ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑުގެ ޚިދުމަތް ދިނުމުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މުޅި ރާއްޖެއަށް އައިޑީ ކާޑުގެ ޚިދުމަތްދިނުމުގެ މަޝްރޫއުގެ ދަށުން އަތޮޅުވެރިކަން ކުރާ ރަށްތަކުގެ އިތުރަށް އިތުރު ހަތް ރަށަކާއެކު ޖުމްލަ 18 ރަށެއްގައި އައިޑީކާޑުގެ ޚިދުމަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގައި ދެވޭނެކަމަށެވެ.
އިހުސާން ވިދާޅުވީ މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވިގެންދާނެ ދުވަހެއް ކަމަށެވެ. ސަބަބަކީ މިއަދަކީ ދިވެހި ރައްޔިތުން ތިބި ހިސާބަކުން އެރައްޔިތުންގެ އަސާސީ ޚިދުމަތްތައް ދެއްވާނެ ކަމުގެ ޔާގީންކަން ރައީސަކު ދެއްވައި އެ ޔަގީންކަމާ އެއްގޮތަށް އެ މަސައްކަތް ރައްޔިތުންނަށް ފޯރުކޮށްދޭ ދުވަސް ކަމުގައި ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޑީ ކާޑުގެ ޚިދުމަތްދިނުމުގެ މަޝްރޫގެ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދިނުމުގައި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އައިޑީ ކާޑާއި ޕާސްޕޯޓު ފަދަ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޑޮކިއުމެންޓްތައް ބެލެހެއްޓޭނެ ގޮތް ހެދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އަދި ގަބޫލުކުރެވޭ ގޮތުގައި ނިމިދިޔަ ސަރުކާރުތަކަށް މިކަން ނުކުރެވިފައި އޮތީ މިދަފަ ގޮންޖެހުންތަކުން އަރައި ނުގަނެވުމުން ކަމަށް އިހުސާން ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅުގައި މިއަދުގެ މި ވުޒާރާ އެކުލަވާލެއްވިއިރު ދައުލަތުގެ މައުލޫމާތު ބެެލެހެއްޓޭނޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނޭ ގޮތަށް ވުޒާރާ އެކުލަވާލާފައި އޮތީމައި އަޅުގަނޑުމެންނަށް މިކމަށް ފަސޭހަކަމާއެކު މަގުފަހިވެގެން ދިޔަ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
ވަޒީރު ވިދާޅުވީ މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ރައްޔިތުންގެ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރެވޭނެ ޚިދުމަތް ފެށުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.