ޔުއޭފާ ނޭޝަންސް ލީގުގެ ކްއާޓާ ފައިނަލް އިން ޕޯޗުގަލް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކްއާޓާ ފައިނަލުން ޕޯޗުގަލް ޖާގަހޯދާފައިވަނީ ލީގު އޭގެ ގްރޫޕް ވަންގެ އެއްވަނަ ހޯދައިގެންނެވެ. މިމުބާރާތުގައި ޕޯޗުގަލް އާއި ޕޯލަންޑް ރޭ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ފަސް ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލް އިންނެވެ. ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
ނަމަވެސް ނުރައްކާތެރި ހަމަލާތަކެއް ދެޓީމުން ވެސް މިހާފުގައި އުފެއްދިކަން ފާހަގަ ވެގެންދިޔައެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 59ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ޕޯޗުގަލްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަފައެލް ލިއާއޮއެވެ. މިމެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 72ވަނަ މިނެޓުގައި ލިބުން ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްދިންތާ އަށް މިނެޓް ފަހުން ޕޯޗުގަލްގެ ތިންވަނަ ލަނޑު ޖަހާދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި މެޗުގެ 83ވަނަ މިނެޓުގައި ޕެޑްރޯ ނޭޓޯ އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިން އިރު ފަސްވަނަ ލަނޑު މެޗުގެ 87ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މިލަނޑު ޖެހިތާ އެއް މިނެޓް ފަހުން ޕޯލަންޑްގެ ޑޮމިނިކް މާކްޒުކްވަނީ މިމެޗުގައި އެޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މިކާމިޔާބީއާއެކު ޕޯޗުގަލްއިން މިމުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު މިކުރީ ބާކީ އެއް މެޗު އޮއްވައެވެ. އެޓީމުން މިހާރުވަނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައެވެ. މިމެޗުން ބަލިވުމުން ޕޯލަންޑަށް މިހާރުވަނީ މިމުބާރާތުގެ ކްއާޓާ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު ގެއްލިފައެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ސްކޮޓްލަންޑް އަތުން ބަލިވެއްޖެނަމަ އެޓީމު ލީގު ބީއަށް ރެލިގޭޓް ވުމުގެ ފުރުސަތުވެސް އެބައޮތެވެ. މިވަގުތު ޕޯލަންޑް އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.
މިގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމުގައިވާ ސްކޮޓްލަންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ސްކޮޓްލަންޑްއެވެ. މިއީ މިފަހަރުގެ މުބާރާތުގައި ސްކޮޓްލަންޑް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.