ޔަލްވީގެ ހަޅޭކުގެ އަޑަށް ފެންވަރަން ހުރި ރަޔާން ދިޔައީ ސިއްސައިގެންނެވެ. ފަސް އެނބުރި ބަލާލުމާއިއެކު، ރަޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަޔާން ފެންވަރަން ހުރީ ތަޅު ނުލައި ހެއްޔެވެ؟ ޔަލްވީ ހުރީ ދެލޯ ބޮޑުކޮށްގެން ރަޔާނަށް ބަލާށެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ހުއްޓުން އަރާފައި ރަޔާނަށް ހުރެވުނެވެ. ހަމަހޭވެރިކަންވުމާއިއެކު، ރަޔާން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ތުވާލި ނަގައި، ހަށިގަނޑު ނިވާކުރިއެވެ. ޔަލްވީ ދެލޯ މަރާ ބާރުކޮށްލީ ހުރިހާ ކަމެއް ވެނިމުނު ފަހުންނެވެ. އޭރު ލަދުން ގޮސް، ޔަލްވީގެ ދެކޯތާފަތް ވަނީ ރަތްވެފައެވެ.

********

ރަޔާންއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އަވަސް އަވަހަށް މާގަނޑު ބަންދުކުރިއިރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވީ ލޯމަރައިގެން ހުރި ޔަލްވީއަށެވެ. އެފަދަ ގޮތަކަށް ޔަލްވީގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެ ކަމަކަށް ރަޔާން ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ތަޅުނުލައި ފެންވަރަން ހުރެވުނީތީ ރަޔާން އަމިއްލަ ނަފުސު ކުށްވެރި ކުރިއެވެ. އެއީ ރަޔާންގެ މުޅި ހަޔާތުގައިވެސް އެފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ. ޔަލްވީއަކީ ރަޔާންގެ އަނބިމީހާ ކަމުގައިވިޔަސް، ދެމީހުންގެ ދޭތެރޭގައި ލެވިފައިވަނީ ބޯ ފާރެކެވެ. އެފާރު ފުނޑުފުނޑުކޮށްލާކަށް ޔަލްވީ ރަޔާނަކަށް ފުރުސަތެއް ނުދޭނެއެވެ.

ކުޑައިރުކޮޅެއް ފާއިތުވެދިޔުމުން ޔަލްވީ ކުޑަކުޑަކޮށް ދެލޯ ހުޅުވައިލިއެވެ. އޭރުވެސް ރަޔާން ހުރީ ޔަލްވީއަށް ބަލާށެވެ. އެމޫނުން ފެންނަމުންދިޔައީ ލަދުވެތިކަމެވެ. ރަޔާން ދެ އަތުން ތުވާލީގައި ބާރަށް ހިފަހައްޓާލައިގެން ހުރިގޮތުން ޔަލްވީގެ ކައިރިއަށް ހިނި އައެވެ. އިތުރަށް ފޮރުވުމުގެ މާނައެއް ނެތޭ ޔަލްވީގެ ހިތް ބުންޏެވެ.

ތެމިފައިވާ ރަޔާންގެ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އޭނާގެ ތަނަވަސް ހަށިގަނޑުގައި ބީހެމުން ތިރިއަށް ދެއެވެ. ޔަލްވީގެ އަވަސް ނަޒަރު ރަޔާންގެ މުޅި ހަށިގަނޑަށް ދަތުރުކުރީ އޭނާގެ އިހުތިޔާރެއް ނެތިއެވެ. ރަޔާންގެ ފިރިހެންވަންތަ ހަށިގަނޑުގެ މަސްތައް އެތުރިފައި ހުރީ އަންހެންކުދިން ހިތްދަމައިގަންނާނެފަދަ ގޮތަކަށެވެ. އޮމާން ހަންގަނޑުގައި ބީހިފައި ތިރިޔަށްދާ ފެންތިކިތައް އެކަން ހާމަކޮށްދޭ ކަހަލައެވެ. ޔަލްވީއަށް ހިތާއިހިތުން ތައުރީފުކުރެވުނެވެ. ފެންނަމުންދިޔައީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. އެއީ ހަގީގަތެވެ. ކުރިމަތީގައި ހުރީ ޔަލްވީގެ ފިރިމީހާއެވެ. ނުބަލަން އުޅުނަސް ޔަލްވީގެ ދެލޯ ކިޔަމަނެއް ނުވިއެވެ. އެއްބަސްނުވާން އުޅުނަސް، ރަޔާންގެ ފިރިހެންވަންތަކަން ހުރީ ޔަލްވީގެ ކުރިމަތިން ފެންނާށެވެ. ދެލޯ ކީއްކުރަން، ހިތްވެސް ކިޔަމަންވާނީ ކޮންފަދައަކުން ހެއްޔެވެ؟ ޔަލްވީގެ ބަސްނާހާ ހިތުގައި ތަފާތު ވިންދެއް ޖަހަންފެށިކަމުގެ އިހުސާސް ކުރެވުނެވެ.

"ތަޅުނުލާ ބަހައްޓަނީ ކީއްކުރަންތަ؟" ނުރުހޭގޮތް ދައްކައިލަމުން ޔަލްވީ ބުނެލިއެވެ. އޭނާ މަސައްކަތްކުރީ ރަޔާނަށް ނުބަލާށެވެ. "މީ ހަމައެކަނި ރަޔާންގެ ކޮޓަރިއެއް ނޫން. އަހަރެން ހިއެއް ނުކުރާނެއެއްނު ތިގޮތަށް..."

"ސޮރީ" ރަޔާންއަށް ބުނެވުނެވެ. "ތަޅުނުލާ ހުރެވުނުކަން ނޭނގުނީ"

"ދެންވެސް ތަޅުލައިގެން އުޅޭތި!" ރަޔާން ހުރިގޮތުން ޔަލްވީގެ ހިތަށް ހަމްދަރުދީ ވަނެވެ.

ރަޔާންއަށް ވީފަދަ ކަމެއް ޔަލްވީއަށް ދިމާވި ނަމަވެސް އޭނާއަށްވެސް ވާނީ އެވަރެވެ. އެއަށްވުރެ ބޮޑަށް ލަދުގަތީހެވެ. ޔަލްވީ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް ރަޔާންގެ ލޯކުރިމަތިން ދުރަށްދާށެވެ.

ފާޚާނާއިން ނުކުތުމަށް ދޮރުގެ ތަޅުގައި ހިފުމަށް ދެމީހުންނަށް ވެސް އަތްދިއްކޮށްލެވުނީ އެކުއެކީގައެވެ. ފުރަތަމަ ތަޅުގައި ހިފުނީ ރަޔާން އަށެވެ. އެހެންކަމުން ޔަލްވީއަށް ހިފުނީ ރަޔާންގެ އަތުގައެވެ. އެވަގުތު ޔަލްވީއަށް ރަޔާން އާއި ދިމާއަށް ބަލާލެވުނެވެ. ރަޔާންގެ ނަޒަރުވެސް ޔަލްވީގެ މޫނަށް ހުއްޓުނެވެ. ރަޔާންގެ ގައިން ދުވަމުންދިޔަ މީރުވަހުން ޔަލްވީގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ރަޔާނަށްވެސް ވީ އެފަދަ ގޮތެކެވެ. ޔަލްވީގެ ފިނިފިނި އަތުގެ އެންމެ ބީހިލުމަކުން، ރަޔާންގެ ހިތަށް ގޮތެއް ވިއެވެ. ޔަލްވީއަށް އަތް ދަމައިގަނެވުނެވެ. ހޫނު އެއްޗެއްގައި އަތްލެވުމުން އަތްދަމައިގަންނަ ފަދައިންނެވެ. އެފަދަކަމެއްވުމުން ރަޔާން ހީކުރާނީ އެއީ ޔަލްވީ ގަސްތުގައި ކުރި ކަމެއް ކަމަށެވެ.

ރަޔާން ދޮރު ހުޅުވާލުމުން ޔަލްވީ ބޭރަށް ދެމިގަތެވެ. ޔަލްވީ އެދިޔަ ބާރުމިނުގައި ގޮސް ތުވާލި ނެގިއެވެ. ރަޔާން ފާހާނާއިން ނުކުތްއިރު، ޔަލްވީ ހުރީ ދޮރުމަތީގައި ފެންވަރަން ވަންނަން ތައްޔާރުވެގެންނެވެ. ދޮރުމަތިން ދުރަށްދާ ހިޔާލެއް ރަޔާން ނުކުރިއެވެ.

"ރޭގަ ނިދަން ނައީ ކީއްވެ؟" ރަޔާން ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ.

"އޭނ؟" ރަޔާން ބުނި އެއްޗެއް ގަބޫލުނުކުރެވުމުން ޔަލްވީ އަހައިލިއެވެ.

"ޔަލްވީ ރޭގަ ނިދަން ނައީ ކީއްވެތޯ މި އެހީ" ރަޔާން އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

ޔަލްވީ ދެލޯ ބޮޑުކޮށްލިއެވެ. ކުއްލިއަކަށް ރަޔާންއަށް ވީ ކިހިނެއް ހެއްޔެވެ؟ ޔަލްވީގެ ކަންތައްތަކާއި ބާރު ފޯރުވަން ފެށީ ކީއްވެ ހެއްޔެވެ؟ ޔަލްވީއަށް އެފަދަ ސުވާލެއް ކުރުމުގެ ހައްގެއް ރަޔާނަކަށް ނޯންނާނެއެވެ. ޔަލްވީ އެގެއަށް ދިޔައީ އެ ޝަރުތާއި އެކުގައެވެ.

"އަހަރެން މިގެއަށް އައި ފުރަތަމަ ދުވަހުވެސް ބުނީމެއްނު އަހަރެން މިގޭގަ އުޅޭނީ އަހަރެންގެ ކަންކަމާ ނުބެހެންޏާއޭ. އެ ޝަރުތު..." ޔަލްވީއަށް އޭނާގެ ޖުމުލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.

"ތީ އަހަރެންގެ އަނބިމީހާ" ޔަލްވީގެ ކައިރިއަށް ޖެހިލަމުން ރަޔާން ބުނެލިއެވެ. "އަނބިމީހާ ކުރާ ކަމަކާ ނުކުރާ ކަމެއް ބެލުމަކީ ފިރިމީހާގެ ވާޖިބެއް. ނޫންތަ؟"

"އަހަރެމެންގެ ކައިވެނި ކުރެވުނީ ނަމަކަށް" ޔަލްވީ ހިތްހަމަނުޖެހުނެވެ. "އަހަރެމެން ދެމީހުންގެ މެދުގަ އެއްވެސް ގުޅުމެއް ނެތް..."

"އޯހް" ރަޔާން ކުރިއަށްވުރެ ބޮޑަށް ޔަލްވީއާއި ކައިރިވިއެވެ. "ޔަލްވީއެއްނު ބުނީ އަހަރެމެން ދެމީހުންގެ މެދުގަ ގުޅުމެއް ހިނގި ވާހަކަވެސް"

ރަޔާން ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއިއެކު ޔަލްވީ ފަހަތަށް ޖެހިލައެވެ. ޔަލްވީ ގޮސް ފާރުގައި ޖެހުނެވެ. ރަޔާން ޔަލްވީގެ ދެފަރާތުން ދެއަތް ގެންގޮސް ފާރުގައި ހިފަހައްޓައިލިއެވެ. ޔަލްވީ ހުރީ ޖެހިލުންވެފައެވެ. އެނޫނީ ރަޔާންގެ ސުވާލަކަށް ދޭނެ ޖަވާބެއް ނޭނގިފައި އޭނާ ހުންނާކަށް ނުޖެހެއެވެ. ރަޔާން ހަމަ ރަނގަޅަށްވެސް ޔަލްވީގެ އަނގަ ބަންދުކޮށްލައިފިއެވެ.

"ކީއްވެ މިހާރު ތި ދޮގު ހަދަނީ؟" ރަޔާން ޔަލްވީގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ.

ރަޔާންގެ އެބީހިލުމުން ޔަލްވީގެ ހަރަކާތްތައް ހުއްޓުނެވެ. ކޮންމެވެސް އެއްޗެއް ބުނެވުނުކަން އެނގުނެވެ. ރަޔާން ދެލޯ ހަނިކޮށްލުމުން ޔަލްވީ ކުރިއަށްވުރެ ހާސްވިއެވެ.

"ކުރިމަތީގަ ޖަދަލުކުރުމުގެ އާދަ ޔަލްވީ އެބަޖެހޭ ދޫކޮށްލަން" އިންޒާރެއް ދޭފަދައިން ރަޔާން ބުނެލިއެވެ. "ޔަލްވީ އަކީ މިހާރު ކުޑަކުއްޖެއް ނޫން. ކުރިމަތީ ބަސް ބުނުމަކީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭކަމެއް. އެކަން އެނގެއެއްނު ދޯ؟"

ސިއްރެއް ބުނާހެން ޔަލްވީގެ ކަންފަތްދަށުގައި ރަޔާން ބުނެލި ޖުމުލަތައް ތަކުރާރުވިހެން ޔަލްވީއަށް ހީވިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޔަލްވީއަށް ބޯ ޖަހާލެވުނެވެ. އެއާއިއެކު ރަޔާން ހިނިތުންވެލިއެވެ.

"ވަރަށް ބަނޑުހައިވެއްޖެ" ރަޔާން ޔަލްވީއާއި ދުރަށްޖެހުނެވެ. "ދެން ދޭ އަވަހަށް ފެންވަރަން. ވަރަށް ނުބައިވަސް ދުވާ އެބަ މިހާރު...."

ކިތަންމެ ހަރުކަށިކަން ދައްކައިގެން އުޅުނަސް ރަޔާންގެ ހިތެކޭ މަޑުކަފަކޮޅެކޭ އެއްގޮތެވެ. ރަޔާން އެހެން ބުނީ މަޖާކޮށްލާށެވެ. އޭނާ ހުރީ ރުޅިއައިސްފައި ނޫންކަން އަނގާށެވެ. އެކަމަކު ރަޔާންގެ ޖުމުލައާއިއެކު ޔަލްވީގެ މޫނުމަތި ބަނަވެގެންދިޔައެވެ. ދެބުމަ ގޮށްޖަހައިލިއެވެ. ރަޔާން ޔަލްވީއަށް މަލާމާތްކުރަނީ ހެއްޔެވެ؟ އަމިއްލަ ގައިން ނުބައިވަސް ދުވާތޯ ޔަލްވީއަށް ބެލުނީ ކީއްވެ ކަމެއްވެސް ނޭނގުނެވެ. ރަޔާން ބުނި ކަހަލަ ނުބައި ވަހެއް ޔަލްވީއަށް އޭނާގެ ގަޔަކުން ނުދުވިއެވެ. ރަޔާން އެހެން ބުނީ ޔަލްވީ ރުޅި އަރުވާލުމުގެ މަގުސަދުގައިކަން ޔަލްވީއަށް އެނގުނެވެ.

********

ފުރުމުގެ ކުރިން ނަފީސާމެން ބައްދަލުކޮށްލަން އައުމުންވެސް ޔަލްވީ ކޮޓަރިން ނުނުކުތެވެ. ނަފީސާ އެވަރަށް ގޮވުމުންވެސް ޔަލްވީ އަޑުއިވޭ ކަމަށްވެސް ހަދާނުލިއެވެ. ނަފީސާ ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ދިޔުމުގެ ކުރިން ދަރިފުޅު ދެކެލަން ބޭނުންވި ނަމަވެސް އެފުރުސަތުވެސް ނުލިބުމުންނެވެ.

ޔަލްވީ ކަންތައް ކުރިގޮތުން ކިތަންމެ ދެރަވިނަމަވެސް ނިމާލު ހިޔާރުކުރީ ހިމޭންކަމެވެ. ރަޔާން އާއި ވާހަކަ ދައްކާލެވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ނިމާލުގެ ހިތަށް ލިބުނެވެ. ކޮންމެ ކަހަލަ ހާލަތެއް މެދުވެރިވެގެން ވިޔަސް ޔަލްވީ ދޫކޮށްނުލުމަށް ރަޔާންގެ ކިބައިން ނިމާލު އެދުނެވެ. ރަޔާންއަށް އިތުބާރު ނުކުރާތީކީ ނޫނެވެ. ނަމަވެސް އެއީ ނިމާލުގެ ހުރި ހަމައެކަނި ދަރިފުޅަށްވެފައި އެދަރިފުޅަށް ދެރަގޮތެއް ވާން ނޭދޭތީއެވެ.

ނިމާލާއި ނަފީސާ ފުރުވާލާފައި ރަޔާން ގެއަށް އަންނަން ހިނގައިގަތެވެ. އަސާގަނޑުގެ އެހީގައި ހިނގަމުންދިޔަ ރަޔާންގެ ފިޔަވަޅުތައް މަޑުޖެހުނީ މީހަކު ލިމްޔާ އޭ ބުނި އަޑު އިވުމުންނެވެ. ރަޔާން ވަގުތުން ހުއްޓުނެވެ. އަޑު އައި ދިމާއަށް ސަމާލުކަން ދިނެވެ. އެވަގުތު އެބަޔަކު ދެއްކި ވާހަކައެއް އަޑު އިވިފައި ރަޔާންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އެ ވާހަކަތައް އަޑުއަހަން އަޑުއަހަން ރަޔާނަށް އުނދަގޫވިއެވެ.

"އެ އަމީރާގެ ލިމްޔާތަ؟ އެކަމަކު ހީވެސް ނުވޭ ތިކަހަލަ ކަމެއް ކޮށްފާނެހެން...." އެކަކު ބުނި އަޑު ރަޔާނަށް އިވުނެވެ.

"އާން! ހީނުކުރާ މީހުންނޭ ގިނަފަހަރަށް އެކަހަލަ ކަންތައް ކުރާނީ. އެ ލިމްޔާ އުޅެނީ ބޮނޑިއެއް ނުބޮވިގެން. އަނތްބަކު ގެންގުޅެލާހެން ރަޔާން އޭނަ އެ ގެންގުޅެލަނީ. ހިލޭ އަންހެނަކަސް ކޮންކަމެއްދޯ ބޭނުން ހުރިހާ ކަމެއް ވަންޏާ. އަނެއްކޮޅުން އެ އަމީރާވެސް ހުންނަނީ އަމިއްލަ ދަރި ކުރާ ކަންތައް ރީތިވެފަ. ވަރިހަމައެއްނު ހިލޭ ފިރެހެނަކަށް ދައްކައިގެންވިޔަސް ބޯކޮށް ލާރި ލިބެންޏާ. މިހާރުދެން އަދި ކިހާ ވަރަކަށް ލިބޭނެ. މުއްސަންޖެއްގެ ހުރި ހަމައެކަނި ދަރިއާ ރަޔާން އިނދެގެން އެއުޅެނީ. އެވައްތަރަށް އުޅެން ލަދެއްވެސް ނުގަނޭ. ލަދުން މަރުވާވަރުވޭ. މަގޭ ދަރިއެއްނަމަ ލާހިކެއް ނޫން އެވައްތަރަށް އުޅޭކަށް. އެވެސް އަހަރެމެންގެ ދަރިއަކު ކުރާކަމެއްނަމަ މުޅި ރަށުގަ އޮންނާނީ އެވާހަކަ. ކާޅު ގޮވާހެން އެއްއަޑަކަށް އިވޭނީ އެއަޑު. މަގެއްގެ މައްޗަށް ނުކުތަ ނުދިނީސް" އިވިގެންދިޔައީ ސާމިޔާގެ އަޑުކަން ރަޔާނަށް ޔަގީންވިއެވެ.

ރަޔާންގެ ދެއަތް މުށްކެވުނެވެ. ލިމްޔާ އޭ ކިޔައިގެން އެފަދަ ވާހަކަތަކެއް ދެއްކުމުން އަޑުއަހަން އުނދަގޫވިއެވެ.

"އެ ރަޔާން އުޅެނީ މީހަކާ އިނދެގެންތަ؟" އިތުރު މީހަކު ސުވާލުކުރިއެވެ.

"މީހަކާ އިނދެގެންހޭ؟ މަދީހާއަކަށް އެކަމެއް ނޭނގޭތަ؟ މަދީހާމެން ހާދަ އަޕުޑޭޓު ނޫނޭ ދޯ؟ އާން މާލޭގަ އުޅެފަ އައި މީހަކަށް ނޭނގޭނެތާ. އޭނަ އުޅެނީ ކޮންމެސް މިނިސްޓަރެއްގެ ދަރިއަކާ އިނދެގެން. މާލޭ ބައެކޭ އެއީ. މުއްސަނދިވީމަ އެނިމުނީނު. އެވަރިހަމަ އެއްކަމެއް ކުރަން ނޭނގުނަސް. އަންހެނުން ނިދަން ބާއްވާފަ އެލިމްޔާ ލައްވާ ހުރިހާ ކަމެއް އެކުރުވަނީ. މަށަށް ހީވަނީ ދުވަސްކޮޅަކުން އިވޭނީ ލިމްޔާ ރަށްމެދަށް ބަލިވެ އިން ޚަބަރު ހެން. އެވައްތަރަށް އުޅޭ މީހުންނަށް ރަނގަޅުވާނީވެސް އެކަހަލަ ބޮނޑިއެއް ލިބުނިއްޔާ. އެހެން ނޫނީ މައިތިރިއެއް ނުވާނެ....." ސާމިޔާ ހިނިގަނޑެއް ޖަހާލިއެވެ.

ރަޔާންއަށް އިތުރަށް އެތާ އެންމެ ވަގުތުކޮޅަކުވެސް މަޑެއް ނުކުރެވުނެވެ. ބާރު ހިނގުމުގައި އޭނަ މިސްރާބުޖެހީ ލިމްޔާގެ ގެއަށް ދިޔުމަށެވެ. ހިތްހަމަ ނުޖެހުނު ވަރުން ފަޔަށްވެސް ބަލާލުމެއް ނެތި ރަޔާން ހިނގަމުންދިޔައެވެ. ކިތަންމެ ވޭނެއް އަޅަމުން ދިޔަ ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ އޭނާގެ ހިތަށް ލިބިފައިވާ ވޭން ބޮޑެވެ. ރަޔާންގެ ސަބަބުން ލިމްޔާގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުނީތީ އޭނާ ދެރަވިއެވެ. އެއީ ރަޔާން ފަހަރެއްގައިވެސް ބޭނުންވާ ގޮތެއް ނޫނެވެ. ލިމްޔާފަދަ އަހުލާގު ރަގަޅު ކުއްޖެއްގެ ހަޔާތް އެގޮތުގައި ބަރުބާދުވެގެން ދާކަށް ރަޔާންގެ ހިތެއް ނޭދެއެވެ. ރަޔާންއަށް ވެގެންވާނަމަ އެންމެންގެ އަނގައިގައި ހިފައި ހުއްޓުވާނެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ އެއަށްވުރެ މާތް ތަރުބިއްޔަތެކެވެ. އެމީހަކު ކީ އެއްޗެއްގެ ސަޒާ ލިބޭނީ އެމީހަކަށެވެ. އެއީ ރަޒީނާ އަބަދުވެސް ރަޔާނަށް ބުނެދޭ ވާހަކައެކެވެ. ނުހައްގުން މީހަކާއި ދިމާއަށް އެއްޗެއް ބުނެފިނަމަ އެކަމުގެ ސަޒާ މިދުނިޔެމަތިން ނުލިބުނަސް ލިބޭނެ ދުވަހެއް އަންނާނެކަން އެމީހުންނަށް ވިސްނޭނެނަމައޭ ރަޔާންގެ ހިތަށް އެރިއެވެ.

ރަޔާން ގޮސް ލިމްޔާގެ ގެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރަޔާން ސަލާމް ގޮވާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު