"މައިންބަފައިންނަށް ނުކިޔަމަންތެރިވުމަކީ އެކަމުގެ އުގޫބާތް މާތް ﷲ އެމީހަކަށް ދުނިޔޭގައިވެސް ދެއްވާނެ ކަމެކެވެ. <މުހައްމަދު ބިން މުހައްމަދު އަލްމުޚުތާރު>
***
"ބައެއްފަހަރު ހިތް ވަރަށް ބޮޑަށް ބޭނުންވާ ކަންތައްތައް ހުރެދާނެ......އެކަމަކު އެވަގުތަކީ އެކަމަށް ރަނގަޅު ވަގުތެއް ނޫންކަމަށް ވެދާނެ... ނޫނީ އެކަން ވުމަކީ އެއްގޮތަކަށްވެސް މުސްތަހީލް ކަމަކަށްވެސް ވެދާނެ.."
އުރުޖުވާން އޭނާއަށް ބަލާލިއެވެ. ކެނާން ދެއްކި ވާހަކައިގައި ފޮރުވިފައިވާ މާނައެއް އޮތްކަން އިހުސާސްވިއެވެ. އެއީ މާބޮޑު އެއްޗެއް ނޫނަސް، އެ ލޮލުގައި ފަނޑު އުންމީދެއް އޮތްކަން ފެނުނެވެ.
***
މަތީގައި ހަރުކޮށްފައިވާ ހަމައެކަނި ބޮކީގެ ފަނޑު އަލި އެޅި ކޮންކްރީޓް ފާރުތަކުގައި ބިރުވެރި ހިޔަނިތަކެއް ވިދާވިދާ ހުއްޓެވެ. ޖައިލަމް މޭޒުދޮށުގައި އިށީނދެގެން އިނީ، ދޮރާ ދިމާއަށް ފުރަގަސް ދީގެންނެވެ. ހިމޭނުން އިންއިރު ފުންކޮށް ވިސްނުމެއްގައެވެ. އޭނާ ލައިގެން ހުރީ ޖަލުގެ އާދައިގެ ހެދުމެކެވެ. އޭނާ އެނބުރުނު ވަގުތު، މާޒިމްގެ ލޮލާއި ހަތަރު ކަޅި ހަމަވިއެވެ. މާޒިމްގެ ނަޒަރުގައިވީ ފިނި، ރޭވުންތެރި އަދި ނުރައްކާތެރިކަމެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުރި ޖައިލަމް ގެ ދެބުމަ ގޮށްޖެހުނެވެ.
" ޖައިލަމް...." މާޒިމްގެ އަޑު ވަރުގަދައެވެ. އޭނާ ހުއްޓި ހުރީ ޖައިލަމްގެ އެ ނިކަމެތިކަން އޭނާއަށް އިހުސާސްކުރުވާ ފަދަގޮތަކަށެވެ.
" މިތާ؟ކަލޭ.....އަންނަންވެސް ކެރިއްޖެ ދޯ...."އޭނަ މާޒިމް އައިސްދާނެ ކަމަށް ހިޔެއް ނުކުރެއެވެ.
" ހްމް... މިތާ....ޖަލުން ބޭރުގަ.....އަ ފްރީ ބާޑް...." މާޒިމް ޖެއްސުން ކޮށްލިއެވެ. އޭނާގެ ހިތް ބުނީ ހަމަ ތެދެކެވެ. ޖައިލަމް އަށް ހުރިހާ ކަމެއް އެނގިއްޖެއެވެ. ނަމަވެސް އޭނަ ހައިރާން ވީ ކަމެއް ކަމުގައި ޖައިލަމްއަށް ނުދައްކައެވެ.
ކަލޭ...ހީކުރީތަ މަށާ ތިހެން ކުޅެވޭނެ ކަމަށް....މަ ޖަލުގަ ހުއްޓަސް މަށަށް ބައިވަރު ކަންތައް ކުރެވޭނެ...އެންމެ އިޝާރާތަކުން ވެސް އަހަންނަށް ކަންތައް ކުރެވޭނެ ކަން ނޭނގެނީތަ؟" ޖައިލަމް ރުޅިގަދަވިއެވެ.
"ފަރަޙް؟" މާޒިމްގެ ތުންފަތަށް ވެރިވީ ޖެއްސުމުގެ ހިނިތުންވުމެކެވެ. "އޭނާ މިހާރު ވަނީ އަހަރެންގެ ބާރުގެ ދަށުގަ..... އޭނާއަކީ ކަލޭގެ ދަރިފުޅު ކަމުގައިވިޔަސް، ކަލެއަކަށް މިތާ ތިހުރެގެން އެއްވެސް ކަމެއް ނުކުރެވޭނެ....ޝީ އިޒް ގޮނަ ޕޭއި ފޯ ހާ ސިންސް ސޫން އިނަފް....."
މާޒިމްގެ އަޑުގައި ހުރީ ފިނިފިނި ކަމާއި ވިސްނުންތެރިކަމެވެ. އޭނާ ކޮންމެ ބަހެއްވެސް ބުނެފައިވަނީ ޖައިލަމް ކަނޑައެޅިގެން ނުތަނަވަސްވާ ފަދަ އިތުބާރަކާއެކުގައެވެ.
ޖައިލަމްގެ މޫނުމަތި ކަޅުފޮއި ރެއެއްހެން އަނދިރިވެގެން ދިޔައެވެ. އޭނާގެ އިނގިލިތައް މަޅާ ބާރުކޮށްލިއެވެ. ނިތްކުރީގެ ލޭނާރުތައް ރުޅިވެރިކަމާއެކު ތެޅެން ފެށިއެވެ.
"ކަލޭ ތިކުޅެނީ ނުރައްކާތެރި ކުޅިވަރެއެއް މާޒިމް، ފަރަހް އެއަށް ވުރެ ބޯ ބޮޑުވާނެ.....އޭނަ ކަލޭ ތިޖަހާހާ ބެރަކަށް ނުނަށާނެ...."
"އޯ....ހަ....ޖައިލަމް އަށް ވެސް އިނގޭނެ ފަރަހް އަކީ ސައިކޯ އެއްކަން....އަހަންނަށްޓަކާ ޖާނުން ފިދާ ވާނެ އޭނަ...ބެރު ނުޖެހިޔަސް ނަށާނެ...." މާޒިމް އޭނަގެ ވާހަކަ މެދުކަނޑާލައި ބުނެލިއެވެ.
"މާޒިމް......" ޖައިލަމް އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތެވެ. އަދި ދުވެފައި އައިސް ތޭރިތަކުގައި އަތް މުށްކަވާ ބާރަށް ޖެހިއެވެ. މާޒިމް ހުރީ އަތްތިލަ މަހާލައިގެން ލުއި ހިނިތުންވުމެއްގައެވެ. ޖައިލަމްގެ ނިކަމެތި ހާލަށް ޖެއްސުން ކުރަމުންނެވެ.
" ބުނީމެއްނު....ކަލޭ ގެ އެންމެ އިޝާރާތަކަށް ކަން ކަން ކޮށްދޭނެ މީހުންވާނެ އޭ...ކަލޭގެ ތި ބޮޑާކަމަކީ ކަލޭގެ ނިމުން...އައި ޓްރަސްޓް މައި ލޯޑް...." މާޒިމް ހަމަޖެހުމުގެ ނޭވާ އެއްލިއެވެ. ޖައިލަމް ހިނިގަނޑެއް ޖަހާލިއެވެ.
" ކަލޭ ގެ ދީން ކަލޭގެ ހިތުގަ ބާއްވާ..ތި ބުލްޝިޓް އަޑުއަހާނެ މީހެއްނެތް....." ޖައިލަމް ބުމް އަރުވާލިއެވެ.
" ޔޫ ވިލް ނޯ ވެރީ ސޫން.....ދުވަސް ގުނަން ފަށާ...އިންޝާﷲ ކަލޭގެ ނިމުން ހިތިވާނެ....އެންޑް ޔޯ ސައިކޯ ޑޯޓާ ޓޫ....." މާޒިމް ބޭނުންވީ ޖައިލަމް ރުޅިގަދަވެގެން ހަމައިން ނައްޓާފަދަ އެއްޗެއް ބުނުމަށެވެ.
ޖައިލަމްގެ މޫނުމަތިން ހިތްހަމަނުޖެހުމެއް ފާޅުވިނަމަވެސް، އެކަން ފޮރުވުމަށް އޭނާ މަސައްކަތްކުރީ ވަރަށް ބުރަކޮށެވެ.
'މާޒިމް، މި މަސައްކަތުގައި ކުރިއަރަމުންދާކަމުގެ އުއްމީދު ކަލޭގެ ހިތުގައި އުފެދިފާނެ.. މޮޅުވަނީކަމުގައި ހީކުރެވިދާނެ. އެކަމަކު އަމިއްލަ ކަށްވަޅު ތި ކޮންނަނީ................."
މާޒިމް، ޖައިލަމްގެ ލޮލަށް ސީދާ ބަލަހައްޓައިގެން ހުރެ، ޢަޒުމާއެކު ޖަވާބުދިނެވެ.
" ނޯ އައިމް ޑިގިން ޔޯ ގްރޭވް......" މާޒިމް ދާން ހިނގައިގަތެވެ. ފަރަހް ގެ މައްޗަށް އޮތް ޖައިލަމްގެ ނުފޫޒު ކުޑަވަމުންދާކަން އިޙްސާސްވިއެވެ. ޖައިލަމްގެ ނާއުއްމީދީ ޙާލަތު ހިތަށްގެ ގެނައުމުން އޭނައަށް ލިބުނީ ހިތްހަމަޖެހުމުގެ އިޙްސާސެކެވެ. ނަމަވެސް ޖައިލަމް އިތުރަށް ޖަލުގަިއ ބެހެއްޓި އޭނާ ބެއްދޭނެ ހުރިހާ މަސައްކަތެއް ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމުގައި މާޒިމް ދެކުނެވެ. ފަރަހްވެސް އޭނާއަށް ކުރާ އިތުބާރު ގެއްލުވާނުލާނޭހެން ރޭވުންތެރިކަމާއެކު ފިޔަވަޅުތައް ނެގުމަށް މަސައްކަތް ކުރަންވެއްޖެއެވެ.
***
ފަރާހްގެ ލޯ ހުޅުވުނު އިރު، އޭނާއަށް ފެނުނު މަންޒަރުން ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ކޮޓަރީގެ ކަންކަނުގައި އާދަޔާ ޚިލާފު ގޮތަކަށް ހިޔަނިތަކެއް އުތުރި އަރަމުންދިޔައެވެ ނުފެންނަ އަތްތަކެއް އޭނާގެ ކަރުގައި ފިއްތާލާފައިވާ ކަހަލަ ފިނި އިހުސާސެއް އަދިވެސް ދެމިހުއްޓެވެ. އަދި އޭނާގެ އަމިއްލަ ނޭވާލުމުގެ އަޑު މަޑުމަޑުން ގޮސް ހަމަހިމޭންކަން ފުރާލިއެވެ. ތުރުތުރު އަޅަމުންދާ އަތްތަކުން ފޯނު ނަގައި އާދަމްގެ ނަންބަރަށް ގުޅާލިއެވެ.
ފޯނު ގުޅުމާއެކު، އާދަމަށް އެއްޗެއް ބުނުމުގެ ކުރިން، ފަރާހްގެ ކަންބޮޑުވެފައިވާ އަޑު މަޑުމަޑުން އިވުނެވެ.
"އާދަމް... އާދަމް، އަހަރެންނަށް މިވަނީ ކިހިނެއް؟މަށާއި ދިމާލަށް ބަލަހައްޓައިގެން މިހިރީ ކޯޗެއް؟...." އޭނާގެ އަޑު ބަދަލުވެގެން ދިޔައެވެ. "ކަލޭ ކުރީ ކޮން ކަމެއް؟"
ހިނދުކޮޅަކަށް ފޯނުން އެއްވެސް އަޑެއް ނީވުނެވެ. ދެން އާދަމްގެ އަޑު އިވުނީ ފިނިކަމާއި ނުބައްދަލު ގޮތަކަށެވެ.
"ފަރާހް...، ކަލޭ އެދުނީ ގިނަ މީހުން ދުލުން ބުނަން ވެސް ނުކެރޭ ވަރުގެ ކަންތައްތަކަކަށް.....ކަލޭ ބޭނުންވީ މީހުންގެ ތަޤްދީރާއި ކުޅުމަށް.....އެކަމަކު އެވެސް ހާސިލުވާނީ އަގެއްގަ.....ޖައިލަމްވެސް ހައްޔަރުގަ ދޯ.....ދެން ތިމީހުންގެ ފަރާތުން އަހަރެން ބޭނުންވާނެ އެއްވެސް އެއްޗެއް ނެތް....." އާދަމް ހިނިގަނޑެއް ޖަހައިލިއެވެ.
ފަރަހްގެ އަޑު ބަދަލުވެގެން ދިޔައީ އިތުރަށް ކަންބޮޑުވެފައިވާ ގޮތަކަށެވެ.
"އަގެއް؟ އަހަރެން ކަލެއަށް ފައިސާ ދިނިން، އާދަމް. ވަރަށް ރަނގަޅަށް އަގު ދިނިން.....ހުސްނުވާހާވަރަށް ލާރި ދިނިން...އަދިވެސް މަދީތަ؟"
"ކަނބުލޯ..... ފައިސާއިން އަދާނުކުރެވޭ ދަރަނިތަކެއް ހުރެޔޭ....ބީރައްޓެހި ދުނިޔޭގެ އެދުންތައް ހާސިލްވަނީ އަހަރުމެންގެ ނަފްސު ވިއްކައިގެން...." އާދަމްގެ އަޑުން މަޑުމައިތިރި އަދި ހިތްހަމަޖެހުމުގެ އިހުސާސެއް ފާހަގަކުރެވުނެވެ.
"އަހަރުތަކެއް ވަންދެން، އަހަރެން އަގު އަދާކުރަމުން އައީ އަހަރެންގެ ނަފްސުން....އެހެނަސް އަހަރެން މިހާރު ބާވެއްޖެ..... އެމީހުން ބޭނުންވަނީ ނިއު ފްލެޝް..... އަނެއްކާ މި ބުނެވުނީ ރަނގަޅަށްތަ؟" އާދަމް ހިނިގަނޑެއް ޖަހާލިއެވެ.
" ތިކިޔާ އެއްޗެއް ސާފު ކޮށް ކިޔާބަލަ...." ފަރަހް ރުޅިގަދަވިއެވެ.
" އަހަރެނ އެމީހުންނަށް ހުށަހެޅީ ކަލޭ.....ފުރާނައަކަށް ފުރާނައެއް....." އާދަމް ހަރުކަށި އަޑަކުން ބުނެލިއެވެ.
ފަރަހްގެ މުޅި ހަށިގަނޑުގައި ފިނި ބިރުވެރި ރާޅެއް ދުވެލިއެވެ.
ކުއްލިއަކަށް އޭނާގެ ހިއްސުތައް ގެއްލި، ހުރިތަނުގައި ހަރުލިއެވެ. ފޯނު އަތްތިލައިން ދޫވެ ތަޅުންގަނޑަށް ވެއްޓުނެވެ. އެހެންނަމަވެސް، އާދަމްގެ އަޑު އަދިވެސް އިވެމުން ދިޔައެވެ. އެ އަޑު އޭނާގެ ސިކުނޑިއަށް ވިހައެއްފަދައިން ފޭދިގެން ދިޔައެވެ.
'ކޮންމެ އަނދިރި ޢަމަލަކަށްވެސް އަގު ދޭންޖެހޭ..... ކަލޭ ބޭނުންވީ މީހެއްގެ ދިރިއުޅުން ހަލާކުކުރަން..... މިހާރު މިވަނީ އަގު އަދާކުރަންޖެހޭ ވަގުތު..."
ކޮޓަރީގެ ހަމަހިމޭންކަމުގައި ފަރާހްއަށް އާދަމްގެ ބަސްތައް ވައިތެރޭގައި ހިފެހެއްޓިފައިވާހެން ހީވިއެވެ. އޭނާގެ ލޮލުން ފެންނަ މަންޒަރު ބިރުވެރިކަމުން ހިތަށް ފިނިކަމެއް އިހުސާސްވެ، ގަނޑުފެނުގެ ވުޖޫދެއް އޭނާ ވަށައިގެން އެނބުރޭކަމުގެ އިހުސާސްވިއެވެ. އޭނަގެ ވަށައިގެން ކަޅު ހިޔަނިތަކެއް ޖަމާވެ، ބަލަހައްޓައިގެން ތިބިތަން ފެނުނެވެ. އޭނާގެ ދެފައިވެސް ހިނގުމަށް އިންކާރުކުރިއެވެ. އަނދިރިކަމުގެ ތެރެއިން ބިރުވެރި އަޑެއް އިވުނެވެ.
"މިހާރު ކަލޭ ވަނީ އަހަރެމެންގެ އަތްމައްޗަށް އައިސްފައި"
އޭނާގެ ކަށިތަކުގައި ފިނިކަމެއް ރާޅުއެޅިއެވެ. އަދި އޭނާއަށް ޔަޤީންވިއެވެ. މި ހާލަތުން ސަލާމަތްވެވޭނެ ގޮތެއް ނެތްކަމުގެ އިހުސާސެވެ.
ނުނިމޭ