ޔުއޭފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ދޭއްގައި އިންގްލޭންޑް އާއި ގްރީސް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ގްރޫޕްގެ އެއްވަނައަށް އިންގްލޭންޑް އަރައިފިއެވެ.
ގްރީސްގައި ކުޅުނު މި މެޗު އިންގްލެންޑްއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު، ސުން ލަނޑުންނެވެ.
މި މެޗުގައި ގިނައިރު އިންގްލެންޑުން ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަކޮށެވެ. އިންގްލޭންޑްގެ ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން އަނިޔާ އާއި އެހެނިހެން ސަބަބު ތަކަށްޓަަކައި އިންގްލޭންޑް ޓީމުން ވިތުޑްރޯ ކޮށްފައިވުމުގެ ސަބަބުން ޓީމު ބަލިކަށިވާނެކަމަށް ހީކުރެވުނު ނަމަވެސް މި މެޗު އެ ޓީމުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ.
މި ގޮތުން އިންގްލޭންޑްއިން ވަނީ މެޗުގެ ހަތް ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުންދިޔަ އޮލީ ވޮޓްކިންސްއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގައި އިންގްލެންޑްއިން ކާމިޔާބު ކުރި ދެވަނަ ލަނޑަކީ ޖޫޑް ބެލިންހަމް ގްރީސްގެ ގޯލަށް ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި އެ ޓީމުގެ ކީޕާ އޮޑީސިއަސް ވްލަޗޮޑިމޯސް ގައިގާ ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކާޓިސް ޖޯންސްއެވެ.
މި ކާމިޔާބީއާއެކު އިންގްލޭންޑްއަަށް މިހާރު ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ލީގު އޭއަށް މި އަންނަ ސީޒަންގައި ބަދަލުވުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފައެވެ. ނަމަވެސް އެކަން ކުރެވޭނީ ފަހު މެޗުގައި މި އަންނަ އާދިއްތަ ދުވަހު ވެމްބްލީގައި ރިޕަބްލިކް އޮފް އަޔަލޭންޑް ބަލިކޮށްގެންނެވެ.
ގްރީސްގެ މައްޗަށް ހޯދުނު މިކާމިޔާބީއަކީ މި އަހަރުގެ އޮކްޓޯބަރު މަހު ދެ ލަނޑު އެއް ލަނޑުން ގްރީސް އަތުން ބަލިވި ބަލިވުމަށް ހިފިގެންދިޔަ ރަނގަޅު ބަދަލު ހިފުމެކެވެ.
މި ނަތީޖާއާއެކު އިންގްލޭންޑަށް ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކުއެވެ. ގްރީސްއަށް ވެސް 12 ޕޮއިންޓް ލިބިފައިވީނަމަވެސް ފައިދާ ލަނޑާއި ދެ ޓީމުގެ ކުރިމަތިލުމަށް ބަލާއިރު ކުރި ލިބެނީ އިންގްލޭންޑް އަށެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމުގައިވާ ރިޕަބްލިކް އޮފް އަޔަލަންޑާއި ފިންލަންޑް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އަޔަލަންޑްއެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އިވާން ފާގަސަންއެވެ. މިއާއެކު އަޔަލަންޑް މިހާރު އުޅެނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. އަދި ފިންލަންޑް އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.