"ޑޮކްޓަރ! ކިހިނެއްތޯވީ؟" ލިމްޔާ ހަލުވި ފިޔަވަޅުތަކެއްގައި ޑޮކްޓަރުގެ ކައިރިއަށް ދިޔައެވެ.

********

"ގުޑް ނިއުސް" ޑޮކްޓަރު ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. "ދޭން އޮތީ އުފާވެރި ހަބަރެއް. ފަޔަށް އިތުރު ގެއްލުމެއް ވީކީ ނޫން. ހިނގޭނެކަމުގެ އުއްމީދު އާވެއްޖެ! އެއްޗެހީގަ ހިފަހައްޓައިގެން ކުޑަކޮށް ހިނގާލެވޭ މިހާރު. އެކަމަކު އަދިވެސް އުޅެންޖެހޭނީ ވަރަށް ބަލައިގެން. މާ ބޮޑަށް ފަޔަށް ބާރުލީމަ އަދިވެސް ތަދު އެބަހުރި. އެހެންވީމަ، ގޭގަވެސް އިތުރަށް މަސައްކަތްކޮށްލާ! މޫދަށް ގެންގޮސް ވެލިމޮޑެލާ، ތެލުން މަސާޖުކޮށްލަދީ ހަދާލާ! އޭރުން ފައިގަ ވަރު ޖެހިލާނީ....."

"ކިހިނެއްތޯ އަސްލު އެވީ؟" ނިމާލު ހުރީ އިތުރަށް ކަންކަން އެނގެން ބޭނުންވެފައެވެ.

"އަޅުގަނޑު ބުނާނީ މިރެކަލްއެކޭ" ޑޮކްޓަރ ހިނިތުންވެލިއެވެ. "ޑޮކްޓަރީ ފަރުވާއަކަށްވުރެ ބޮޑަށް ރަޔާންއަށް މިވަގުތު ބޭނުންވަނީ އާއިލީ ފަރުވާއެއް. އަޅުގަނޑު ދެންމެ މިދެންނެވި ކަންކަން ވަރަށް މުހިއްމު"

ރަޔާން ވޯޑަށް ބަދަލުކުރެވުނެވެ. އެންމެން ރަޔާންގެ ކައިރިއަށް ދިޔައިރުވެސް ޔަލްވީ ނުދެއެވެ. ޔަލްވީ ހުރީ ބޭރުގައެވެ. ރޭގައި ކަންތައް ހިނގިގޮތުން ރަޔާންގެ ކުރިމައްޗަށް ދާން ޔަލްވީއަށް ފަސޭހަ ނުވީއެވެ. އެންމެން ގެއަށް ދިޔުމުން، ރަޔާންގެ ކައިރީގައި މަޑުކުރީ ލިމްޔާއެވެ. އަމީރާ ދިޔައީ ރަޔާންއަށް ސައިދޭން އެއްޗެއް ބަލައެވެ. އެއްޗެހި ހިފައިގެން އޭނާއަށް ނުކުމެވުނީ ސާމިޔާގެ ކުރިމައްޗަށެވެ.

"އަހަނ ސާމިޔާ! ހާދަ ހެނދުނާ؟ ކޮންކަމަކު ތިއައީ؟" ސާމިޔާ ފެނުމުން އަމީރާގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

ސާމިޔާގެ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހަކީ އަމީރާއެވެ. ކަންތައް ބޮޑުކޮށްލައިގެން ރަށުތެރޭގައި ވާހަކަ ފެތުރުމަކީ ސާމިޔާގެ އާދައެކެވެ.

"ނެތްތަ ރިހާކުރުކޮޅެއް؟ މަގޭ ނަވީން މަހަށް ފުރަން އުޅޭތީ ރިހާކުރު ބޯކިބަލެއް އަޅާލަންކަމަށް މިއުޅެނީ" ސާމިޔާގެ އަތުގައި އޮތް ތަށި އަމީރާއަށް ދިއްކޮށްލިއެވެ. "އެނގޭ މިގޭގަ ހުންނާނެކަން"

"ރިހާކުރު ލިބުން ހާދަ ދަތިވެއްޖެއޭ ދޯ މިހާރު. ބޯކިބަލެއް އަޅާލާނެހާ ރިހާކުރުކޮޅެއް ދީފާނަން. މަޑުކޮށްލާ މިއަންނަނީ...." އަމީރާ އަވަސްވެގަތީ ރިހާކުރު ފުޅި ނެގުމަށެވެ.

އަމީރާ ރިހާކުރު ތަށި ހިފައިގެން އައުމުން، ހިފައިގެން ދާން އުޅެފައިވެސް ސާމިޔާ ހުއްޓުނެވެ.

މާ އަވަސް އަރުވާލާފަ ކާކަށް ސައި ހިފައިގެން ދާ ދުވަހެއް؟" އަމީރާ ހިފައިގެން ހުރި ތަށިތަކަށް އިޝާރާތްކުރަމުން ސާމިޔާ އަހައިލިއެވެ.

"މީ ރަޔާން..." އަމީރާއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

"ރަޔާނުއަށް ގެންދާ އެއްޗެހި ދޯ.... އޭނަގެ އަންހެނުންނެއް ނޫންތަ އެ އުޅެނީ؟ އަހަރެން އަޑުއެހިން އެމަންޖެއަށް ކައްކަން ނޭނގޭ ވާހަކަ؟ އެއީ ތެދެއްދޯ އެހެންވީމަ؟ އާނ އެހެންޏަ، މުއްސަނދިންގެ ދަރިންނަށް ކައްކަން އެނގޭނެތަ؟" ސާމިޔާ ޖަހައިލީ ސަކަ ހިނިގަނޑެކެވެ. ރަށުތެރޭގައި ފަތުރައިލަން މޮޅު ވާހަކައެއް ލިބުމުން އޭނާ ހުރީ އުފަލުންނެވެ.

ސާމިޔާގެ ވާހަކައިގެ މިސްރާބު ހުރިގޮތް އަމިރާއަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނަ ބޭނުންވީ ސާމިޔާ ވީހާވެސް އަވަހަކަށް ފޮނުވާލާށެވެ. ސާމިޔާއަށްވުރެ ކުރިން އަމީރާ ގޮސް ގެއިން ނުކުތެވެ.

********

އެތައް އިރަކު ބޭރުގައި ހުރުމަށްފަހު ޔަލްވީ ގޮސް ރަޔާން އޮތް ވޯޑުގެ ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ރަޔާން ލޯ މަރާލައިގެން އޮތްއިރު، ލިމްޔާ އިނީ ރަޔާންގެ އަތުގައި ހިފާލައިގެންނެވެ. ރަޔާންގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަދެއެވެ. އަދި ރަޔާންގެ ބޮލުގައި ފިރުމާލައެވެ. ދޭތެރެއަކުން ލިމްޔާވެސް ކަރުނަ ފޮހެލައެވެ. ރަޔާންގެ ގައިގައި އަޅަމުންދާ ވޭން ލިމްޔާގެ ގައިގައި ވެސް އަޅަމުން ދާކަހަލައެވެ. ލިމްޔާ އާއި ރަޔާންގެ އެގާތްކަމުގެ ސަބަބުން ޔަލްވީއަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އޭނަގެ ހިތަށް ތަދުވިއެވެ. އެގާތްކަމަށް ނުރުހެވުނެވެ. ލިމްޔާދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އެދެމީހުން ދުރުކުރަން ބޭނުންވިއެވެ. ނަމަވެސް އެގާތްކަމުގެ ސަބަބުން ޔަލްވީ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ؟ ރަޔާން ކޮންމެ މީހަކާއި އެކީ އުޅުނަސް އޭނަގެ ހިތަށް ތަދުވާންޖެހޭ އެއްވެސް ސަބަބެއް ޔަލްވީއަކަށް ނުވިސްނުނެވެ.

ރަޔާންއަށް ހޭލެވުނީ އޭނާގެ އަތްތިލައިން ހޫނުކަމެއް އިހުސާސްވުމުންނެވެ. ފުރަތަމަވެސް އެ ނަޒަރު ހުއްޓުނީ އޭނާގެ އަތުގައި ހިފާލައިގެން އިން އަތަށެވެ. ހިތުގައި އުފެދުނު ޝައުގުވެރިކަމާއިއެކު، ރަޔާނަށް އެމީހެއްގެ މޫނަށް ބަލައިލެވުނެވެ. ފެނުނީ ރަޔާން އުއްމީދުކުރި ސޫރަ ނޫންކަން އެނގުނީ އެމޫނު މިލައިގެންދިޔަ ގޮތުންނެވެ. ރަޔާން އަވަސް އަވަހަށް އަތް ދަމައިގަތެވެ.

"ލިމްޔާ؟" ރަޔާނަށް ބުނެވުނެވެ. އޭނާއަށް ވަށައިގެން ހޯދައިލެވުނީ ޔަލްވީ ފެންނަން ނެތުމުންނެވެ.

ރަޔާން އަތް ދަމައިގަތުމުން، ލިމްޔާގެ ހިތަށް ތަދުވިއެވެ. ރަޔާން އޭނާގެ މޫނަށް ބަލައިލީ ޔަލްވީ ކަމަށް ހީކޮށްގެން ކަން އެނގުމުން، އެހިތް ވަކީން ބޮޑަށް ޒަހަމުވިއެވެ.

"ރެން ކިހިނެއް މިހާރު؟" ދެރަވި ނަމަވެސް އެކަން ނުދައްކަން މަސައްކަތް ކުރަމުން ލިމްޔާ ސުވާލުކުރިއެވެ.

"މިހާރު އޯކޭ. ކޮންއިރަކުން ގެއަށް ފޮނުވާލާ ވާހަކަ ބުނީ؟" ރަޔާން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

"އައިވީ ފުޅި ހުސްވީމަ ދޫކޮށްލާ ވާހަކަ ބުނީ" ލިމްޔާ ޖަވާބުދިނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކޮފީތައްޓެއް ހިފައިގެން ޔަލްވީ އިނީ ސިޓިންގްރޫމުގައެވެ. ސީލިންގް އާއި ދިމާއަށް ބަލަހައްޓައިގެން އޭނާ އިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރޭއްސުރެ ޔަލްވީ އިންނަނީ ނުނިދައެވެ. އެހެން އިނދެ ބޮވުނީ ކިތަށް ތަށި ކޮފީ ކަމެއް ވެސް އޭނާއަށް ނޭނގެއެވެ. ރަޔާން ކޮޓަރީގައި އޮތުމުން ކޮޓަރިއަށް ވަންނަން ޔަލްވީ ޖެހިލުންވީއެވެ. ހަގީގަތުގައި ރަޔާން އާއި އެއްގެއެއްގެ ތެރޭގައި އުޅެންވެސް ޔަލްވީ ޖެހިލުންވެއެވެ. ލިމްޔާ ސައި ހަދައިގެން އެގެއަށް ދިޔައިރުވެސް ޔަލްވީ އިނީ ސިޓިންގްރޫމުގައެވެ.

"ހާދަ އަވަހަކަށް ހޭލައިގެން؟" ލިމްޔާގެ އަޑަށް ޔަލްވީ ދިޔައީ ސިއްސައިގެންނެވެ.

ލިމްޔާ ފެނުމުން ޔަލްވީގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. ލިމްޔާ ގޮސް ތަށިތައް މޭޒުމަތީގައި އެތުރިއެވެ. ސައި ތައްޔާރުކުރިއެވެ. އެތަން ފެނި ޔަލްވީ ތުން އަނބުރާލިއެވެ. ލިމްޔާ ހުރުމުން އެތަނުން ދާން ބޭނުންވި ނަމަވެސް ގޮސް ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ.

"އަހަންނަށް މިއަދު މާގިނައިރު ހުރެވޭކަށް ނެތް.... އޮފީހަށް ނުކުންނަށް ޖެހޭތީ މިދަނީ.... ރަޔާން ހޭލީމަ ސައިތައްޓެއް އަޅައިދެއްޗޭ...." ލިމްޔާ ވާހަކަދެއްކީ އެކުވެރި ރާގަކަށެވެ.

ޔަލްވީ ބަލަހައްޓައިގެން ހުރިގޮތުން ޖެހިލުންވެގެން އެގެއިން ނުކުތުމަށް ލިމްޔާ ހިނގައިގަތެވެ. ޔަލްވީ އާއި ކިތަންމެ ރީތިކޮށް ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ޔަލްވީ އެފުރުސަތު ނުދޭތީ ލިމްޔާ ހުރީ ފޫހިވެފައެވެ.

"އަހަންނަށް ގޮތް ކިޔައިދޭން ތީ ކާކު؟ އަހަންނަށް އެނގޭ ކީއްވެކަން ރަޔާންއަށް މާ ހެޔޮއެދިގެން ތިއުޅެނީ.. ތިއުޅެނީ ރަޔާން ދެކެ ލޯބިވެވިގެން ދޯ؟ އެހެންނޫނީ ތިވައްތަރަކަށް ނޫޅޭނެ. އަހަރެން ދެކުނީމޭ ކުރީދުވަހުގެ މަންޒަރު. ކިތަންމެ ވަރުން އުޅުނަސް ރަޔާންއެއް ނުލިބޭނެ. އެއީ މިހާރު އަހަރެންގެ ހަޒްބަންޑް" ޔަލްވީއަށް ބުނެވުނު އެއްޗަކާއި ދޭތެރޭ ވިސްނާލެވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ.

ދެއްކުނު ވާހަކަތަކާއި ދޭތެރޭ ވިސްނުނު ވަރަކަށް ޔަލްވީގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ. ލިމްޔާގެ ހިތުގައި ރަޔާންއާއިމެދު ކޮންމެ އެއްޗެއް އޮތަސް، ކޮންމެ ކަމެއް ކޮށްދިނަސް، ޔަލްވީގެ ހިތަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ؟ ރަޔާން ނުލިބޭނެއޭ ބުނެވުނީ ކީއްވެ ހެއްޔެވެ؟ ޔަލްވީ ރަޔާންދެކެ ލޯބިނުވާއިރު، އަދި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ނެތްއިރު، ރަޔާން އަމިއްލަކުރާގޮތަށް ވާހަކަ ދެއްކުނީ ކީއްވެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ލިމްޔާދެކެ ރުޅިއައިސްގެން ޔަލްވީ ދެއްކި ވާހަކަތަކެކެވެ. ޔަލްވީ ވިސްނީ އެގޮތަށެވެ.

"ޔަލްވީ ގޯސްކޮށް ވިސްނީމަ ވަރަށް ދެރަވެއްޖެ" ލިމްޔާ ހުރީ ދެރަވެފައެވެ. "ސޮރީ"

"އަހަންނަކީ މިގެއަށް މަސައްކަތް ކުރަން ގެނެއްސަ ހުރި މީހެއް ނޫން. މިގޭ ނޯކަރެއް ނޫން މީ. އަހަރެން ކުރަންވީ ކަންކަމާ ނުކުރަންވީ ކަންކަން އެނގޭނީ އަހަންނަށް. ލިމްޔާ އަކަށް ނޫން. ސޯ ގެޓް ލޮސްޓް...." ޔަލްވީގެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

ލިމްޔާ ފެނުނަސް ޔަލްވީގެ ރުޅިގަދަވަނީއެވެ. ރަޔާންއާއި ދެމީހުންގެ ގާތްކަން ސިފަވެ، ހިތަށް އުނދަގޫވަނީއެވެ. އެއީ ކީއްވެ ވާގޮތެއް ކަމެއް ހުދު ޔަލްވީއަށްވެސް ނޭނގުނެވެ.

"އަހަރެން ރެންއަށް މިކަންކަން މިކޮށްދެނީ ރެންގެ ފަރާތުން ބަދަލުގަ ކަމެއް ބޭނުންވެގެނެއް ނޫން. ހަމަ ތެދަށް މިބުނީ" ލިމްޔާގެ ދެލޯ ފެންކަޅިވިއެވެ.

ހިތުގައި ޖެހުނު ވަރުން ލިމްޔާއަށް ހުރެވުނީ މޭގައި އަތްއަޅާލައިގެންނެވެ. ލިމްޔާ ރަޔާނަށް ކަންކަން ކޮށްދެނީ އަމިއްލަ ހިތަށް އުފާ ލިބޭތީއެވެ. ރަޔާން ދެކެ ވެވޭ ލޯތްބެއްގެ މަތިވެރި ކަމުންނެވެ. ލިމްޔާ ރަޔާން ބޭނުންވެއެވެ. މުޅި އުމުރު އެކީ ހޭދަކޮށްލަން ބޭނުންވާ ހަމައެކަނި އިންސާނަކީ ވެސް ރަޔާންއެވެ. ނަމަވެސް ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކޮށްލައިގެން އަމިއްލަ ދިރިއުޅުން އާބާދުކުރާކަށް ލިމްޔާ ފަހަރެއްގައިވެސް ވިސްނާފައެއް ނެތެވެ. ލިމްޔާ ރަޔާނަށް އެހީވަނީ ޔަލްވީ އާއި ރަޔާންގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް ނޫނެވެ. އަދި ބަދަލުގައި ރަޔާންގެ ފަރާތުން އެއްޗެއް ލިބޭނެ ކަމަކަށްވެސް ނޫނެވެ. ޔަލްވީއާއި ރަޔާންގެ ގުޅުން ރަނގަޅު ނޫންކަމާއި، އެ ގުޅުން އޮތީ ކިހާ ހިސާބެއްގައި ކަން ލިމްޔާއަށް ނޭނގެނީކީ ނޫނެވެ. ލިމްޔާ ބޭނުންނަމަ، އެ ހުރިހާ ވާހަކައެއް ޔަލްވީއާއި ދިމާއަށް ގޮވާލެވޭނެއެވެ. އެކަމަކު، ލިމްޔާއަކީ ޔަލްވީ ވެއްޓޭހާ ދަށު ފެންވަރަކަށް ވެއްޓޭނެ މީހެއް ނޫނެވެ. އޭނައަށް ލިބިފައިވަނީ އެއަށްވުރެ މަތިވެރި ތަރުބިއްޔަތެކެވެ. ޔަލްވީގެ ބަސްތައް ރުވާފައި ދޫކޮށްލި ތީރުތަކެއްހެން ގޮސް ލިމްޔާގެ ހިތް ޒަހަމު ކުރުމުންވެސް ލިމްޔާ ކެތްކުރިއެވެ.

"ޔަލްވީ ރުޅިއަންނަ ގޮތަކަށް އަހަންނަށް އުޅެވިފަ ހުރިއްޔާ މާފު ކުރޭ!" ލިމްޔާ އެދުނެވެ.

ޔަލްވީގެ މަގްސަދާއި މެދު ލިމްޔާގެ ހިތުގައި ސުވާލު އުފެދުނެވެ. ރަޔާންގެ ކައިރިން ސަލާމަތް ނުވެގެން ވެސް އުޅުނީ ހަމަ ޔަލްވީ އެއް ނޫންހެއްޔެވެ؟ ވީއިރު އޭނަ އާއި ރަޔާން އެކީގައި ފެނުމުން ޔަލްވީގެ ހިތަށް އަސަރު ކުރަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ރަޔާންދެކެ ޔަލްވީއަށް ލޯބި ވެވުނީ ހެއްޔެވެ؟ އެކަމަކު ލޯތްބަކީ އެހާ ފަސޭހައިން ވެވޭ އެއްޗެއް ހެއްޔެވެ؟ ޔަލްވީފަދަ އަންހެންކުއްޖަކަށް ރަޔާން ކަހަލަ ނިކަމެއްޗަކުދެނެ ލޯބިވެވިދާނެ ހެއްޔެވެ؟

"ނޫޅެން މާފުކުރާކަށް" ޔަލްވީ ތުންދަމައިލިއެވެ.

ލިމްޔާ އިތުރު އެއްޗެއް ނުބުނަނީސް، ޔަލްވީ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ބާރު ހިނގުމުގައި ކޮޓަރިއަށް ވަތް ޔަލްވީ މަޑުކޮށްލުމެއްވެސް ނެތި ގޮސް ވަނީ ފާހާނާއަށެވެ. އޭނާގެ ވިސްނުމާއި ފިކުރު އޭރުވެސް ގުޅިފައިވަނީ ދެންމެ ލިމްޔާ އާއި ދެއްކުނު ވާހަކަ އަށެވެ. ފާހާނާއަށް ވަދެ ދޮރުލައްޕާލުމާއިއެކު، އިވިގެންދިޔައީ ޔަލްވީގެ ބާރު ހަޅޭކުގެ އަޑެވެ.

ޔަލްވީގެ ހަޅޭކުގެ އަޑަށް ފެންވަރަން ހުރި ރަޔާން ދިޔައީ ސިއްސައިގެންނެވެ. ފަސް އެނބުރި ބަލާލުމާއިއެކު، ރަޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަޔާން ފެންވަރަން ހުރީ ތަޅު ނުލައި ހެއްޔެވެ؟ ޔަލްވީ ހުރީ ދެލޯ ބޮޑުކޮށްގެން ރަޔާނަށް ބަލާށެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ހުއްޓުން އަރާފައި ރަޔާނަށް ހުރެވުނެވެ. ހަމަހޭވެރިކަންވުމާއިއެކު، ރަޔާން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ތުވާލި ނަގައި، ހަށިގަނޑު ނިވާކުރިއެވެ. ޔަލްވީ ދެލޯ މަރާ ބާރުކޮށްލީ ހުރިހާ ކަމެއް ވެނިމުނު ފަހުންނެވެ. އޭރު ލަދުން ގޮސް، ޔަލްވީގެ ދެކޯތާފަތް ވަނީ ރަތްވެފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު