އަނިޔާގެ ސަބަބުން އޭޓީޕީ ފައިނަލްސްގައި ނުކުޅެން ޖޯކޮވިޗް ނިންމައިފި

އިޓަލީވިލާތުގެ ޓިއުރިންގައި މިއަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިންގެ ސީޒަން ނިންމާ މުބާރާތް ކަމަށްވާ އޭޓީޕީ ފައިނަލްސްގައި އަނިޔާގެ ސަބަބުން ބައިވެރިނުވާން އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޯކޮވިޗް ނިންމައިފިއެވެ.

އުމުރުން 37 އަހަރުގެ ޖޯކޮވިޗް ވަނީ މިފަހަރުގެ މުބާރާތަށް އެންމެ މޮޅު ހަވަނަ ކުޅުންތެރިޔާގެ ގޮތުގައި ކޮލިފައިވެފައެވެ. ނަމަވެސް އޭނާއަށް ލިބިފައިވި އަނިޔާއެއް އެއްކޮށް ރަނގަޅުނުވާތީ މިއަންނަ ހަފުތާގައި ނުކުޅެން ނިންމިކަން އޭނާ ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައެވެ.

ޖޯކޮވިޗް އާންމުކުރި މެސެޖުގައި ވަނީ، އޭނާގެ ކުޅުން ދެކިލުމަށް ބޭނުންވެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށާއި އަދި އެހެން ހުރިހާ ކުޅުންތެރިންނަށް ކާމިޔާބު މުބާރާތަކަށް އެދޭ ކަމަށެވެ.

މިމުބާރާތުގައި ބައިވެރި ނުވާކަން ހާމަކުރުމާއެކު މިހާތަނަށް ގްރޭން ސްލޭމް 24 މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޯކޮވިޗް މިސީޒަންގައި އިތުރު މުބާރާތެއްގައި ވާދައެއް ނުކުރާނެއެވެ. އޭޓީޕީ ފައިނަލްސްގައި ނުކުޅޭކަން ހާމަކޮށްފައިވީ ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގައި މިވަގުތު ޓެނިސް ކުޅެމުންދާ ކުޅުންތެރިންގެ ތެރޭގައި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ ޖޯކޮވިޗް މިސީޒަންގައި ކުޅުނު 46 މެޗުގެ ތެރެއިން 37 މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިސީޒަންގައި އޭނާއަށް ކާމިޔާބު ކުރެވިފައިވާ ހަމައެކަނި މުބާރާތަކީ ޕެރިހުގައި ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފިރިހެން ސިންގަލްސް މުބާރާތެވެ.

އެމުބާރާތް ވެފައިވީ މިހާތަނަށް އޭނާއަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތަށެވެ. މިއީ 2005ވަނަ އަހަރަށް ފަހު އޭޓީޕީ މުބާރާތެއް ޖޯކޮވިޗްއަށް ކާމިޔާބު ނުކުރެވޭ ފުރަތަމަ އަހަރެވެ. އަދި 2008ވަނަ އަހަރަށްފަހު ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ނުކުރެވި ނިންމާލާ ފުރަތަމަ ސީޒަން ވެސް މެއެވެ.

ޖޯކޮވިޗް މިދިޔަ މަހު ހާމަކުރިގޮތުގައި އަހަރު ނިންމުމުގެ ގޮތުން ކުޅޭ އޭޓީޕީ ފައިނަލްސްއަކީ މިވަގުތު އޭނާ އިސްކަން ދޭ މުބާރާތެއް ނޫނެވެ. އޭނާއަށް އޭޓީޕީ ފައިނަލްސް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި މިވަގުތު ރޭންކިން އަކީ އޭނާ މާބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫންކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މިހާރު އިސްކަން ދޭން ބޭނުންވަނީ ހަމައެކަނި ގްރޭން ސްލޭމް މުބާރާތްތަކަށް ކަމަށް ވެސް ޖޯކޮވިޗް ހާމަކުރިއެވެ.

އެހެން ކަމުން ޖޯކޮވިޗް ދެން އެންމެ އަވަހަށް ފެނުން ގާތީ މިއަންނަ ސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އިންނެވެ.

ޖޯކޮވިޗް އޭޓީޕީ ފައިނަލްސް އިން ވަކިވުމާއެކު މިމުބާރާތުގައި ވާދަކުރާ އަށް ކުޅުންތެރިން މިހާރުވަނީ ކަށަވަރު ވެފައެވެ. ޖޯކޮވިޗް މިކަން ހާމަކުރުމުގެ ކުރިން ފަހު ދެ ޖާގައަށް ދިޔައީ ނޯވޭގެ ކެސްޕާ ރޫޑް އާއި އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އަދި ރަޝިއާގެ އަންޑްރޭ ރުބްލޭވް ވާދަކުރަމުންނެވެ.

ނަމަވެސް މިނިންމުމާއެކު މިތިން ކުޅުންތެރިންނަށް ވެސް މިއަންނަ ހަފުތާގެ މުބާރާތުގެ ޖާގަ މިހާރު ވަނީ ކަށަވަރު ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު