"ބޯނަސްއަށް ލިބުނު ފަސް ހާސް ރުފިޔާއިން ދެހާސް މާ ގިނައެއް ނޫންތަ؟" ޒުލްފާ އެހެން ބުނެލި އަޑު ރާމިޒާއަށް އިވުމާއެކު، އަތުގައި އޮތް ފައްސަތޭކައިގެ ހަތަރު ނޫޓަށް އޭނާއަށް ބަލައިލެވުނީ ހިތުގައި ޖެހިފައި ހުރެއެވެ.
"ދެން އެހާ ބޮޑު ކަންތައް ގަނޑަކަށް ނުހަދަބަލަ. އަހަރެން ނޫނީ އޭނަގެ އިތުރު މީހަކު ނެތޭ." ޖާވިދު އެހެން ބުނެލާފައި ކުޑަކޮށް ފަސް އެނބުރިލިއެވެ. އޭރު ރާމިޒާ ހުރީ އަތުގައި ހުރި ފައިސާތަކަށް ބަލަހައްޓައިގެންނެވެ. ރާމިޒާ އެ ދިމާލަށް ބަލައިލީ އެ ދެމީހުން ގޮސް ކޮޓަރިއަށް ވަނުމުންނެވެ. ޒުލްފާގެ އެފަދަ ބަސްތަކުން ނިކަމެތިވެފައިވާ ހިތުގައި އިތުރަށް ރިއްސުން ނޫންކަމެއް ނުވެއެވެ. ޒުލްފާ ނުބުންޏަސް އޭނާއަކީ އަޅާލާނެ އިތުރު މީހަކު ނެތް ނިކަމެއްޗެއްކަން އޭނާއަށް އެނގެއެވެ. ވީއިރު، ޒަޚަމްތަކަށް ހޫނު ފެން ނޭޅިޔަސް ވަރިހަމައެވެ. އޭނާ އަކީ ކާކުކަމާއި އަމިއްލަ ނިކަމެތި ޙާލު ދުވަހަކުވެސް ހަނދާނަކުން ނުފިލާނެއެވެ. ކާހިތް ނެތް ނަމަވެސް، ބަނޑުހައިވެ، ބަނޑުން އަޑު ކިޔާތީ ރާމިޒާ ކޮންމެވެސް އެއްޗެއް ކާން އިށީނެވެ.
ކޮޓަރިއަށް ވަތް ޖާވިދު ހުރީ ޒުލްފާ ދެކެ ހިތްހަމަނުޖެހިފައެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް އެނދުގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލުމާއެކު، މޫނުގައި ދެ އަތުން ފިރުމާލިއެވެ.
"ކިހިނެއްވީ؟ އަހަރެން އެހެން ބުނީމަ ހިތްހަމަ ނުޖެހުނީ؟" ލޯގަނޑު ކުރިމައްޗަށް ހުއްޓި، ބުރުގަލުގައި ޖަހާފައި ހުރި ޕިންތައް ނައްޓަން ފެށި ޒުލްފާ ލޯގަނޑުން ޖާވިދަށް ބަލައިލިއެވެ.
"އަހަރެން ކިތަށް ފަހަރު ޒުލްފާ ކައިރީގައި ބުނަންވީ ތިކަހަލަ އެއްޗެހި ނުކިޔާށޭ! އަދި ހާއްސަކޮށް ރާމިޒާއަށް އަޑުއިވޭ ހިސާބުގައި ހުރެ. ޒުލްފާއަށް ނުވިސްނެނީތަ؟ އަދި އިހަށް ދުވަހުއޭ އޭނަގެ ފިރިމީހާ ނިޔާވީ. ހުރި ހަމަ އެކަނި ދަރިފުޅު އެ އޮތީ ކޯމާއެއްގައި. މިވަގުތު އަހަރެން އެހީ ނުވިއްޔާ ދެން އޭނައަށް އަޅާލަން ހުންނާނީ ކާކު؟ ޒުލްފާގެ ދަރިއަކު އެ ހާލުގައި އޮއްވާ އަހަރެން ދުނިޔެ ދޫކޮށްފިނަމަ އެކަމުން ޒުލްފާއަށް އަސަރެއް ނުކުރާނެތަ؟" އަނބިމީހާގެ ގޮތް ދޫނުކުރުމުން ގޮތް ހުސްވެފައި ވާފަދަ ގޮތަކަށް ޖާވިދު ބުނެލިއެވެ.
"އިރާދުކުރެއްވިއްޔާ އަހަންނަކަށް އެހެންނެއް ނުވާނެ. އެހެން ނޫނަސް މައުވާ ހޭއަރާނެކަމުގެ އުންމީދެއްވެސް ނެތްއިރު ދެން ކީއްކުރަންތަ އެވަރަކުން…" ޒުލްފާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކެރެވި އުޅެނިކޮށް ޖާވިދު އޭނާ ހުއްޓުވިއެވެ.
"ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކުރަން ހެޔޮނުވާނެ. ނީވޭތަ މީހުން ބުނާ އަޑެއް؟ ދުލުން ބަހެއް ބޭރުކުރުމަށްފަހު، ތިމާ އަކީ ބަހުގެ އަޅެކޭ." ޖާވިދު ޒުލްފާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އިންސާނަކަށްވީތީ އެކަކު އަނެކަކުގެ އިޙްސާސްތަކަށް ޤަދަރުކުރަން ޖެހެއެވެ. ތިމާގެ ކިބައިގައި އިންސާނިއްޔަތުގެ ކޮންމެވެސް މިންވަރެއް ހުންނަން ޖެހެއެވެ. އިންސާނުން އެހެން ހުރިހާ މަޚްލޫޤުންނާ ތަފާތު ކުރައްވާ އެކަކު އަނެކަކުގެ އެހީތެރިކަން ބޭނުންވާ ބައެއްގެ ގޮތުގައި މި ދުނިޔެއަށް ފޮނުއްވާފައިވަނީ މަތިވެރި ޙިކުމަތަކަށްޓަކައެވެ.
"މީހަކަށް އެއްޗެއް ދީގެން އަހަރެމެންނަށް މަދެއް ނުވާނެ އިރާދުކުރިއްވިއްޔާ." ޒުލްފާ އެއްޗެއް ނުބުނުމުން ޖާވިދު ބުނެލިއެވެ.
"އެހީތެރިވާން ވެސް ވަކި ހައްދެއް އޮންނަން ޖެހޭނެ. ލިބޭ ހުރިހާ ފައިސާ އޭނައަށް ހޭދަކުރީމަ ނޫނީ އެހީތެރިވި ކަމަކަށް ނުވޭތަ؟" ޒުލްފާ ހުރީ އޭނާގެ ގޮތުގައެވެ. އެ ވާހަކަތަކުން އޭނާއަށް މާ ބޮޑު އަސަރެއް ކުރި ހެނެއް ހިޔެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ދަހިވެތިކަމާއި ރުޅިވެރިކަން ހިތެއްގައި އުފެދިއްޖެނަމަ އެ ހިތުން އަނެކާއަށް ހެޔޮ އެދުމަކީ އުނދަގޫކަމެކެވެ. އަދި ރަނގަޅަށް ވިސްނައިދޭން އުޅުނު ނަމަވެސް، އެމީހަކަށް ހީވާނީ ހިތްހަމަނުޖެހި ދިމާލަށް ބަސް ބުނަނީހެންނެވެ. ޒުލްފާއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ.
*****
މެންދަމުން އަލިވެ ދޭއް ޖަހާ ބޮޑުވެއްޖެއެވެ. ނުނިދި އެނދުގައި ފުރޮޅިފުރޮޅި އޮތް އަފްނާންގެ ލޮލާ ނިދިވަނީ އެތަކެއް ހާސް މޭލެއްގެ ދުރުގައެވެ. ލޯ މަރާލިޔަސް ސިފަވަނީ މައުވާއެވެ. މައުވާ އޮތް ގޮތެވެ. މައުވާގެ ހަށިގަނޑުގެ އެތަން މިތަނަށް ގުޅާފައިވާ ހޮޅިތަކާއި މެޝިންތަކެވެ. އެ ކޮޓަރިތެރެއިން އިވުނު "ބީޕް" އަޑު އަދިވެސް ހީވަނީ އޭނާގެ ކަންފަތުގައި ގުގުމާހެންނެވެ. ކުއްލިއަކަށް ތެދުވެ އެނދުމަތީގައި އިށީން އަފްނާން ފުންނޭވާއެއް ދޫކޮށްލިއެވެ. ކްއިލްޓް ގައިމަތިން ނަގާފައި، އެނދުން ފައިބައިގެން ގޮސް އޭނާ ނުކުތީ ބެލްކަންޏަށެވެ. އެއާއެކު، ހަށިގަނޑުގައި ބީހެން ފެށީ ފިނި އެހެނަސް ހަރުކަށި ވައިރޯޅިތަކެކެވެ. އާދައިގެ ވަރަށް ވުރެ ބާރުވެފައިވާ ވައިރޯޅިތަކުގެ ސަބަބުން ތޫފާނެއްގެ އަސަރު ވާފަދަ "ޒޫމް" އަޑެއް ފަޒާގައި ހުއްޓެވެ.
އަފްނާން އުޑުމައްޗަށް ބަލާލިއެވެ. އުޑުމަތިން ތަރިއެއްގެ ވިދުންވެސް ފެންނަން ނެތްއިރު، މަތިމައްޗަށް ނަގަމުންދިޔަ ކަޅު ބޯ ވިލާތަކުގެ ސަބަބުން، އަންނަން އުޅޭ ކޮޅިގަނޑު ވަރުގަދަވާނެކަން އަންދާޒާކޮށްލެވެއެވެ. ގޯތިތެރޭގެ އިތުރުން ޓެރެސްގައި ހައްދާފައި ހުރި ގަސްތަކުގެ ފަތްތައްވެސް ޖެހިލާ ވައިރޯޅިއާއެކު، އެކި ތަންތަނަށް ބުރައިގެންދާ މަންޒަރު ފެނެއެވެ. ހަމައެކަނި ސޯޓެއްގައި ހުސްގަޔާ ހުރި އަފްނާންގެ ގައިގައި ބީހެމުންދިޔަ ތެތްފިނި ވައިރޯޅިތަކާއެކު ފިނިވެލި އަފްނާން، ކޮޓަރިއަށް ވަދެ ވޭޕް ހިފައިގެން ނުކުމެ ބެލްކަނީ ރެއިލިން ކައިރީގައި މަޑުކޮށްލިއެވެ. އަދި އިރުއިރުކޮޅަކާ އޭނާ ވޭޕްގެ ދުންގަނޑު ދަމާލަނީ ހަށިގަނޑުގައިވި ފިނިކަމުގެ އިތުރުން، ނަފްސުގައިވި އުދާސްކަމާއި ކެކުޅުންތަކަށް ލުޔެއް ބޭނުންވެފައިވީ ފަދައަކުންނެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކުން އޭނާއަށް ލުޔެއް ލިބުނު ހެނެއް ހިޔެއް ނުވިއެވެ. އެއާއެކު ރުޅި އައިސް އަތުން ރެއިލިންގައި ޖަހާލެވުނެވެ.
"ޑޭމިޓް…" އަފްނާންގެ ދަތްކުނޑި ވިކިފައިވީ ނަމަވެސް، ހައިރާންވީ އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވުމުންނެވެ. އެކަން ޚުދު އޭނާއަށްވެސް އެނގުނީ ކަރުނައިގެ ސަބަބުން މަންޒަރު ފުންވުމުންނެވެ. އަމިއްލަ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތައް މާނަ ކުރާނީ ކިހިނެއްކަން ވެސް ނޭނގޭ ފަދައެވެ. ޤަބޫލުކުރަން ބޭނުން ނޫން ނަމަވެސް، މައުވާގެ އެ ފެނިލުމުން ހަމަ ގައިމުވެސް އެހިތުގައި އާ ވިންދެއް ހޭލައްވާލައިފިއެވެ. ވިންދުތައް ތަފާތުވެލައިފިއެވެ. ޖަޒުބާތުގެ އޮއިވަރެއްގައި ޖެހުނު ހިތަށް ހަމަ ގައިމުވެސް ގޮތެއް ވެލައިފިއެވެ. އެހެންނަމަވެސް، އެއީ ކީއްވެހެއްޔެވެ؟ އުތުރި އަރަމުން އެދާ އިޙްސާސްތަކުން އަފްނާންއަށް އަންގައިދޭން މަސައްކަތް އެކުރަނީ ކޮން ކަމެއްހެއްޔެވެ؟
"އަހަރެން ބޭނުން މައުވާ ކައިރިއަށް ދާން. އަދިވެސް އެއްފަހަރު ތި މޫނަށް ބަލާލަން ބޭނުން. އެކަމަކު… އައި ޑޯންޓް ނޯ… އެ ހިތްވަރެއް ނެތް!… ކީއްވެތަ؟ ވައި؟" އަމިއްލަ ނަފްސާ ސުވާލުކުރި އަފްނާން އެ ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތްކުރިއެވެ. އޭނާ އެހިތާ ސުވާލުކުރިއެވެ. ޖަވާބު ދޭން އަމުރުކުރިއެވެ. އެހެންނަމަވެސް، އެއްވެސް ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އެނގޭހާވެސް އެއްޗަކީ މައުވާގެ އެ ސޫރަ އޭނާ ނިދިން މަޙުރޫމްކޮށްލައިފިކަމެވެ. އޭނާގެ މުޅި ހިތް ހަލަބޮލިކުރުވާ ނަފްސުގެ ހަމަޖެހުންވެސް، ގެއްލުވައިލައިފިކަމެވެ.
ވާރޭގެ ބޮޑެތި ހަމަލާތަށް އޭނާގެ ހަށިގަނޑަށް ހަމަލާދޭން ފެށުމުންވެސް އަފްނާން އެތަނުން ހިޔާ ވާކަށް ނޫޅުނެވެ. އެ ފިނިކަމުގެ ތެރޭގައި އެހުރިގޮތަށް އޭނާ ހުރީއެވެ. ތެމުނު ނަމަވެސް، އެކަމަށްވެސް އޭނާގެ ފަރުވާލެއް ނެތެވެ.
*****
އޭރު ވެހެން ފެށި ވާރޭ ފަތިހު ހުއްޓާލި ނަމަވެސް، ހެނދުނު އަނެއްކާވެސް ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. އަށެއް ޖަހާއިރަށް ޑިއުޓީއަށް ދިޔަ އަޒްލަފް ހޭންޑް އޯވަރ ނިމުމުން އޭނާގެ ރޫމަށް ގޮސް ވަނީ މިއަދަކީ އޮޕީޑީގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ދުވަހަށް ވާތީއެވެ. ޑިއުޓީ ނިމުނީ ހަތަރު ގަޑި ބައިގައިކަމުން ގެއަށް ދިޔުމުގެ ބަދަލުގައި އަޒްލަފް ދިޔައީ، އާއިން ކައިރިއަށެވެ. ގޭގެ ބެލް ޖަހާލަން އުޅުނު ވަގުތު އެތެރެއިން މީހަކު ދޮރު ހުޅުވުމުން އަޒްލަފް ގެއަށް ވަނެވެ. ލިފްޓުން މައްޗަށް ގޮސް އެޕާރޓްމެންޓުގެ ބެލް އަޅާލަން އުޅުނު ވަގުތު، އެއްފަރާތުގައި ބަހައްޓާފައި ހުރި ފިރިހެން ފައިވާނަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއާއެކު ދެބުމަ ކުޑަކޮށް ގާތްވެގެން ދިޔައެވެ. ބެލް އަޅާލުމާއެކު އެތެރެއިން ޝައުފާ ދޮރު ހުޅުވައިފިއެވެ. އަޒްލަފް ހުއްޓި ހުންނަން ފެށުމުން އެތެރެއަށް ވަންނަން ބުނެފައި އާއިން ވީ ކޮޓަރީގައިކަމަށް ޝައުފާ ބުންޏެވެ.
އަޒްލަފް އެތެރެއަށް ވަނުމަށްފަހު އެޕާރޓްމެންޓަށް ބަލައިލި ވަގުތު ސޯފާގައި އިން ޒުވާނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ބަލާބެލުމަށް ގޯސް ވައްތަރެއް ނުޖަހައެވެ. އާދައިގެ ޓީޝާޓަކާއި ޖީންސްއެއްގައި އިންއިރު، އިސްތަށިގަނޑުވެސް ވަނީ ކުރުކޮށް ކޮށާލާފަ އެވެ.
ހިތްހަމަ ނުޖެހުނު ނަމަވެސް، އެއްޗެއް ނުބުނެ އޭނާ ގޮސް އާއިންގެ ކޮޓަރިއަށް ވަތްއިރު، އާއިން އިނީ ކުޅޭ މެޓު މަތީގައެވެ. އޭރު، އާއިންގެ ކައިރީގައި ކުރިން ދުވަހު ފިހާރައިން ފެނުނު ކުޅޭއެއްޗެހި ހުރިތަން އަޒްލަފްއަށް ފެނުމާއެކު، ނުރުހުމުގެ އަސަރު އެމޫނުމަތިން ފާޅުވިއެވެ. އަޒްލަފްއަށް ބަލާލާފައި އާއިން ހިނިތުންވެލީ އުފަލުން ހުރެއެވެ.
"ޑެޑީ… ބަލާ… ކޮއްކޮ ބޭނުން ހުރިހާ އެއްޗެއް ލިިބިއްޖެ." ކުރިން ދުވަހުގެ ހާދިސާވެސް އާއިންގެ ހަނދާނުން ފުހެވިފައިވާ ފަދައެވެ. އޭނާ އިނީ ބޭނުންވި އެއްޗެހި ލިބުމުން އެހާވެސް އުފަލުންނެވެ.
"މަންމިތަ ގަނެދިނީ؟" އަޒްލަފް އާއިން އުރާލަމުން ސުވާލުކޮށްލިއެވެ. އަދި އެނދުގައި އިށީނދެލާ އާއިން އޭނާގެ އެއްފައި މަތީގައި ބޭންދިއެވެ.
"ހަމްދާންބެ ގެނެސް ދިނީ…" އާއިން އޭނާގެ ތުއްތު ސިކުނޑިއަށް ކަންތައް ނަގައިގެނެވުނު ގޮތަށް ވާހަކަ ދެއްކިއެވެ.
"ހަމްދާންބެއޭ.؟" އަޒްލަފްއަށް އެހެން އަހާލެވުނެވެ. އަނެއްކާ ބޭރުގައި އެ އިނީ އެމީހާ ބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ޔެސް. މަންމިގެ ފްރެންޑެއް. ބައެއް ފަހަރު އާދޭ…" އާއިން އެހެން ބުނެލާފައި އަޒްލަފްގެ އުނގުން ފައިބައިގެން ގޮސް އޭނާ މިއަދު ސްކޫލުގައި ކުރެހި ކުރެހުން ގެނެސް އަޒްލަފްއަށް ދައްކާލިއެވެ.
"ޑެޑީގެ ޕްރިންސް ހާދަ މޮޅޭ… " ކުރެހުމަށް ބަލާލާފައި އަޒްލަފް އެހެން ބުނެލިނަމަވެސް، އެ ކުރެހުމުން އޭނާގެ ހިތަށް ތަދުކުރުވިއެވެ.
"މީ ކޮއްކޮ. ދެފަރާތުގައި އެހުރީ މަންމި އާ ޑެޑީ." އާއިން އެ ތަސްވީރުގައިވީ އެއްޗެއް އަޒްލަފްއަށް ތަފްސީލުކޮށްދިނެވެ.
އާއިންގެ ވާހަކައަށް ފުރިހަމައަށް ސަމާލުކަން ދީގެން އިން އަޒްލަފް އާއިންގެ ގައިގައި ބައްދާލިއެވެ. އާއިންއާ ވަކިވުމަކީ އޭނާ އެއް އިރެއްގައިވެސް ބޭނުންވި ގޮތެއް ނޫނެވެ. އަދި ޝައުފާ ވަރިކުރުމަކީ ވެސް އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އެހެންނަމަވެސް ދެރައީ މިއަދު އެ ތިން މީހުން އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ ނާދިރުކަމަކަށް ވާތީއެވެ.
"ދުއްވާލަން ދާނަންތަ؟" އަޒްލަފް އާއިންއާ ސުވާލު ކޮށްލިނަމަވެސް، ނޫނެކޭ ބުނުމުގެ ގޮތުން އާއިން ދެފަރާތަށް ބޯ ހޫރާލިއެވެ.
"މި ގަޑީ ކޮއްކޮ ކުޅެން ބޭނުމީ. މާދަން ދާނީ." ލިބުނު ހުރިހާ އެއްޗެއްގެ ސަބަބުން އުފާވެފައި ހުރި އާއިން ގެއިން ދާކަށްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން އަޒްލަފްވެސް އާއިންއަށް މަޖުބޫރުކުރާކަށް ނޫޅުނެވެ. އޭނާ އާއިންއާއެކު ވަގުތު ހޭދަކޮށްލާފައި، ނުކުތްއިރު ސިޓިން ރޫމުގައި އިނީ ޝައުފާ އެކަންޏެވެ. އޭރު އެ ޒުވާނާ ފެންނާކަށް ނެތެވެ.
"އިތުރު މީހަކު ނެތް." އަޒްލަފް ހުރި ގޮތުން ޝައުފާ އޮޅުން ފިލުވައިދިނެވެ. އަދި އޭނާ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އެ މަންޒަރު ބަލަން ހުރެފައި އަޒްލަފްވެސް ގޮސް ވަކިން ހުރި ސޯފާގައި އިށީނދެލިއެވެ. އަދި ޝައުފާއަށް ބަލަހައްޓައިގެން އިނެވެ. އެކަން އެނގި ޝައުފާ ޓީވީ އަޑު މަޑުކޮށްލިއެވެ.
"މިހާރު ކިހިނެއްވީ؟" އޭނަ ސުވާލުކޮށްލިއެވެ.
"ކާކު އެ އެއްޗެހި އާއިންއަށް ގަނެދިނީ؟ ހަމްދާންތަ؟ އެއީ ދޯ ދެންމެ މިގޭގައި އިން މީހާއަކީ." ހިތްހަމަ ނުޖެހުނު ވަރުން އަޒްލަފްއަށް ބުނެވުނީ ތަންކޮޅެއް ހަރުކޮށެވެ.
"އާއިންތަ ބުނީ؟" ޝައުފާއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.
"އަހަރެން ކުރި ސުވާލަށް ފުރަތަމަ ޖަވާބު ދީބަލަ." އަޒްލަފް ހަށިގަނޑު ސީދާކޮށްލިއެވެ.
"ހަމްދާން އެއީ. އަޒްލަފް ނުގަނެދިނީމައެއްނު އެ އެއްޗެހި އެހެން ގޮތަކުން ހޯދަން ޖެހުނީ. އާއިން ހާދަ ވަރަކަށް ބޮޑާ ހޭކިޔޭ." ޝައުފާ ބުނެލިއެވެ.
"އަހަރެން ނުގަނެދިނީމަ އޭގެ މާނައަކީ އެކަމުގަ ވެލިޑް ރީޒަން އެއް އެބަ އޮތޭ. ޝައުފާ ނުޖެހޭނެ ކޮންމެހެން ހިލޭ ފިރިހެނުން ލައްވާ އަހަރެންގެ ދަރިއަށް ޚަރަދު ކުރާކަށް." އަޒްލަފް ހަރުކަށިކަމާއެކު ބުނެލިއެވެ.
"ހެޔޮނުވާނެ ތިހާ ރުޅި ނާދެބަލަ. އެ ހަމްދާން ގެނެސްދިން އެއްޗެއް ނޫނޭ. މަށޭ ބުނީ އެ ގަނެގެން ގެނެސްދޭން. އެ ނުލިބިގެން ބޮޑާ ހޭކިވަރު އެނގޭނީ މަށަށް ދޯ." ޝައުފާ ވެސް ހިތްހަމަނުޖެހިއްޖެއެވެ.
"އެހެންވިޔަސް ހެޔޮ. މީގެ ފަހުން މަ ނުގަނެދޭ އެއްޗެއް އެހެން މީހަކު ލައްވާ މިގެއަށް ވައްދައިގެން ނުވާނެ. ޝައުފާ ބޭނުން ހުރިހާ އެއްޗެއް ޝައުފާ ގަނެބަލަ. އެކަމަކު މަ ބޭނުން މަގޭ ދަރި ރަނގަޅަށް ތަރުބިއްޔަތުކުރަން." އަޒްލަފް ބުނެލިއެވެ.
"އަޒްލަފް އައިސްފިއްޔާ މަގޭ ކަންފަތް ދޮށުން ޝަކުވާގެ އަޑު ނުކެނޑޭނެ. އެއީ އަޒްލަފްގެ އެކަނި ދަރިއެއްތަ؟ އަޒްލަފް އެކަނި ތަރުބިއްޔަތުކުރަން." ޝައުފާ ދެބުމަ ގޮށްޖަހާލަމުން މޫނު އަނބުރާލިއެވެ.
"ދެމީހުންގެ ޒިންމާއެއް. އަހަރެންވެސް ޝައުފާގެވެސް. ދަރިފުޅުގެ ކަންތައްތަކުގައި އަހަންނާ އެއްގަލަކަށް އަރަން ޝައުފާ ބޭނުންނުވަނީ ކީއްވެތަ؟ އަހަރެންވެސް ބޭނުމެއް ނުވާނެ ދޯ އާއިންއަށް ދެރަގޮތެއް ވޭކަށް." އަޒްލަފް ބުނެލިއެވެ. " އަހަރެންގެ ދަރިފުޅުގެ ކަންތައްތަކަށް ބަސް ކިޔުމުގެ ފުރިހަމަ ހައްޤު އަހަންނަށްވެސް ލިބިގެންވޭ، އަދި ޝައުފާ ކައިރީގަ އާއިން ހުއްޓަސް. މިގޭ ތެރެއިން މިއަދުވެސް އަހަންނަށް ފެނުނީ އަހަރެން އާއިންއަށް ދައްކަން ބޭނުންވާ މަންޒަރެއް ނޫނޭ."
"ހަމްދާން އިނީމަ؟ ޕިސް ޕިސް" ޝައުފާ ދެފާރަތަށް ބޯ ހޫރާލިއެވެ. " އަހަރެންގެ ރަޙްމަތްތެރިއަކަށްވެސް މިގެއަށް ނާދެވެނީތަ؟ އޭނަ އައީ އެ އެއްޗެހި ހިފައިގެންނޭ ކިތަށް ފަހަރުތަ ބުނަންވީ. "
"އެއީ ހަމައެކަނި ޝައުފާގެ ރައްޓެއްސެއްތަ؟ އެހެންވެތަ އާއިންގެ ކަމަކު ހަމަ އޭނައަށް ގުޅީ؟ އާއިން ބޮޑާ ހޭކީމަ ގުޅަން ޖެހޭނީ އަހަންނަށޭ. އެހެންމީހަކަށް ނޫން." އަޒްލަފްވެސް ހުރީ ދޫދޭން ބޭނުންނުވެފައި ފަދަ ގޮތަކަށެވެ. ޝައުފާ އެ ހަދަނީ ދޮގޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
"ދެން ޤަބޫލުނުކޮށް ހުރޭ!" ޝައުފާ ސޯފާއިން ތެދުވިއެވެ. އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ރުޅި އައިސް ހުރެއެވެ.
"ރައްޓެއްސަކަސް، ހިލޭ ފިރިހެނަކު މިގެއަށް ވައްދައިގެން ނުވާނެ." އަޒްލަފް ބުންޏެވެ.
"މަމީ އަޒްލަފްގެ އަނތްބެއް ނޫނޭ މިހާރު ބަސް ކިޔާކަށް. މަމީ މިނިވަނެއް." ޝައުފާ އެނބުރިލިއެވެ.
"މީ މަ އާއިންއަށް ހިފައިދީފަ ހުރި އެޕާރޓްމެންޓެކޭ. އިތުރަށް މިގޭ ތެރެއިން ދެން އެފަދަ މަންޒަރެއް ފެނުނިއްޔާ އާއިންގެ ކަސްޓަޑީ ހޯދަން ކޯޓަށް ދާނީ." އަޒްލަފްވެސް ސޯފާއިން ތެދުވެއްޖެއެވެ.
"ހުއް." އަޒްލަފްއަށް ބަލައިލާފައި ޝައުފާ މޫނު މައްޗަށް ވައްތަރެއް ޖައްސާލާފައި ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހީ އަޒްލަފްއަށް އެގޮތަށް ކަންތައް ކުރަން ނުކެރޭނެކަން އެނގޭ ޙާލުގައެވެ.
ޝައުފާ ދިޔަ މަންޒަރު ބަލަން ހުރި އަޒްލަފްވެސް ގޮސް ގެއިން ނުކުމެ ކާރަށް އަރާ ދުއްވާލިއެވެ. ޝައުފާގެ ކައިރީގައި އާއިން ބެހެއްޓުމަކީ އޭނާއަށް ހެދޭ ގޯހެއް ހެއްޔެވެ؟ އެންމެންވެސް އެދެނީ އާއިންގެ ކަސްޓަޑީ ނެގުމަށެވެ. އޭރުން އޭނާގެ ކައިރީގައި ހުރެގެން އާއިން ބޮޑުވާނެއެވެ. އެހެންނަމަވެސް، ޖެހިލުންވަނީއެވެ. އެއް ސަބަބަކީ އާއިން ޝައުފާގެ އަތުން އަތުލާ ހިސާބުން ޝައުފާގެ ލޯބިން އާއިން މަހުރޫމްވާނެތީއެވެ. އޭރުން މަންމައެއްގެ ލޯބިން އެ ދަރިފުޅު މަހުރޫމުވާނެއެވެ. ޝައުފާ އޮތީ އެ އިންޒާރު އޭނާއަށް ދީފައެވެ. ކާރުގެ ހުންގާނުގައި ގޮށް މުށްކަވާފައި ޖެހި އަަޒްލަފްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
އެ ދުވަހު އިރުއޮއްސުނު އިރު ވާރޭ ކޮޅެއް ވެހިލާފައި އިޝާނަމާދަށް ގޮވިފަހުން ހުއްޓައިފިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ގޮވަން ރިސާމާ އައި ނަމަވެސް، ނުކާނަން ކަމުގައި ބުނެ އަފްނާން މަޑުކުރީއެވެ. އޭނާ މިއަދު ހަތަރު ދަމު ހޭދަކުރީ ކޮޓަރީގައެވެ. ކޮލެޖަކަށްވެސް ނުދެއެވެ. ކޮލެޖަށް ގޮސް އެކަކާވެސް ކުރިމަތިލާނެހާ ހިތްވަރު އޭނާގެ ނެތީތީއެވެ.
(ނުނިމޭ)