ބަސްހުއްޓިފައި އިންދާ ޒާޔާ އަނގޮޓިއާއެކު، އެ ފޮށި އަފްނާންއާ ގާތަށް ޖައްސާލިއެވެ.

"މީ….މައުވާތަ ދިނީ؟" ހައިރާންކަމާއެކު އަފްނާންއަށް އެ ސުވާލު ޒާޔާއާ ކޮށްލެވުނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އޭނާ އައިކަން މައުވާއަށް އެނގޭނަމަ، މައުވާ ހޯދަން، އޭނާ އުޅޭކަންވެސް މިހާރު އޮންނާނީ ޒާޔާމެންގެ ފުށުން އެނގިފައި ކަންނޭނގެއެވެ. އަނގޮޓި ޒާޔާއާ ހަވާލުކޮށްފައި އެ ފޮނުވީ އެކަން އަންގައިދޭން ހެއްޔެވެ؟ އޭނާ އަފްނާންއާ އިތުރަށް ބައްދަލުކުރަން ބޭނުންނުވާކަން އަންގައިދޭން ހެއްޔެވެ؟ އޭނާގެ ހިތް އެހާ ވަރަށް ތަޅުވަން މައުވާއަށް އޮތީ ކޮންޙައްޤެއް ހެއްޔެވެ؟ އޭނާ އެހާ ވަރުން މައުވާގެ ޙާލު އޮޅުން ފިލުވަން އުޅުމުން ބޮޑާ ވަނީހެއްޔެވެ؟ އެހިތުގެ ބޭޤަރާރުކަން އެނގި އޭނާ އިތުރަށް ތަޅުވަން ބޭނުންވަނީ ހެއްޔެވެ؟

"އާނ. އަހަރެން ހަމައެކަނި ބޭނުންވީ މި އަނގޮޓި އަފްނާންއާ ހަވާލުކޮށްލަން. އެހެންވެގެން ބައްދަލުކުރީ." ޒާޔާ އަފްނާންއަށް ބަލައިލިއެވެ.

"އޭނައަށް އަހަރެން އައިކަން އެނގުމުން ކީއްވެ އަމިއްލައަށް މި ނުދިނީ؟ އަހަންނާ ބައްދަލުކޮށްފަ އޭނައަށްވެސް މި ދެވުނީސް…" އަފްނާންއަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް މައުވާ ދެކޭ ހިތުން ކެތްތެރިކަން ކޮޅުންލަމުންދިޔަ ހިތުގެ އިޙްސާސްތަކުގެ ސަބަބުން ބުނެވުނީއެވެ. އެންމެން އޭނާގެ ކެތްތެރިކަން އިމްތިޙާނު ކުރަނީ ކީއްވެހެއްޔެވެ؟

"ވެއަރ އިޒް ޝީ؟ ޕްލީޒް! ޕްލީޒް ޒާޔާ. ޖަސްޓް ޓެލް މީ…" އަފްނާންއަށް އަނގޮޓީގައި އަތް ހާކާލެވުނެވެ. މާޒީގެ ހަނދާނެއް އައިސް އޭނާގެ ސިކުނޑީގެ ދޮރުފަތުގައި ޓަކި ޖަހަން ފެށިނަމަވެސް، އެ ހަނދާންތަކުގެ ތެރެއަށް ރަނގަޅަށް ފީނާނުލެވި އުޅެނިކޮށް ޒާޔާ ވާހަކަ ދައްކައިފިއެވެ.

"މައުވާ ހޯދަން ނޫޅޭ.. މައުވާވެސް ދެން ބޭނުމެއް ނުވާނެ އަފްނާންގެ ކުރިމައްޗަށް އަރާކަށް؟" ޒާޔާ ވެސް ހުރީ ދޫ ދޭގޮތަކަށް ނޫނެވެ. ދެރަވެފައި އަފްނާން އެހެން އަދި ސުވާލު ކުރިއެއްކަމަކު، އޭނާ އަފްނާންއަށް އެ ބޭނުންވާ ޖަވާބެއް ނުދޭނެއެވެ.

ޒާޔާގެ ފޯނު ރިންގުވީ އެވަގުތެވެ. އޭނާ ފޯނަށް ބަލާލަމުން އަވަސް ނަޒަރެއް އަފްނާންއަށް ވެސް ދިނެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"އަހަރެން ދާން ޖެހިއްޖެ. ބާއި." އިތުރު އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު އަފްނާންއަށް ނުދީ، ޒާޔާ ބެންޗުން ތެދުވެ ހިނގައިގަތީ ފޯނު ކަންފަތުގައި ޖައްސާލަމުންނެވެ. ޒާޔާ ދިޔަ މަންޒަރު ބަލަން އަފްނާންއަށް ހިނދުކޮޅަކު އިނދެވުނެވެ.

ޒާޔާ ގޮސް ލޯމަތިން ގެއްލުމުން އަނގޮޓިއަށް ބަލާލެވުނު އަފްނާންގެ ހިތަށް ގޮތެއް ވެގެންދިޔައެވެ. އެހިތުގެ ހިނގުންވެސް ހީވީ ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ. ވިންދުގައި ފެތުރިގެން ދިޔަ އަސަރުތައް ހަށިގަނޑުގެ ހުރިހާ ސެލްއަކަށް އަސަރުފޯރުވަން ފެށިހެން އޭނާއަށް ހީވިއެވެ. އެހިނދު ހިނދުކޮޅަކަށް ލޯ މަރާލަން އޭނާއަށް މަޖުބޫރުވިއެވެ. އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކޮށްގެން ނޫނީ އެތަނުން ތެދުވެގެން ހިނގައި ނުގަނެވޭވަރަށް އޭނާގެ އެތެރެ ހަށީގެ ޖަޒުބާތުތައް ވަނީ ހަމަބޮލިވެފައެވެ. ޖީބުން ނެގި ވޭޕް ދަމާލީ އެ އުދާސްކަމަށް ހައްލެއް ބޭނުންވެފައިވީ ފަދައަކުންނެވެ. ކެންޕަސް ތެރޭގައި މަނާކަމަކަށްވިޔަސް، މީހަކަށް ފެނުނަސް އަފްނާންގެ ފަރުވާލެއް ނެތް ފަދައެވެ. އޭނާ މިވަގުތު ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އޭނާގެ މުޅި ޖިސްމުގައި ފެތުރެމުންއެދާ އުދާސްކަމުން ސަލާމަތްވުމަށެވެ.

އަފްނާން އެތަނުން ތެދުވެލީ ހަދާނެ ގޮތް ހުސްވެފައި އިނދެގެން ވަކި ކުރެވޭނެކަމެއް ނެތީތީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެންޕަސްއިން ނުކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. ތިނެއް ޖަހަން ކައިރިވެފައި ހުއްޓެއްކަމަކު، އަވި ގަދަ ދުވަހެއްކަމުން ހޫނުގެ އަސަރު މަޑުވިހެނެއް ހިޔެއް ނުވެއެވެ. ވަކި މިސްރާބެއް ނެތި އޭނާ ސައިކަލު ދުއްވާލީ ގެއަށް ދާންވެސް ބޭނުން ނުވެފައި ހުރި ފަދައަކުންނެވެ. މާލޭގައި ތިން ހަތަރު ބުރު ޖެހުނު ފަހުންވެސް ހިތުގެ އުދާސްކަން ކުޑަ ވިހެނެއް ހިޔެއް ނުވެއެވެ. ދުއްވަމުން ދިޔައިރުވެސް ހޯދެނީ މައުވާއެވެ. ބަލާލާ ދިމާލަކުން މައުވާ ފެނިދާނެކަމުގެ އުންމީދު އޭނާގެ ހިތުގައިވާތީއާ ވެސް އެކުގައެވެ. ބޮޑުތަކުރުފާނު މަގުން ގޮސް ލޮނުޒިޔާރަތް ޕާކާ ދިމާލުން އަމީނީ މަގަށް އަޅާފައި ހިޔާގަނޑެއްގެ ދޮށުގައި އޭނާ މަޑުކޮށްލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް އަފްނާން އިނީ ދާހިތްލާ ފޯވެފައެވެ. އެހާ ގިނައިރު އަވީގައި ދުއްވީމައި ކަމަށްވެސް ވެދާނެއެވެ. އޭނާގެ ނިތްކުރިއާ ދިމާ ބޮލުގައި މަޑުމަޑު ރިހުމެއްގެ އަސަރުވިއެވެ. ނިތުގައި އަތުގެ ދެ އިނގިލިން އޮބާލަ އޮބާލާ އިންދާ ސިހުނީ އަންހެން ކުއްޖަކު އޭނާގެ ނަމުން ގޮވައިލުމާއެކުގައެވެ.

"އަފޫ…." އެ އަންހެން ކުއްޖާގެ އަޑުގައި ހައިރާންކަމާ އެއްވަރަށް އުފާވެރިކަން ވެސް ވެއެވެ.

އަފްނާންގެ ކުރިމަތީގައި ހުރީ، ދޮން، ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑުގައި ބްލޮންޑް ކުލަ ޖައްސާފައިވާއިރު، ކޮށްފައިވާ މޭކަޕުގެ ސަބަބުން، އެ ރީތިކަން ވަނީ ދެގުނަކޮށްދީފައެވެ. އަޅާފައިވާ އަވިއައިނުން ލޯ ނިވާކޮށްލާފައިވާއިރު، ލާފައިހުރީ ކަކުލުން ތިރިއަށް އަރާވަރުގެ ގަޔަށް ބާރު ހެދުމެކެވެ. އެކަމުގެ ސަބަބުން، އޭނާގެ ހަށިގަނޑުގެ ވަނާތައް ރީތިކޮށް ހާމަވަމުން ދިޔައެވެ.

"ރައްޔާ…. ކީއްތިކުރަނީ މިތާ؟" އެ މާހައުލުގައި އެ ހޫނުކަމުގެ ތެރޭގައި ރައްޔާ ހިނގާފައި އުޅެނީއޭ ހިތާ އަފްނާންއަށް ސުވާލުކޮށްލެވުނެވެ.

"އަފޫ ފެނިގެންނޭ މިއައީ…" މަގުގެ އެއްފަރާތުގައި ބާއްވާފައި އޮތް ރަތްކުލައިގެ ކާރަށް އިޝާރާތްކޮށްލަމުން ރައްޔާ ބުނެލިއެވެ.

"ކޮން އިރަކު މާލެ އައީ؟" އަފްނާން ދެވަނަ ސުވާލެއްވެސް ރައްޔާއާ ކޮށްލިއެވެ.

"އިއްޔެ. މިއަދު ގުޅަންވެގެން ހުއްޓާ މިފެނުނީ. ކޮބާތަ އަފޫ މަންމަ؟ އެންމެން ރަނގަޅުތަ؟" ރައްޔާ ސުވާލުކޮށްލަމުން އަތުން އޭނާގެ މޫނާ ދިމާލަށް އަތް ހޫރަން ފެށީ ހޫނުވާން ފެށުމުންނެވެ. އޭރު އެމޫނުމަތިން ދާތިކިތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވާން ފެށިއެވެ.

"އެންމެން ރަނގަޅު. ފަހުން ވާނެ ދޯ ދިމާވާން." އެހެން ބުނެލާފައި އަފްނާން ވެސް އޭނާގެ މޫނުމަތީގައި ހުރި ދާތިކިތައް ފުހެލިއެވެ.

"ސީޔާ. އަހަރެންވެސް ގޮސްލަނީ." އިސްތަށިގަނޑި ރީތިކޮށްލަމުން ރައްޔާ ގޮސް ކާރަށް އަރާ ކާރު ދުއްވާލިއެވެ.

އެ މަންޒަރު ބަލަން އިނުމަށްފަހު އަފްނާންވެސް ސައިކަލު ދުއްވާލީ ގެއާ ދިމާލަށެވެ. އެ ދިޔަ ބާރުމިނުގައި އޭނާ އެއީ މައްޗަށެވެ. ކޮޓަރިއަށް ވަދެ އުއްޑުން އެނދުމަތީގައި އޮށޯވެލުމަށްފަހު، ޒާޔާ ދިން އަނގޮޓިއަށް ބަލަހައްޓައިގެން އޮތް އަފްނާންއަށް ދެލޯ މަރާލެވުނީ މައުވާ ބުނެފައިވާ ޖުމްލަތަކެއް އޭނާގެ ކަންފަތް ދޮށުގައި ގުގުމާހެން ހީވާން ފެށުމުންނެވެ. އޭނާ ބޭނުންވެފަައިވަނީ އެ ޖުމްލަތައް ރަނގަޅަށް އަޑު އަހާލަންހެން ހީވެއެވެ. ހަރަކާތެއްވެސް ނުގެނަސް މޭމަތީގައި ބާއްވާލެވިފައިވާ އަތުގެ ތެރޭގައި އަނގޮޓި ހިފައްޓާލައިގެން ހިމޭނުން އޮތް ގޮތުން ހީވަނީ އެ ޖުމްލަތަކުގެ އަޑުތައް ކެނޑިދާނެތީ އޮތް ހެންނެވެ. އެހެން އޮތްއިރު، އެ ހާދިސާ އޭނާގެ ސިކުނޑީގެ ތެރޭގައި ކުރެހި ކުލަވާން ފަށައިފިއެވެ.

*****

"މި ހާދަ އަގު ބޮޑު ވާނެޔޭ.... އަހަންނަށް އެނގޭ އަހަރެން ދެކެ ލޯބިވާތީ ދިން އެއްޗެއްކަން. އެކަމަކު އައި ކާންޓް ޓޭކް ދިސް." މައުވާގެ އަޑުގައި އުފާވެރިކަން ވިޔަސް އެ އަނގޮޓީގައި ހިފަން އޭނާ ދެކޮޅުހެދިއެވެ.

"އިޓްސް އަ ގިފްޓް ފްރޮމް މީ ޓު ޔޫ އޭ. ޕްލީޒް... އަހަރެން ދެކެ ލޯބިވަންޏާ މީގަ ހިފާނެ." އަފްނާން ބުންޏެވެ.

"އެކަމަކު ވެސް... ދިސް އިޒް ޓޫ މަޗް ފޯރ މީ އޭ." މައުވާ އަފްނާންގެ އަތަށް އަނގޮޓި ލައިދިނެވެ.

"އޯލްރައިޓް. އެހެންވިއްޔާ ދެން މީގެ ބޭނުމެއް ވެސް ނެތެއްނު. ގެނޭ އެއްލާލާނަން." އެހެން ބުނެފަައި އަފްނާން ހިނގައިގަތެވެ. އެމީހުން ތިބީ އާޓިފިޝަލް ބީޗުގައި ހުރި ބެންޗުތަކުން ބެންޗެއްގައެވެ.

އަފްނާން ގޮސް ކަނޑާ ދިމާލަށް އަތް ހޫރާލަން އުޅުނު ވަގުތު، މައުވާ އޭނާގެ އަތުގައި ހިފެއްޓުމުން ލާނެތް ހިނިތުންވުމަކާއެކު، އޭނާ މައުވާއަށް ބަލައިލިއެވެ.

"އެއްލާލަންވީ؟" އަތް މައްޗަށް އުފުއްލާލައިގެން ހުރި، އަފްނާން ސުވާލުކޮށްލިއެވެ.

"ދެން. ނޫން... " މައުވާ ތުންކޮޅު އޫކޮށްލިއެވެ.

" މީ އަހަރެން އެހާ ލޯބިން މައުއަށް ގަނެދިން އެއްޗެއް. ދެން ބޭނުން ނޫނިއްޔާ ޖެހޭނީ އެއްލާލާކަށްނު." އަފްނާން އަދިވެސް މައުވާ ތަޅުވަނީއެވެ.

"އަގު ބޮޑު ވީމައޭ..." މައުވާ ބުނެލިއެވެ.

"އެއްލާލީ..." އަފްނާން އަނެއްކާވެސް އަތް ހޫރާލިއެވެ.

"ނޯ..." މައުވާއަށް ހަޅޭއްލަވަައިގަނެވުނެވެ. އެއާއެކު އެ ހިސާބުގައި ތިބި މީހުންގެ ނަޒަރުތައް އެމީހުންނަށް އަމާޒުވިއެވެ. ރޭގަނޑުގެ ވަގުތަށް ވުމާއި، ތިބި ހިސާބު އަނދިރިކަމުން އެމީހުންނަކީ ކޮން ބައެއްކަން ނޭނގޭނެކަން އެނގި ހިތްހަމަ ޖެހުން ލިބުނު ނަމަވެސް، މައުވާ ލަދުގަންނަ ގޮތްވިއެވެ.

"އޯކޭ، އައިލް އެކްސެޕްޓް އިޓް." އެންމެ ފަހުން މައުވާ ހަތިޔާރު ބެހެއްޓިއެވެ. އަފްނާން ގޮތް ދޫނުކުރާނެކަން އެނގޭތީ އާވެސް އެކުގައެވެ. ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލި އަފްނާން މައުވާގެ އަތުގައި ހިފައްޓާލާ އެ އަތުގައި އަނގޮޓި އަޅުވާލަދިނެވެ. އަތަށް ބަލާލުމާއެކު މައުވާ ޝުކުރު އަދާކުރިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިންވެސް، އަނގޮޓީގައި ޖަހާފައިވާ ޖަވާހިރުގެ ވިދުން ބަބުޅަން ފެށިއެވެ. މައުވާގެ ހުނުމުގެ އަޑުން އަފްނާންއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.

*****

ޚިޔާލީ ކަނޑުގެ ތެރެއަށް ޣަރަޤުވަމުން ދިޔަ ޖިސްމު ހޭލުމާއެކު، އަފްނާންއަށް ވަށައިގެން ބަލާލެވުނެވެ. އެއާއެކު ތުންފަތްމަތީގައި ވީހިނިތުންވުންވެސް ފަނޑުވެއްޖެއެވެ. އެއީ މާޒީކަމުގައި ވިސްނައިދީފައި މީހާ ހަމައަކަަށް އަޅުވާލަންވެސް އިރުކޮޅެއް ނެގިއެވެ. މޭމަތީގައި ބާއްވާފައި އޮތް އަތް އުފުއްލާލާފައި، އަނގޮޓިއަށް ބަލާލުމާއެކު، އަފްނާންއަށް އަނެއްކާވެސް އެގޮތުގައި އެތަކެއް އިރަކު އޮވެވުނެވެ.

*****

ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން އަޒްލަފް އެ ދުވަހު އާއިން އެގެއަށް ގެނައެވެ. ހަވީރުވުމުން އޭނާ އައިން ގޮވައިގެން ދުއްވާލަން ދިޔައީ އެ ގަޑީގައި ޑިއުޓީވެސް ނެތީމައެވެ. ދަންވަރު ޑިއުޓީކަމުން، އެ ދުވަހުގެ ހަވީރު އެއްކޮށް އަޒްލަފް ހޭދަކުރީ އާއިންއާ އެކުގައެވެ. އާއިން ގޮވައިގެން ހުޅުމާލެ ގޮސް ދުއްވާލާފައި އައި މަގުމަތީގައި ކުޅޭއެއްޗެހި ވިއްކާ ފިހާރައެއް ފެނިގެން އެތަނަށް ވަންނަން އާއިން ބޭނުންވިއެވެ. އެ ހިސާބުގައި ކާރު ޕާކުކޮށްލެވެން ނެތުމުން، އޭނާ ތަންކޮޅެއް ދުރުގައި، ކާރު ޕާކުކޮށްލާފައި އެ ފިހާރައާ ހިސާބަށް އައީ އާއިންއާއެކު ހިނގާލާފައެވެ. އެތެރެއަށް ވަނުމަށްފަހު އާއިން އޭނާ ބޭނުންވާ އެއްޗެހި އަޒްލަފްއަށް ދެއްކިއެވެ.

އާއިން ބޭނުންވީ އެ ހުރިހާ އެއްޗެއް ގަންނަން ނަމަވެސް، އަޒްލަފް އެކަމާ އެއްބަހެއް ނުވިއެވެ. އޭނާ އާއިންއަށް ގަނެދޭން އެއްބަސް ވީ އާއިންގެ އަތުގައި ނެތް އެއްޗެއްސެވެ. އެކަމާ އާއިން ބޮޑާ ހާކަން ފެށިއެވެ. އަޒްލަފް އާއިން މަސަލަސްކުރަން އުޅުނު ނަމަވެސް، ރުޅިއައިސް ހުރި އާއިން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

"މަންމިއާ އެކު އައިނަމަ ހުރިހާ އެއްޗެއް ލިބުނީސް." އާއިން ބުނެލިއެވެ. އެއާއެކު އަޒްލަފްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އާއިންއަކީ މީގެ ކުރިން އެގޮތަށް ބޮޑާ ހާކާ ކުއްޖެއް ނޫނެވެ. އަދި ބޮޑާ ހޭކި ނަމަވެސް، ވިސްނައިދޭން އުނދަގޫ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް، މިހާރު އާއިންއަށް އައިސްފައިވާ ބަދަލުތަކަކީ ޝައުފާއާއެކު ބަދަލުވިފަހުން އައި ބަދަލުތަކެކެވެ. އޭނާ އާއިންއަށް ބުނިހާ އެއްޗެއް ބުނިހާ ވަގުތަކު ހޯދައިނުދެނީ ލޯބިނުވާތީއެއް ނޫނެވެ. އެހެންނަމަވެސް، ކުޑަ އިރުއްސުރެ ފައިސާ އިޤްތިޞާދުކުރުމުގެ މުހިންމުކަން ވިސްނައިދޭން ވެގެންނެވެ. ދަރިން ދެކެ ލޯބިވުމަކީ، އަނގައިގައި ބަސް އޮއްވާ އެ އެއްޗެއް ހޯދައިދިނުމެއް ނޫނެވެ. އިސްރާފުވާވަރަށް ފައިސާ ޚަރަދުކުރުމަކީ ގޯސްކަމެއްކަން އެންމެ ކުޑަ އިރުއްސުރެ ދަރިންނަށް ދަސްކޮށްދީ ތަރުބިއްޔަތުގައި އެބައި ހިމަނަން ޖެހެއެވެ. ފައިސާއަކީ ބުރަ މަސައްކަތުން ހޯދާ އެއްޗެއްކަމާއި އޭގެ އަގު ވަޒަންކުރަން ދަރީންނަށް ދަސްކޮށްދޭން ޖެހެއެވެ. އާއިން ބޮޑާ ހާކާލާއިރަށް ބޮލަށް ފަސޭހަކޮށްލުމަށް ކޮންމެ ފަހަރަކު ޝައުފާ އެބުނާ އެއްޗެއް ގަނެދޭނަމަ އެކަމުން ނޭދެވޭ އަސަރު އާއިންއަށް ކުރާނެއެވެ. އާއިންގެ ތަރުބިއްޔަތާ ގުޅޭ އެފަދަ ވާހަކައެއް އޭނާ ދައްކާ ކޮންމެ ފަހަރަކު ޝައުފާ ދެނީ ބީރުކަންފަތެކެވެ. އެހެންނަމަވެސް، އަނެއްކާވެސް އެވާހަކަ ޝައުފާއާ އަޒްލަފް ދައްކަން ނިމްމިއެވެ. އާއިންއަކީ ރަނގަޅު އަޚްލާޤެއް ލިބިގެން ބޮޑުވާ ކުއްޖަކަށް ހަދަން އޭނާ ބޭނުންވާތީ އެވެ.

މިފަހަކަށް އައިސް އާއިން އެގޮތަށް ބޮޑާ ހާކާތީ މިއަދު އަޒްލަފް ވެސް ހުރީ އޭނާގެ ގޮތުގައެވެ. އެހެންނަމަވެސް އާއިން ރޯން ފެށުމުން އޭނާގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ހިނގައްޖެއެވެ. ބުނިއްޔާ ބުނި އެއްޗެއް ގަނެދީގެން ދާސް ހިތަށް އަރާފައިވެސް އޭނާ އެ ވިސްނުން ބަދަލުކޮށްލިއެވެ. އޭނާ ބެލީ އާއިންއަށް ވިސްނައިދެވޭތޯއެވެ. އެންމެފަހުން ބޮޑާ ހާކާފައި އެކައްޗެއް ވެސް ބޭނުން ނޫންކަމަށް އާއިން ބުންޏެވެ. އެހެންނަމަވެސް، ނުކުތުމުގެ ކުރިން އަޒްލަފް އާއިންއަށް ބައެއް އެއްޗެހި ގަނެދިނެވެ. އޭގައި ހިފަން އާއިން ދެކޮޅު ހެދިއެވެ. އާއިން ކާރަށް އަރުވާފައި ބެލްޓް އަޅުވާލަދީފައި، އޭނާ ވެސް ގޮސް ކާރުގެ ޑްރައިވަރުގެ ސީޓަށް އަރާ ދުއްވާލިއެވެ. ގެއަށް ދިޔައިރުވެސް އާއިންގެ އެ ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ.

އާއިން ރޮއިފައި ހުރިކަން އެނގުމާއެކު، ޝައުފާ ބަލައިލީ އަޒްލަފްއަށެވެ. އޭނަ ޖަވާބެއް ބޭނުންވާ ފަދައެވެ. އަޒްލަފް އޭނާގެ އަތުގައި އޮތް ކޮތަޅު ދައްކާލުމުން އާއިން އެއިން އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ ބުނެ ގޮސް ވަނީ ކޮޓަރިއަށެވެ.

"އޭނަ ބޭނުންވާ އެއްޗެއް ގަނެދިންނަމަ." ޝައުފާ ބުންޏެވެ.

"މިހާރުވެސް އެ އެއްޗެހި އެހުރީ ކޮޓަރީގައި ގިނަވެފަ. ތިހެން ޝައުފާ ހަދާތީއޭ އާއިން އެގޮތަށް ބޮޑާހާކަނީ." އަޒްލަފް ބުނެލިއެވެ.

"ލާރި ނުލިބޭނެމަ އެންމެ ރަނގަޅު ނުގަނެދީ އަންނަން." ޝައުފާ އަނެއްކާވެސް ބުނެލި އެވެ.

"ހަމަ ބުނާހާ އެއްޗެއް އެ ބުނާ ވަގުތަކު ގަނެދެންޏާ ބޮޑުވަމުންދާއިރުވެސް އުޅޭނީ ހަމަ އެހެން. ފައިސާ ކިތަންމެ ބައިވަރު ހުއްޓަސް، އޭގެ މުހިންމުކަމާ، އިސްރާފުކުރުމަކީ ގޯސްކަމެއްކަން ވިސްނައިދޭން ޖެހޭ." އަޒްލަފް ބުނެލިއެވެ. އޭނާ ޝައުފާއަށް ވިސްނައިދޭން މަސައްކަތްކުރިނަމަވެސް، ޝައުފާ އެކަން ޤަބޫލުނުކުރަނެކަން އެނގި އެންމެފަހުން އެތަނުން ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ.

ގެއަށް ގޮސް ފެންވަރާލައިގެން އަރާމުކޮށްލާފައި، ދަންވަރު ޑިއުޓީއަށް ދާން އަޒްލަފް ތައްޔާރުވެގެން ފޭބިއިރު އަފްނާން އައިސް ގެއަށް ވަންނަނީއެވެ.

އަޒްލަފްއަށް ޑިއުޓީއަށް ދެވުނީ ފޯނު ޗާޖަރު ނުލާކަން ހަނދާންވީ ކެބިންއަށް ވަތް ފަހުންނެވެ. އޭރު ފޯނުގައިވެސް ޗާޖެއް ނެތެވެ. އާއްމުކޮށް އޭނާ ހޮސްޕިޓަލުގައި އިތުރު ޗާރޖަރެއް ބޭއްވިނަމަވެސް، ކުރިން ދުވަހަކު އެ ހަލާކުވީއެވެ. ޗާރޖަރެއް ގަންނަން ނުދެވޭތީ މި ހަފްތާގައި އޭނާ އަންނަނީ ގޭގައި ބޭނުންކުރާ ޗާރޖަރު ހިފައިގެންނެވެ.

ޑިއުޓީ ފެށޭ ގަޑީގައި ދިޔުމަކީ ފަސޭހަކަމަކަށް ނުވާތީ އޭނާ އަފްނާންއަށް ގުޅާލުމަށްފަހު، ޗާޖަރު ގެނެސްދިނުމަށް އެދުނީ އަފްނާން އަދި ނުނިދާނެކަން ޔަޤީންވާތީއެވެ.

*****

ޓެރެސްގައި ހުރި އަފްނާންއަށް އަޒްލަފްގެ ފޯނު ކޯލު ލިބުމާއެކު، އޭނާ އަވަސްވެގަތީ ދޮންބެއަށް ޗާޖަރު ގެންގޮސްދިނުމަށެވެ. ސައިޑް ކަބަޑު ވަތްގަނޑުގައި އޮތް ޗާޖަރު ހިފައިގެން އޭނާ ހޮސްޕިޓަލަށް ދާން ނުކުތްއިރު، ބާރަޖަހަނީއެވެ. މަގުމަތީގައި ދުއްވާ އެއްޗެހި ގިނަ ނޫންކަމުން، އޭނާ ސައިކަލު ދުއްވީވެސް ތަންކޮޅެއް ބާރަށެވެ. ހޮސްޕިޓަލު ކައިރީގައި ސައިކަލު ޕާކުކޮށްލާފައި ގޮސް ހޮސްޕިޓަލަށް ވަތް އަފްނާން، އަޒްލަފްއަށް ގުޅާލިއެވެ.

"ހެލޯ ދޮންބޭ. ކޮންތާކަށް ދާންވީ؟ ނިއުރޯ ޑިޕާރޓްމެންޓަށް؟" އަފްނާން ސުވާލުކޮށްލިއެވެ.

"ނޫނޭ. އަލަށް ހެދި އިމާރާތާ ދިމާލަށް އާދެބަލަ. އެ ދިމާގަ މިހުރީ. " އަޒްލަފް ބުނެލިއެވެ.

އޯކޭ." އެހެން ބުނެލާފައި އަފްނާން ފޯނު ކަނޑާލިއެވެ. އޭނާ އެ އިމާރާތުގެ ލިފްޓާ ދިމާލަށް ހިނގައިގަތެެވެ. އެވަގުތު އިއްތިފާޤަކުންވީ ލިފްޓުވެސް ތިރިއަށް އައި ވަގުތަކަށެވެ. އެއްފަރާތުގައި މަޑުކޮށްލަމުން އޭނާ އަޒްލަފްއަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިނަމަވެސް، ދެވަނަ ސކުންތުގައި އަތް ތިރިކޮށްލެވުނީ ލިފްޓުން ދެންމެ ނުކުތް އަންހެން މީހާ ފެނުމާއެކުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު