ރަޔާންގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ޔަލްވީގެ ނިޔަފަތިތައް ތޫނެވެ. ރަޔާންގެ މޭމަތީގައި އެޅުނު ޒަހަމުން ލޭހިލުނެވެ. ނަގައިގަތް ދިލައިން ރަޔާންގެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ. ޔަލްވީގެ ދެލޮލަށް ބަލައިލީ ނުރައްކާތެރި ނަޒަރަކުންނެވެ. ދެން ކަންތައް ހިނގާނީ ރަޔާން ބޭނުންވާ ގޮތަށޭ ބުނާކަހަލައެވެ. ޔަލްވީ ޖެހިލުންވެގެން ހިމޭންވި ވަގުތު، ރަޔާން އޭނާގެ ބާރުގަދަ ދެއަތުން ޔަލްވީގެ ދެއަތް ހައްޔަރުކޮށްލީ ނުހަނު ފަސޭހައިންނެވެ.
********
"ޕޮލިހަށް ގުޅާނަން" ޔަލްވީގެ އަޑު ތުރުތުރުއަޅައެވެ.
"އަހަރެން ކުރަން މިއުޅެނީ ގޯސްކަމެއްތަ؟" ރަޔާން އަހައިލީ ހަރުކަށި ރާގަކަށެވެ.
ރަޔާންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެއަޑުގައިވި ނުރުހުން ޔަލްވީއަށް އިހުސާސް ކުރެވުނެވެ. ޔަލްވީގެ ހިތަށް ވަނީ ބިރުވެރިކަމެވެ. ރަޔާންގެ އެފަދަ ހަރުކަށިކަމެއް އޭނާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ކޮންމެފަދަ ކަމެއް ކުރެވޭހާ ރަޔާން ބާރުގަދައެވެ.
"ޕްލީޒް" ޔަލްވީގެ ދެލޮލަށް ޖަމާވި ކަރުނަތަކުން މަންޒަރު ފުސްވިއެވެ.
"ޔަލްވީއެއްނު ބުނީ ކުރިންވެސް އަހަރެން..." ރަޔާން އެއްޗެއް ބުނަން އުޅެފައި ހުއްޓާލީ ޔަލްވީގެ ދެލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނަތައް ފެނުމުންނެވެ.
ރަޔާންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. އޭނާ އެކަން ކުރީ ފަހަރެއްގައިވެސް ޔަލްވީއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައެއް ނޫނެވެ. ޔަލްވީއަށް އެއްޗެއް ވިސްނައި ދިނުމުގެ މަގުސަދުގައެވެ. އެކަމަކު، ޔަލްވީ ދެރަވުމުން، ރަޔާންވެސް ދެރަވިއެވެ. ކިތަންމެ ހަރުކަށި ވާން މަސައްކަތް ކުރި ނަމަވެސް ހަގީގަތަކީ ރަޔާންގެ ހިތަކީ މަޑު ކަފަކޮޅެއް ފަދަ އެއްޗެއް ކަމެވެ. އަމިއްލަ އިހުސާސްތަކަށް ވުރެ ބޮޑަށް އެހެން މީހުންގެ އިހުސާސްތަކަށް ރަޔާން އަބަދުވެސް އިސްކަންދެއެވެ.
ރަޔާން ޔަލްވީގެ އަތުން ދޫކޮށްލިއެވެ. އަދި މަޑުމަޑުން ޔަލްވީ އާއި ދުރަށް ޖެހުނެވެ. ޔަލްވީ އޮތީ ގަބޫލުކުރަން ދަތިވެފައެވެ. ރަޔާން އެހާ ފަސޭހައިން ޔަލްވީ ދޫކޮށްލީ ކީއްވެބާއޭ ޔަލްވީގެ ހިތަށް އެރިއެވެ. ޔަލްވީ ފުރުސަތުގެ ބޭނުންހިފައި ރަޔާން ކޮއްޕާލިއެވެ. އަވަސް އަވަހަށް އެނދުން ތެދުވިއެވެ. ރަޔާންގެ ކުރިމަތީގައި އެންމެ މިނެޓެއްވެސް މަޑުކުރާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.
ޔަލްވީ ދިޔަ ދިމާއަށް ބަލަން އޮތް ރަޔާން ދެލޯ މަރައިލިއެވެ. ކުރެވުނު ކަންތަކާއި އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލު، ރަޔާނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޔަލްވީ އަކީ ރަޔާންގެ އަނބިމީހާ ނަމަވެސް ޔަލްވީގެ ނުރުހުމުގައި އެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލާކަށް ވެސް ރަޔާން ބޭނުމެއް ނުވެއެވެ. ރަޔާން ބޭނުންވީ ޔަލްވީގެ މިޒާޖު ބަދަލުކުރާށެވެ. ކުޑަކޮށް ހަރުކަށިގޮތް ދައްކާލާށެވެ. އެކަމަކު ކަންތައް ވީ ގޮތުން ރަޔާން ޖެހިލުންވާން ފެށިއެވެ. ރުޅި އައިސްފިނަމަ، ޔަލްވީއަކީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ. ރަޔާން ޖެހިލުންވީ، ޔަލްވީ ގެއިން ނުކުމެގެން ހިނގައިދާނެތީއެވެ.
އެތައް އިރެއް ކޮށްފައި ޔަލްވީ ކޮޓަރީގެ ދޮރު ހުޅުވީ ރަޔާން ނިދާހާއިރު ކޮށްފައެވެ. ރަޔާން އޮތީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. ޔަލްވީ ފެނުމުން، ފޯނު ކުރުކޮށްލިއެވެ.
"ސޮރީ" ރަޔާން މާފަށް އެދުނެވެ.
ރަޔާން ދެއްކި ވާހަކަ އަޑު އިވުނުކަމަށް ނުހަދާ ޔަލްވީ ބާރު ހިނގުމުގައި ގޮސް ބާލީހަކާއި ރަޖާގަނޑެއް ނެގިއެވެ. އެ އެއްޗެހި މުށިތަކުގެ މަތީގައި ފަތުރާލުމަށްފަހު އޮށޯތެވެ. ރަޔާނާއި ފުރަގަސްދިނެވެ. ކިތަންމެ ނިކަމެތި ހާލެއްގައިވެސް މުށިތަކުގެ މަތީގައި ނިދަން ޖެހިދާނެ ކަމަކަށް ޔަލްވީ ހިއެއް ނުކުރެއެވެ. އަމިއްލަ ނިކަމެތިކަން އިހުސާސްވެ، ޔަލްވީގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ޔަލްވީ ހީކުރީ ތަޅުން މަތީގައި ނުނިދުމަށް އެދި ރަޔާން އާދޭސްކުރާނެ ކަމަށެވެ. ރަޔާން ކޮޓަރިން ދާނެ ކަމަށެވެ. އެކަމަކު، ރަޔާން އިތުރު އެއްޗެއް ނުބުނެއެވެ.
ފުރޮޅިފުރޮޅި އޮތް ޔަލްވީގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރަޔާންއާއި އެއް ކޮޓަރިއެއްގައި އޮންނަންވެސް ޔަލްވީ ޖެހިލުންވަނީއެވެ. ޔަލްވީ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ނުކުތެވެ. ރަޔާން އޮތީ ނިދާފައެވެ. ރަޔާން އާއި ދިމާއަށް ބަލަހައްޓައިގެން ޔަލްވީ އިރުކޮޅަކު ހުއްޓެވެ. ރަޔާން އޮތީ ނިދާފައި ހެއްޔެވެ؟ ރަޔާން ނިދާފައި އޮތްކަން ޔަގީން ކުރަން ޔަލްވީ ބޭނުންވިއެވެ. ރަޔާންގެ ކައިރިއަށް ހުއްޓިފައި، މަޑުމަޑުން ރަޔާން އާއި ދިމާއަށް ގުދުވިއެވެ. އަދި އިނގިލީގެ ކުރިން ރަޔާންގެ ކޮނޑުގައި ޖައްސާލިއެވެ. ރަޔާން އެއްވެސް ހަރަކާތެއް ނުކުރިއެވެ. ޔަލްވީއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާވެސް ރަޔާންގެ ކޮނޑުގައި އިނގިލި ޖައްސާލިއެވެ. މިފަހަރު ކުރިޔަށްވުރެ ބާރަށެވެ. އެވަގުތު ރަޔާން ކުޑަކޮށް ތެޅިލިއެވެ. ޔަލްވީއަށް މޭގައި އަތްއަޅާލެވުނެވެ. އަވަސް އަވަހަށް ރަޔާނާއި ދުރަށް ޖެހުނެވެ. ކުޑަކޮށް ފުރޮޅިލުމަށްފަހުވެސް ރަޔާން ލޮލެއް ނުހުޅުވިއެވެ. ޔަލްވީއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.
ރަޔާން އޮތީ ނިދާފައިކަން ޔަގީންކުރުމަށްފަހު ޔަލްވީ އޮށޯތެވެ. މުށިތަކުގެ މަތީގައި އޮންނަންވުމުން، ޔަލްވީގެ މުޅި ގައިގައި ރިއްސަމުން ދިޔައެވެ. ޔަލްޥީ ދެލޯ ހަނިކޮށްލަމުން ރަޔާން އާއި ދިމާއަށް ބަލާލިއެވެ. ހުރިހާ ކަމެއްވެސް ވަނީ ރަޔާންގެ ސަބަބުންނެވެ. ރަޔާން އޮތީ ޔަލްވީގެ ހުރިހާ އުފާތަކެއް ފޭރިގަނެގެންނެވެ.
ކުރީގެ ހަނދާންތައް އާވުމުން ޔަލްވީއަށް ލޯ މަރާލެވުނެވެ. ޔަލްވީއަށް ރަޔާން އާއި މެދު ކަންތައް ކުރެވުނީ އިންސާފުން ނޫންކަން ގަބޫލުކުރަން މަޖުބޫރުވިއެވެ. އެދުވަހު ނިމާލުގެ ކުރިމަތީގައި ރަޔާން ހުރިގޮތް ޔަލްވީގެ ހިތަށް ސިފަވެގެން ދިޔައެވެ. އެދުވަހު، ފެންކަޅިވެފައިވާ ދެލޮލުން ރަޔާން ޔަލްވީއަށް ބެލީ އާދޭސްކުރާ ނަޒަރަކުންނެވެ. އެ އާދޭހަށް ޔަލްވީ ދިނީ ބީރު ކަންފަތެކެވެ. ޔަލްވީއަށް ހިންދިރުވާލެވުނެވެ. ކުށްކުރީ ޔަލްވީއެވެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑު ހެރުނީ އަމިއްލަ ލޮލަށެވެ. އެދުވަހު ރަޔާންގެ ބޮލުގައި އެފަދަ އިލްޒާމެއް ނޭޅުވުނުނަމަ އޭނަ މިހާރު ހުންނާނީ މާލޭގައެވެ. ކުރިން އުޅުނު އުފާވެރި ދިރިއުޅުމުގައެވެ. ނަމަވެސް ކަންތައްތައް ވަނީ މުޅިން ބަދަލުވެފައެވެ. އެދުވަސް އަނބުރާ އިއާދަކުރެވޭކަށް ނެތެވެ. ޔަލްވީއަށް ބާލީހުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ އަންނަން ފެށިއެވެ.
********
ފަތިސްނަމާދު ކޮށްލައިގެން ގޭތެރެ ކުނިކަހާލުމަށްފަހު، ލިމްޔާ ވަނީ ބަދިގެއަށެވެ. ލިމްޔާ ބޭނުންވީ، ރަޔާން ހޭލަންވާއިރަށް މީރު އެއްޗެއް ތައްޔާރުކޮށްލާށެވެ.
"ދަރިފުޅު މިއަދު ހާދަ ކުރިން މަސައްކަތްތައް ނިންމާލީ" އަމީރާ ބަދިގެއަށް ވަންއިރު، ލިމްޔާ ހުރީ ސައިހަދާ ނިންމާފައެވެ. "މަންމައަށް އެއްކަމެއްވެސް ކުރާކަށް ނުޖެހުނެއްނު"
"ވަޅޯމަހު މައްސުނި ހެދީ. ރެންއަށް ވަރަށް މީރު ވާނެ" ލިމްޔާ ހިނިތުންވެލިއެވެ.
"ދަރިފުޅު ދޭ އެގެއަށް އެއްޗެހި ލާފަ އަންނަން" އަމީރާ ލިމްޔާގެ ބޮލުގައި ފިރުމައިލިއެވެ.
"އެ ގެ ކުނިކަހާލަންވެސް ޖެހޭނެއެއްނު. މަގުމަތީގަވެސް ވަރަށް ފަތް އެބައޮތް. ޔަލްވީ ހުއްޓަސް އޭނަ ނުކުރާނެ" ޔަލްވީގެ ވާހަކަ ބުނިއިރު، ލިމްޔާގެ މޫނުން ފެނުނީ ފޫހިކަމެވެ.
ސަޔަށް ތައްޔާރުކުރި އެއްޗެހި ހިފައިގެން ލިމްޔާ މާ ކުރިން ރަޔާންގެ ގެއަށް ދިޔައީ ރަޔާން ހޭލުމުގެ ކުރިން ގެއަށް އައުމުގެ މަގުސަދުގައެވެ. ރޭގައި ކަންތައް ވީގޮތުން ރަޔާން އާއި ކުރިމަތިލާން ލިމްޔާ ޖެހިލުންވިއެވެ. ލިމްޔާ ގޮސް މޭޒުމަތީގައި ސައި ތައްޔާރުކޮށްލުމަށްފަހު، ގޯތިތެރެ ކުނި ކެހިއެވެ. ސިޓިންގްރޫމުގައި ހިރަފުސް އަރާފައިވާ ތަންތަން ފޮޅާ، ސާފުކުރިއެވެ.
********
ރަޔާންއަށް ހޭލެވުނީ އާދަޔާ ހިލާފަށް ހޫނުވާން ފެށުމުންނެވެ. ފުންމައިގެން ތެދުވެވުނު ގޮތަކުން ފަޔާއި ދޭތެރޭގައި ވިސްނާލާނެ ފުރުސަތެއް ނުލިބުނެވެ. ފަޔަށް އެރި ތަދާއިއެކު، އައްސިވެގެންދިޔަ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެވަނަ ފަހަރަށް ފަޔަށް ހަދާލެވުނު ގޮތަކުން، ވާން ފެށި ތަދުން، ރަޔާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ބާރަށް ހަޅޭއްލަވައިގަތުމާއިއެކު ފައިން ވަރު ދޫވެގެން، މުށިތަކުގެ މައްޗަށް ވެއްޓުނެވެ.
ސިއްސައިގެން ގޮސްފައި ޔަލްވީއަށް ހޭލެވުނީ ރަޔާން ހަޅޭއްލަވައިގަތް އަޑަށެވެ. އޭރު ޔަލްވީއަށްވެސް ހުރީ ކޮޅަށް ތެދުވެވިފައެވެ. ބިރެއް ފެނިގެން ހޯދާހެން ޔަލްވީ ވަށައިގެން ހޯދައިލިއެވެ. ރަޔާން އޮތީ މުށިތަކުގެ މަތީގައެވެ. ކަކުލުގައި ހިފަހައްޓައިގެން އޮވެ ރަޔާން ތެޅި ފޮޅެނީއެވެ. ޔަލްވީގެ ނިދިވެސް ވަގުތުން ފިލައިގެން ދިޔައެވެ. ރަޔާންއަށް އެވަރު ވާނީ ވަރަށް ތަދުވާތީކަން ޔަލްވީއަށް އެނގެއެވެ. ޔަލްވީ ހުރީ ހާސްވެގެން ހަދާނޭ ގޮތް ހުސްވެފައެވެ. އަފްސަމްއަށް ގޮވަން ދޮރާއި ދިމާއަށް ހިނގައިގަތް ނަމަވެސް ރަޔާން އެހާލުގައި އޮއްވާ، ދޫކޮށްލާފައި ދާކަށް ނުކެރުނެވެ.
ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑު އިވުމުން، ޔަލްވީ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރި ލިމްޔާ ހާސްވެފައި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. އޭނާއަށް ފެނުނީ ޔަލްވީ ނިދަންވެގެން މުށިތަކުގެ މަތީގައި އެޅި ރަޖާގަނޑެވެ. ދެމީހުން ނިދަނީ ވަކިންކަން އެނގުމުން ލިމްޔާއަށް ހަމަޖެހުމެއް ލިބުނެވެ. ރަޔާންގެ ކުކުރުމުގެ އަޑު، ކޮޓަރިތެރެއިން އެއް އަޑަކަށް އިވިއިވި ހުއްޓެވެ. ޔަލްވީ ދޮރުމަތީގައި ހުރުމުން، ލިމްޔާއަށް ރަޔާން ފެންނަވަރެއް ނުވިއެވެ.
"ކިހިނެއްވީ؟" ލިމްޔާ ހުރީ ހާސްވެފައެވެ.
ޔަލްވީ ދޮރުމަތިން ދުރަށްޖެހުނެވެ. އަތުގެ އިޝާރާތުން ރަޔާން އޮތްތަން ދެއްކިއެވެ.
"ރެން....." ލިމްޔާއަށް ދުވެފައި ރަޔާންއާއި ދިމާއަށް ދެވުނު ގޮތްވެސް ނޭނގުނެވެ.
"ޔަލްވީ! އަފްސަމްއަށް ގޮވާބަލަ. ޕްލީޒް، އަވަސް..." ރޮވޭވަރުން ލިމްޔާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
ލިމްޔާ ރަޔާންގެ ބޯ ހިއްލާލައި، ބޯ ދަށަށް ބާލީހެއް ލެއްވިއެވެ. ރަޔާން އުޅުނީ ފަޔަށް ތަދުވާތީކަން އެނގުނު ނަމަވެސް، އަތްލަން ނުކެރިފައި ލިމްޔާއަށް އިނދެވުނީ ބަލާށެވެ.
ރަޔާން މަރުކަޒަށް ގެންގޮސް، ފަރުވާކުރަން ފެށުނެވެ. އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ވާނެގޮތެއް ނޭނގޭތީ ކަންބޮޑުވެފައެވެ. ޔަލްވީ ވެސް އިނީ ހާސްވެފައެވެ. ރަޒީނާގެ މަރަށްފަހު، ސިއްހީމަރުކަޒު ފެނުނަސް، ޔަލްވީގެ ގައިން ހީބިހި ނަގައެވެ. ރަޔާންއަށް އެހެންދިމާވީ، ޔަލްވީ ރޭގައި ފާޑުފާޑުގެ އެއްޗެހި ހިތަށް އަރުވައިގެން އޮތީމައިކަމަށް އޭނާގެ ހިތް ބުންޏެވެ. ޔަލްވީއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ރަޔާންދެކެ ހިތްހަމަނުޖެހުނަސް، ފާޑުފާޑުގެ އެއްޗެހި ހިތަށް އެރިޔަސް، ދެރަގޮތެއް ވާކަށް ޔަލްވީ ބޭނުމެއް ނުވެއެވެ.
"ދަރިފުޅާ! މާބޮޑަށް ހާސްނުވޭ! ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" ޔަލްވީގެ ބުރަކަށީގައި ފިރުމައިލަމުން ނަފީސާ ބުންޏެވެ.
ނަފީސާ ފެނުމާއިއެކު، ޔަލްވީގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ. ވަގުތުން ތެދުވެގެން ދުރަށް ހިނގައިގަތެވެ. ނަފީސާ އިސްޖަހާލިއެވެ. ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު އެފަދައިން ކަންތައް ކުރުމުން އޭނާގެ ހިތް ހަލާކުވިއެވެ.
********
"ދަރިފުޅާ! މިތާ އިށީނދެލަބަލަ. މިތާ އިނަސް، ޑޮކްޓަރު ނުކުތީމަ ފެންނާނެއޭ....." ލިމްޔާ ދެކޮޅަށް ހިނގަން ހުރި ތަން ފެނުމުން، އަމީރާ ބުނެލިއެވެ.
ލިމްޔާ ގޮނޑީގައި އިށީނެވެ. ވަގުތަކީ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ނުކުތް ވަގުތެވެ. ކައްޓެއް ހެރުމުން ތެދުވާހެން ލިމްޔާ ތެދުވިއެވެ.
"ޑޮކްޓަރ! ކިހިނެއްތޯވީ؟" ލިމްޔާ ހަލުވި ފިޔަވަޅުތަކެއްގައި ޑޮކްޓަރުގެ ކައިރިއަށް ދިޔައެވެ.
(ނުނިމޭ)