ރާއްޖޭގައި އުޅޭ ނަން މަޝްހޫރު ބޮޑެތި ގޭންގުތައް އެއްކޮށް ހުއްޓުވާނަން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ ރާއްޖޭގަ ހެދިފަހުރި ނަންމަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށް --- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓް: މުޙައްމަދު މާވީ

ރާއްޖޭގައި އުޅޭ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން އެސްއެސް ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

މި ފަހުން ހިނގާދިޔަ މާރާމާރީތަކާއި ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ އިތުރުން ރަހީނުކުރުމުގެ ހާދިސާތަކާ ގުޅިގެން އަދުގެ މުޖުތަމައުގައި މި އޮތް ބިރުވެރިކަމުން އަރައިގަތުމަށް ގޭންގު ކުށްތައް މަދުކޮށް މިހާރު މިއޮތް ބިރުވެރިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަމާ ބެހޭގޮތުން ސުވާލުކުރުމުން ވަޒީރު ވިދާޅުވީ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށެވެ.

މަދެއް ވެސް ނޫން އިނގޭތޯ އަޅުގަނޑުމެން މި ރާއްޖޭގަ މިހާރު މި ހެދިފަހުރި ގޭންގުތައް، ނަން މަޝްހޫރުވެގެން މުޖްތަމައުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ގޭންގުތަކުގެ ކަންކަން އެއްކޮށް ހުއްޓުވާނަން. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން

ވަޒީރު ވިދާޅުވީ ގޭންގުތައް ހުއްޓުވޭނޭ ކަމުގެ 100 ޕަސެންޓް ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ. މިކަން ކުރެވޭނޭ ގާބިލުކަން އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެބަހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު އިހުސާން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ނިންމެވުންތައް ތަންފީޒު ކުރުމުގައި އެ ވުޒާރާއިން ދިވެހި ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށެވެެ.

ވަޒީރު ވިދާޅުވީ ގޭންތަކުގެ ބާރު ރާއްޖޭގައި ގަދަވެގެން އައީ ކުރީގެ ސަރުކާރުތަކުން ގޭންގުތަކުން އެއްބާރުލުން ދީފައި އޮތުމުން ކަމަށެވެ. އަދި މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމާމެދު ވިސްނާ ވަރަށް ނިމިދިޔަ ސަރުކާރުތަކުން ވެސް ވިސްނިނަމަ ގޭންގުތަކުގެ ބިރުވެރިކަން ބޮޑު ނުވާނެ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މިކަމަށް ފިޔަވަޅު އަޅަނީ އެންމެން މިކަމަށް ޒިންމާވާން ޖެހޭ ހާލުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު ކުށުގެ މާހައުލުގައި އުމުރުން 12، 13 އަހަރުގެ ކުދީން ހަރަކާތްތެރިވަމުން އަންނަ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް މިހާރު އޮތް ގާނޫނުގައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހެނީ 15 އަހަރުން މަތީގެ ކުދީން ކަމަށާއި ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކާގޮތުން ދިރިއުޅޭ މާހައުލުގެ ސަބަބުން 12 އަހަރުން ފެށިގެން ކުޑަކުދިން ކުށުގެ ވެއްޓަށް ނިކުތުމަށް މަގުފަހިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިހާރު ކެބިނެޓް މީޓީންގައި މަޝްވަރާކޮށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ނިންމާފައި ވާނެކަމަށާއި އެ އިސްލާހު މިހާރު ޑްރާފްޓްކޮށް އޭޖީ އޮފީހަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް