ޝްވާޓެކް އާއި ގައުފް ވެސް ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ޝްވާޓެކް އާއި ގައުފް ވެސް ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިއަށްދާ ޑަބްލިޔުޓީއޭ ފައިނަލްސްގެ އޮރެންޖް ގްރޫޕުގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެން އާއި ތިންވަނައަށް ރޭންކް ކުރެވިފައިވާ އެމެރިކާ ކޯކޯ ގައުފް އެދެ ކުޅުންތެރިންގެގެ މެޗު ކާމިޔާބު ކޮށްފިއެވެ.

ކޮންމެ ސީޒަނެއް ނިމުން ފާހަގަ ކުރުމުގެ ގޮތުން އެންމެ މަތިން ރޭންކް ކުރެވިފައިވާ އަންހެން އަށް ކުޅުންތެރިންގެ މެދުގައި ކުޅޭ މިމުބާރާތުގައި ޝްވާޓެކް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވަނީ އަށްވަނައަށް ރޭންކް ކުރެވިފައިވާ ބާބޮރާ ކްރެއިޗިކޯވާއާ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ކްއާޓަ ފައިނަލުން ބަލިވި ފަހުން ޝްވާޓެކް ކުޅޭ ފުރަތަމަ މުބާރާތެވެ.

އެކަން މިމެޗުގެ ފުރަތަމަ ސެޓުގައި ވަރަށް ރަނގަޅަށް ފާހަގަ ވިއެވެ. މިގޮތުން މިސެޓު ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ކްރެއިޗިކޯވާއެވެ. ޝްވާޓެކަށް މިމެޗުގެ ތެރެއަށް ވަދެވި މެޗުގެ ކޮންޓްރޯލް އަތުލެވޭވަރުވީ ދެވަނަ ސެޓުގައި ދެ ބްރޭކް އަތުން ދިޔަ ފަހުންނެވެ.

ނަމަވެސް އެހާ ހިސާބުން ފަހަތުން އަރާ ތިން ގޭމް ތިން ގޭމުން އެއްވަރުކޮށް މިސެޓު ހަތެއް ފަހަކުން ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗު ގެންދިޔައެވެ. މިމެޗުގެ ތިންވަނަ ސެޓު ޝްވާޓެކް ގެންގޮސްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއަކުންނެވެ.

ޝްވާޓެކް މިމުބާރާތާ ކުރިމަތި ލާފައިވަނީ ސީޒަން ނިމޭއިރު އަނެއްކާ ވެސް ދުނިޔޭގެ އެއްވަނަ ރޭންކިން އަނބުރާ ހޯދުމުގެ އުންމީދާއެކުއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި އޭނާއަށް ޖެހޭނީ މިމުބާރާތް ކާމިޔާބު ކުރާށެވެ. ނަމަވެސް މިވަގުތު އެއްވަނައިގާ އުޅޭ ބެލަރޫސްގެ އަރީނާ ސަބަލެންކާ މިމުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި ނަމަ އޭނާއަށް އެއްވަނަ މަގާމްގައި މިސީޒަން ނިންމާލުމުގެ ފުރުސަތު ލިބިގެންދިއުން ވަރަށް ގާތެވެ.

މިގްރޫޕްގައި ދެން ހިމޭނެ ދެ ކުޅުންތެރިން ކަމަށްވާ ގައުފް އާއި ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ގައުފްއެވެ.

މިމެޗުގެ ދެސެޓު ގައުފް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ. މިމުބާރާތް ރޭވިފައިވަނީ އަށް ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައި ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ކުޅުންތެރިން ސެމީފައިނަލަށް ދާގޮތަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު