ގައުމު ކުރިއެރުވުމަށް ޓަކައި، ކުޑަކުދިންނަށް އެއްބައިވަންތަކަމުގެ މިސާލު ދައްކަން ޖެހޭ: ސިޔާމް

ސިޔާމް: ވިދާޅުވީ ގައުމުގެ ކުރިއެރުމަށް ޓަކައި ބޮޑެތި މީހުން ކުޑަކުދިންނަށް އަޚުވަންތަކަން ދައްކަން ޖެހޭ ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ދ. ބަނޑިދޫން ފާތިމަތު ސައުނާ މުޙައްމަދު

ގައުމާއި މުޖުތަމައު ކުރިއެރުވުމަށް ޓަކައި ބޮޑެތި މީހުން ކުޑަކުދިންނަށް އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މިސާލު ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ބަނޑިދޫގައި އާއިލީ ޕާކު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްޑީއޭގެ ރައީސް ސިޔާމް ވިދާޅުވީ، އާއިލާއަކީ މުޖުތަމައުގެ އެންމެ ވަރުގަދަ ބިންގާ ކަމަށާއި އެ ބިންގާ ފުނޑާލައިފިނަމަ އެ މުޖުތަމައެއް ހަލާކުވާނެ ކަމަށެވެ.

އެންމެ ފުރަތަމަ އެއްބަޔެއްގެ ގޮތުގައި އާއިލާ ތަރުބިއްޔަތުކޮށް، އެއްބަޔެއްގެ ގޮތުގައި އުޅުމަކީ އެތަނެެެއްގެ ބިންގަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ސިޔާމް: އެއް ބަޔެއްގެ ގޮތުގައި އުޅެ، އާއިލާ ތަރުބިއްޔަތު ކުރުމުގެ މުހިންމު ކަމަށް އެ މަނިކުފާނު އަލިއަޅުއްވައިލެއްވި --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ސިޔާމް ވިދާޅުވީ، މައިންބަފައިންނާއި ދަރިންގެ އެކުވެރިކަން އާލާވުމުން ކުދިންގެ ވިސްނުން އާރާސްތުވެ، އެކުދިންގެ ދިރިއުޅުމަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

އަޅުގަނޑުމެން ތަފާތު ފިކުރުތަކަށް އަދި ބަޔަކަށް ސަޕޯޓް ކުރި ކަމުގައިވީ ނަމަވެސް، ގައުމުގެ ކުރިއެރުމަށް، މުޖުތަމައުގެ ކުރިއެރުމަށް، ދާއިރާގެ ކުރިއެރުމަށް ޓަކައި އަޅުގަނޑުމެންގެ ބޮޑެތި މީހުން ކުޑަކުދިންނަށް އެގްޒާމްޕަލް ދައްކަން ޖެހޭ. އެއްބަނޑު އެއްބަފާކަން، އަޚުވަންތަކަން

މީގެއިތުރުން، އާއިލާތަކުގެ އެއްބައިވަންތަކަމުން ކުދިންނަށް ވަރަށް ބޮޑު ކުރިއެރުންތައް ލިބޭނެ ކަމަށާއި ކުދި މުޖުތަމައުތަކުގައި އުޅޭ މީހުން އެއްބަނޑު އެއްބަފާ މީހުން ގޮތަށް އުޅެން ދަސްކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެހެންވީމާ، އެންމެ މުހިންމު ކަމަކީ މި ކުދިކުދި ރަށްތަކުގައި ވެސް އެއް ބަޔެއްގެ ގޮތުގައި އުޅުން، އާއިލާއަކީ އެއް ބަޔެއް ކަމުގައިވުން. ބަނޑިދޫ ރައްޔިތުންނަކީ އެއް އާއިލާއެއް ކަމުގައި ވުން

ބަނޑިދޫގައި ހުޅުވި ޕާކުން އެންމެ ބޮޑު ފައިދާއެއް ކުރާނީ އައިލާތަކަށް ކަމަށާއި އެއްބައިވަންތަކަން އާލާ ކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް