ސިޓީ ވިމެން އިން ހެމާބީ ބަލިކޮށްފި

ސިޓީ ވިމެން އިން ހެމާބީ ބަލިކޮށްފި

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި މެންޗެސްޓާ ސިޓީ ވިމެން އާއި ހެމާބީ ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗުގެ ފުރަތަމަ ހާފު ވެގެންދިޔައީ ސިޓީއަށް ވަރަށް އުނދަގޫވި ހާފަކަށެވެ.

ހެމާބީއިން ވަރަށް ގަދައަށް ޑިފެންސް ކުރަމުންދިއުމާއެކު ސިޓީއިން އުފެއްދި އެއްވެސް ހަމަލާއެއް މިހާފުގައި ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނަމަވެސް ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ސިޓީއިން އުފެއްދި ހަމަލާއެއްގައި އެޓީމުންވަނީ މެޗުގެ ލީޑު ނަގައިގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލައުރާ ބްލިންޑްކިލްޑާ ބްރައުންއެވެ. މިލަނޑާއެކު ސިޓީއަށް ކުޅެން ކޮންމެވެސް ވަރަކަށް ފަސޭހަ ވެގެންދިޔައިރު ހެމާބީންވަނީ ޑިފެންސް ކުރުމާއެކު ކޮންމެވެސް ވަރަކަށް ކުރިއަށް އަރާ ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. މިމެޗުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 80ވަނަ މިނެޓުގައި ޖަހައިދިނީ އައޮބާ ފުޖީނޯއެވެ.

މިކާމިޔާބީއާއެކު ސިޓީ ވިމެން މިހާރު އުޅެނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. އަދި ހެމާބީ އުޅެނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

މިގްރޫޕްގެ ދެވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ފެމިނީ އާއި ސެއިންޓް ޕޯލްޓެން ބައްދަލުކުރި މެޗު ހަތް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބާސާއެވެ. މިމެޗުގައި ބާސާގެ އީވާ ޕަހޯ އާއި ކުލައުޑިއާ ޕީނާ އިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ ޖީޖާ ޒަނަރެތު، ކެއިރާ ވޯލްޝް އަދި ކެރޮލީން ގްރަހަމް ހެންސެންއެވެ. ބާސާ ފެމިނީ މިހާރު އުޅެނީ ހަޕޮއިންޓްގައެވެ.

މިމުބާރާތުގެ ގްރޫޕް ސީގައި އާސެނަލް ވިމެން އާއި ޔުވެންޓަސް އެފްސީ ވިމެން ބައްދަލުކުރި މެޗު ރަށުން ބޭރުގައި ހަތަރު ލަނޑު ސުން ލަނޑުން އާސެނަލް ވިމެން ކާމިޔާބު ކުރިއިރު ބަޔޭން މިޔުނިކް އާއި ވަލެރެންގާ ޑެމާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބަޔޭންއެވެ.

މި ގްރޫޕްގައި ބަޔޭން ނުވަ ޕޮއިންޓާއެކު އެއްވަނައިގާ އޮތް އިރު އާސެނަލް އުޅެނީ ހަ ޕޮއިންޓާއެކު ދެ ވަނައިގައެވެ. އަދި ޔުވެންޓަސް އުޅެނީ ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު