އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ އަސްލު މަގާމަށް އަލުން ގެންގޮސްދޭނެކަމުގެ ޔަގީންކަން އެޓީމުގެ ކޯޗު ކަމާ އަލަށް ހަވާލުވި ޕޯޗުގަލްގެ ކޯޗު ރުބެން އަމޮރިމް ދީފިއެވެ.
ލީގާ ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލިޒްބަންގެ ކޯޗުކަން ކުރަމުންދިޔަ އަމޮރިމް ޔުނައިޓެޑްގެ ކޯޗު ކަމާ ހަވާލުވެފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އުމުރުން 39 އަހަރުގެ އަމޮރިމް ވެފައިވަނީ އެ ކްލަބް ދުށް އެންމެ ކާމިޔާބު ކޯޗު ކަމުގައިވާ ސާ އެލެކްސް ފާގަސަން 2013ވަނަ އަހަރު އެޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވު ފަހުން އެޓީމާ ހަވާލުވާ 7ވަނަ ދާއިމީ ކޯޗަށެެވެ.
ނަމަވެސް މީގެކުރިން އައި އެއްވެސް ކޯޗަކަށް ޕްރިމިއާ ލިގު ކާމިޔާބު ކުރެވޭވަރުގެ ފެންވަރަކަށް އެޓީމު ގެންދެވިފައިނުވާއިރު ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނަ އަޅާ ގެންދެވިފައެއް ނުވެއެވެ. އަދި ތިން ސީޒަން ނިމެންދެން ވެސް އެންމެ ކޯޗަކަށް ވެސް ކްލަބްގައި ހުރެވޭގޮތެއް ނުވެއެވެ. ނަމަވެސް ޓީމާ ހަވާލުވުމަށް ފަހު ޔުނައިޓެޑްގެ މީޑިއާ މެދުވެރިކޮށް އަމޮރިމް ހާމަކުރިގޮތުގައި އޭނާ މިކަން ބަދަލުކުރަން ވަނީ އަޒުމް ކަނޑައަޅާފައެވެ. އަދި ޔުނައިޓެޑްގެ ރަން ޒަމާނުގެ ދުވަސް ތަކަށް އަލުން އަނބުރާ ގެންދިއުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އޭނާ ކުރާނެކަން ވެސް އަމޮރިމް ހާމަކުރިއެވެ. އަދި ގިނަ ކަންތައްތަކުގައި ކާމިޔާބީ ހާސިލްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
އަމޮރިމް ހާމަކުރިގޮތުގައި އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންނަށް ކުޅެމުންދަނީ ކޮން ފެންވަރެއްގެ ކިހާ ބޮޑު ތާރީހެއް އޮތް ކްލަބެއްކަން އެކުޅުންތެރިންނަށް އެނގެން ޖެހެއެވެ. މިގޮތުން އެކުލަބުން ހާސިލްކޮށްފައިވާ އިންގްލަންޑްގެ 20 ތަށީގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އެޓީމަށް ދިމާވި މިޔުނިކްގެ ވައިގެ ކާރިސާއަށް އޭނާ އަލިއަޅުވާލިއެވެ.
ކުޅުންތެރިން ޓީމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރާކަމަކަށް އެކްލަބްގެ ތާރީހް ދައްކުވާދޭ އޯލްޑް ޓްރެފަޑް ޓުއާ ކުރުން ވަރަށް މުހިންމު ކަމަށްވެސް އަމޮރިމް ހާމަކުރިއެވެ. އެއީ އެކުޅުންތެރިންނަށް ޔުނައިޓެޑަކީ ކޮބައިކަން އިހްސާސް ކުރެވޭނީ އޭރުން ކަމަށްވެސް އޭނާ ހާމަކުރިއެވެ.
އޭނާ ޓީމާ ހަވާލުވި ނަމަވެސް ޓީމުގެ ހުރިހާ ކުޅުންތެރިންނާއެކު އޭނާއަށް ފަރިތަކުރުމެއް ބޭއްވޭވަރުވާނީ މިއަންނަ ހުކުރު ދުވަހުއެވެ. އެއީ އިންޓަނޭޝަނަލް ބްރޭކަށް ގިނަ ކުޅުންތެރިން ޤައުމީ ޓީމުތަކަށް ކުޅެމުންދާތީއެވެ.
އަމޮރިމް އިތުރަށް ހާމަކުރިގޮތުގައި ޔުނައިޓެޑް އޭނާ ބޭނުންވާ ގޮތަށް ކުޅެން ވަގުތު ކޮޅެއް ނަގާނެއެވެ. ނަމަވެސް އޭނާ އެންމެ ފުރަތަމަ އިސްކަމެއްދޭނެ އެއް ކަމަކަށް ވެގެންދާނީ ކްލަބްގެ އައިޑެންޓިޓީއެއް ކުޅުންތެރިންގެ ތެރޭގައި ގާއިމް ކުރުން ކަމަށް އޭނާ ބުންޏެވެ.
ކްލަބްގެ މެނޭޖްމަންޓްގެ ތާއީދާއެކު ޔުނައިޓެޑް މިހާރުވެސް ދަތުރު ކުރަމުންދަނީ ރަނގަޅު މިސްރާބަކަށްކަން އޭނާ ސިފަކުރިއެވެ. އަމޮރިމްގެ ކޯޗު ކަމުގެ ދަށުން ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހު ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުން އާއި ދެކޮޅަށް ކުޅޭ މެޗެވެ.