އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސްގެ ފައިނަލުން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ފަސްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ސިނާ ޖާގަ ހޯދައިފައިވަނީ ސެމީ ފައިނަލްގައި ހަވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑްއާ ބައްދަލުކުރި މެޗު ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ސިނާގެ ފަރާތުން ފެނުނީ ގިނަ ބަޔަކު ގަބޫލް ކުރި ގޮތުގައި މިހާތަނަށް ފެނުނު އެންމެ ރަނގަޅު ކުޅުމެވެ. މިގޮތުން ފުރަތަމަ 10 މިނެޓްގެ ތެރޭގައި ފުރަތަމަ ސެޓުގެ ތިން ގޭމްވަނީ ކާމިޔާބުކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކަކުންނެވެ. މިމެޗުގެ ދަވަނަ ސެޓުގައި ރޫޑް ކޮންމެވެސް ވަރަކަށް ސިނާ ހިފެހެއްޓޭތޯ މަސައްކަތް ކުރި ނަމަވެސް އޭނާއަށް ކާމިޔާބު ކުރެވޭވަރުވީ ދެ ގޭމެވެ. މިސެޓު ސިނާ ކާމިޔާބުކުރީ ހައެއް ދެއަކުންނެވެ.
ސިނާގެ ކުޅުން ވަރުގަދަ ވުމުގެ އިތުރުން އިޓަލީވިލާތުގައި ކުޅެމުންދާ މިމުބާރާތުގައި އޭނާގެ ޤައުމުގެ ރައްޔިތުންގެ ތާއީދުވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާކަން ފާހަގަވެއެވެ. ސިނާ ކުޅޭ ކޮންމެ މެޗެއްގައި މުޅި ސްޓޭޑިއަމްގެ ތާއީދު އޮންނަނީ ސިނާއަށްކަން ފާހަގަވެއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސާބިއާގެ ނޯވަކް ޖޯކޮވިޗް އަތުން ބަލިވެފައިވާ ސިނާ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ އޭނާއަށް މިމެޗުގައި ދެއްކުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ފައިނަލަށް ދެވުމުން އުފާ ކުރާ ކަމަށެވެ. އަދި ފައިނަލްގައި ކޮންމެ ގޮތަކަށްވެސް ނަތީޖާ ނުކުމެދާނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރާނީ އެންމެ ރަނގަޅަށް ކުޅެވޭތޯ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި މިހާތަނަށް ސިނާ ކުޅުނު އެއްވެސް މެޗެއްގައި އަދި އެންމެ ސެޓެއްވެސް ގެއްލިފައެއް ނުވެއެވެ. މިމުބާރާތުގެ ފައިނަލްގައި ސިނާ ބައްދަލު ކުރާނީ އެމެރިކާގެ ފްރީޓްޒް އާއެވެ. މިދެ ކުޅުންތެރިންވަނީ ގްރޫޕް ސްޓޭޖްގައި މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައެވެ. އެމެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ސިނާއެވެ.
މިމުބާރާތުގެ ފައިނަލުން ފްރިޓްޒް ޖާގަހޯދީ ސެމީ ފައިނަލްގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވްއާ ބައްދަލުކޮށް ދެ ސެޓު އެެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ފްރިޓްޒް ކާމިޔާބު ކުރި އިރު ދެވަނަ ސެޓު ޒުވަރޭވްވަނީ ތިނެއް ހަޔަކުން ކާމިޔާބު ކޮށްފައެވެ.
މިމެޗުގެ ފަހު ސެޓުވީ ދެ ކުޅުންތެރިންގެވެސް މޮޅު ކުޅުން ފެނުނު ސެޓަކަށެވެ. މިގޮތުން ހައެއް ހަޔަކުން އެއްވަރު ވުމުން ޓައި ބްރޭކަކަށް ގޮސް އެންމެ ފަހުން ހަތެއް ތިނަކުން ކުރި ހޯދީ ފްރިޓްޒްއެވެ. މިކާމިޔާބީއާއެކު ފްރިޓްޒް ވެފައިވަނީ 2006 ވަނަ އަހަރު ޖޭމްސް ބްލޭކަށްފަހު މިމުބާރާތުގެ ފައިނަލުން ޖާގަހޯދި ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ އަަށެވެ.
މިމުބާރާތް އެންމެ ފަހުން އެމެރިކާގެ ކުޅުންތެރިޔަކަށް ކާމިޔާބު ކުރެވިފައިވަނީ 1999 ވަނަ އަހަރު ޕީޓް ސެމްޕްރަސް އަށެވެ. ސިނާ އާއި ފްރިޓްޒް އަކީ ސީޒަންގެ އެންމެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ފައިނަލްގައިވެސް މިފަހަރު ވާދަކުރި ދެ ކުޅުންތެރިންނެވެ. އެ ފަހަރުވެސް ކުރި ހޯދާފައިވަނީ ސިނާއެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗަށްފަހުވެސް ސިނާ ވަނީ އެއީ އުނދަގޫ މެޗެއްގޮތުގައި ސިފަކޮށްފައެވެ. އެހެން ކަމުން ފައިނަލް މެޗުވެސް ފަސޭހަ ނުވާނެތީ ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގަބޫލް ކުރެވެއެވެ.