އޭޓީޕީ ފައިނަލްސްގައި ސިނާގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

އިޓާލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ ސީޒަން ނިންމުމުގެ ގޮތުން ކުޅޭ އޭޓީޕީ ފައިނަލްސްގައި ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގައި ސިނާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވަނީ ހަތްވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. މިދިޔަ ސީޒަންގައި އޭޓީޕީ ފައިނަލްސްގެ ފައިނަލްގައި ނޯވަކް ޖޯކޮވިޗް އާއި ބައްދަލުކޮށް ބަލިވި ސިނާއަށް މިސީޒަން ވެފައިވަނީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ.

މިގޮތުން އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފަހު ގްރޭން ސްލޭމް މުބާރާތް ޔޫއެސް އޯޕަން ކާމިޔާބުކޮށްފައިވާއިރު މިފަހަރުގެ ޓުއާގައި ހަތް މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.

ހަމައެއާއެކު މަނާބޭހެއް ބޭނުން ކުރުމުގެ ދައުވާ އުފުލި އެންމެ ފުރަތަމަ އެދައުވާއިން ސަލާމަތްވެފައިވަނިކޮށް އަލުން އެޕީލް ކުރުމުގެ ސަބަބުން މިހާރުވެސް އަންނަނީ އެކަމާއި ދެކޮޅަށްވެސް މަސައްކަތް ކުރަމުންނެވެ.

މި މުބާރާތުގައި ފަސް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް އާއި ހަތަރުވަނަ އަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ ފްރިޓްޒްއެވެ.

މި މެޗުގެ ފުރަތަަމަ ސެޓު ހައެއް ހަތަރަކުން ފްރިޓްޒް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މި މެޗުގައި މެޑްވެޑޭވްއަށް ގިނަ ގޯސް ތަކެއް ހަދަމުންދިއުމާއެކު އޭނާ އަމިއްލައަށް ހިތްހަމަ ނުޖެހި އެކަމުގެ ހިތްހަމަ ނުޖެހުން މުޅި މެޗުގައި ވެސް ފެނިގެންދިޔައެވެ.

މި މުބާރާތުގައި ހިމެނޭ ދެވަނަ ގްރޫޕް ކަމަށްވާ ޖޯން ނިއުކޯމްބްގައި ހިމެނޭ ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް އާއި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް، ހަތަވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑް އަދި އަށްވަނައަށް ސީޑު ކުރެވިފައިވާ އަންޑްރޭ ރުބްލޭވްގެ މެޗުތަށް މިރޭ ކުޅޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު