ޔުނައިޓެޑުން ޕައޮކް ބަލިކޮށްފި

ޔުނައިޓެޑުން ޕައޮކް ބަލިކޮށްފި --

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ގްރީސް ސުޕާ ލީގުގެ ޕައޮކް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗުގައި ޔުނައިޓެޑްގެ ތަރިއަކަށް ވެގެންދިޔައީ އަމަޑު ޑިއާލޯއެެވެ.

މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ވެސް ޑިއާލޯއެވެ. މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެގޮތުގައި ފެނިގެންދިޔައީ ޑިއާލޯއެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގެ ކުޅުންފެށިތާ ފަސް މިނެޓް ފަހުންނެވެ. އަދި ދެވަނަ ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ 77ވަނަ މިނެޓުގައެވެ. މިމެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ޔުނައިޓެޑަށް ލިބިގެންދިޔައެވެ.

މިމެޗުގައި ޕައޮކްއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ޓަރީކް ޓިސޫޑާލީއަށެވެ. ނަމަވެސް ގޯލް ކުރިމަތިން ހަމައެކަނި ކީޕަރު އޮއްވާ ލިބުނު ފުރުސަތުގައި އޭނާ ހާސްވެ ބޯޅަ ޖަހާފައިވަނީ ކީޕަރު އަންޑްރޭ އޮނާނާގެ އަތަށެވެ. އަދި މެޑީ ކަމާރާއަށް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް އޮނާނާވަނީ މިމެޗުގައި ދިފާއު ކޮށްފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި ޔުނައިޓެޑަށް ހޯދުނު ފުރަތަމަ ކާމިޔާބީއެވެ.

އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ. އަދި މިއީ އެޓީމު ޔޫރަޕްގައި އެންމެ ފަހުން ކުޅުން 12 މެޗުގައި ހޯދުނު ދެވަނަ ކާމިޔާބީއެވެ. މިކާމިޔާބީއާއެކު ޔުނައިޓެޑް އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 15ވަނައިގައެވެ. އަދި ޕައޮކް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 33 ވަނައިގައެވެ.

މިމުބާރާތުގައި ޑަޗް އެރެޑިވިސީގެ އަޔެކްސް އާއި އިސްރާއީލީ ޕްރިމިއާ ލީގުގެ މެކަބީ ޓެލް އަވީވް ބައްދަލުކުރި މެޗު ފަސް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އަޔެކްސްއެވެ. މިމެޗުގައި އަޔެކްސްގެ ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބާޓްރަންޑް ޓްރައޯރޭ، ކެނެތު ޓޭލާ، މީކާ ގޮޑްޓްސް، ބްރައަން ބްރޮބޭ އަދި ކިއާން ފިޓްޒް ޖިމްއެވެ. މިކާމިޔާބީއާއެކު އަޔެކްސް މިހާރު ވަނީ 10 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މެކަބީ އުޅެނީ ޕޮއިންޓެއް ނުލިބި ތާވަލްގެ 35ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު