އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ ފިރިހެން ޓެނިސް ކުޅުންތެރިންގެ ސީޒަން ނިންމާ މުބާރާތް ކަމަށްވާ އޭޓީޕީ ފައިނަލްސްގެ ސެމީ ފައިނަލްއިން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ފަސް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލްއިން ސިނާ ޖާގަ ހޯދާފައިވަނީ އިލީ ނަސްޓޭސް ގްރޫޕްގައި އޭނާ ކުޅުނު ފަހު މެޗުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސިނާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. މިފަހަރުގެ މުބާރާތުގައި ސިނާ އަންނަނީ އަމިއްލަ ޤައުމުގެ ރައްޔިތުން ކުރިމަތީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މި މެޗުގައި މެޑްވެޑޭވްއަށް މާ އެދެވޭ ކުޅުމެއް ކުޅެވޭގޮތެއް ނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރިގޮތުގައި މި މުބާރާތުގެ ސެމީ ފައިނަލްގައި އޭނާގެ އިދިކޮޅަށް ކޮންމެ ކުޅުންތެރިޔަކު ނުކުތަސް އެންމެ ރަނގަޅު ކަމަށާއި އޭނާ މަސައްކަތް ކުރާނީ އޭނާއަށް ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅެ ފައިނަލްގެ ޖާގައެއް ހޯދުމަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން މިދަނީ އާގޮތްތައް އިހްތިޔާރު ކޮށްގެން މެޗުތަކުން މޮޅުވެވޭތޯ ކަމަށާއި އަމާޒަކީ ވީހާވެސް ގިނަ މެޗުން މޮޅުވުން ކަމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލްއިން ސިނާ އާ އެއް ގްރޫޕެއްގައި ހިމެނުނު ފްރިޓްޒްއަށް ޖާގަލިބިގެން ދިޔައީ އޭނާ އާއި ހަތްވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބު ކުރުމުގެ އިތުރުން ސިނާ އަތުން މެޑްވެޑޭވް ބަލިވުމުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ޑި މިނޯ ކާމިޔާބު ކޮށްފައިވަނީ ފަހެއް ހަތަކުންނެވެ. ނަމަވެސް ފްރިޓްޒް ވަނީ ޖެހިގެން އައި ދެސެޓު ހައެއް ހަތަރެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައެވެ. ސިނާ އާއި ފްރިޓްޒް އާއި ސެމީފައިނަލްގައި ވާދަކުރާ ދެ ކުޅުންތެރިން އެގިގެންދާނީ އަނެއް ގްރޫޕްގައި މިރޭ ކުޅޭ ފަހު ދެ މެޗާއެކުއެވެ.
މި ގްރޫޕްގައި ހިމެނޭ ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް އާއި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް، ހަވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑް އަދި އަށް ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އެންޑްރޭ ރުބްލޭވްއަށްވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.