އެޕަލްގެ އައިފޯނުތަކަށް ނެރޭ އައިއޯއެސް 18.2 އަޕްޑޭޓުގައި ފޭސް އައިޑީ މެދުވެރިކޮށް ފޯނު ހުޅުވުމުން ކޮމްޕިއުޓަރުތަކަށް ފޯނަށް އެކްސެސްކުރެވޭނެ ކަމަށް ޓެކް ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
މި އަޕްޑޭޓް ޑިސެމްބަރު މަހު ނެރޭނެ ކަމަށް ބެލެވެއެވެ.
މިހާތަނަށް އައިފޯނެއް އައު ކޮމްޕިއުޓަރަކާ ގުޅާލުމުން، އެ ކޮމްޕިއުޓަރަށް އައިފޯނުގެ ޑޭޓާ އެކްސެސް ދިނުމަށް ނުވަތަ "ޓްރަސްޓް" ކުރުމަށް ޕާސްކޯޑް ޖަހަން ޖެހެއެވެ.
ނަމަވެސް، މި އައު އަޕްޑޭޓާ އެކު ފޭސް އައިޑީ ބޭނުންކޮށްގެން މި މަސައްކަތް ކުރެވޭނެއެވެ. މިއީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ބަދަލެކެވެ.
ފޭސް އައިޑީ ބޭނުންކޮށްގެން ކޮމްޕިއުޓަރެއް ޓްރަސްޓް ކުރުމުން، އެ ކޮމްޕިއުޓަރަށް އައިފޯނުގެ ޑޭޓާ އެކްސެސް ކުރެވޭނެއެވެ. މިއީ 10 އަހަރަށްވުރެ ގިނަ ދުވަސް ފަހުން އައިއޯއެސްގެ "ޓްރަސްޓް ދިސް ކޮމްޕިއުޓަރު" ފީޗަރަށް ގެނެވޭ މުހިންމު ބަދަލެކެވެ.
މީގެ އިތުރުން، އައި.އޯ.އެސް 18.2 އަޕްޑޭޓުގައި ގެއްލިފައިވާ ތަކެތީގެ ލޮކޭޝަން އިތުބާރުކުރެވޭ ފަރާތްތަކާ ހިއްސާކުރުމުގެ ފީޗަރާއި، ކެމެރާ ކޮންޓްރޯލް ބަޓަނުން ފޯކަސް އަދި އެކްސްޕޯޝާ ލޮކް ބަދަލުކުރުމުގެ ފީޗަރު ހިމެނޭނެ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.
އައު އަޕްޑޭޓް ލިބުމުން، ޔޫޒަރުން ކޮމްޕިއުޓަރެއް ޓްރަސްޓް ނުކުރަން ނިންމައިފިނަމަ، ކޮންމެ ފަހަރަކު ފޯނު އެ ޑިވައިސްއާ ގުޅާލުމުން އެ ޕްރޮމްޕްޓް ފެންނާނެއެވެ.
އެޕަލްގެ ސަޕޯޓް ޑޮކިއުމަންޓެއްގައިވާ ގޮތުން، މިއީ އައިއޯއެސް 16 ނުވަތަ އޭގެ ފަހުގެ ވާޝަނެއް ހިންގާ އައިފޯނެއް ލޯކަލް ބެކަޕް (އައިކްލައުޑް ބެކަޕް ނޫން) އެނެބަލްކޮށްފައިވާ ޓްރަސްޓެޑް ކޮމްޕިއުޓަރަކާ ގުޅާލުމުން ވެސް ދިމާވާނެ ކަމެކެވެ.
އައިއޯއެސް 18.2 ގައި ހިމެނޭނެ ކަމަށް ބެލެވޭ އިތުރު ފީޗާތަކުގެ ތެރޭގައި އެޕަލް އިންޓެލިޖެންސްގެ އައު ފީޗާތައް ހިމެނެއެވެ. މީގެ ތެރޭގައި ވިޝުއަލް އިންޓެލިޖެންސް (އައިފޯން 16 މޮޑެލްތަކަށް)، ޗެޓްޖީޕީޓީ (އަދި ޗެޓްޖީޕީޓީ ޕްލަސް) ސަޕޯޓް، ޖެންމޯޖީ، އަދި އިމޭޖް ޕްލޭގްރައުންޑް ފީޗާ ހިމެނެއެވެ. އަދި ނޯޓްސް އެޕްގައި ވެސް އާޓިފިޝަލް އިންޓެލިޖެންސް އަށް ބަރޯސާވާ ބައެއް އިތުރު ކުރިއެރުންތައް ހިމެނޭނެއެވެ.
މި ވަގުތު މި އައު ފީޗާ ލިބެން ހުންނާނީ ބީޓާ ޓެސްޓަރުންނަށް އެކަނި ކަމަށާއި، އާންމު ބޭނުންކުރާ ފަރާތްތަކަށް ޑިސެމްބަރު މަހު ލިބޭނެ ކަމަށް ބެލެވެއެވެ. މި ބަދަލާއެކު، އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހައަކާއި ސެކިއުރިޓީ ފީޗަރެއް ލިބިގެންދާނެއެވެ.