ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ނެދަލަންޑްސް ޖާގަހޯދައިފި

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ނެދަލަންޑްސް ޖާގަހޯދައިފި --

ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ނެދަލަންޑްސް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން ނެދަލަންޑްސް ޖާގަހޯދާފައި ވަނީ ލީގު އޭގެ ގްރޫޕް ތުރީގައި ހަންގޭރީ އާއި ބައްދަލުކުރި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ނެދަލަންޑްސްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ނެދަލަންޑްސް އިން އުފެއްދި ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ހަންގޭރީގެއެވެ. މިގޮތުން މެޗުގެ ކުރީކޮޅު ހަންގޭރީންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެން ފެނިގެންދިޔައީ މެޗުގެ ހަތްވަނަ މިނެޓުގައި ހަންގޭރީގެ އެސިސްޓަންޓް ކޯޗު އެޑަމް ޒަލާއި ބެންޗުގައި އިންދާ ކުއްލިއަކަށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން މެޗުގެ ކުޅުން މެދު ކަނޑާލިތަނެވެ.

ޒަލާއިއަށް ފަރުވާދީ ހޮސްޕިޓަލަށް ގެންދެވެންދެން މެޗުގެ ކުޅުން އޮތީ މެދު ކަނޑާލާފައެވެ. މިހާދިސާއަށް ފަހު މެޗުގެ ކުޅުން އަލުން ފަށާފައިވަނީ 10 މިނެޓު ފަހުންނެވެ. އެއިރު އޮތީ ނެދަލަންޑްސް އިން އުފެއްދި ހަމަލާއެއްގައި ޕެނަލްޓީ އެއް ލިބޭތޯ ބަލި ހިސާބުގައެވެ. އަދި މެޗު ފެށުމަށްފަހު ރެފްރީގެ ފުރަތަމަ ކަމަކަށްވީ ވީއޭއާރުގެ އިރުޝާދުގެ ދަށުން މޮނީޓާ ބެލުމަށްފަހު ނެދަލަންޑްސްއަށް ޕެނަލްޓީއެއް ދިނުމެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް ނެދަލަންޑްސްއަށް ލީޑު ނަގައިދިނީ ވޫޓް ވެގްހޯސްޓްއެވެ. މިމެޗުގައި ނެދަލަންޑްސް އިން ކާމިޔާބުކުރި ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލިބިގެންދިޔަ ދެވަނަ ޕެނަލްޓީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ކޯޑީ ގަކްޕޯއެވެ. ނެދަލަންޑްސް އިން މިމެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 64ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޑެންޒެލް ޑަމްފްރީސްއެވެ. އަދި ފަހު ލަނޑު މެޗުގެ 85ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓެއުން ކޫޕްމެއިނާސްއެވެ.

މިމެޗު ހަންގޭރީއިން ވަރަށް ފޯރީގައި ފެށި ނަމަވެސް މެޗުގެ ހަތްވަނަ މިނެޓުގައި ދިމާވި ހިތާމަވެރި ހާދިސާ އާއި އެކު އެޓީމުގެ ކުޅުންތެރިންނަށް އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިކަން ފާހަގަ ވެގެންދިޔައެވެ. ހަންގޭރީ ފުޓްބޯޅަ އެސޯސިއޭޝަނުން އާންމު ކުރި ބަޔާނެއްގައި ހާމަކުރިގޮތުގައި ޒަލާއި އަށް އުނދަގޫވާކަން އިހުސާސް ކުރެވުނީ މެޗުގެ ފުރަތަމަ މިނެޓުގައެވެ. އަދި މިހާރު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ. އޭނާއަށް މިހާރު އަންނަނީ އެމްސްޓަޑަމްގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ދެމުންނެވެ.

މިކާމިޔާބީ އާއެކު ނެދަލަންޑްސް މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ހަންގޭރީ އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ނެދަލަންޑްސްއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ވެފައިވަނީ މިދެ ޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު ނެދަލަންޑްސްއަށް ކުރި ލިބޭތީއެވެ. މިގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި ޖަރުމަނުވިލާތް މިހާރުވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު