އޯކޭ." އެހެން ބުނެލާފައި އަފްނާން ފޯނު ކަނޑާލިއެވެ. އޭނާ އެ އިމާރާތުގެ ލިފްޓާ ދިމާލަށް ހިނގައިގަތެެވެ. އެވަގުތު އިއްތިފާޤަކުންވީ ލިފްޓުވެސް ތިރިއަށް އައި ވަގުތަކަށެވެ. އެއްފަރާތުގައި މަޑުކޮށްލަމުން އޭނާ އަޒްލަފްއަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިނަމަވެސް، ދެވަނަ ސކުންތުގައި އަތް ތިރިކޮށްލެވުނީ ލިފްޓުން ދެންމެ ނުކުތް އަންހެން މީހާ ފެނުމާއެކުގައެވެ.
އެއީ މައުވާގެ މަންމަ ނޫން ދެވަނަ މީހެއް ނޫނެވެ. ކުރިޔާ ޚިލާފަށް ހަށިގަނޑު ހިކި، ބައެއް ބަދަލުތައް އައިސްފައި ހުރި ނަމަވެސް، އެއީ ރާމިޒާކަން ދެނެގަންނާކަށް އަފްނާންއަކަށް އުނދަގުލެއް ނުވިއެވެ. އެނބުރިލެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް ބާރުވެގެން ދިޔަ ހިތުގެ ތެޅުމާއެކު ރާމިޒާއާށް ފެނިދާނެތީ ޖެހިލުންވެ ހުރެ އެގޮތަށް އެކަން ކުރަން އަފްނާންއަށް މަޖުބޫރުވީއެވެ. ހުރި ގޮތަށް ފަސް އެނބުރި ބަލާލަންވެސް ނުކެރިފައި އަފްނާންއަށް ހުރެވުނުއިރު، އޭނާއަށް ސިހުން ގެނުވީ ފޯނުގެ ރިންގުގެ އަޑާއެކުގައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން، އޭނާ ފޯނު ނަގާ ބަލާލިއިރު ގުޅަނީ އަޒްލަފްއެވެ.
"ކޮންތާކު؟ ގުޅާފަ ކީއްވެ އެއްޗެއް ނުބުނެ ތިހުރީ." އަފްނާން އޭނާއަށް ގުޅާފައި އެއްޗެއް ނުބުނެ ހުރުމުން އަޒްލަފްއަށް މަޖުބޫރުވީ، ދެވަނަ ފަހަރަށް އަފްނާންއަށް ގުޅާލުމަށެވެ.
"މީ… ކޮންތާކަށް ދާންވީ؟" އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމާއެކު، އަފްނާން ސުވާލުކޮށްލިއެވެ.
"ލިފްޓު ކައިރީގަތަ؟" އަޒްލަފް އިތުރު ސުވާލެއް ކޮށްލިއެވެ.
"އާ…" އެ ސުވާލަށް ޖަވާބު ދިނުމަށްފަހު، އަފްނާން ފަހަތް ބަލައިލީވެސް ޖެހިލުންވެ ހުރެއެވެ. އޭނާ ބަލައިލިއިރު، ރާމިޒާ ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
"ތިތާ މަޑުކުރޭ! މި ދަނީ. " އެހެން ބުނެލާފައި އަޒްލަފް ފޯނު ކަނޑާލުމުން، ފާރުގައި ލެނގިލަމުން އަފްނާން މަޑުކޮށްލިއެވެ. ލަސްތަކެއް ނުވެ އަޒްލަފް ތިރިއަށް އައެވެ. އަދި އަފްނާންއަށް ޝުކުރު އަދާކޮށްފައި ޗާޖަރު ހިފައިގެން ހިނގައިގަތެވެ. އަފްނާންވެސް ފަހަތް ބަލައިލުމަށްފަހު، ގޮސް ހޮސްޕިޓަލުން ނުކުތެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ވަނީ ރާމިޒާއެވެ. ރާމިޒާ ހޮސްޕިޓަލުގައި ކީއްކުރަނީބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އާއިލާ މީހެއް ބާއްވައިގެން އުޅޭތީވެސް އަތުވެދާނެޔޭ ހިތަށް އަރުވާލާފައި އެ ޚިޔާލުތަކާ ދުުރުވާން އޭނާ މަސައްކަތް ކުރިނަމަވެސް، ނޭނގޭ ސަބަބަކާ ހުރެ އަދިވެސް ހިތްވަނީ ނުތަނަވަސްވެފައެވެ. އަފްނާން ގޮސް ނުކުތްއިރު ވެސް ރާމިޒާ ބޭރުގައި ހުއްޓެވެ. އޭނާ ހުރީ ޓެކްސީއަކަށް މަޑުކޮށްގެންކަން އަފްނާންއަށް އެނގުނެވެ. އަތުގައި އޮތް ފޯނަށް ބަލާލާފައި، މަގުމައްޗަށް ބަލާ ދެކޮޅު ހޯދައިލިއެވެ. ދަންގަޑިއެއްކަމަށް ވީތީކަމަށްވެސް ވެދާނެއެވެ. އެ ހިސާބަކަށް ޓެކްސީއެއްވެސް ނާދެއެވެ. އިރުކޮޅެއް ފަހުން ހޮސްޕިޓަލަށް އައި މީހުންތަކެއް ފޭބުމާއެކު ރާމިޒާއަށް ހުސް ޓެކްސީއެއް ލިބުމާއެކު، އޭނާ ޓެކްސީއަށް އެރިއެވެ. އަފްނާންވެސް ގޮސް ސައިކަލަށް އަރާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ގެއަށް ގޮސް ނިދަން އޮށޯތުމަށްފަހުވެސް އަފްނާންއަށް ވިސްނެނީއެވެ. މައުވާ ވީތަނެއް އެނގޭނީ ރާމިޒާއަށްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ރާމިޒާގެ ކުރިމައްޗަށް އަރާ މައުވާއާ ބެހޭގޮތުން ސުވާލުކުރަން އޭނާ ފަސްޖެހެނީއެވެ. އެގޮތުގައި ނުނިދާ އެތަކެއް އިރަކު އޭނާއަށް އޮވެވުނެވެ. ޒާޔާއާއި ޔޫޝައު ދެކެ އާދެވެން ފެށި ރުޅި އަމިއްލަ ނަފްސު ދެކެވެސް އޭނާއަށް އާދެވެން ފެށިއެވެ. މައުވާ ވީތަނެއް ނޭނގެނީވެސް ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ނުލާން އަފްނާން އަޒުމް ކަނޑައެޅީ އެ ހިތުގެ ބޭޤަރާރުކަމުގެ ކުރިމަތީގައި އިސްޖަހަން މަޖުބޫރުވެފައިވާތީއެވެ. މައުވާ މީހަކާ އިނަސް، ދަރިއެއް ހުއްޓަސް، އޭނާއަށް ވަރިހަމައެވެ. އޭނާ ހަމައެކަނި ބޭނުންވަނީ މައުވާ ވީތަނެއް އެނގޭށެވެ. މައުވާ ދެކެލާށެވެ.
******
ޖެހިގެން އައި ދުވަހު ކްލާސް ނިމުނީ ހަވީރެވެ. އެ ވަގުތަކީ ޝަހުމް ވެސް ކްލާސް ނިންމާފައި ނުކުތް ގަޑިއަށް ވުމާއެކު، އަފްނާން ޝަހުމްއަށް ގޮވާލިއެވެ. ދެމީހުން ނިންމީ ކޮލެޖު ކެފެޓީރިއާއަށް ގޮސް ލުމަށެވެ.
"މައުވާ ވީތަނެއް ހޯދަދީބަލަ." ކެފެޓީރިއާއަށް ވަތް އަފްނާން ވާހަކަ ދެއްކީ އޭނާގެ ކައިރީގައި ހުރި ޝަހުމްއާއެވެ.
"ކަލެއަށް ނުހޯދޭކަމެއް އަދި މަށަށް ހޯދޭނެތަ؟" ޝަހުމް ބުނެލިއެވެ. ދެމީހުން ކޮފީއެއް ހިފައިގެން ގޮސް އިށީނީ ހާމައަށް އޮތް ބައިގައެވެ. ހަވީރުގެ ވަގުތަށްވުމާ، އަވިވެސް ނިވާލާފައި އޮތުމުންނެވެ. އުޑުމަތިވެސް އޮތީ ކުޑަކޮށް ބަނަ ފާޑަކަށެވެ. އެ ތަނުގައި ތިބޭއިރު މާލޭގެ އުސް އިމާރާތްތަކާއި މޫދު ސާފުކޮށް ފެނެއެވެ.
"ހުވާ މި ބުނީ، މައުވާ ވީތަނެއް ނޭނގެނީސް މަ ހުއްޓައެއް ނުލާނަން." ވާހަކައިގެ ތެރެއިން އަފްނާން އެހެން ބުނެލިއިރު، އެ އަޑުގައިވި ސާބިތުކަން ޝަހުމްއަށްވެސް ފަހުމްވިއެވެ. އޭނާ އެއްޗެއް ނުބުނެ ކޮފީ ޖޯޑުން އެތި ފޮދެއް ބޯލިއެވެ.
"ކިހިނެއްވީ؟ ކީއްވެ އެއްޗެއް ނުބުނީ؟ މަށަށް ނުވާނެހެން ހީވަނީ؟" އަފްނާންވެސް ކޮފީ ޖޯޑުއަތަށް ނަގަމުން ވާހަކަ ދެއްކިއެވެ.
"ނޫނޭ. ކަލޭ ކުރަން ބޭނުން ކޮންމެ ކަމެއް ކުރާނެކަން އެންމެންނަށްވެސް އެނގޭނެ." ޝަހުމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
"މީހަކާ އިނަސް އިނދެގެން އުޅޭ ވާހަކަވެސް ސާފުކޮށް މަގޭ ގާތު ބުނީމަތާ މަށަށްވެސް އެނގޭނީ. މިއުޅެނީ ގޮސް އޭނާގެ ގަޔަށް ބޮލަށް އަރާކަށް ނޫނެއްނު. ދިރިއުޅުން ހަލާކުކޮށްލާކަށް ނޫނެއްނު." އަފްނާން ބުންޏެވެ.
އަފްނާންއަށް ޝަހުމްއާ ދިމާވެއްޖެނަމަ މުޅިންވެސް ދެކެވެނީ މައުވާގެ ވާހަކައެވެ. އިތުރު އެހެން ވާހަކައެއް ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނުހުންނަފަދައެވެ. ޝަހުމް އެހެން ވާހަކައެއް ފެށިނަމަވެސް އާޚިރުގައި އެ ވާހަކަ ނިމޭނީ މައުވާގެ ނަން އެދޭތެރެއަށް އައިސްގެންނެވެ. އަފްނާންއަށް މައުވާގެ ހަނދާންތައް އުނދަގޫކުރަމުން ދިޔަލެއް ބޮޑުކަމުން އޭނާއަށް ވެސް އެވާހަކަތައް ދެއްކެނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް، ޝަހުމް ނޫނީ އޭނާގެ ހިތުގެ ޙާލު އަޑު އަހާނެ އިތުރު މީހަކު ނެތްކަން އެނގުމާއެކު، އަބަދު އެ ވާހަކަތައް ދެއްކެނީއެވެ. އެގޮތް އޭނާ ބޭނުންވާތީއެއް ވެސް ނޫނެވެ. އެކަމަކު އެހިތުގައި އަބަދާ އަބަދު ރަސްކަން ކުރަމުން ދަނީ މައުވާކަމަށް ވާތީއެވެ. މައުވާގެ ހަނދާންތައް އޭނާއަށް ގޯނާކުރާލެއް ބޮޑުކަމުން އެގޮތަށް އެ ވާހަކަ ދައްކަން މަޖުބޫރުވަނީ ހިތަށް ތަސައްލީއެއް ހޯދައިދޭން ޚުދު އަފްނާންވެސް ބޭނުންވެފައިވާތީއެވެ.
އަފްނާން ގެއަށް ދިޔައީ މަޣްރިބު ނަމާދަށް ގޮވިފަހުންނެވެ. ކުޑަކޮށް އަރާމުކޮށްލާފައި އޭނާ ދެން ތިރިއަށް ދިޔައީ ރޭގަނޑުގެ ކެއުމުގެ ވަގުތަށެވެ.
މޭޒު ދޮށުގައި އިށީނދެ ހަމަޖެހިލުމާއެކު، ރިސާމާ އަފްނާންއަށް ގޮވާލާފައި ވާހަކަ ފެށިއެވެ.
"ދަރިފުޅާ ރައްޔާއާ ދިމާވި ވާހަކަ ރައިހާނާ ބުނި." ރިސާމާގެ ވާހަކައާއެކު، އަފްނާން ރިސާމާއަށް ބަލައިލިއެވެ.
"ލައްބަ. މަގުމަތިން ދިމާވީ. މާގިނަ ވާހަކަތަކެއް ނުދެކެވޭ. އެކަމަކު މަންމަމެން ރަނގަޅުހޭ އެހި." އަފްނާން ބުނެލިއެވެ.
"ވަރަށް ދުވަސްކޮށްފަ ދޯ ރާއްޖެ އެއައީ. ރައިހާނާ ބުނި މާސްޓާރސްވެސް ފުރިހަމަކޮށްގެންނޯ އެއައީ." ރިސާމާ ނަޖީބަށްވެސް ބަލައިލިއެވެ.
"އެހެންތަ؟ ޕިޒިއޯތެރަޕީ ދޯ ކިޔެވީ؟" ނަޖީބުވެސް ޝައުޤުވެރިކަމާއެކު، ސުވާލުކޮށްލިއެވެ.
"އާނ. ކުޑަ އިރުއްސުރެ އޭނަ ކުރިއަށް ދާން ބޭނުންވި ދާއިރާއިން އެ ކިޔެވީ." ރިސާމާ އިތުރުކޮށްލިއެވެ.
"މަހުމޫދު އަހަންނާ ދިމާވެގެން އޭރު ވާހަކަ ދައްކަމުން ބުނި އެމީހުން ބޭނުންވީ ރައްޔާ ޑޮކްޓަރުކަން ކިޔަވާށޭ. އެކަމަކު ރައްޔާ ބޭނުން ނުވަންޏާ މަޖުބޫރެއް ނުކުރާނަމޭ. ހުރިހަމައެކަނި ދަރިފުޅަށް ވީމަ އެ ދަރިފުޅުގެ އުފާތަކަށް އެމީހުން ވަަރަށް އިސްކަންދޭ." ނަޖީބު ބުނެލިއެވެ.
"ވަޒީފާއަށްވެސް އެޕްލައިކޮށްފަޔޯ ބުނީ އެއައީ. މި ފެށޭ ހަފްތާގައި އިންޓަރިވިއުއަށް ވެސް ދާން ޖެހެޔޯ." ރިސާމާއާއި ނަޖީބު ރައްޔާގެ ވާހަކަދައްކަމުން ދިޔައިރު، އެކަމަށް އަފްނާންގެ މާ ބޮޑު ޝައުޤުވެރިކަމެއް ނެތެވެ. އަޒްލަފްވެސް އިތުރު އެއްޗެއް ނުބުނެ، އެއިން ގޮތަށް އިނީއެވެ.
ކެއުމަށްފަހު، ކޮޓަރިއަށް ގޮސް ނިދަން ތައްޔާރުވެގެން ނުކުތް ރިސާމާ އެނދުމަތީގައި އިށީން ގޮތަށް ވިސްނުމަކަށް ގެއްލިފައި އިން ގޮތުން ނަޖީބު ފާޚާނާއިން ނުކުތްކަމެއްވެސް ނޭނގުނެވެ. ހަމަހޭވެރިކަންވީ ނަޖީބު އޭނާއަށް ގޮވާލުމުންނެވެ. ރިސާމާ އެއިނީ ވަރަށް ފުންކޮށް ކޮންމެވެސް ކަމަކާ ވިސްނަންކަން ނަޖީބަށްވެސް އެނގޭތީ އޭނާވެސް ގޮސް ލޯބިވާ އަނބިމީހާގެ ކައިރީގައި އިށީނދެ އެ އަތުގައި ހިފައްޓާލިއެވެ. އިނދެގެން މިހާ ދުވަސްވީއިރުވެސް އެ ގުޅުމުގައި ކުޑަވެސް ކުނިކޮޅެއް ޖެހިފައެއް ނުވެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އެހާ އިޙްތިރާމްކުރެއެވެ. އެކަކު އަނެކަކުގެ ނިންމުންތަކަށް އިޙްތިރާމްކުރެއެވެ. ދިރިއުޅުމުގެ ހުރިހާ ހިތާމައަކާއި އުފަލެއް އެކަކު އަނެކަކާ ހިއްސާކުރުމަކީ އެގުޅުން އެ ގޮތުގައި ދެމިއޮތް އެންމެބޮޑު ސަބަބެވެ.
"ކޮން ކަމަކާ ތި ވިސްނަނީ؟" ނަޖީބު ލޯތްބާއެކު، ސުވާލުކޮށްލިއެވެ.
"އަހަރެން…" ރިސާމާއަށް އެ ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ.
"ބުނެބަލަ. އަހަރެން ކައިރީގައި ބުނަން ޖެހިލުންވާ ވާހަކައެއް އޮވެގެން ނުވާނެއެއްނު." ނަޖީބު އަނެއްކާވެސް ބުނެލިއެވެ.
"އަފްނާން، ރައްޔާއާ ގުޅުމާމެދު ނަޖީބު ދެކެނީ ކިހިނެއް؟" ރިސާމާ ނަޖީބަށް ބަލާލިއެވެ.
"ރައްޔާއާ އަފްނާން އޭ." ނަޖީބަށް ލިބުނީ ހައިރާންކަމެކެވެ. ރިސާމާ އެބުނީ އޭނާގެ ހިތަށް ނުވެސް ގެނެވުނުކަމެއްގެ ވާހަކައެވެ.
"ކިހިނެއްވީ؟ އަފްނާންވެސް އެހުރީ މިހާރު ޒުވާން އުމުރަށް އެޅިފައި. އޭނަ ދުވަހަކުވެސް އަންހެން ކުއްޖެއްގެ ވާހަކައެއް އަހަރެމެންގެ ކައިރިއަކު ނުދައްކާ." ރިސާމާ އޭނާގެ ހިތުގެ އެދުން ފާޅުކުރިއެވެ.
"އެކަމަކުވެސް… ތި ވާހަކަ އަފްނާންއާ ދައްކާފައެއްނު ގޮތެއް ނިންމަން ވާނީ. މިހާރުގެ ކުދިން ކުއްޖަކާ އެކަހަލަ ގުޅުމެއް ބޭއްވިޔަސް މައިންބަފައިންނަކާ ހިއްސާއެއް ނުކުރާނެ. ކައިވެންޏާ ހިސާބަށް ގޮސްފަ ނޫނީ ތިކަހަލަ ވާހަކައެއް އަދި އަމްދުން ބައެއް ކުދިން ނުދައްކާނެ." ނަޖީބު އޭނާގެ ޤަބޫލުކުރުން އިއްވާލިއެވެ.
"ނަޖީބު އަޒްލަފްއަށް ވެސް ތި މިނިވަންކަން ދިނީމު. އަޒްލަފް ބޭނުން ކުއްޖަކާ ކައިވެނި ކުރުމުގެ ހުއްދަ ދިނީމު. އެކަމަކު އެންމެފަހުން ކަންވީ ކިހިނެއް؟ ހުރިހާ ދެރައެއް ލިބުނީ އަޒްލަފްއަށް. އޭގެ ފަހުން ކައިވެންޏެއްގެ ވާހަކަ ދެއްކިޔަސް އޭނަ އަޅައެއް ނުލާ. މިހާރު ހަމަސްވެގެން ދިޔައީ. އޭނާގެ ވާހަކަތަކުން އެނގޭ ދެން އިތުރު މީހަކާ އިންނަން ޚިޔާލުވެސް ނުކުރާނެކަން. އަދިވެސް ޝައުފާ ނޫން އަންހެން ކުއްޖަކަށް އޭނާގެ ހިތުން ޖާގައެއް ނެތް. އަހަރެން މީ އެ ދެކުދިންގެ މަންމައޭ… އަޒްލަފްއެކޭ އެއްގޮތަށް އަފްނާންއަށްވެސް ދެރައެއް ލިބޭކަށް އަހަރެން ނޭދެން. ނަޖީބު މި ވާހަކަ އަފްނާންއާ ދައްކަބަލަ. " ރިސާމާ ވާހަކަ ދެއްކިއިރު އޭނާ ވަނީ އަޒްލަފްއެކޭ އެއްގޮތަށް އަފްނާންގެ މުސްތަޤްބަލާ މެދުވެސް ހާސްވެފައިކަން ނަޖީބަށް ދެނެގަނެވުނެވެ.
"ކައިވެންޏަކީ މާތް ގުޅުމެއް. ޒުވާން ދަރީންނަށް ކަންތައްތަކަށް މަޖުބޫރުކުރުމަކީ އެ ކުދިންގެ ހިތުގައި މައިންބަފައިންނާ ދޭތެރޭ ނަފްރަތު އުފެދޭނެކަމެއް. އަޒްލަފްއަށް އެހެން ވުމުގެ މާނައެއް ނޫނެއްނު އަފްނާންއަށްވެސް އެހެންވާނެޔޭ." ނަޖީބު ރިސާމާގެ ކޮނޑުގައި ހިފައްޓާލާ އޭނާއާ ގާތްކޮށްލިއެވެ. "އެހެން ނޫނަސް އަފްނާން އެކަނި އެއްބަސްވެގެން އަދި ކައިވެންޏަކާ ހިސާބަށް ތި ގުޅުމެއް ނުދާނެއެއްނު. ރައްޔާވެސް އެއްބަސް ވާން ޖެހޭނެއެއްނު."
"އަހަރެން ބޭނުމެއް ނޫން އަފްނާންއަށް އެހެން ވާކަށް. އަހަރެމްނަށް އެ ކުއްޖަކު އެނގޭ އަޚްލާޤު ރަނގަޅު ކުއްޖެއްނު ރައްޔާ އަކީ. ކުރީގައި ރައްޔާ އުޅުނު ގޮތުން އަހަންނަށް ޔަޤީން އޭނަވެސް އަފްނާންއާ ގަޔާވާކަން." ރިސާމާ ބުނެލިއެވެ.
"ކުޑައިރުގެ ގުޅުންތަކަކީ ބޮޑެތިވަމުން އަންނައިރު ބަދަލުވާ ގުޅުންތަކެއް." ނަޖީބު ބުނެލިއެވެ.
"އެކަމަކު…." ރިސާމާ އިތުރު އެއްޗެއް ބުނަން އުޅުނެވެ.
"ދެން އެކަމާ ނުވިސްނާ. ފަހުން ތިކަމާ ވާހަކަ ދައްކާލާނީ ދޯ. ރައްޔާވެސް އޭނާގެ ޙަޔާތަށް އެހެން ކުއްޖަކު ނުގެންނަކަން ޔަޤީންކޮށްފައެއްނު ތިކަހަލަ ވާހަކައެއް މަހުމޫދުމެންނާ ދެއްކޭނީ…" އެފަދަ ވާހަކަތައް ދައްކާ ނަޖީބު ރިސާމާގެ ހިތްހަމަ ޖައްސައިދެވޭތޯ ބެލިއެވެ. އޭނާ އަފްނާންއާ ދޭތެރޭ އެހާ އެ ކަންބޮޑުވަނީ އަޒްލަފްއަށް ވީ ގޮތުންކަން ނަޖީބަށް ވެސް ވިސްނޭތީއާ އެކުގައެވެ.
*****
ޖެހިގެން އައި ދުވަހު ހެނދުނު އޮތް ކްލާސް ރޭގަނޑަށް ރީޝެޑިއުލްވުމާއެކު، ކޮލެޖަށް ދާންޖެހުނީ ރޭގަނޑު އަށެއް ޖަހާއިރެވެ. ލިފްޓާ ދިމާލަށް ހިނގައިގަތް އަފްނާން ދިޔައީ ފޯނާ ކުޅެމުންނެވެ. ލިފްޓުތަކާ ހިސާބަށް އާދެވުމާއެކު، އޭނާ ފޯނުން ނަޒަރު ވަކިކޮށްލި ނަމަވެސް، އިވުނު ނަމަކާއެކު މަޑުޖެހިލެވުނެވެ. އެއީ ޒާޔާގެ އަޑުކަން އޭނާއަށް އެނގުނެވެ. އެވަގުތު އޭނާއަށް ހުރެވުނު ހިސާބުން ލިފްޓުގެ ކުރިމަތީގައި ތިބޭ މީހުންނަށް އޭނާ ނުފެންނާނެކަން އަފްނާންއަށް އެނގުނެވެ.
"މިރޭ ކްލާސް ނިންމާލާފަ މައު ކައިރިއަށް ހޮސްޕިޓަލަށް ދާންވެގެން މިއުޅެނީ." އެ އަޑު އިވުމާއެކު އަފްނާންއަށް ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ރާމިޒާ ހޮސްޕިޓަލުން ފެނުނީ އެހެންވެކަން އޭނާއަށް ވިސްނުނެވެ. އެކަމަކު ކީއްވެހެއްޔެވެ؟ މައުވާ ހޮސްޕިޓަލުގައި އޮންނަންވީ ކީއްވެހެއްޔެވެ؟ އަނެއްކާ މައުވާ ބަލިވީހެއްޔެވެ؟ އެޑްމިޓްކުރެވުނީ އެެހެންވެހެއްޔެވެ؟ އަފްނާންގެ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ސަބަބުން، އޭނާގެ ސިކުނޑިއަށް ވާންވެ ބޮލަށް ބަރުވެއްޖެއެވެ.
(ނުނިމޭ)