އަފްނާންގެ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ސަބަބުން، އޭނާގެ ސިކުނޑިއަށް ވާންވެ ބޮލަށް ބަރުވެއްޖެއެވެ.

ކޮންމެ ގޮތަކުންވެސް މައުވާއާ ބައްދަލުކުރަން އަފްނާން ނިންމިއެވެ. އެއީ ޒާޔާމެންގެ ފަހަތުން ގޮސްގެންވިޔަސް އޭނާއަށް ވަރިހަމައެވެ. ހާސްވަނީ އެންމެ ކަމަކުއެވެ. މައުވާގެ މަންމަގެ ކުރިމައްޗަށް އަރަން ޖެހިދާނެތީއެވެ. އެއީ އަދި އޭނާ ބޭނުންވާގޮތެއް ނޫނެވެ. މިވަގުތު ރާމިޒާގެ ކުރިމައްޗަށް އެރުމަކީ ރަނގަޅު ގޮތެއް ނޫންކަން އޭނާއަށް ވިސްނޭތީއާ ވެސް އެކުގައެވެ.

ކްލާހުގައި އިން އަފްނާން އިނީ، ގަޑި ހިނގާލެއް ލަސްވެފައެވެ. އިރުއިރުކޮޅަކާ ގަޑިއަށް ބަލާލެވެނީ އެހެންވެގެން ކަންނޭނގެއެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތެއްވެސް އޭނާއަށް ހީވަނީ ގަރުނެއްހެން ވިއްޔާއެވެ. ހިތުގައި އޮތް ގޮތަށް ކަންކޮށްފައި ނޫނީ އޭނާ ނުހުއްޓާނެއެވެ. ހޮސްޕިޓަލުގައި އޮތެއްކަމަކު، އެއީ އޭނާއާ މައުވާއާ ދިމާވާނެ ހަމައެކަނި ގޮތަށް ވެއްޖެއްޔާ އެކަންވެސް އޭނާ ކުރާނެއެވެ. އެފަދަ ޚިޔާލުތަކެއްގައި އިންދާ މުޅިން އެހެން ދިމާލަކަށް އަފްނާންގެ ވިސްނުން ދަތުރުކޮށްފިއެވެ. އެއާއެކު މޫނުމައްޗަށް ނުތަނަވަސްކަމުގެ އަސަރުތައް ވެރިވިއެވެ. އަނެއްކާ މައުވާ ވިހެއީ ހެއްޔެވެ؟ މީހަކާ އިނދެގެން ދަރިއެއް ލިބުނީ ހެއްޔެވެ؟ އެޑްމިޓްކޮށްފައިވާ ސަބަބަކީ އެއީ ކަމަށް ވެދާނެހެއްޔެވެ؟ އެކި ދިމަ ދިމާލުން ޚިޔާލުތައް އައިސް ވިސްނުމާ ގުޅެމުން ދިޔަ އަފްނާންއަށް ސިހުން ގެނުވީ ލެކްޗަރަރ އޭނާގެ ނަމުން ގޮވާލުމުންނެވެ.

ކްލާސް ނިމުމާއެކު، ޔޫޝައުއާއި ޒާޔާއާ ދެމީހުން ހޮސްޕިޓަލަށް ދާން ނުކުތުމާއެކު، އެ ދެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އަފްނާންވެސް ނުކުތެވެ. ނުތަނަވަސް ކުރުވާ ޒާތުގެ ސުވާލުތަކުން ސިކުނޑި ހާސްވެފައިވީ ނަމަވެސް، ފަހަތަށް ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ހިތުގެ ނުކިޔަމަންތެރިކަމުގެ ކުރިމަތީގައި މިއަދު އޭނާއަށް ދެއްކޭނެ ގަދަބާރެއް ނެތެވެ. އެހިތަށް ތަސައްލީއެއް ލިބެން އޮތީ މައުވާ ފެނިލުމުންނެވެ. އެންމެ ފަހަރަކު ވިޔަސް އެ ސޫރަ ފެނިލުމުންނެވެ. އެތެރެ ހަށީގައި ނާރުތަކުގައި ދައުރުވަމުންދާ އިޙްސާސްތަކާ ޖަޒުބާތުތައް ހަމައެކަނި ހަމައަކަށް އެޅުވޭނެ ގޮތަކީ އެއީއެވެ.

އެ ދެމީހުންގެ ފަސްފަހަތުން ގޮސް އަފްނާން ސައިކަލު މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ. އޭރު އެ ހިތް ތެޅޭވަރުން ހީވަނީ އެހެން ކަމެއްހެންނެވެ. ނުބައި ޚަބަރެއް ލިބިދާނެތީ ކަންނޭނގެއެވެ. ނުތަނަވަސްކަމާއި ހާސްކަން ހީވަނީ އޭނާ ވަށާލާފައި ވާހެންނެވެ. އެކަމުގެ ސަބަބުން ނޭވާލާންވެސް ދަތިވާހެން ހީވާން ފަށައިފިއެވެ. އަފްނާން އޭނާގެ ނިތްކުރިން ވިދަން ފެށި ދާތިކިތައް އަތުގެ ނުފުށުން ފުހެލިއެވެ. އަދި ޒާޔާމެންގެ ފަހަތުން ހޮސްޕިޓަލަށް ވަންނަން ހިނގައިގަތެވެ.

ޒާޔާމެންނަން ނުފެންނާނެހާ ދުރުގައި އޭނާ މަޑުކޮށްލައިގެން ހުއްޓާ ލިފްޓް ތިރިއަށް އައިސް އޭގެތެރެއިން މީހުންތައް ފައިބަން ފަށައިފިއެވެ. ލިފްޓުން ނުކުތް ރާމިޒާ ފެނުމާއެކު، އަފްނާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިތަށް ކޮންމެވެސް ކަހަަލަ ހަމަޖެހުމެއް ލިބުނީ ރާމިޒާއާ ކުރިމަތިލާން ނުޖެހޭނެކަން އެނގުމުންނެވެ. އޭނާ ބާރު ބާރަށް ގޮސް ލިފްޓްކައިރީގައި މަޑުކޮށްލީ ލިފްޓަށް އަރައިގެން ޒާޔާމެން ދިޔަފަހުންނެވެ. ލިފްޓް މަޑުކޮށްލީ އަށްވަނަ ފަންގިފިލާއަށެވެ. އެތަނުގައި ހުރި ދެވަނަ ލިފްޓް ތިރިއަށް އައީ އެވަގުތެވެ. އެއާއެކު އަފްނާން އެ ލިފްޓަށް އަރައިގެން އަށްވަނަ ފްލޯއަށް މިސްރާބުޖެހިއެވެ. އޭނާ ލިފްޓުން ފޭބުމަށްފަހު، ވަށައިގެން ބަލާލިއެވެ. އެތެރެއަށް ވަދެވެން ހުރީ އެންމެ ދޮރޮކެވެ. އެއީ ވާރޑެއްކަން އަފްނާންއަށް އެނގުނެވެ. ދެން ހުރި ބިއްލޫރި ދޮރުގައި "އެތޮރައިޒްޑް ޕާރސަނަލް އޮންލީ" ޖަހާފައި އެތެރެ ނުފެންނާނެހެން ސްޓިކަރއެއް ތަތްކޮށްފައިވާތީ، އެމީހުން ވަނީ ވާރޑަށްކަން އަފްނާންއަށް އެނގުނެވެ. އޭނާ ބިއްލޫރި ދޮރާ ކައިރިވެލާފައި ބޯ ދިއްކޮށްލިއެވެ. އަދި ބެލް ޖަހާލިއެވެ.

ދޮރު ހުޅުވުމުން، އެތެރެއަށް ވަދެގެން ގޮސް އަފްނާން ހުއްޓުނީ ނަރުހުންގެ ޖަގަހަ ކައިރީގައެވެ. ދެންމެ އަދި ދެ ކުދިން ވަތް ރޫމް ނަންބަރު އޭނާ އޮޅުން ފިލުވީ ނަރުސް ކުދިންގެ ކައިރިންނެވެ.

އަށްސަތޭކަ އެއްވަނަ ކޮޓަރީގެ ދޮރުމައްޗަށް އެރި އަފްނާންގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެމުން ދިޔައިރު، ކުރެވެނީ ރަނގަޅުކަމެއް ނުވަތަ ނޫންކަމެއް ކަންވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ކިތަންމެ ހާސްވެފައިވީ ނަމަވެސް، މިވަގުތު މައުވާ ފެނުން އޭނާއަށް މުހިންމުކަމެވެ. މައުވާ ފެނުމުން ނޫނީ ހިތުގެ އެ ބޭޤަރާރުކަން ފިލައިގެން ނުދާނެކަމެވެ. ހިތްވަރުކޮށްފައި ތަޅުގައި ހިފާލާފައި ދޮރު ހުޅުވާލަން އުޅެފައިވެސް އަފްނާންއަށް މަޑުޖެހެވުނެވެ. ހީވަނީ އެކަމާ އޭނާގެ ޒަމީރު އިރުއިރުކޮޅަކާ ދެބަސް ވާހެންނެވެ. ނުބައި ޚަބަރެއް ލިބިދާނެތީ ނުތަނަވަސްވެފައިވާތީ ކަމަށްވެސް ވެދާނެއެެވެ. ނޫނީ މައުވާގެ ކުރިމައްޗަށް އަރަން ހަމަ ހަޤީގަތުގައިވެސް ޖެހިލުންވަނީ ކަމަށްވެސް ވެދާނެއެވެ.

ހިތުގެ އެ ޖަޒުބާތުތައް އެއްފަރާތްކޮށްލާފައި އަފްނާން ދޮރު ހުޅުވައިލީ ފަހަތަށް ޖެހެން ބޭނުން ނުވެފައިވާ ފަދައަކުންނެވެ. އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު، އޭނާގެ ކަންފަތުގައި ޖެހުނީ މެޝިންތަކުގެ "ބީޕް" އަށެވެ. ހަމައެއާއެކު އެނދުގައި އޮތް އަންހެން ކުއްޖާ ފެނުނެވެ. އަދި އެ އަންހެން ކުއްޖާގެ ކައިރީގައި ތިބި ޒާޔާއާ ޔޫޝައުވެސް ލޮލުގައި އަޅައިގަތެވެ. ހުއްޓުން އަރާފައި އަފްނާންއަށް ހުރެވުނެވެ.

"އަފްނާން…" ޒާޔާއަށް ހައިރާންކަމާއެކު ބުނެވުނެވެ. އޭނާއަށް ބަލައިލެވުނީ ޔޫޝައު އަށެވެ. އަފްނާންއަށް އެތަނަށް އަންނަން އެނގުނު ގޮތާ ބެހޭގޮތުން އެހިތުގައިވަނީ ހައިރާންކަމެވެ.

"ކިހިނެއް އެނގުނީ؟ ފާރަލީތަ؟" ޒާޔާއަށް ބަލާލާފައި އަފްނާންއާ ކުރިމަތިލީ ޔޫޝައު އެވެ.

އެ ދެމީހުންގެ ވާހަކައަށް ސަމާލުކަން ނުދެވި އަފްނާންއަށް ބެލެނީ މައުވާއަށެވެ. އެތައް މެޝިންތަކެއްގެ އެހީގައި ނޭވާލަމުން އެ ދަނީ މައުވާ ނޫން ދެވަނަ މީހެއް ނޫނެވެ. އެއީ ހަމަ މައުވާއެވެ. އަފްނާންގެ ހިތުގެ ހިނގުންވެސް ހީވީ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ކުރާނެ ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ވަށައިގެން މުޅި ދުނިޔެ އެނބުރިގެން އިޙްސާސާއެކު، ކޮޅަށް ހުންނަން ވެސް ދަތިވިއެވެ. ކުރިއަށް ފިޔަވަޅު އެޅުނީ މައުވާގެ މޫނު ތަންކޮޅެއް ކައިރިން، ރަނގަޅަށް ފެނިލަން ދެނެވެ. ފިޔަވަޅުތައް ހުއްޓުމާއެކު، އޭނާއަށް ހުރިތާ ގުޑިލަންވެސް ނޭނގިފައި ހުރެވުނެވެ. ހީވަނީ މީހާގެ ސިކުނޑިވެސް އޭގެ މަސައްކަތް މަޑުޖައްސާލި ހެންނެވެ.

"ކީއް…" އެ މަންޒަރު ބަލަން ހުރި ޒާޔާ ވާހަކަ ދައްކަން ފެށުމާއެކު، ޒާޔާގެ ވާހަކަ ހުއްޓުވީ ޔޫޝައު އެވެ. އޭނާ ޒާޔާގެ އަތުގައި މަޑުމަޑުން ޖަހާލުމާއެކު، ޒާޔާ ޔޫޝައުއަށް ބަލާލާފައި މޫނަށް ގޮތެއް ހަދާލި ނަމަވެސް، ޔޫޝައުގެ އެ އެދުމަށް އިޖާބަ ދިނެވެ. އަފްނާންއަށް ވެގެންދިޔަ ގޮތް ގާތުން ދިރާސާ ކުރުމަށްފަހު، ޔޫޝައު ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.

"ސެޓިސްފައިޑް؟" އަފްނާންއަށް ހޭވެރިކަންވީ ޔޫޝައުގެ އަޑަށެވެ. ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު، ޔޫޝައުއަށް ބަލައިލުމާއެކު އަފްނާން އެއްޗެއް ބުނަން އުޅުނު ނަމަވެސް އޭނާގެ އަޑެއް ނުނިކުތެވެ. ލިބުނު ޝޮކެއްގެ ބޮޑުކަމުން އޭނާގެ ދޫ ވެސް ހަރަކާތެއް ނުކުރިއެވެ. މައުވާއަށް އެ ޙާލަތު މެދުވެރިވީ ކޮން އިރަކު، ކިހިނެއްކަން އެނގެން ބޭނުންވި ނަމަވެސް، ނަފްސުގައިވި ގިލަންވެރިކަން ވާހަކަދެއްކުންވެސް އޭނާއަށް މަނާކުރާ ފަދައެވެ.

އިތުރު އެއްޗެއް ނުބުނެވި ފަސް އެނބުރުމާއެކު، އަފްނާން އެ ދިޔަ ބާރުމިނުގައި ގޮސް އެ ކޮޓަރިން ނުކުތީ އެތަނުގައި ހުންނާނެހާ ހިތްވަރު ނުލިބުމުން ކަންނޭނގެއެވެ. އޭރު ބާރުވެފައިވާ ހިތުގެ ތެޅުމާއެކު އެ ހިތްވެސް ހީވަނީ މޭފަޅާފައި ބޭރަށް ފުންމާލަފާނެހެންނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ނިތުގައިވި ދާތިކިތައް ފުހެމުން ގޮސް ނުކުތް އަފްނާންއަށް ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. ހަށިގަނޑުގައި ވިއްޔާ ވީހާ އުދާހެއް އެ ނޭވާތަކުގެ އެހީގައި ބޭރަށް ދޫކޮށްލަން ބޭނުންވެފައިވާ ފަދައެވެ. އެހެންނަމަވެސް، ހިނދެއް ހިނދަކަށް ބޮޑުވަމުން ދިޔަ ނުތަނަވަސް ކަމެއްގެ ސަބަބުން އެކަން ކުރުންވީ ނާދިރުކަމަކަށެވެ.

"ކީއްވެ އަހަރެން ހުއްޓުވީ؟" އަފްނާން ނުކުތް މަންޒަރު ބަލަން ހުރި ޒާޔާ ޔޫޝައުއަށް ބަލާލީ ހިތްހަމަނުޖެހިފައެވެ. އޭނާ މައުވާއަށްވެސް އަވަސް ނަޒަރެއް ދިނެވެ.

"އޭނަައަށް ވާގޮތް ބަލާލަން ބޭނުންވީ. އެހެން ނޫނަސް އޭނަގެ ހިތުގެ އޮތް ސުވާލުތަކުގެ ޖަވާބު ކީއްވެތަ ޒާޔާ ދޭންވީ؟ އެހާ ފަސޭހައިން އޭނައަށް އެ ސުވާލުތަކުގެ ޖަވާބު ލިބިގެން ނުވާނެ." ޔޫޝައު ބުނެލިއެވެ.

"އޭނަގެ ރިއެކްޝަން އަހަރެން މާނަކުރަންވީ ކިހިނެއް؟ އެހާ ބޮޑު ޝޮކެއް އޭނައަށް ލިބެން ޖެހޭތަ؟" ޒާޔާއަށް ބުނެވުނެވެ.

"އައި… އައި ޑޯންޓް ނޯ…" މޫނުގައި ފިރުމާލަމުން ޔޫޝައު ގޮސް ސޯފާގައި އިށީނެވެ.

"އޭނަ އަދިވެސް އަތުވެދާނެތަ؟" ޒާޔާއަށް އަނެއްކާވެސް ސުވާލު ކޮށްލެވުނެވެ.

"އެދިޔަ ގޮތަކުން ހިޔެއް ނުވޭ މިރޭ އަތުވެދާނެހެނެއް. އެކަމަކު އަދި އޭނަ އަންނާނެ." ޔޫޝައު ޔަޤީންވާ ފަދައަކުން ޒާޔާއަށް ބަލައިލިއެވެ.

އެދިޔަ ގޮތަށް ހޮސްޕިޓަލުން ނުކުމެގެން ސައިކަލު ކައިރިއަށް ގޮސް މަޑި ހުޅުވާލާފައި، ހެލްމެޓް ނެގުމަށްފަހު، އަފްނާން ހެލްމެޓް އަޅާލުމަށްފަހު، ސައިކަލަށް އަރާ ދުއްވާލިއެވެ. ބޭރުމަގަށް ނުކުތުމާއެކު، ސައިކަލުގެ ސްޕީޑް އިހުނަށްވުރެ ބާރުކޮށްލަމުން ބްރިޖާ ދިމާލަށް ދުއްވާލިއެވެ. އަދި ގޮސް ބްރިޖަށް އަރާ ހުޅުމާލެއަށް މިސްރާބުޖެހިއެވެ.

ބްރިޖުގެ އިތުރުން ހައިވޭގައިވެސް އަފްނާން ސައިކަލު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. އުފެދިފައިވާ ހާސްކަމުގެ ސަބަބުން އެހުރިހާ އަސަރެއް ބާލުވަމުން ދިޔައީ ހުންގާނަށެވެ. ހުޅުމާލެ އެރުމަށްފަހު، އަފްނާން ސައިކަލު މަޑުކޮށްލީ މީހުން މަދު ހިސާބަކަށެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ ދިގު ފިތުރޯނު ގަސްތަކުގެ ސަބަބުން ދިއްލާފައިވާ ލައިޓްތަކާއެކުވެސް މަގުމަތި ފެންނަނީ ކުޑަކޮށް އަނދިރިކޮށެވެ. އަފްނާން ހެލްމެޓް ނެގުމަށްފަހު، ސައިކަލުގެ ލޯގަނޑުގައި އަޅުވާލިއެވެ. އަދި ސައިކަލުން ފައިބައިގެން ގޮސް ގަސްތަކާ ވީ ދިމާލުގައި ހުއްޓި، ދެ އަތުން ބޮލުގެ ފުއްކިބައިގައި ހިފައްޓާލާ މައްޗަށް ބަލައިލިއެވެ. އޭރުވެސް މީހާ ހާސްވެގެން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. މައުވާ އެ ޙާލުގައިވާތަން ދުށުމަކީ އެއްގޮތަކަށްވެސް އޭނާއަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިނަމަވެސް، އެތެރެ ހަށީގައި އުފެދިފައިވާ ހައިޖާނުގަނޑު މައިތިރިއެއް ނުވިއެވެ. ހިތުގައި އުތުރި އަރަން ފެށި ސުވާލުތަކާއެކު، ސައިކަލުގައި އަފްނާންއަށް ލެނގިލެވުނެވެ.

އެ ހާލަތަށް މައުވާ ދާން މެދުވެރިވި ސަބަބަކީ ކޮބައިހެއްޔެވެ؟ ކޮން އިރަކުހެއްޔެވެ؟ މައުވާ އެ ޙާލުގައި ވާއިރު އެކަން ޒާޔާއާ ޔޫޝައުއާ އޭނާއަށް ސިއްކުރީ ކީއްވެގެން ހެއްޔެވެ؟ މައުވާގެ ވާހަކަ ނުބުނީ ކީއްވެހެއްޔެވެ؟ އޭނާއަށް މައުވާ ނުދެއްކީ ކީއްވެހެއްޔެވެ؟ ޝަކުވާތަކުން ބަނދެވި ހައްޔަރުވަމުންދިޔަ ހިތަށް ގޮތެއް ވެގެން ދިޔައީ، ސިކުނޑި އޭނާއަށް ކަމެއް ހަނދާންކޮށް ދިނުމުންނެވެ.

ޖަވާބު ލިބުން ނެތް ސުވާލުތަކެއްގެ ކުރިމަތީގައި އިސްޖަހާލަން މަޖުބޫރުވެފައިވާ ޙާލު އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ދޭން އެނގޭނީ ޔޫޝައު ނުވަތަ ޒާޔާއަށްކަން އަފްނާންއަށް އެނގެއެވެ. ފޯނު ނަގާފައި ޒާޔާއަށް ގުޅަން ޑައިލްކޮށްލެވުނު ނަމަވެސް، ދެވަނަ ސިކުންތުގައި ފޯނު ކަނޑާލެވުނީއެވެ.

އެތަކެއް އިރަކު އޭނާއަށް އެތަނުގައި ހުރެވުނެވެ. އެހެން ހުރެހުރެފައި ސައިކަލަށް އަރާ އަނެއްކާވެސް އޭނާ މާލެއާ ދިމާލަށް މިސްރާބުޖެހިއެވެ. ހީވާކަހަލައެވެ. ފެނުނު މަންޒަރު ނަގައިގަނެ އެކަމާ މެދު ރަނގަޅަށް ވިސްނާލަން އަދިވެސް އޭނާއަށް ވަގުތު ބޭނުމެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަނުމަށްފަހު، އުއްޑުން އެނދުމައްޗަށް ވެއްޓިގަތުމާއެކު، ސީލިންގަށް ބަލަހައްޓައިގެން އަފްނާންއަށް އޮވެވުނެވެ. ގަދަ މުށިކުލައިގެ ދެ ލޮލުގެ ތެރެއިން ވިދުމެއް ފާޅުވިއިރު، އެ ނަޒަރުން އެކަނިވެސް އިންތިހާ ވޭން ފެންނަމުން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލުމާއެކު، ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓިއްޖެއެވެ.

*****

ފެންވަރާލައިގެން ނުކުތް ރާމިޒާ ސިޓިން ރޫމަށް ނުކުތްއިރު ޒުލްފާ އައިސް ގެއަށް ވަންނަނީއެވެ. ޒުލްފާ ލާފައިހުރީ ކަކުލުން ތިރިއަށް އަންނަ ވަރުގެ އަރިފެޅި ފެހި ކުލައިގެ ހެދުމަކާއި ފުޅާ ހަރުވާޅެކެވެ. ހެދުމުގެ މެދާ ދިމާލުން ވިދާޒާތުގެ ރޭނދާގަނޑެއް އަޅާލާފައިވާއިރު، އަޅާފައިހުރި ޝޯލްއިން ކިރިޔާ މޭމަތި ނިވާވާކަމެވެ. ކޮށްފައިވާ މޭކަޕުގެ ސަބަބުން އަތަށް ވުރެ މޫނުގެ ކުލަ އައްޔެވެ. ރީތިވެގެން ހުރި ގޮތުން، އެ އައީ ކޮންމެވެސް ކަހަލަ ހަފްލާއަކަށް ގޮސްފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ.

ސިޓިންރޫމުގައި ހުރި ގަޑިއަށް ބަލައިލި ޒުލްފާ ރާމިޒާއަށް ބަލައިލިއެވެ. އޭރު ގަޑިން އެހާރަ ގަޑި ބައިވަނީއެވެ. ރާމިޒާ ހުރީ ގޭގައި ލާ އުޅޭ ފަދަ އާދައިގެ ހެދުމެއްގައިކަމުން، ޒުލްފާ، ފައިން ފެށިގެން ބޮލާ ހިސާބަށް ރާމިޒާއަށް ބަލައިލިއެވެ.

"ހޮސްޕިޓަލަށް ނުދަނީތަ؟" ޒުލްފާ އަހާލިއެވެ.

"ހޫމް. މާދަމާ ހެނދުނު ދެން ދާނީ." ރާމިޒާ ބުނެލިއެވެ. ޒުލްފާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ޖާވިދު ވެސް މައްޗަށް އަރައިފިއެވެ. ރާމިޒާ އެއްޗެއް ކާލުމުގެ ބޭނުމުގައި މޭޒާ ދިމާލަށް ހިނގައިގަތްތަނާ، ޖާވިދު އޭނާއަށް ގޮވާލިއެވެ. ރާމިޒާ މަޑުޖެހިލަމުން ޖާވިދަށް ބަލައިލިއެވެ.

ޖާވިދު އޭނާގެ ޖީބުން ނެގި ވޮލެޓު ތެރެއިން ދެ ހާސް ރުފިޔާ ނަގާ ރާމިޒާއަށް ދިއްކޮށްލުމުން އޭނާއަށް ބަލައިލެވުނީ ޒުލްފާއަށެވެ. އެއީ އޭނާ ކޮންމެހެން ގަސްތުގަ ކުރިކަމެއްނޫނެވެ. އެހެންނަމަވެސް ޒުލްފާ ހިތްހަމަ ނުޖެހޭނެކަން އެނގޭތީ ބަލައިލެވުނީއެވެ. އޭރު ޒުލްފާ ހުރީ ދުރު ބަލަހައްޓައިގެންނެވެ. ޖާވިދު ދިން ފައިސާގައި ހިފަން ނުކެރިފައި ރާމިޒާ ހުރީ ޒުލްފާ ދެކެ ޖެހިލުންވާތީއެެވެ.

"މީގަ ހިފާބަލަ! ގިނަ ވަގުތު ތިއުޅެނީ ވެސް ހޮސްޕިޓަލުގައެއްނު. ކާންވެސް ބޭނުން ވާނެއެއްނު." ޖާވިދު ބުނެލިއެވެ. އޭނާ އެ ފައިސާ ރާމިޒާއަށް ދިއްކޮށްލިއެވެ. ހިފަން ނުހިފަން ކަހަލަ ގޮތަކަށް ހުރި، ރާމިޒާ އެންމެފަހުން، އެ ފައިސާގައި ހިފުމުން ޖާވިދު ޒުލްފާ ގޮވައިގެން ހިނގައިގަތެވެ.

"ބޯނަސްއަށް ލިބުނު ފަސް ހާސް ރުފިޔާއިން ދެހާސް މާ ގިނައެއް ނޫންތަ؟" ޒުލްފާ އެހެން ބުނެލި އަޑު ރާމިޒާއަށް އިވުމާއެކު އަތުގައި އޮތް ފައްސަތޭކައިގެ ހަތަރު ނޫޓަށް އޭނާއަށް ބަލައިލެވުނީ ހިތުގައި ޖެހިފައި ހުރެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު