ޔުނައިޓެޑް އިން ލެސްޓާ ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 0-3 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.

އެހެން ނަމަވެސް ލެސްޓާއިން ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ ޔުނައިޓެޑަށް ނުރައްކާ ކޮށްފައެވެ. އަދި މި މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ ލެސްޓާ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއިންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔުނައިޓެޑަށް 250 ވަނަ މެޗު ކުޅެމުންދިޔަ ކެޕްޓަން ބްރުނޯ ފެނާންޑޭޒްއެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ބްރޫނޯ ފެނާންޑޭޒް ލެސްޓާގެ ގޯލް ކުރި މައްޗަށް ހުރަސް ކުރި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ލެސްޓާގެ ވިކްޓާ ކްރިސްޓިއަންސެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަދި ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އަލެހަންޑްރޯ ގެނާޗޯއެވެ.

މި ކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ އެޓީމުގެ ކޯޗު ކަމުން އެރިކް ޓެން ހާގް ވަކިކޮށް ރޫޑް ވެން ނިސްޓެރޯއީ އާއި ވަގުތީ ގޮތުން ޓީމާ ހަވާލުވި ފަހުން ކުޅުން ހަތަރު މެޗުގެ ތެރެެއިން ތިން މެޗު ކާމިޔާބު ކޮށް އެއް މެޗު އެއްވަރު ކޮށްފައެވެ.

މި މެޗު ވެގެންދިޔައީ ޔުނައިޓެޑްގެ ކޯޗު ކަމާއި ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް ހަވާލުވުމުގެ ކުރިން ކުޅުނު ފަހު މެޗެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ޓީމާ ހަވާލުވުމަށް އަމޮރިމް މާދަމާގެ ވަގުތެއްގައި މެންޗެސްޓާއަށް ދަތުރު ކުރާނެއެވެ. ނަމަވެސް އޭނާ ރަސްމީކޮށް ހަވާލުވާނީ އޭނާގެ ވީސާގެ ކަންތައްތައް އެއްކޮށް ހަމަޖެހުމުންނެވެ.

އަމޮރިމް ހަވާލުވާކަން ހާމަކޮށްފައިވީ ނަމަވެސް އޭނާގެ ބެކްރޫމް ޓީމުގައި ހިމެނޭ ސްޓާފުން ހާމަކޮށްފައެއް ނުވެއެވެ. އަދި ނިސްޓެރޯއީ އޭގެ ތެރޭގައި ހިމެނޭނެ ކަމެއްވެސް އަދި ނޭނގެއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު 11 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. މި މެޗުން ލެސްޓާ ބަލިވި ނަމަވެސް އެޓީމަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. މި ނަތީޖާއާއެކު ލެސްޓާ މިހާރު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު