ނިކަން އަވަސްއަވަހަށް އަޒްލަފް ޝައުފާއަށް ގުޅާލިނަމަވެސް، ޝައުފާ ފޯނެއް ނުނަގައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާއަށް އައީ މެސެޖެކެވެ.

"އާއިންއަށް އޮތީ ނިދިފަ. އަޒްލަފް ނައިސްގެން ވަރަށް ބޮޑާ ހޭކި." އެ މެސެޖުގައި އޮތީ އެހެންނެވެ. އެއަށް ޖަވާބު ދޭންވެގެން އިނގިލިތައް ހަރަކާތްކޮށްލިތަނާ އަނެއްކާވެސް އިތުރު މެސެޖެއް އަތުވެއްޖެއެވެ.

"އަހަންނަށް ހީވަނީ އަހަރެން އެކަންޏެއް ނޫންހެން އާއިންއާ މެދު އިހުމާލުވަނީ... " ދެވަނަ މެސެޖާއެކު އަޒްލަފްގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. މިއަދު ކަންތައް ދިމާވީ ރަނގަޅަކަށް ނޫނެވެ. އެހެންނަމަވެސް އެކަމާ ގުޅުވާފައި އާއިންއާ މެދު އޭނާ އިހުމާލުވާކަމަށް ޝައުފާއަށް ބުނެވިގެން ނުވާނެއެވެ. އާއިންއަށް ބައްޕައެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ދޭން މަސައްކަތްކުރާކަން ޝައުފާއަށް ވެސް އެނގޭނެއެވެ.

އާއިން ނިދާފައި އޮތް ވާހަކަ ބުނުމުން އިތުރު އެއްޗެއް ބުނަން އުޅެފައި ވެސް އަޒްލަފް ފަސްޖެހުނެވެ. އޭނާ ނިންމީ މިރޭ އިޝާނަމާދު ފަހުން ހޭލާ އުޅޭނަމަ އާއިން ކައިރިއަށް ގޮސްލުމަށެވެ. އެހެންކަމުން ޑިއުޓީ ނިންމާފައި އަޒްލަފް ދިޔައީ ގެއަށެވެ.

އޭނާ އެ ގެއަށް ދާންވެގެން ނުކުތީ، އިޝާނަމާދު ކޮށްލައިގެންނެވެ. އަދި ޝައުފާއަށް ގުޅާ އާއިން ހޭލާތޯ ޔަޤީންކޮށްލިއެވެ. މިއަދު ކަންތައް ވީ ގޮތް ދަރިފުޅަށް ވިސްނައިދޭނެ ގޮތަކާ މެދު ވެސް އަޒްލަފް ދިޔައީ ވިސްނަމުންނެވެ. ތުއްތު ކުއްޖަކަށް އެކަންތައްތައް ވިސްނައިދިނުމަކީ އުނދަގޫކަމެއްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، ވީކަންތަކަށް މާފަށް އެދެން އޭނާ ބޭނުމެވެ. އާއިންގެ ހިތުގައި އޭނާއާ މެދު ކުޑަވެސް ޝަކުވާއެއް އުފެދޭކަށް އަޒްލަފް ބޭނުމެއް ނުވެއެވެ. އެ ދަރިފުޅުގެ ހިތުގައި އޭނާއާ މެދު ކިލަނބުކަމެއް އުފެދިއްޖެނަމަ އޭނާގެ ހިތަށް ބަރުދާސްތުކުރަން ދަތިކަމަކަށް އެކަން ވާނެއެވެ. މިހާރު އޭނާގެ ހުރިހާވެސް އުފަލަކީ އާއިންއެވެ.

ޝައުފާ އުޅޭ ގެއަށް ގޮސް އަޒްލަފް ބެލް އަޅާލިއެވެ. ކޯޑު އެނގުނެއްކަމަކު، ޝައުފާ އުޅޭ ވަގުތުތަކުގައި އަޒްލަފް އަބަދުވެސް ކަންތައް ކުރާ ގޮތަކީ އެއީއެވެ. ދޮރު ހުޅުވުމުން އެތެރެއަށް ވަދެލުމަށްފަހު، ލިފްޓުން މައްޗަށް އެރިއިރު ޝައުފާ ހުރި އެޕާރޓްމެންޓް ދޮރު ހުޅުވާފައެވެ. އޭނާ އެތެރެއަށް ބޯ ދިއްކޮށްލަމުން، ވަދެލިއިރު ޝައުފާ އިނީ ސޯފާގައެވެ.

"ކޮބާ އާއިން؟" އަޒްލަފް އެތެރެއަށް ވަންނަމުން ސުވާލުކޮށްލިއެވެ.

"ކޮޓަރީގައި އެބައިން." އޭނާ އެހެން ބުނެލާފައި ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އަޒްލަފްވެސް އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި ގޮސް އާއިންގެ ކޮޓަރިއަށް ވަދެލިއެވެ.

"އާއިން." އަޒްލަފް އާއިންއަށް ގޮވާލުމުން އެ ދިމާލަށް ބަލައިލި އާއިންގެ ތުންފަތް މަތިން ހިނިތުންވުމެއް ފާޅުވެލިއެވެ. އެހެންނަމަވެސް އެއީ ހިނދުކޮޅަކަށެވެ. ދެވަނަ ސިކުންތުގައި އެމޫނުމަތިން ނުރުހުމުގެ އަސަރު ފެނިލިއެވެ. ދެބުމަ ގޮށްޖަހާލާފައި ތުންކޮޅު އޫކޮށްލި ގޮތުން އޭނާ އެހުރީ އަޒްލަފް ދެކެ ވަރަށް ހިތްހަމަ ނުޖެހިފައިކަން އެނގުނެވެ.

"ޑެޑީ އާ ރުޅި." މެޓު މަތިގައި ފޮތެއްގައި ކުލަ ޖައްސަން އިން އާއިން އޭނާ ކުރަން އިން ކަންތަކަށް ސަމާލުވެލިއެވެ.

އާއިން ދަރިފުޅާ" އަޒްލަފް އާއިންގެ ކައިރީގައި ހުއްޓެމުން ގޮވާލިއެވެ.

"ރުޅި." ބަލައިވެސް ނުލާ އިނދެ އާއިން ބުނެލީ އެހެންނެވެ.

އާއިންގެ އެ ހިތްނަމަނުޖެހުމުގެ އަސަރުތަކުން އޭނާ ރުއްސުމަކީ ފަސޭހަކަމަމަކަށް ނުވާނެކަން އެނގި އަޒްލަފް އިށީނީ އެނދުގައެވެ. އޭނާ އައިންއާ ވާހަކަ ދެއްކިނަމަވެސް، އާއިން އިން ގޮތަށް އިނީއެވެ.

"ޑެޑީއާ ރުޅި. މަންމިވެސް ބުނި ޑެޑީއަށް ކޮއްކޮ އިމްޕޯޓެންޓެއް ނޫނޭ. އެ ނޫނީ އަންނާނެޔޭ ބަލާ." އަޒްލަފްގެ ވާހަކަ ނިމުމުން އާއިންއަށް އޭނާ އެ ބުނެލި ބަސްތަކާމެދު މާ ބޮޑު ވިސްނުމަކާ ނުލާ ބުނެވުނީ، އެއީ މިއަދު ޝައުފާ އޭނާގެ ގާތުގައި ބުނެފައިވާ ވާހަކައަކަށް ވީތީއެވެ. އެ އަޑު އިވުމާއެކު އަޒްލަފްގެ ދެބުމަ ގާތްވެލި އެވެ. އެހެންނަމަވެސް އޭނާ އެ އަސަރުތައް ވަންހަނާ ކޮށްލަމުން އާއިންއާ ވާހަކަ ދެއްކިއެވެ.

"މަންމި އެހެން ބުނީ؟" އަޒްލަފް ޝައުފާއާ ދިމާލަށް އެއްޗެއް ބުނުމުގެ ކުރިން ޔަޤީންކުރަން ބޭނުންވާ ފަދައެވެ. އާއިން ބޯ ޖަހާލުމުން އަޒްލަފްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އާއިންގެ ގާތުގައި ރަނގަޅަށް ހަމަޖެހިލަމުން، އަންނަމުން އޭނާ ގަނެގެން އައި ޗޮލްލެޓް ނަގާ ދިއްކޮށްލި ނަމަވެސް، އާއިން އެއަށް ބަލާލާފައިވެސް މޫނު އަބުރާލީއެވެ.

"ވަން އަވަރ ވަންދެން ކޮއްކޮ ހުރިން ޑެޑީ އާދޭތޯ." އާއިންއަށް އެހާ އަސަރުކޮށްފައި އެވަނީ ކީއްވެގެންކަން އެނގުމާއެކު، އަޒްލަފްގެ ހިތުގައި ޖެހުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އިސްޖަހާލެވުނުއިރު، ޝައުފާ އާ މެދުވެސް ހިތްހަމަނުޖެހުނެވެ. އެ ޙާލަތުގެ ފައިދާ އެފަދަ ގޮތަކަށް ޝައުފާ ނެގީތީ ރުޅިވެސް އާދެވުނެވެ.

"ސޮރީ ޑެޑީގެ ވާހަކަ އަޑު ނާހާނަންތަ؟" ދެރަވެލާފައި އަޒްލަފް ސުވާލުކޮށްލި އެވެ. "ޑެޑީ ދާންވީ؟"

އަޒްލަފް އެހެން އަހާލުމާއެކު ނޫނެކޭ ބުނުމުގެ ގޮތުން އާއިން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ވާހަކަ ނުދައްކަންޏާ ޑެޑީ ދެރަވާނެ." އަޒްލަފް ބުނެލިއެވެ.

"ޑެޑީ ކީއްވެ ނައީ؟ ކޮއްކޮ ދެކެ ލޯބިނުވަނީ؟" އާއިން ކުލަ ފަންސުރު ފޮތްމަތީގައި ބާއްވަމުން އަޒްލަފްއަށް ބަލާލިއެވެ.

"ނޯ ޑެޑީ އަބަދިވެސް އާއިން ދެކެ ލޯބިވޭ." އަޒްލަފް ބުނެލިއެވެ.

"މިއަދު ހޮސްޕިޓަލްގަ ކުއްޖަކު ބަލިވީމަ ބައްޕައަށް ނާދެވުނީ." އާއިން އެއްޗެއް ނުބުނުމުން އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އަޒްލަފް ވާހަކަ ދެއްކިއެވެ. އިތުރަށް ބުނާނީ ކީކޭކަމެއް ނޭނގި ހިމޭންކަން ޚިޔާރުކުރެވުނީ ދެނެވެ.

"އިޓްސް އޯކޭ." އިރުކޮޅެއްފަހުން އާއިން އެހެން ބުނެލުމާއެކު، އަޒްލަފް ހިނިތުންވެލިއެވެ. އޭނާ އިރުކޮޅަކު އާއިންއާ ވާހަކަ ދައްކާލާފައި ނުކުތީ މާދަމާ އާއިން ގޮވައިގެން ދުއްވާލަން ދާން އަންނާނެކަމަށް ވަޢުދުވެފައެވެ. ސިޓިން ރޫމުގައި އިން ޝައުފާ ފެނުމާއެކު އާއިން ބުނެލި ޖުމްލަތައް އަނެއްކާވެސް އަޒްލަފްގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު، އޭނާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވެލިއެވެ.

"އަހަރެންގެ ދަރިފުޅުގެ ހިތުގައި އަހަންނާ މެދު ޝަކުވާ ނުއުފައްދަފާނަންތަ؟ ހެޔޮނުވާނެ." އަޒްލަފްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޝައުފާގެ ސަބަބުން އާއިންއާ އޭނާއާ ދޭތެރޭ އޮންނަ ގުޅުމަށް އެއްވެސް ވަރަކަށް ބުރޫއަރާކަށް އަޒްލަފް ބޭނުމެއް ނޫނެވެ.

"އަންނާނަމޭ ކިޔާފަ ނާދެވޭ ވަރުގެ ކިހާ ބޮޑުކަމެއް ދިމާވީ. އަދިވެސް އަހަރެންތަ ގޯސް ވީ؟" ޝައުފާ ސޯފާއިން ތެދުވެލިއެވެ.

"އަހަންނަށް ނާދެވުނީމަ އެހިތުގައި ޝައްކު ނުއުފައްދާ ވެސް ޝައުފާއަށް އާއިންއަށް ވިސްނައި ދެވެން ޖެހޭނެ. އާއިން ގުޅިއިރު އަހަރެން ހުރީ ޑިއުޓީގަ. ކޮންމެހެން ނާންނާކަށް ނޫން ހުރީ. އެކަމަކު އެމަރޖެންސީއެއް ދިމާވާނީ ކިހިނެއް، ކޮން އިރަކުކަމެއް ކިހިނެއް އެނގެނީ. އެވަގުތު ޙާލަތު ހުރި ގޮތުން ގުޅާފަ ބުނެވޭ ގޮތް ނުވީ. ސޯ ޕްލިޒް މީގެ ފަހުން ވާހަކައެއް ބުނެލާއިރު ވިސްނާލާތި. އަހަރެންގެ ގާތުގައި އާއިން ނެތަސް އަހަރެން އެ ދަރިފުޅަކަށް އިހުމާލެއް ނުވަން. އެހެން ނޫންނަމަ މިތަނުގައި ޝައުފާ ބަހައްޓާފައި ހުރިހާ ޚަރަދެއް އަހަރެން ނުކުރާނެ." އަޒްލަފްއަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް، ހިތްހަމަނުޖެހުނު ވަރުން ބުނެވުނީއެވެ. އޭނާއާ ދަރިފުޅާ ދެމެދު މައްސަލަ ޖައްސަން އުޅޭ އެކަކަށްވެސް އޭނާ މާފެއް ނުކުރާނެއެވެ.

"އަހަރެމެން ދެމީހުން ވަކިވިއެއްކަމަކު އޭގެ މާނައަކީ ދަރިފުޅުގެ ހިތުގައި އެކަކު އަނެކަކާ މެދު ނަފްރަތު އުފައްދާ ހިތް ގޯސްކުރުމެއް ނޫނެއްނު." އެއްޗެއް ނުބުނެ ޝައުފާ ހުންނަން ފެށުމުން އަޒްލަފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޝައުފާ ހިމޭންކަމާއެކު، ހުރެފައި ސީދާ އަޒްލަފްއަށް ބަލައިލިއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު، އަޒްލަފްގެ ވާހަކައިން އޭނާ ހިތްހަމަ ނުޖެހޭކަން ސާފުކޮށް އެމޫނުމަތިން ފާޅުވަމުން ދިޔައެވެ.

"ދެން އަހަރެން ކީކޭ ބުނަންވީ؟ " ޝައުފާ ބުނެލިއެވެ.

"ބުނެވޭނެ ބައިވަރު އެއްޗެހި ހުންނާނެ. އާއިންއަށް ވިސްނައިދެވޭނެ ގޮތްތައްވެސް ހުންނާނެ. އާއިން ގުޅިއިރު އަހަރެން ހުރީ ޑިއުޓީގައި. ނިމެން ކައިރިވެފައި ހުއްޓާ ޕޭޝަންޓެއް ހާލުދެރަވެގެން އެ ގަޑީގައި ގުޅާލެވޭ ގޮތްވެސް ނުވީ." އަނެއްކާވެސް ކުރިން ބުނެލި ވާހަކަ ތަކުރާރުކޮށްލާފައި، އަޒްލަފް މަޑުކޮށްލިއެވެ. ޝައުފާ އިތުރު އެއްޗެއް ބުނޭތޯއެވެ. އެހެންނަމަވެސް، ޝައުފާ ތުން އަނބުރާލަމުން އަޒްލަފްއާ ނަޒަރު ވަކިކޮށްލީއެވެ.

ޝައުފާއާ ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން އަޒްލަފްއަށް ވިސްނުނު ނަމަވެސް، އެކަމަކީ އޭނާގެ ދަރިފުޅާ ގުޅުންހުރި ކަމަކަށްވީތީ އަޒްލަފް އޭނާގެ ހިތުގައިވާ އެއްޗެއް ފާޅުކޮށްލީއެވެ. ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، ޝައުފާ ގޮތް ދޫނުކުރާނެކަން ވިސްނި އެންމެފަހުން އަޒްލަފް ގޮސް އެޕާރޓްމެންޓުން ނުކުމެލިއެވެ. ތިރިއަށް ގޮސް ކާރަށް އަރާ އޭނާ ދުއްވައިލީ ގެއާ ދިމާލަށެވެ.

*****

ފޮތެއް ހިފައިގެން އެނދުމަތީގައި އިށީނދެލައިގެން އިން ޒާޔާއަށް ފޮތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ނުވިސްނަން އުޅުނު ނަމަވެސް، އޭނާއަށް ވިސްނެނީ މާޒީއާ މެދުއެވެ. މާޒީގައި ހިނގި ހާދިސާއާ މެދުއެވެ. އެ މީހުން އެންމެންގެ އެކުވެރިއަކަށް ބުރޫ އަރައިގެން ދިޔަ ކަންތައްތަކާ މެދުގައެވެ. އެންމެފަހުން ފޮތް ލައްޕާލާފައި އޭނާ ގޮސް ބެލްކަނީ ދޮރު ކަހާލާފައި ބޭރަށް ނުކުމެލިއެވެ. ޖެހެމުންދިޔަ ތެތްފިނި ރޯޅިތަކުން އޭނާއަށް އަރާމުވި ނަމަވެސް، ހިތުގައިވި ނުތަނަވަސްކަމެއްގެ ސަބަބުން، ހަށިގަނޑުގައިވި އުދާސްކަމަށް ބަދަލެއް ނައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން އިރުކޮޅަކު ޒާޔާއަށް ހުރެވުނެވެ. ފުނިޖެހެމުން ދިޔަ ޚިޔާލުތަކުގެ ތެރެއިން ވަކި ހަނދާނެއް އައިސް ސިކުނޑީގެ ނާރުތަކަށް ވާން ކުރުވަން ފެށުމާއެކު، ޒާޔާ ގޮސް ކޮޓަރިއަށް ވަނެވެ. އެއީ އާދައިގެ ވަރެއްގެ ކޮޓަރިއެކެވެ. ކުއީން ސައިޒް އެނދަކާއި، ސްލައިޑް ދޮރު ލީ އަލަމާރިއަކާއި، ޑްރެސިންޓޭބަލެއް ބަހައްޓާފައި ހުއްޓެވެ. ޒާޔާ ގޮސް ޑްރެސިންޓޭބަލް ވަތްގަނޑު ދަމާލާފައި އޭގެ ތެރެއިން ތަޅުދަނޑިއެއް ނެގިއެވެ. އެއަށްފަހު އެ ހިފައިގެން ގޮސް އަލަމާރި ހުޅުވާލާފައި ތަޅުލެވޭ ގޮތަށް ހުރި ކަބަޑު ހުޅުވާލިއެވެ. އޭނާގެ ސެޓްފިކެޓްތަކާއި މުހިންމު ލިޔެކިޔުންތައް ހުރި އެ ކަބަޑު ތެރޭގައި އޮތް ކުޑަ، ހުދުކުލައިގެ ފޮއްޓެއް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، އެ ނެގިއެވެ. އެއަށްފަހު އެ ހުޅުވާލިއެވެ.

އެ ފޮށި ތެރޭގައި އޮތް ހުދުރަނުގެ އަނގޮޓީގައި ޖަހާފައިވާ ޖަވާހިރުގެ ވިދުން ފާޅުވާން ފެށުމާއެކު، އެއަށް ބަލަހައްޓައިގެން އިރުކޮޅަކު ޒާޔާއަށް ހުރެވުނެވެ. ފޮށިލައްޕާލަމުން އޭނާ އެ ލީ ކޮލެޖަށް ގެންދާ ދަބަސް ތެރެއަށެވެ. އެނބުރި އައިސް އެނދުގައި އިށީނދެފައި، ކްލާސް ވައިބަރ ގްރޫޕް ހުޅުވާލިއެވެ. އަދި އަފްނާންގެ ނަންބަރު ހޯދާލާފައި އޭނާއަށް ފޮނުވާލަން މެސެޖެއްލިޔެލީ ދެ ވިސްނުމެއްގައި އިން ފަދައަކުން އިނުމަށްފަހުއެވެ.

"އައި ވޯންޓު މީޓް ޔޫ ޓްމޯރޯ." އެކި ގޮތްގޮތަށް މެސެޖު ލިޔެލިޔެފައި ފުހެމުންދިޔަ ޒާޔާ އެންމެފަހުން ހަމައެކަނި ލިޔެލީ އެހެންނެވެ. އޭނާ މެސެޖު އަފްނާންއަށް ފޮނުވާލަމުން ފޯނަށް ބަލަހައްޓައިގެން އިނެވެ. އުންމީދުކުރީ އަފްނާންގެ ޖަވާބެއް ވަރަށް އަވަހަށް ލިބޭނެކަމަށެވެ. ވީވެސް އެހެންނެވެ. އޭނާ މެސެޖް ފޮނުވާލިތާ މިނެޓެއްވެސް ނުވަނީސް އެ މެސެޖަށް އަފްނާން ޖަވާބު ދީފިއެވެ.

"ކޮން އިރަކު؟" އަފްނާންގެ މެސެޖުގައި އޮތެވެ.

"ކޮލެޖު ނިންމާފައި." އެހެން ބުނެލާފައި ޒާޔާ މެސެޖްކޮށްލާފައި ފޯނު ސައިޑް ކަބަޑުމަތީގައި ބާއްވާލާފައި ގޮސް ފާޚާނާއަށް ވަނީ ނިދުމުގެ ކުރިން ދަތް އުނގުޅާލާ މޫނު ދޮވެލުމުގެ ނިޔަތުގައެވެ.

*****

ޓެރެސްގައި ހުރި ޖޯލީގައި އޮށޯވެލައިގެން އޮތް އަފްނާން ފޯނު މޭމަތީގައި ބާއްވާލިއެވެ. ޒާޔާ އޭނާ ދެކެ އެހާ ހިތްހަމަނުޖެހިފައި ހުރެފައި ކުއްލިއަކަށް ބައްދަލުކުރަން ބުނުމުން އަފްނާންގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ޒާޔާ އޭނާއާ ބައްދަލުކުރަން އެ އުޅެނީ ކީއްވެހެއްޔެވެ؟ ކޮން މަޤްސަދެއްގައި ހެއްޔެވެ؟ ޒާޔާ މައުވާގެ ވާހަކަ އޭނާގެ ކައިރީގައި ބުނެފާނެހެއްޔެވެ؟ ޔޫޝައުގެ އިތުރުން ޒާޔާވެސް އޭނާއާ ގުޅުން ބާއްވަން ބޭނުން ނުވާކަމުގައި ޔޫޝައު އޭނާގެ ގާތުގައި ބުނެފައި އޮއްވާ ޒާޔާ އޭނާއާ ބައްދަލުކުރަން ޖެހޭ ސަބަބެއް ވިސްނާވިސްނާވެސް އަފްނާންއަކަށް ނޭނގުނެވެ. އެެހެންނަމަވެސް، އޭނާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ޒާޔާގެ ފުށުން މައުވާއާ ބެހޭ ކުޑަނަމަވެސް މައުލޫމާތެއް ލިބޭނެކަމުގެ ފެހި ސިގްނަލެއް އޭނާއަށް ލިބުނު ފަދަ އިޙްސާސްއެއް އަފްނާންއަށް ކުރެވުނެވެ.

އެފަދަ ވިސްނުންތަކުގައި އެތައް އިރަކު އޮތް އަފްނާން ފޯނުން ގަޑި ބަލާލިއެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ. ތިރިއަށް ގޮސް ކޮޓަރިއަށް ވަދެފައި، ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯތްނަމަވެސް، މިރޭގެ ނިދިވަނީ އޭނާއާ އެތައް ހާސް މޭލެއްގެ ދުރުގައެވެ. އެތައް އިރަކު އެގޮތުގައި އެނދުގައި ފުރޮޅި ފުރޮޅި އަފްނާންއަށް އޮވެވުނުއިރު، ހިތުގައިވި ބޭޤަރާރުކަން ކުޑަ ވާގޮތެއް ނުވިއެވެ. އެހެން ރޭރެއަށްވުރެ މިރޭގެ ޙާލުވަކިން ބޮޑުހެން ހީވެއެވެ. ހީވާކަހަލައެވެ. ޒާޔާއާ ބައްދަލުކުރަން އޭނާގެ ކެތްތެރިކަން ވަނީ ކޮޅުން ލާފައެވެ. އެހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ލިބޭނެކަމަށް ކުރެވޭ އުންމީދެއްގެ ބޮޑުކަމުންކަމަށްވެސް ވެދާނެއެވެ. އަފްނާންއަށް އެނގޭހާވެސް އެއްޗެކީ ޒާޔާއާ ބައްދަލުކޮށްފައި ވާހަކަ ދައްކާލަން އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައިކަމެވެ.

އެރޭ ހަތަރުދަމު އެފަދަ ޙާލެއްގައި އުޅުނު އަފްނާންއަށް ނިދޭވަރުވީ ފަތިސް ވީފަހުން ނަމަވެސް، ހެނދުނުގެ ފުރަތަމަ އެލާމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. އަވަސްއަވަސް ކޮށްލައިގެން ތައްޔާރުވެލައިގެން އޭނާ ކޮލެޖަށް ދާން ނުކުތީ، ހެނދުނުގެ ނާސްތާވެސް ނުކޮށެވެ. ސައިކަލުގައި ގޮސް ކޮލެޖު ކައިރީގައި ސައިކަލު ޕާކުކޮށްލާފައި، މަގު ހުރަސްކޮަށްލަން އުޅުނު ވަގުތު، ސައިކަލުގައި އައި ޒާޔާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ޒާޔާއަށް ބަލާލާފައި ހިނިތުންވެލި ނަމަވެސް ރައްދުގައި ޒާޔާ ހީނނުލުމުން ޒާޔާއަށް އޭނާ ނުފެނުނީއޭ ހިތާ އަފްނާން، ޒާޔާ ސައިކަލު ޕާކުކޮށްލަންދެން މަޑުކޮށްލިއެވެ.

"ޒާޔާ" ޒާޔާ ކޮލެޖަށް ވަންނަން ހިނގައިގަތުމުން އަފްނާން ޒާޔާއާ އަރާ ހަމަކޮށްފައި ގޮވާލިއެވެ.

"ކްލާސް ނިމޭގަޑީގަ" އަފްނާންއަށް ބަލާލާފައި ޒާޔާ ހަމައެކަނި ބުނެލީ އެހެންނެވެ. ޒާޔާއަށް ބަލާލާފައި އަފްނާންއަށް އިތުރު އެއްޗެއް ބުނަން ނުކެރުނީ، ޒާޔާ ނުރުހިފައިހެން ހީވުމުންނެވެ. އެ ހިތްހަމަ ނުޖެހުމުގެ މާނަ ނަގަން ނޭނގިފައި އަފްނާންއަށް އިރުކޮޅަކު ހުރެވުނެވެ. އެއަށްފަހު، އޭނާ ވެސް ކްލާހާ ދިމާލަށް ހިނގައިގަތީއެވެ.

ކްލާހަށް ވަތްތާ ގިނަ އިރެއްނުވެ ލެކްޗަރަ އައިސް ކިޔަވައިދޭން ފެށި ނަމަވެސް، އަފްނާންއަށް އެ ކިޔަވައިދޭ އެއްޗަކަށް ސަމާލުލަން ދެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އިންތިޒާރުކުރެވުނީ ކްލާސްތައް ނިމޭނެ އިރަކަށެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތެއްވެސް އޭނާއަށް ހީވަނީ ޤަރުނެއްހެންނެވެ. މެންދުރު ދޭއް ޖަހަން އުޅެނިކޮށް ކްލާސްތައް އެކީ ނިމުމާއެކު، އަފްނާން ގޮސް ކެންޕަސް ތެރޭގައި ހުރި ބެންޗެއްގައި އިށީނެވެ. އޭނާ ކްލާހުން ނުކުތްއިރު ޒާޔާ އެއްްޗެއް އޮޅުން ފިލުވާލަންވެގެން ލެކްޗަރާއެއްގެ ކައިރިއަށް ދިޔުމުން، އަފްނާން ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔައީ ޒާޔާ އަންނަން ދެނެވެ. އެހެން އިރުއިރު އޭނާއަށް އިރުއިރުކޮޅަކާ ގަޑިއަށް ބަލައިލެވެއެވެ. އެތަނުގައި އިންނަތާ ބައިގަޑިއިރުވީ އިރުވެސް ޒާޔާ ނައުމުން އޭނާ އެންމެ ފަހުން ދާން ތެދުވެލީ ހިތްހަމަ ނުޖެހުމުންނެވެ. ޒާޔާ އަނެއްކާ އޭނާގެ އިޙްސާސްތަކާ ކުޅެނީހެއްޔެވެ؟ ބައްދަލުކުރަން ބޭނުން ނުވާއިރު ބައްދަލުވާން ބުނި ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ހިތުގައި އުފެދިފައިވާ ބޭޤަރާރުކަން އޭނާއަށް އަންގައިދޭން ހެއްޔެވެ؟ އަމިއްލަ ނަފްސުގެ ކުރިމަތީގައި އަމިއްލަ މީހާ ބޭޒާރުކޮށްލަން ހެއްޔެވެ؟ އެގޮތަށް އެކަން ހަނދާންކޮށް ނުދިނަސް އޭނާއަށް ވަރިހަމައެވެ.

"އަފްނާން." މާޔޫސްކަމާއެކު، ކޮލެޖުން ނުކުންނަން އަފްނާން ހިނގައިގަތްތަނާ ޒާޔާ އޭނާއަށް ގޮވާލައިފިއެވެ. އަފްނާން މަޑުޖެހިލަމުން ފަސް އެނބުރުނެވެ. އޭރު ޒާޔާއައިސް އޭނާއާ އަރާހަމަކޮށްލަނީއެވެ. ޒާޔާ އަފްނާންއަށް ފުން ނަޒަރަކުން ބަލާލިއެވެ.އޭނާ އަފްނާންގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައެވެ.

"އައި ތޯޓް ޒާޔާ ނާންނާނެކަމަށް." އަފްނާންއަށް ބުނެވުނެވެ.

"ނޫން. ސޮރީ ކުޑަކޮށް ލަސްވީ. " ޒާޔާ ބުނެލިއެވެ.

"ކޭންވީ ގޯ ސިޓް ސަމްވެއަރ އެންޑް ޓޯކް." އަފްނާން އެދުނެވެ. ޒާޔާވެސް ދެކޮޅެއް ނުހަދައެވެ. އޭނާ އެކަމަށް އެއްބަސްވީ އެ ތަނުގައި ކުދިންވެސް ތަންކޮޅެއް ގިނަވީތީއާ އެކުގައެވެ.

"ކޮފީއެއް؟" އަފްނާން ސުވާލުކޮށްލިއެވެ.

"ނޫން. އެކޮޅު ބެންޗު ރަނގަޅުވާނެ." ތަންކޮޅެއް ދުރުގައި ހުރި ބެންޗަކަށް އިޝާރާތްކޮށްލާފައި ޒާޔާ ބުނެލީ އެ ދިމާލުގައި މާ ގިނަ ކުދިންތަކެއް ނެތީތިއެވެ. އަފްނާން ޒާޔާއާއެކު ހިނގައިގަންނަމުން އަދިވެސް އެއްފަހަރު ޒާޔާއަށް ބަލައިލިއެވެ. ވާހަކަ ދެއްކި ނަމަވެސް، ޒާޔާގެ މޫނުމަތިން ހިނިތުންުމެއް ވެސް ފާޅެއް ނުވެއެވެ.

"ޒާޔާ" ބެންޗުގައި އިށީނދެފައި އަފްނާން ގޮވާލުމުން، ޒާޔާ އޭނާގެ ދަބަސް ހުޅުވާލަމުން ރޭގައި އޭގެތެރެއަށް ލީ ކުޑަ ހުދުކުލައިގެ ފޮށި ނެގިއެވެ. އެއާއެކު، އެއަށް އަފްނާން ބަލައިލީ ހައިރާންކަމާއެކުގައެވެ. އަފްނާންގެ އެ ހައިރާންކަން ދުރުވީ ޒާޔާ އެ ހުޅުވާލުމުން އޭގެ ތެރޭގައި އޮތް އަނގޮޓި ފެނުމުންނެވެ. އަފްނާންއަށް ކަޅި ޖަހާ ނުލާ އެ އަނގޮޓިއަށް ބަލަން އިނދެވުނުއިރު، ތަފާތު ސުވާލުތަކުން އޭނާގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ. ބަސްހުއްޓިފައި އިންދާ ޒާޔާ އަނގޮޓިއާއެކު، އެ ފޮށި އަފްނާންއާ ގާތަށް ޖައްސާލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު