އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލުން ފޭބުމަށާއި، އެއީ ސުލްހަ ގާއިމުކުރުމަށް ކަނޑައަޅަންޖެހޭ ޝަރުތެއް ކަމަށް އަރަބި އަދި މުސްލިމު ލީޑަރުން ގޮވާލައްވައިފިއެވެ.
ލީޑަރުން އެގޮތަށް ގޮވައިލާފައި ވަނީ ސަޢުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
އަރަބި ލީގާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އެ ބައްދަލުވުމަކީ އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކޮށް ގައުމުތަކުން އެއްތަންވެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ފުރަތަމަ ފަހަރެވެ.
ސަމިޓްގައި ބައިވެރިވި އަރަބި 57 ގައުމެއްގެ ލީޑަރުން ވަނީ އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރި ރަށަށް ހަދައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލާފައެވެ. އަދި އެކަން ހާސިލް ކުރުމަށް ވަކި ފިޔަވަޅުތަކާއި ޓައިމްލައިންތަކާއެކު ބައިނަލްއަގްވާމީ ގޮތުން ސްޕޮންސާ ކުރާ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފަށަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމާސް އިން ވަނީ އަރަބި އަދި މުސްލިމް ގައުމުތަކުގެ އެ ހުށަހެޅުންތައް ހަގީގަތަކަށް ހެދުމަށް އަމަލީ މަސައްކަތްކުރުމަށް ގޮވާލައިފައެވެ.
އެކަމާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނުގައި ބުނީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައަޅައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމް ކުރުމަށްޓަކައި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރާ އަނިޔާވެރިކަމާއި ނަސްލު ނައްތާލުން ހުއްޓުވުމަށް މަޖުބޫރު ކުރުމަށް އިތުރު އަވަސް މަސައްކަތްތަކާއި އަމަލީ ހައްލުތަކެއް ހޯދަން ޖެހޭކަމަށެވެ.
މިދިޔަ އަހަރު އޮކްޓޫބަރު ހަތްވަނަ ދުވަހު ނަސްލު ނައްތާލުމުގެ މަގުސަދުގައި އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 43،600 އަށްވުރެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.