ލުބުނާންގެ ވެރިރަށް ބެއިރޫތުގެ މެދުތެރޭ އިމާރާތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި، އެ ގައުމުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުاللهގެ ތަރުޖަމާނު މުހައްމަދު އަފީފް ޝަހީދުކޮށްލާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުގެ އޮފިޝަލުން ބުނެފިއެވެ.
ބެއިރޫތުގެ އާބާދީ ބޮޑު ރަސުލް ނަބާ ޑިސްޓްރިކްޓްއަށް ދިން އެ ހަމަލާގައި އިތުރު ތިން މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް އޮފިޝަލުން މައުލޫމާތުދިނެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އިމާރާތަށް ހަމަލާ އަމާޒުކޮށްފައި ވަނީ އިންޒާރެއް ވެސް ނުދީއެވެ. ރަސުލް ނަބާއަކީ ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގިނަ އާންމުން ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދެކެވެ.
އަފީފު ވަނީ ހިޒްބުﷲގެ އެންމެ އިސް މީޑިއާ ރިލޭޝަންސް އޮފިސަރުގެ މަގާމާ ހަވާލުވުމުގެ ކުރިން އެތައް އަހަރެއް ވަންދެން އެ ޖަމާއަތުގެ އަލްމަނާރު ޓީވީ ސްޓޭޝަން ހިންގާފައެވެ.
އިސްރާއީލުން ލުބުނާނަށް ހަމަލާތައް ދޭން ފެށިފަހުން ވެސް އަފީފް ވަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާފައެވެ.
މި މަހުގެ 11ވަނަ ދުވަހު ނޫސްވެރިންނާ އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އިސްރާއީލުގެ ސިފައިންނަށް ލުބުނާނުގެ އެއްވެސް ސަރަހައްދެއް ހިފުމުގައި ކާމިޔާބު ނުވާ ކަމަށާއި "ދިގު ހަނގުރާމައެއް" ކުރުމަށް ހިޒްބުاللهގެ އަތުގައި އެކަށީގެންވާ ހަތިޔާރާއި ތަކެތި ހުރި ކަމަށެވެ.
މަޝްރަހު ދިރާސާކުރާ ފަރާތެއް ކަމަށްވާ އެލިޖާ މެގްނިއާ އަލްޖަޒީރާއަށް ވިދާޅުވީ މުހައްމަދު އަފީފް މަރާލުމަކީ ހިޒްބުاللهގެ ލީޑަޝިޕާއި ދުނިޔެއާ މުއާމަލާތް ކުރުން ހުއްޓުވުމަށް، އިސްރާއީލުން ގެންގުޅޭ ސްޓްރެޓެޖީގެ ބައެއް ކަމަށެވެ.