެންޏަށް ޔަލްވީ ގަބޫލުވާނެތޯވެސް ހިތަށް އަރާނެކަން. ޓްރަސްޓްމީ. އަހަރެން ލިމްއަކަށް ދެރަގޮތެއް ނަހަދާނަން. އަހަރެން ކުރާކަމެއް ކުރާނީ ވަރަށް ވިސްނާފަ. އެންމެނަށްވެސް ރަނގަޅަކަށް" ރަޔާން ތެދުވިއެވެ. އަދި ލިމްޔާއަށް ފުރަގަސްދިނެވެ.

"އަހަރެން ރެންއަށް އިތުބާރުކުރަން. ރެން އެދޭ ކޮންމެ އެދުމެއް އެއްވެސް ޝަކުވާއެއްނެތި ކޮށްދޭން ކިތަންމެހާވެސް ބޭނުން. އެކަމަކު...... ރެން...... ރެންއަކީ މީހެއްގެ..... ފިރި....." ކިތަންމެ ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިނަމަވެސް އެއަށްވުރެ އިތުރަށް އެއްމެ ލަފުޒެއްވެސް ލިމްޔާގެ އަނގައިން ބޭރެއް ނުކުރެވުނެވެ.

"އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން ޔަލްވީ ދޫކޮށެއް ނުލާނަމޭ. އެއީ އަހަރެންގެ އަލަތު އަނބިމީހާ. އަހަރެން ޔަލްވީއަށް ދެރަގޮތެއް ނުހަދާނަން. ލިމް މިކައިވެންޏަށް އެއްބަސްވެއްޖެއްޔާ ހުންނާނީ އަހަރެންގެ ދެވަނަ އަނބިމީހާގެ މަގާމުގަ. ދެމީހުންނަށްވެސް ހަމަހަމައަށް ކަންތައް ކޮށްދެވޭތޯ އަހަރެން މަސައްކަތް ކުރާނަން. ލިމްއަކަށް އެއްވެސް މަޖުބޫރުކަމެއް ނެތް.... މިކައިވެންޏަށް އެއްބަސްވިޔަސް ނުވިޔަސް އަހަރެމެން ދެމީހުންގެ ރަހުމަތްތެރިކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ....." ރަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު