އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސްގެ އެލީ ނަސްޓޭސް ގްރޫޕްގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ފަސްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓެލާ ފްރިޓްޒް ބައްދަލުކުރި މެޗު ސިނާ ކާމިޔާބުކޮށް މިމުބާރާތުގެ ސެމީފައިނަލާ ގާތަށް ޖެހިލައިފިއެވެ.
މިމެޗު ސިނާ ކާމިޔާބު ކޮށްފައިވަނީ ސީދާ ދެސެޓުންނެވެ. މިމެޗުގެ ސީދާ ދެސެޓުން އޭނާ ކާމިޔާބު ކުރި ނަމަވެސް މެޗުވީ ހީކުރި ވަރަށް ވުރެ އުނދަގޫ އަދި އެހާމެ ވާދަވެރި މެޗަކަށެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ސިނާ ކާމިޔާބު ކުރި ނަމަވެސް ފްރިޓްޒްވެސް ވަނީ މިސެޓުގައި ސިނާގެ ސާވިސް ބްރޭކް ކޮށްފައެވެ. އަދި ދެވަނަ ސެޓުވެސް ވަރަށް ވާދަވެރިކޮށް ކުޅުމަކަށްފަހު ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ސިނާއެވެ.
މިއީ މި ސީޒަންގައި ހަތް ޓުއާ މުބާރާތް ކާމިޔާބު ކޮށްފައިވާ ސިނާ ކުޅުނު 73 މެޗުގެ ތެރެއިން ކާމިޔާބުކުރި 67 ވަނަ މެޗެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި އެންމެ ފަހު ގްރޭން ސްލޭމް މުބާރާތުގެ ފައިނަލްގައި ދެކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެކަކު އެނަކަކުގެ ކުޅުން ދަސްވެފައިވާ ކަމަށާއި މިމެޗުން މޮޅުވުމުގައި ކުޅި ބެލުންތެރިންގެ ދައުރު ވަރަށް ބޮޑު ކަމަށްވެސް އޭނާ ބުންޏެވެ.
މިކާމިޔާބީއާއެކު ސިނާ މިހާރުވަނީ އޭނާ ގްރޫޕް ސްޓޭޖްގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައެވެ. އަދި ފްރިޓްޒް މިމެޗުން ބަލިވި ނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. އެއީ ފުރަތަމަ މެޗުން ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ބަލިކޮށްފައިވުމުންނެވެ.
މިމުބާރާތުގައި މެޑްވެޑޭވް އާއި ހަތްވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ މެޑްވެޑޭވްއެވެ. އެއީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗުގައި އޭނާގެ ފަރާތުން ފުރަތަަމަ މެޗުގައި ފެނިގެންދިޔަ ރުޅީގެ އެއްވެސް އަސަރެއް ނުފެނެއެވެ. އަދި މެޗަށްފަހު މެޑްވެޑެވް ބުނީ އޭނާ ހުރިހާ އަޑުތަކަކަށް މިމެޗަށް ނުކުތުމުގެ ކުރިން ބީރު ކަންފަތެއް ދިންކަމަށެވެ. މިގޮތުން އޭނާގެ އަމިއްލަ އަޑުވެސް ނީވޭކަމަށް އޭނާ ބުންޏެވެ. މިކާމިޔާބީއާއެކު މެޑްވެޑޭވްއަށްވެސް ދެވަނަ ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.